މިސަރުކާރުން އުތުރުތިލަފަޅުން ރޯހިތު ހޯދަން އުޅެ ދިމާވީ ރާޖޫ ކިޔާ މީހަކާއި، އޭނާއަށް ވަނީ ބޮޑެތި ބިންތައް ދީފައި: ރައީސް ސާލިހު
30 މާރިޗު 2024 | ހޮނިހިރު 08:50މިސަރުކާރު ވެރިކަމަށް އައުމަށް ވަނީ ގިނަ ދޮގުތަކެއް ހަދާފައި


ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ
މިސަރުކާރުން އުތުރުތިލަފަޅުން ރޯހިތު ހޯދަން އުޅެ ދިމާވީ ރާޖޫ ކިޔާ މީހަކާއި ކަމަށާއި، އޭނާއަށް ބޮޑެތި ބިންތައް ދީފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކެމްޕޭން މިސްރާބު ހަމަ މަގަށް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށް ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، ގިނަ ބަހަނާތަކާއި، ދޮގުތައް ހަދާފައިވާ ކަމަށެވެ. މިކަންކަން ދިފާއުކޮށް، ރައްޔިތުންނަށް އޮޅުވާލުމަށް އަނެއްކާ ވެސް އެގެންދަނީ އެތައް ދޮގުތަކެއް ހަދަމުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ހެއްދެވި ދޮގުތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މުޅި ރާއްޖޭގައި ބޭރުގެ ހަތިޔާރު އެޅި ސިފައިން ހާހުން ދެހާހުން އުޅޭ ކަމަށް އޭރު ވިދާޅުވި ކަމަށެވެ. އަދި އުތުރުތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ރޯހިތު ހޯދުމަށް ކެމަރާ އާއެކު ލޯންޗުގައި އެސަރަހައްދަށް ދިޔަ ކަމަށެވެ. ނަމަވެސް ދިމާވީ ސިފައިންގެ ބޭކަލަކާއި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މިސަރުކާރަށް ދިމާވީ ރާޖޫ ކިޔާ މީހާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުފުޅުތައް ފުއްދަވަން އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ރާޖޫއަށް ރާއްޖެއިން ބިންތަކެއް ދެއްވުމަށްފަހު މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތް ކުރެއްވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމަށް ފަސްވެސް ނެތް ކަމަށާއި، ފައިސާ ވެސް ނެތް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުށިދިއްގަރުފަޅަށް ރައްޔިތުން ގެންދިއުމަށް މަސައްކަތް ކުރަނީ ބިއްލޫރި ހޮޅިއެއްގެ ތެރެއިން ކަމަށާއި، މިޒަމާނުގެ ޓެކްނޮލޮޖީއާއެކު އެކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ގުޅިފަޅުން 190 ހެކްޓަރު ހިއްކާ ނިންމާފައިވާއިރު، ގިރާވަރުފަޅު ފަޅުން 160 ހެކްޓަރު، ހުޅުމާލެ ފޭސް-3 އަކުން 67 ހެކްޓަރު ހިއްކެން އެބަ އޮތް ކަމަށެވެ. އަދި ތަރައްގީގެ ޕްލޭން ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން މިމަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުމަށް ރައީސް ސާލިހު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ހަދާ ދޮގުތައް ރައްޔިތުންނަށް އެނގޭ ކަމަށެވެ. މިސަރުކާރު ހަމަ މަގަށް އެޅުވުމަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މަޖިލީހުގެ މެޖޯރިޓީއާއެކު މިސަރުކާރުން ރައްޔިތުންނަށް ހަދަމުންދާ ދޮގުތައް ހާމަކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.








