ކ. މާލެ
|
29 މެއި 2024 | ބުދަ 15:12
ފްރާންސުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ބެހޭ ގޮތުން ބަހުސް ހިނގަމުން ދަނިކޮށް، މެމްބަރަކު ފަލަސްތީނުގެ ދިދަ ހިފާލައިގެން
ފްރާންސުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ބެހޭ ގޮތުން ބަހުސް ހިނގަމުން ދަނިކޮށް، މެމްބަރަކު ފަލަސްތީނުގެ ދިދަ ހިފާލައިގެން
އޭއެފްޕީ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ފަލަސްތީނުގެ ދިދަ ގެންގުޅުމުން ފްރާންސްގެ ޕާލިމެންޓް މެމްބަރަކު ސަސްޕެންޑް ކޮށް މުސާރަ އުނިކޮށްފި
މެމްބަރު ދިދަ ހިފައިގެން ކޮޅަށް ތެދުވުމުން މަޖިލީހުގެ ރައީސް ވަނީ އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވެފަ

ފްރާންސުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ބެހޭ ގޮތުން އެގައުމުގެ ގާނޫނޫ ހަދާ މަޖިލީހުގައި ބަހުސް ހިނގަމުން ދަނިކޮށް، ފަލަސްތީނުގެ ދިދަ ހިފައިގެން ކޮޅަށް ތެދުވި މެމްބަރަކާ މެދު ޕާލިމެންޓުން ފިޔަވަޅު އަޅައިފިއެވެ.

އަންގާރާ ދުވަހު ހިނގި މި ހާދިސާގައި، ފްރާންސް އަންބައުޑް ޕާޓީއަށް ނިސްބަތްވާ މެމްބަރަކު ފަލަސްތީންގެ ދިދަ ހިފައިގެން ކޮޅަށް ތެދުވީ މަޖިލީހުގައި މެމްބަރުން ފަލަސްތީން ބަލައިގަތުމާ ބެހޭ ގޮތުން ސަރުކާރަށް ސުވާލު ކުރަމުން ދަނިކޮށްނެވެ.

މެމްބަރު ދިދަ ހިފައިގެން ކޮޅަށް ތެދުވުމުން މަޖިލީހުގެ ރައީސް ވަނީ އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެ ކަމާ ގުޅިގެން މެމްބަރުގެ މައްޗަށް ފިޔަވަޅު އެޅުމަށް ވޯޓަކަށް އަހާ، ވޯޓުން ފާސްވީ ފަލަސްތީން ދިދަ ގެންގުޅުނު މެމްބަރު 2 ހަފްތާއަށް ސަސްޕެންޑް ކުރުމާއެކު ކުރިއަށް އޮތް ދެ މަސް ދުވަހު ކޮންމެ މަހެއްގެ މުސާރައިން ދެ ބައިކުޅަ އެއްބައި ކަނޑާލާށެވެ.

ފިޔަވަޅު އަޅަން ފާސްކުރުމުން، ޗެމްބަރ އިން އޭނާ ނުކުތީ އިނގިލީގެ ނިޝާނުން "ވީ" އަކުރު އެހެން މެމްބަރުންނަށް ހާމަ ކުރަމުންނެވެ.

ފްރާންސްގެ ޕާލިމެންޓުގައި ފަލަސްތީންގެ ދިދަ ހިފައިގެން އުޅުމުން މެމްބަރަކު ސަސްޕެންޑް ކުރިއިރު ޔޫރަޕްގެ އެހެން 3 ގައުމު ކަމަށްވާ ސްޕެއިން، އަޔަލޭންޑް، އަދި ނޯވޭ އިން ވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ރަސްމީ ގޮތުން ބަލައިގަތްކަން އަންގާރަ ދުވަހު ހާމަކޮށްފައެވެ.

- ކޮމެންޓް