ސްލޮވީނިއާ ސަރުކާރުން ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ބުރާސްފަތި ދުވަހު އިއުލާން ކޮށްފިއެވެ.
ސްލޮވީނިއާ ސަރުކާރުގެ މި ނިންމުން އިއުލާން ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ރޮބަޓް ގޮލޮބް އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބޮޑު ވަޒީރު ވިދާޅުވީ "މިއަދު ސްލޮވީނިއާ ސަރުކާރުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފިން" ކަމަށެވެ.
ސްލޮވީނިއާ ސަރުކާރުން މި ގޮތައް ނިންމުމާއެކު މި ނިންމުން ސްލޮވީނިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރަން ޖެހޭނެއެވެ.
މިކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އެހުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.
ވިލާތުގެ ގައުމުތަކުން ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުން އިތުރު ވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އިޒްރޭލް އެކަހެރިވަމުން ދިއުމާއެކު، އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ މިނިވަންކަން ބަލައިގަންނަ ގައުމުތަކަށް އަމާޒު ކޮށް ނުރުހުމުގެ ބަސްތައް ފާޅު ކުރަމުންނެވެ.
ސްލޮވީނިއާގެ ނިންމުމާ ގުޅިގެން އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވީ މިއީ "ހަމާސް އިން މީހުން މަރާތީ ދިން އިނާމެއް" ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ސްލޮވީނިއާ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ހީނަރު ވާނެ ކަމަށާއި، ސްލޮވީނިއާގެ ގާނޫނު ހަދާ މަޖިލީހުން މި ނިންމުން ފާސް ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސްލޮވީނިއާގެ ބޮޑު ވަޒީރު ވިދާޅުވީ، ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުން ނިންމާ އިއުލާން ކުރުމަކީ ސުލްހަ އަށް ދެވޭ މެސެޖެއް ކަމަށެވެ.