ޓިނު ފުރާޅެއްގެ ދަށުގައި އިތުރު ވޭނެއް! އޭސީ ޔުނިޓަކީ ޙައްލުބާ؟
ހަފުތާއެއްހާ ދުވަސް ކުރިން 570 ވަރަކަށް ޑޮލަރަށް ލިބުނު އޭސީ ޔުނިޓެއްގެ އަގު މިހާރު އުޅެނީ 652 ޑޮލަރަށް


އޭސީއަށް އޮންނަ ޑިމާންޑް އިތުރުވަމުން ދަނީ އިންތިހާއަށް، ޑިމާންޑާ އެއްވަރަށް ސަޕްލައިއެއްވެސް ނުކުރެވޭ
ނޭދެވޭ މޫސުމީ ބަދަލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ބައެއް މީހުންނަށް އެއީ ތޯތޯ ކަމެކެވެ. އަނެއް ބަޔަކަށް، އެއީ ޖޯކެވެ. ސީރިއަސް ނަޒަރަކުން މިކަމާ ވިސްނަނީ، މަދު ބައެކޭ ދެންނެވިއަސް ގޯހެއް ނެތެވެ. ނޭދެވޭ މޫސުމީ ބަދަލުތަކަކީ ސަތޭކައެއްހާ އަހަރު ދުރުގައި އޮތް ކަމެއް ކަމަށް ޤަބޫލުކޮށް، ބޮޑު ވަރިހަމައަށް ކަންކަން ދޫކޮށްލައިގެން ތިބުމުގެ ނަތީޖާ، މިއަދު މި ވަނީ ފެންނަން ފަށާފައެވެ. ކޮންމެ އަހަރަކީވެސް، ފެއިބި އަހަރަށްވުރެ ހޫނު ގަދަ އަހަރެއްގެ ގޮތުގައި ރެކޯޑް ކުރަން މަޖުބޫރުވެއްޖެއެވެ.
އިންސާނީ ޠަބިއްޔަތު ހުންނަ ގޮތުން، ކޮންމެ ކަމަކަށްވެސް ގިނަ ފަހަރަށް ހޯދެނީ ވަގުތީ ޙައްލެކެވެ. 'ވަގުތީ-ދައިމީ' އަށް ބަދަލުވެފައި އޮންނަނީ ބޭ އިޚްތިޔާރުގައެވެ. މިހާރު ކުރިމަތިވަމުން ދާ ގަދަ ހޫނުގެ ކާރިޘާތަކުގައިވެސް ކަން ހިނގަނީ ހަމަ އެފަދަ މޭރުމަކުންނެވެ. އަހަރެމެންނާ އެންމެ ގާތުން، އަވަށްޓެރި ބަންގްލަދޭޝްއިން މިސާލެއް ދަންނަވާލަންތޯއެވެ. މީގެ ކުރިން 'ބޭބޭފުޅުންގެ' ގެދޮރާއި، ސަރުކާރުގެ ޢިމާރާތްތަކުން ނޫނީ އެހެން ތަނަކުން ފެނުން ނާދިރު، އެއަރކޮންޑިޝަން (އޭސީ) އަކީ މިއަދު އާންމު ދިރިއުޅުމުގެ ބަޔަކަށް ވެއްޖެއެވެ.
ބަންގްލަދޭޝްގެ ތާރީޚުގައިވެސް ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ މޫސުން ދިގުލައި ދިއުމުގެ ނަތީޖާއަކަށް ވީ، އޭސީ ވިޔަފާރި މެކުހަށް ޖެހުމެވެ. އޭސީއަށް އޮންނަ ޑިމާންޑް އިތުރުވަމުން ދަނީ އިންތިހާއަށެވެ. ޑިމާންޑާ އެއްވަރަށް ސަޕްލައިއެއްވެސް ނުކުރެވެއެވެ.
އިޤްތިޞާދީ ފަލްސަފާ ޗާޓުތަކުގައި ވާ ފަދައިން، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވުމުގެ އަޚިރު ނަތީޖާއަކަށް ވީ، އޭސީގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލުމެވެ. ހަފުތާއެއްހާ ދުވަސް ކުރިން 570 ވަރަކަށް ޑޮލަރަށް ލިބުނު އޭސީ ޔުނިޓެއްގެ އަގު މިހާރު އުޅެނީ 652 ޑޮލަރަށެވެ.
ބައެއް ސަރަޙައްދުގެ ފިނިހޫނުމިން، 42 ޑިގްރީ ސެލްސިއަސްއަށްވެސް ވަނީ އަރާފައެވެ. ވާ ގަދަ ހޫނަށް ކެތް ކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާ އިރު، އާންމުން ތިބީ ކޮންމެ އަގެއް ދީފައިވެސް އޭސީ ގަންނަ ގޮތަށެވެ.
ކަން މިހެން އޮތް ނަމަވެސް، މިއީ އެންމެނަށް އޮތް ނަޞީބެއް ނޫނެވެ. އަވަށްޓެރި އިންޑިއާގެ ރަށްފުށު ހިސާބުތަކަށް ބަލަމާ ހިނގާށެވެ. ދެކުނު އޭޝިއާ ސަރަޙައްދަށް އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ބާންޏެއް ކުރިމަތިވެފައި ވާ އިރު، އެންމެ ޙާލުގައި ދުވަސްތައް ގުނަމުންދާ އެއް ބަޔަކީވެސް އިންޑިއާގެ އޮރިއްސާ ސްޓޭޓްގެ ފަޤީރުންނެވެ.
އޮރިއްސާގެ ބައެއް ސަރަޙައްދުގެ ފިނިހޫނުމިން 46.5 ޑިގްރީ ސެލްސިއަސްއަށްވެސް އެރި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. މި ދެންނެވީ ފަހަރެއްގައިވެސް، އިޙްސާސް ކުރެވޭ ހޫނުމިނުގެ ވާހަކައެއް ނޫނެވެ. މޫސުމީ ރެކޯޑްތަކުން ދެއްކި ޢަދަދުތަކެވެ. ގޭތެރޭގައި ގަޑިއެއްހާއިރުވެސް ކެތްކުރުމަކީ ނުވާނެ ވަރުގެ ކަމަކަށްވެއްޖެއެވެ.
އެސްބެސްޓޯޒްއަކީ ޤުދުރަތީ މިނަރަލުން އުފައްދާ، ހަމަލޮލަށް ނުފެންނަ ފައިބަރެކެވެ.
ޕެކް މަނޯޕާވީރްއަކީ ތައިލޭންޑްގެ ސައެންސްވެރިއެކެވެ. އަދި ޑިޕަރޓްމަންޓް އޮފް މެރިން އެންޑް ކޯސްޓަލް ރިސޯރސަސް އެންޑް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ މުސްތަޝާރެއްވެސްމެއެވެ. އޭޝިއާ ސަރަޙައްދަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އިންތިހާ ގަދަ ހޫނާ ބެހޭ ގޮތުން ޕެކް ދެއްކެވި ވާހަކަތަކުން ކުރިމަތިވަނީ އިތުރު ހާސްކަމާއި ނުތަނަވަސްކަމެކެވެ. ދިރުންތައް ދެމި އޮތުމަށް ނުރައްކާ ވާ ދަރަޖައަށް ކަންކަން ގޯސްވަމުން ދާ ކަމުގެ އިންޒާރު ދެއްވިއެވެ. ޒިންމާ އޮތީ ހަމަ އެކަނި އާންމު ފަރުދުންނަށް ނޫންކަން، ޕެކްގެ ވާހަކަތަކުން އެނގެއެވެ.
ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފިނިހޫނުމިން އިތުރުވަމުންދާނަމަ، ޚާއްޞަކޮށް ދެކުނުއިރުމަތީ އޭޝިއާގެ ސަރަޙައްދުތަކުގައި ކުރާނެ އަސަރަކީ ކޮބައިހެއްވެ؟
ދެކުނު އޭޝިއާއާއި އިރުމަތީ އޭޝިއާގެ ޤައުމުތަކަކީ "ހޫނަށް" އާދަވެފައި ވާ ޤައުމުތަކަކަށް ވީ ނަމަވެސް، މިހާރު ތަޖުރިބާ ކުރަމުން މިދާ ފިނިހޫނުމިނަކީ ރެކޯޑެކެވެ. ފަރުވާކޮށްލައިގެން ދޫކޮށްލެވޭ ވަރަށް، އަދުގެ ޙާލަތު މާ ބޮޑަށްވެސް ހައްސާސްވެފައި ނުރައްކާ ބޮޑެވެ. ދިރިއުޅުމުގެ އާދަކާދައަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ. ވެށި ހިމާޔަތް ކުރުމުގެ ކެމްޕޭންތައް މެކުހަށް ޖަހާ ފަދައިން، އިންސާނީ ހަޟާރާތުގެ ދެމި އޮތުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާން މިއަދު މިވަނީ މަޖުބޫރުވެފައެވެ.





