ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 13:59
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ސެނަހިޔާ މިލިޓަރީ ޑޮކްޓަރުން
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި ޤާއިމުވެ ތިބުމަށް އެއްބަސް ނުވެވޭނެކަމަށް ވެރިކަމަށް އައިއިރު ބުނަމުންދިޔަ
ސެނަހިޔާގައި ތިބި ޑޮކްޓަރުންނަކީވެސް އިންޑިއާގެ އަސްކަރިއްޔާގެ މީހުން
ކިތަންމެ ކަމެއްގައި މިއަދު ފެންނަނީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ މަންޒަރު

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، ދެއްކެވި އެންމެ ބޮޑު އެއް ވާހަކަ އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބި ވާހަކަ އެވެ.

ހަމައެއާއެކު، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި ނުރައްކާ އޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭރު މުއިއްޒު ވަނީ އެއްވެސް ބޭނުމަކު، އެއްވެސް މަސައްކަތެއް ކުރުމަށް އިންޑިއާ ސިފައިން އައިސް ތިބުމަށް ދިވެހިން ނޭދޭކަމަށް ވިދާޅުވެފައެވެ.

ވަކިން ޚާއްސަކޮށް ސެނަހިޔާގައި ތިބި ޑޮކްޓަރުންނަކީވެސް އިންޑިއާގެ އަސްކަރިއްޔާގެ މީހުންކަމަށްވާއިރު، އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި ޤާއިމުވެ ތިބުމަށް އެއްބަސް ނުވެވޭނެކަމަށް މިހާރު ސަރުކާރުގައި ތިބި އެކި ފަރާތްތައް ވެރިކަމަށް އައިއިރު ވިދާޅުވަމުން ގޮސްފައިވެއެވެ.

އެހެންނަމަވެސް ސަރުކާރުގެ ރާގު މިވަނީ މުޅިން ބަދަލުވެފައެވެ. އެގޮތުން ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް ސަރުކާރުން މިހާރު ދަނީ ބުނަމުންނެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ސަރުކާރުގެ އިސްވެރިން ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

އެ މައުޟޫގައި ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނު ވިދާޅުވީ، ބޭރުގެ އަސްކަރީ ބަޔަކު ރާއްޖޭގައި ޙަރަކާތްތެރިވާން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައިވަނީ އިންޑިއާގެ ޕްލެޓްފޯމްތަކުގައި ތިބި ސިފައިންގެ ބަަދަލުގައި މަދަނީން ބޭނުން ކުރުމަށް ކަމަށެވެ. ނޫސްވެރިން ވަނީ ސެނަހިޔާއާއި އަދިވެސް އިތުރު ތަންތަނުގައި އިންޑިއާ ސިފައިން ތިބިއިރު، އެ އެންމެންވެސް ފޮނުވާލީތޯ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރާ ޙަވާލުވެ ބެލި ބެލުމުން އެއްބަސްވެވިފައިވަނީ ގަމާއި، ހަނިމާދޫ އަދި ކައްދޫގެ ޕްލެޓްފޯމްތަކުގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކަމަށެވެ.

އަދި ސެނަހިޔާގެ ޑޮކްޓަރުންނަކީ ސިފައިންނަށް ޚިދުމަތްދޭން އައިސް ތިބި މީހުން ކަމަށާއި، އެމީހުން މިވަގުތަށް ފޮނުވާލުމުގެ ބޭނުމެއް އޮތްކަމަށް ސަރުކާރަށް ނުފެންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގައްސާންވެސް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ސެނަހިޔާގެ ޑޮކްޓަރުންނަކީ ރާއްޖޭގެ ދިފާއީ ވުޒާރާގެ އެދުމަށް 2012 ވަނަ އަހަރު އިންޑިއާއިން ފޮނުވާފައިވާ މީހުން ކަމަށާއި، އެމީހުންނަކީ އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫންކަމަށް ގައްސާން ވިދާޅުވިއެވެ.  

މިއަދު ފެންނަމުން މިދަނީ ސަރުކާރުން ކީހާޅެން ފަރިއްސަށް ވަމުންދާ ތަނެވެ. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭކަމަށް މުއިއްޒު ކެމްޕޭނުގައި ވިދާޅުވެފައިވާއިރު، އެފަދަ ނުރައްކަލެއް ޤައުމަށް އޮތްކަން ނުވަތަ ނޫންކަންވެސް ކުޑަމިނުން މިއަދު ސާފުކޮށެއް ނުދެވެއެވެ.

މިނިވަންކަން ހިމާޔަތް ކުރުމަކީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭރު ވިދާޅުވެފައިވާއިރު، މިއަދު އެކަން އަމަލީ ގޮތުން ފެންނަންވެސް ޖެހެއެވެ. "ނޮން ނެގޯޝިއަބަލްއޭ" ވިދާޅުވި ކިތަންމެ ކަމެއްގައި މިއަދު ފެންނަނީ ބަހާއި އަމަލު ދިމާނުވާ މަންޒަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް