ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 14:30
ނަފްސާނީ ބަލިމަޑުކަމުގެ ވާހަކައަކީ މީގެ ކުރިން، އަހަރެމެންގެ މި ދިވެހި މުޖުތަމަޢަށްވެސް ބީރައްޓެހި ވާހަކައެއް
ނަފްސާނީ ބަލިމަޑުކަމުގެ ވާހަކައަކީ މީގެ ކުރިން، އަހަރެމެންގެ މި ދިވެހި މުޖުތަމަޢަށްވެސް ބީރައްޓެހި ވާހަކައެއް
ކޮލެޖްއެޓްލަސް
ނަފްސާނީ ބަލި
ކުށް ހީގެ ލެންސުން ނަފްސާނީ ބަލި "ދެނެގަތުން" ހުއްޓާލާ!
ނަފްސާނީ ބަލިމަޑުކަމަށް މީހަކު ޑައެގްނޯޒް ވުމުގެ މާނައަކީ އެއީ ބުއްދި ގޯސް މީހަކަށް ވުމެއް ނޫން

މުޖުތަމަޢުގެ އަދުގެ ޙާލަތު އޮތް ގޮތުގެ ވާހަކަ ދައްކާއިރު، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް އަޑަށް އެންމެ ބާރުލާފައި ބުނެވޭ އެއް ވާހަކައަކަށް އޮންނަނީ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކައެވެ. ނަމަވެސް، ވާންވީ ވަރާ ގާތަށްވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ކަމަށް އަހުލުވެރިވާތީ ނުފެންނަ ކަމީ ހިތާމަ ހުރި ކަމެކެވެ. ހީނުކުރާ ކިތަންމެ ބަޔަކު ނަފްސާނީ ބަލިމަޑުކަމުގެ ވޭނުގައި ދުވަސްތައް ގުނަމުން ދާ އިރު، އެކަމާ ފަރުވާލެއް ނުދެވި އޮންނަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ނަފްސާނީ ބަލިމަޑުކަމުގެ ވާހަކައަކީ މީގެ ކުރިން، އަހަރެމެންގެ މި ދިވެހި މުޖުތަމަޢަށްވެސް ބީރައްޓެހި ވާހަކައެކެވެ. ނަފްސާނީ ބަލިމަޑުކަމަކީ ދީނީ ޢަޤިދާގެ ބަލިކަށިކަމުގެ ނަތީޖާ ކަމަށް ބަޔަކު ވިސްނައިދީފައި އޮތުމާއި، އެފަދަ އެތައް ސަބަބަކާ ހެދިއެވެ. ނަމަވެސް، ބައެއް ޤަބޫލު ކުރުންތަކަކީ ކުށް ހީއެކެވެ. އެފަދަ ބައެއް ކަންކަމަށް ބަލައިލަމާ ހިނގާށެވެ. ފަހަރުގައި، އެންމެ ގާތުގައިވާ މީހާގެ ފުރާނަ ސަލާމަތް ކުރަމަށް ބޭނުންވާ އެހީގެ އަތަކީ ތިބާގެ އަތަށް ވުންވެސް އެކަށީގެންވެއެވެ.

"ނަފްސާނީ ބައްޔެއް ހުރުމަކީ ބުއްދި ގޯސްވުމުގެ ނިޝާނެއް"

ނަފްސާނީ ބަލިމަޑުކަމަށް މީހަކު ޑައެގްނޯޒް ވުމުގެ މާނައަކީ އެއީ ބުއްދި ގޯސް މީހަކަށް ވުމެއް ނޫނެވެ. ނުވަތަ އާދަޔާ ޚިލާފު ބުއްދި ގަދަ މީހަކަށް ވުމެއްވެސް ނޫނެވެ. ނަފްސާނީ ޞިއްޙަތުގެ ސަބަބުން ކޮންމެ އުމުރަކާއި، ޖިންސަކާއި، އިޖްތިމާއީ އިގްތިސާދީ ހާލަތަކާއި، ބުއްދިވެރިކަމުގެ ފެންވަރަކަށް އަސަރުކުރެއެވެ. ޖެނެޓިކްސް، މާހައުލު، ސިކުނޑީގެ ކެމިސްޓްރީ، އިޖުތިމާއީ ހާލަތްތަކާއި، ތަޖުރިބާ ކުރާ ބޮޑެތި ކާރިޘާތަކާއި، ޖިސްމާނީ އަނިޔާތައް، އެ މީހެއްގެ ނަފްސާނީ ޞިއްޙަތު ބައްޓަން ކުރެއެވެ. އެމެރިކާގެ ނޭޝަނަލް އެލަޔަންސް އޮން މެންޓަލް އިލްނެސް (ނާމީ) އިން ބުނާ ގޮތުގައި ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 5 މީހަކުން އެކަކަށް ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަން ޖެހެއެވެ.

"ކާމިޔާބު މީހުން ޑިޕްރެސްއެއް ނުވާނެ"

ޑިޕްރެޝަން ނުވަތަ އިންތިހާ މާޔޫސް ކަމަކީ، އުފަލުގައި އުޅޭ މީހުންނަށްވެސް ކުރިމަތިލާން ޖެހޭ ކަމަކެކެވެ. ހިނިތުންވެފައިވާ މޫނެއްގެ ކުލަޖައްސައިގެން ގަޑިން ގަޑިއަށް އޮފީހަށް ދިއުމަކީ،  އެއީ ޑިޕްރެޝަން ނެތް މީހެކޭ ބުނެވެން އޮތް ޙުއްޖަތެއް ނޫނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ރެކޯޑްތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޑިޕްރެޝަންގެ ތަކުލީފު އުފުލަމުންދާ 280 މިލިއަނެއްހާ މިހުން އެބަ އުޅެއެވެ. އެއީ ޞިއްޙީ ފެންވަރުގައި، ބައްޔަށް ޑައެގްނޯޒް ކުރެވިފައިވާ މީހުންގެ ޢަދަދެވެ. 'ސްމައިލިންގް ޑިޕްރެޝަން'ގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ އެއީ ހިތާމަވެރިކަން ފޮރުވުމަށްޓަކައި، މޫނުމަތިން އުފާވެރިކަން ދައްކާ ދަރަޖައަށް މާޔޫސްވުމެވެ. ނުވަތަ އެފަދަ މީހުންނަކީ، އެ މީހުންގެ ޖަޒުބާތުތަކާއި އިޙްސާސްތައް އޭގެ ޙަޤީޤީ މާނައިގައި ބޭރު ކުރާ ބައެއް ނޫނެވެ.

ޑިޕްރެޝަންއަކީ ހިތާމައެއްގެ ގޮތުގައި ބައެއް މީހުންނަށް ސިފަ ކުރެވުނު ކަމުގައި ވީ ނަމަވެސް، އެއީ އަދި މުޅިން ރަނގަޅު ގޮތެއް ނޫނެވެ. ދެރަވުމާއި ހިތާމަތަކަކީ ވަކި ހާދިޘާތަކަކާ ގުޅިގެން ކުރިމަތިވާ، ވަގުތީ އިޙްސާސެކެވެ. ހިތާމަތައް ފިލާގޮސް، ދެރަވުމުގެ ޖަޒުބާތުވެސް ހިނދިގެން ދެއެވެ. ނަމަވެސް ޑިޕްރެޝަން ނުވަތަ އިންތިހާ މާޔޫސް ކަމަކީ، އެފަދަ ކަމެއް ނޫނެވެ. ސަކަރާތާއި މަޖަލުގެ ތެރޭގައި އުޅޭ މީހަކީވެސް ޑިޕްރެޝަންގެ ތަކުލީފު އުފުލާ މީހަކަށް ވެދާނެއެވެ. ކަންކަމާއި ދެރަވުމަކީ ފަހަރުގައި ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެއެވެ.

"ކުޑަކުދިންނަށް ނަފްސާނީ ބަލީގެ ތަކުލީފުތަކެއް ނުޖެހޭނެ"

ޞިއްޙީ ދާއިރާއިން އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރަމުން ދާ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް) އިން ބުނުން ދޮގު ކުރެއެވެ. އެމެރިކާގެ އާބާދީއަށް ބަލާއިރު، ޢުމުރުން 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނާއި ޒުވާނުންނަކީ، ނަފްސާނީ ގޮތުން ކޮންމެވެސް ބަލިމަޑުކަމެއްގެ ތަކުލީފު އުފުލަމުންދާ ބައެކެވެ. ނާމީއިން އިތުރަށް ތަފްސީލު ކޮށްދީފައި ވާ ގޮތުގައި، ކުޑަކުދިންގެ މިޒާޖާއި އުޅުން ހުންނަ ބައެއް ގޮތްގޮތީ، ނަފްސާނީ ބަލިމަޑުކަމުގެ ޢަލާމާތްތަކަކަށްވުންވެސް އެކަށީގެންވެއެވެ.

ޔުނިވަރސިޓީ އޮފް ސައުތެމްޓަންއާއި ޕެރިސް ނަންތޭރޭ ޔުނިވަރސިޓީއިން ވަނީ ޢުމުރުން 4 އަހަރާއި 33 އަހަރާ ދެމެދުގެ ކުދިންނާއި މީހުން ބައިވެރިކޮށްގެން ދިރާސާއެއް ހަދާފައެވެ. ދިރާސާގެ ބައިވެރިންނަކީ އޭޑީއެޗްޑީ ހުންނަ ބައެކެވެ. ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ނަފްސާނީ ބައްޔަށް ޑައެގްނޯސް ވެފައިވާ ކުދިންގެ މިޒާޖު، އެ ކުދިން ބޮޑު މީހުންނަށް ވާ އިރުވެސް އެގޮތުގައި ދެމިގެން ދެއެވެ. އެހެންކަމުން، އޭޑީއެޗްޑީ ހުންނަ ކުއްޖަކު ވަކި ގޮތަކަށް އުޅުމަކީ، ޢުމުރުގެ ސަބަބުން ވާ ކަމެކޭ ބުނެވޭކަށް ނެތެވެ.

"ކޮންމެ މީހަކީވެސް ކޮންމެވެސް ވަރަކަށް އޯސީޑީ މީހެއް"

އޯސީޑީ ނުވަތަ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރއަކީ، އެމީހެއްގެ ނަފުސަށް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ސިކުނޑިއަށް ތަކުރާރުކޮށް ވެރިވާ ޚިޔާލު ނުވަތަ ފިކުރުތަކެއް (އޮބްސެޝަންސް)ގެ ސަބަބުން، އެ ޚިޔާލުތަކާއި ފިކުރުތަކުން ދުރުވުމަށްޓަކައި ވަކި ކަމެއް ތަކުރާރުކޮށް އާދަޔާ ޚިލާފު ގިނައިން ކުރުންމެވެ. މިއަށް މި ކިޔަނީ ކޮމްޕަލްޝަންއެވެ. މި މަޖުބޫރީތަކަކީ، އާންމު ދިރިއުޅުމުން އެތައް ވަގުތެއް ނަގާލާ ކަމެކެވެ. ބަލަން ހުންނަ މީހަކަށް ފެންނާނީ އޯސީޑީ ޕޭޝަންޓު، ވަގުތު "ބޭކާރު" ކުރާ މަންޒަރެވެ. އޯސީޑީއަކީ ފަހަރެއްގައިވެސް ތަނެއްގައި ވަކި ގޮތަކަށް އެއްޗެއްސާއި ކަންކަން ތަރުތީބުވެފައި ހުރުމަށް އެދޭތީ، ޖޯކު ޖަހާލުމުގެ ނިޔަތުގައި ބޭނުން ކުރާ އަކުރުތަކަކަށް ވުރެ، މާ ވޭން ހުރި ކަމެކެވެ.

ތެދެކެވެ. ކޮންމެ މީހަކީވެސް ވަކި ގޮތަކަށް ކަންކަން ބައްޓަންވެފައި ހުރުމަށް އެދޭ މީހެކެވެ. އިންޓަރނޭޝަނަލް އޯސީޑީ ފައުންޑޭޝަންއިންވެސް އެކަމަށް އެއްބަސްވެއެވެ. ނަމަވެސް އެއީ އަދި ޞިއްޙީ ފެންވަރުގައި ނަފްސާނީ ބަލިމަޑުކަމެއްގެ ގޮތުގައި އޯސީޑީއެއް ނޫނެވެ. އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ މިންވަރަށް ކަންކަން ގޯސްވާ ހިސާބުން އެ އޮތީ ނުކުޅެދުންތެރިކަމަކަށް ބަދަލުވެފައެވެ. ވަރަށް ކުޑަ މިސާލެކެވެ. އާންމު ޞިއްޙަތެއްގެ ވެރިއަކު ނަމާދަށް ތައްޔާރުވުމަށް، ވުޟޫކޮށް ހެދުމަށް 3 މިނެޓެއް ހާ އިރު ނެގި ކަމުގައި ވީ ނަމަވެސް، ދީނީ ކަންކަމާއި ގުޅިގެން އޯސީޑީ ތަހައްމަލު ކުރަމުން ދާ ޕޭޝަންޓަކު ވުޟޫކޮށްލަން އެކަނިވެސް 30 މިނެޓް ހޭދަވެގެން ހިނގައިދާނެއެވެ.

ސާފު ތައްޓަކުން ފެން ބޯން ބޭނުންވާތީ، "އަހަރެންގެ އޯސީޑީ ކަމުންނޭ" ނުބުނާށެވެ. އޯސީޑީއަކީ ކިހާވަރެއްގެ ކަމެއްކަން ދެނެގަންނާށެވެ. އާދަޔާ ޚިލާފަށް ފޮނިކާތަކެތި ބޭނުން ކުރުމާ ދުރުވާ އެންމެންނަކީ ހަކުރު ބަލި ހުންނަ މީހުންނެއް ނޫންތާއެވެ. ހަކުރު ބަލި ނެތް މީހަކު، ފޮނިކާތަކެއްޗާ ދުރުވެލަމުން، "އަހަރެންގެ ޑައެބެޓިކް ކަމުންނޭ" ބުނާ އަޑު ދުވަހަކުވެސް އެހިން ހެއްޔެވެ؟

"ކޮންމެ ނަފްސާނީ ބައްޔަކަށް ބޭސް ބޭނުންވޭ"

ނަފްސާނީ ބައްޔަކަށް ޑައެގްނޯޒް ވުމަކީ ބޭސް ފަށަން ޖެހޭ ސަބަބެއް ނޫނެވެ. ބައްޔަކަށް ޑައެގްނޯޒް ވާ ހިސާބުން، ބަލި ޙާލަތު ހުރި މިންވަރު ދެނެގަނެ، ފަރުވާގެ ރާސްތާ ރޭވުމުގެ ފުރުޞަތު، ގިނަ ފަހަރު އޮވެއެވެ. ތެރަޕީ ނެގުމާއި، ސަޕޯރޓް ގުރޫޕުތަކުގައި ބައިވެރިވުން ފަދަ ކަންކަމަކީވެސް ޑަކްޓަރީ ބޭހަށް ބަރޯސާ ވުމުގެ ކުރިން ހޯދިދާނެ ފަރުވާތަކެކެވެ.

ދާއިރާގެ ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ތެރަޕީއާއެކު ޑޮކްޓަރީ ބޭސްވެސް ބޭނުން ކުރަމުން ދިއުމަކީ ނަފްސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އެންމެ ފާގަތި ނަތީޖާތަކެއް ފެންނަ ރާސްތާއެވެ.

ބޭސް ބޭނުން ކުރަން ޖެހުމަކީވެސް މައްސަލައެއް ނޫނެވެ. ނަފްސާނީ ބައްޔަށްދޭ އެންޓިޑިޕްރެސަންޓްސްއާއި އެންޓިސައިކޯޓިކް ބޭސްތައް ބޭނުން ކުރުމުގެ ސަބަބުން، މީހާގެ ޝަޚްސިއްޔަތަށް ބަދަލުތަކެއް އައިސް، ނުރަނގަޅު އަސަރު އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް ބައެއް މީހުން ޤަބޫލު ކުރެއެވެ. ނަމަވެސް އެއީވެސް ކުށް ހީއެކެވެ.

މި ކުށް ހީ ޤަބޫލު ކުރެވިފައި އޮންނަލެއް ބޮޑު ކަމުން، ނަފްސާނީ ބައްޔަށް ދޭ ޑޮކްޓަރީ ބޭސް ބޭނުން ކުރަން ޖެހިލުންވާ މީހުންވެސް ގިނައެވެ. ޝަޚްސިއްޔަތު ގެއްލިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް، ޤަބޫލު ކުރަން ޖެހޭ ކަމަކީ، އެއީ އަދި ޙަޤީޤަތުގައި ކަން ހިނގާ ގޮތް ނޫން ކަމެވެ. ނަފްސާނީ ބައްޔަށް ދޭ ޑޮކްޓަރީ ބޭހުގެ ސަބަބުން މީހެއްގެ ޝަޚްސިއްޔަތު ގެއްލިގެން ދިއުމުގެ ފުރުޞަތެއް ނެތިއެވެ. އެއީ އެހެނިހެން ބަލިތަކެކޭވެސް އެއްފަދައިން، ބަލީގެ ޢަލާމާތްތަކާއި، ބަލީގެ ސަބަބުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައި ދިނުމަށް ދެވޭ އެއްޗެކެވެ. ބޭސް ފަރުވާ ކުރުމުގެ ސަބަބުން މީހާގެ އުޅުމަށް ބަދަލުތަކެއް އައުން، މިސާލަކަށް، މީހުންނާ ބައްދަލުކޮށް ހަދަން އުނދަގޫ މީހަކު ކޮފީތަކަށް ދާން ފެށުމަކީ ފަހަރެއްގައިވެސް އެމީހާގެ ޝަޚްސިއްޔަތު ގެއްލުން ނުވަތަ ބަދަލު ވުމެއް ނޫނެވެ. އޭނާ އެ ދަސްކުރަނީ މި ވީހާ ދުވަހު ގެއްލިފައި އޮތް އިޖުތިމާޢީ ގުޅުންތައް ބަދަހި ކުރާށެވެ.

"ބަލީގެ ވާހަކަދައްކާ ވަރަކަށް، ބަލި ބޮޑުވޭ"

މިއީވެސް ބައެއް މީހުންނަށް ކުރެވިފައި އޮންނަ ކުށް ހީއެކެވެ. ދައްކާ ވާހަކަތަކެއްގެ ސަބަބުން އެ ވަގުތަކަށް އެ މީހަކަށް ފުން އަސަރުތަކެއް ކުރުވާ، ޖިސްމާނީ ގޮތުންވެސް އަސަރުތަކެއް ކުރާ ގޮތް ވެދާނެއެވެ. ނަމަވެސް، އެއީ ފަހަރެއްގައިވެސް އެ މީހެއްގެ ނަފްސާނީ ބަލިމަޑުގެ ޙާލު ދެރަވުމެއް ނޫނެވެ.

އެންމެ އެކަށީގެންވާ މީހަކާއެކު އެ ފަދަ ވާހަކަތަކެއް ދައްކާލެވުމަކީ، ޙަޤީޤަތުގައި ލިބޭ ތަސައްލީއަކަށްވެސްވެއެވެ. ވާހަކަތައް ހިއްސާ ކުރުމުގެ ސަބަބުން، އެހީއާއި ފަރުވާގެ މަގަށް ދޮރު ހުޅުވެއެވެ. އަދި ނަފްސާނީ ބަލީގެ ތަކުލީފުތައް އުފުލަމުންދާ ހަމަ އެކަނި މީހަކީ ތިބާ ނޫންކަން އެނގި، ފަރުވާގެ މަގަށް ނަފުސުގެ މިޞްރާބު އަނބުރާލަންޖެހޭ ކަން ޤަބޫލު ކުރެވެން ފަށައެވެ.

"އަނިޔާވެރިކަމަކީ ނަފްސާނީ ޞިއްހަތާ ގުޅުން ހުރި ކަމެއް"

މަސްތުވާތަކެތި ބޭނުން ކުރުމާއި ނަފްސާނީ ޞިއްޙަތާ ބެހޭ އެމެރިކާގެ އިދާރާ (ސަމްޝާ)ގެ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާގައި ރިޕޯޓްގައި ޖިނާއީ ޖަރީމާތަކުގެ ނިސްބަތަށް ބަލާއިރު، ނަފްސާނީ ބަލިމަޑުކަމާ ގުޅުން އޮންނަނީ އެންމެ 3 ޕަސެންޓާއި 5 ޕަސެންޓާ ދެމެދު މިންވަރެއްގެ ކޭސްތަކެއްގައެވެ.

އަނިޔާވެރިކަމާއި ނަފްސާނީ ބަލި ޙާލަތު ގުޅުވައިގެން ބަޔަކު ވާހަކަތަކެއް ދެއްކި ކަމުގައި ވީ ނަމަވެސް، ޙަޤީޤަތް މުޅިން ތަފާތެވެ. ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި، ނަފްސާނީ ބަލިތަކާ އެކު ދިރިއުޅޭ މީހުންނަށް އަނިޔާވެރި ޖަރީމާއެއްގެ ޝިކާރައަކަށް ވުމުގެ ފުރުޞަތު، އެފަދަ ކަމަކާ ނުލާ ދިރިއުޅޭ ފަރުދުންނަށް ވުރެ ދިހަ ގުނަ އިތުރުވެއެވެ.

"ނަފްސާނީ ބަލި ޖެއްސީ މައިންބަފައިން"

ނަފްސާނީ ބައްޔާ ބެހޭ ޚާއްސަ ޑޮކްޓަރު، ސައިކޭޓްރިސްޓް ޑރ ޝަރލް ޑޮޑްސް ފާހަގަ ކުރި ގޮތުގައި، ދަރިން ތަރުބިއްޔަތުކޮށް، އެ ކުދިން ގެންގުޅެވޭ ގޮތެއްގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް އެ ކުދިން ވެ ދިއުމުގެ ބިރު ހީވެފައި ތިބޭ މައިންބަފައިންގެ ޢަދަދު ވަރަށް ގިނައެވެ. ނަތީޖާއަކަށް ވަނީ، ނަފްސާނީ ޞިއްޙަތުގެ ދުޅަހެޔޮ ކަމާ ގުޅުން ހުއްޓޭ ހީވާ ކަންކަމުގައި، 'ބިސްތޮށިމަތީ ހިނގާ' ބީދައިން ޢަމަލު ކުރެވޭ ގޮތް ވުމެވެ. ނަފްސާނީ ބައްޔަށް ޑައެގްނޯޒް ވުމުގެ ސަބަބަކީ، މައިންބަފައިން ކަމުގައި ވެދާނެ ކަމުގެ ބިރަށެވެ.

ޑރ ޑޮޑްސް ބުނާ ގޮތުގައި، މިއީ އަދި ރަނގަޅު ޤަބޫލު ކުރުމެއް ނޫނެވެ. ނަފްސާނީ ބަލީގެ ފަރުވާގެ މައިދާނުގައި، މި ޤަބޫލު ކުރުމުގެ އެއްވެސް ބުރަދަނެއް ނެތެވެ. މީހެއްގެ ނަފްސާނީ ޞިއްޙަތުގެ ދުޅަހެޔޮކަން ބަރޯސާވާ އެތައް ކަމެއް އޮންނާތީއެވެ. ޖީންސް، ވެށި އަދި ލޭގެ ގުޅުމުން އުފެދޭ ބަދަލުތަކަކީވެސް ނަފްސާނީ ޞިއްޙަތުގެ ދުޅަހެޔޮ ކަމާ ގުޅިފައި އޮންނަ ކަން ކަމެވެ. ފަހަރެއްގައިވެސް ދަރިން ބެލުމުގެ އުކުޅުތަކާ ގުޅުމެއް އޮންނަނީއެއް ނޫނެވެ.

ހުސްވަގުތު ކޮޅެއް ހޯދައިގެން މިކަންކަމާ ވިސްނާލާށެވެ. ކުށް ހީތަކާ ދުރުވާށެވެ. އަނެކާއާ މެދު ތިބާ ދެކޭ ގޮތް މުޅިން ބަދަލުވުން ގާތެވެ. ކުށް ހީއެއްގެ ސަބަބުން ދުރުކޮށްލެވިފައި ވަނީ ތިބާގެ ޙަޤީޤީ ނަޞީބު ކަމުގައިވެސް ވެދާނެއެވެ. ނަފްސާނީ ބައްޔަކީ ފަރުވާއެއް ނެތް ދާއިމީ ބައްޔެއް ނޫނެވެ. އެކަށީގެންވާ ބޭސްފަރުވާއާއި، ތެރަޕީ ލިބި، އެމީހަކު ދިރިއުޅޭ މާހައުލަކީވެސް އެ ކަންކަން ބަލައިގަންނަ ވެއްޓަކަށް ވެއްޖަނަމަ، ނަފްސާނީ ބަލި ހުންނަ މީހުންނަކީވެސް އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅުމުގެ ކަންކަން ކުރެވޭނެ ބައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް