ކ. މާލެ
|
22 މެއި 2024 | ބުދަ 07:14
އިންގްލެންޑުގެ ޤައުމީ ޓީމުގައި ކުރިން ހިމެނުން ރަޝްފޯޑް އަދި ހެންޑަސަން
އިންގްލެންޑުގެ ޤައުމީ ޓީމުގައި ކުރިން ހިމެނުން ރަޝްފޯޑް އަދި ހެންޑަސަން
ރޮއިޓާސް
އިންގްލެންޑުގެ ޤައުމީ ޓީމު
ރަޝްފޯޑު އަދި ހެންޑަސަން ނުހިމަނައި އިންގްލެންޑުގެ ސްކޮޑު އިއުލާންކޮށްފި
ރަޝްފޯޑަށް ސްކޮޑުން ފުރުސަތު ނުލިބުނީ، އަނިޔާގެ ސަބަބުން އޭނާގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައި ހުރުމުން

އަންނަ ޖޫން މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އިންގްލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ޕްރޮވިޝަނަލް ސްކޮޑު އިއުލާންކޮށްފި އެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އެކުލަވާލި ސްކޮޑުގައި ހިމެނެނީ 33 ކުޅުންތެރިންނެވެ. މީގެ ތެރެއިން ޔޫރޫ ފުޓުބޯޅަ މުބާރާތުގެ ސްކޮޑުން ޖާގަ ލިބޭނީ 26 ކުޅުންތެރިންނަށެވެ. އެ ކުޅުންތެރިން އިއުލާން ކުރާނީ އަންނަ ޖޫން މަހު އެވެ. ޔޫރޯ އަށް ކުޅުންތެރިން ނަގާއިރު، މި ސްކޮޑުން ހަތް ކުޅުންތެރިޔަކު ބާކީ ވާނެ އެވެ.

އިންގްލެންޑުން އެކުލަވާލި ޕްރޮވިޝަނަލް ސްކޮޑުން ޖާގަ ނުލިބޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑު، ޗެލްސީ އަށް ކުޅެމުން އަންނަ ބެން ޗިލްވެލް، ރީސް ޖޭމްސް، ރަހީމް ސްޓާލިން، އަޔެކްސް އަށް ކުޅެމުން އަންނަ ޖޯޑަން ހެންޑަސަން، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކަލްވިން ފިލިޕްސްގެ އިތުރުން، ޖޭޑަން ސަންޗޯ ހިމެނެ އެވެ.

މީގެ ތެރެއިން ރަޝްފޯޑަށް ސްކޮޑުން ފުރުސަތު ނުލިބުނީ، އަނިޔާގެ ސަބަބުން އޭނާގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައި ހުރުމުންނެވެ. އިންގްލެންޑުން މީގެ ކުރިން ކުޅުނު ޔޫރޯ ކޮލިފިކޭޝަންގެ މެޗުތަކާއި، ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކުގައި ރަޝްފޯޑު ކުޅުނު ނަމަވެސް، އެންމެ ފަހުން ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ޓީމުން ފުރުސަތެއް ނުދެ އެވެ.

ހެންޑަސަން ވެސް ވަނީ މިއަހަރުގެ މާޗު މަހު އިންގްލެންޑުން ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުގައި ހިމެނިފަ އެވެ. ނަމަވެސް، ޔޫރޯ އަށް އެކުލަވާލި ސްކޮޑުން އޭނާ އަށް ފުރުސަތު ދީފައި ނުވަނީ، މުޅިން ފިޓު ނުވުމާއި، ކުޅުން ދަށްވުމުގެ ސަބަބުންނެވެ.

އިންގްލެންޑުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިން:

ގޯލު ކީޕަރުން:ޑީން ހެންޑަސަން، ޖޯޑަން ޕިކްފޯޑް، އާރޮން ރަމްސްޑޭލް، ޖޭމްސް ޓްރަފޯޑް

ޑިފެންޑަރުން:ޖަރަޑް ބްރަންތުވެއިޓް، ލެވިސް ޑަންކް، ޖޯ ގޮމޭޒް، މާކް ގުއެހީ، އެޒްރީ ކޮންސާ، ހެރީ މެގުއާ، ޖަރެލް ކުއާންސާ، ލޫކް ޝޯ، ޖޯން ސްޓޯންސް، ކިއެރަން ޓްރިޕިއާ، ކައި ވޯކާ

މިޑްފީލްޑަރުން:ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް, ކޮނާ ގަލަގާ، ކާޓިސް ޖޯންސް، ކޮބީ މައިނޫ، ޑެކްލަން ރައިސް، އެޑަމް ވާޓަން

ފޯވާޑުން:ޖޫޑް ބެލިންހަމް، ޖަރޫޑް ބޮވެން، އެބެރެޗީ އެޒޭ، ފިލް ފޮޑެން، އެންތަނީ ގޯޑަން، ޖެކް ގްރީލިޝް، ހެރީ ކޭން، ޖޭމްސް މެޑިސަން، ކޯލް ޕާމާ، ބުކާޔޯ ސަކާ، އިވާން ޓޮނީ، ވޮލީ ވަޓްކިންސް

އިންގްލެންޑުން އަންނަނީ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ދުރާލާ ތައްޔާރުވަމުންނެވެ. އެންމެ ފަހުން އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގައި ވެސް އިންގްލެންޑު ވަނީ ފައިނަލްގައި ކުޅެފަ އެވެ. ފައިނަލްގައި އިންގްލެންޑު ބަލިވީ އިޓަލީއާ ވާދަކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް