ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 11:07
ހިންދޫންގެ ހަރުކަށި ފިކުރުގެ މީހުން ފާޅުގައި އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރަނީ
ހިންދޫންގެ ހަރުކަށި ފިކުރުގެ މީހުން ފާޅުގައި އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރަނީ
މުސްލިމް ވޯލްޑް ޖާނަލް
އިންޑިއާގައި މުސްލިމުންނަށް ކުރާ ދުއްތުރާތައް
މުސްލިމުންނާ ދެކޮޅު ނަފްރަތުގެ ޖަރީމާތައް 2024 ވަނަ އަހަރު ވެސް ހުއްޓުމެއްނެތި އިންޑިއާގައި ދަނީ ކުރިއަށް
 
މުސްލިމުންގެ ބިނާތަކާއި އާސާރީ ތަންތަން ނައްތައިލުމުގެ ބޮޑު ޕްރޮޕެގެންޑާއެއް ބީޖޭޕީ ސަރުކާރުން އިންޑިއާގައި ކުރިއަށްގެންދޭ

2024 ވަނަ އަހަރުން އަދި މި ފާއިތުވީ އެންމެ ދެ މަހެއްހާ ދުވަހެވެ. މިވީ ދެ މަސްދުވަހުގެ ތެރޭގައިވެސް މުސްލިމުންނާ ދެކޮޅު ޖަރީމާތައް އިންޑިއާގެ އެކި ކަންކޮޅުތަކުން ދަނީ ފެންމަތިވަމުންނެވެ. ސެންޓަރ ފޮރ ސްޓަޑީ އޮފް ސޮސައިޓީ އެންޑް ސެކިއުލަރިޒަމް މުމްބާއީން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިއާގެ ކޮމިއުނިޓީ ހާލަތާގުޅޭ ރިޕޯޓެއް ނެރެފައެވެ. އެ ސެންޓަރުން ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ ޖަރީމާތައް ލިސްޓުކޮށް، އެ ޖަރީމާތަކަކީ ދީނީ ހަމަނުޖެހުންތަކާއި، ނަފްރަތު އުފެދޭ ވާހަކަތަކާއި، ހިންދޫ ވިޖިލެންޓްސްއާއި، ހިންދޫ ދީނީ ހަރަކާތްތަކަށް ދައުލަތުން ފައިސާ ދިނުމާއި، ތަޅާފޮޅުމުގެ ހަރަކާތްތައް ފަދަ ކަންކަމުގެ ގޮތުގައި ގިންތިކޮށްފައެވެ.

ކޮމިއުނިޓީ ހަމަނުޖެހުންތައް

މިއަހަރުގެ މިހާތަނަށް ހިންގާފައިވާ ކޮމިއުނިޓީ ހަމަނުޖެހުންކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަސް ހަމަނުޖެހުން ހިންގާފައިވެއެވެ. އެއީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އަޔޯދިޔާގައި ބޭއްވި ޕްރާން ޕްރަތީސްތާން ހަރަކާތާ ސީދާ ގުޅުންހުރި މީހުން ހިންގި ހަމަނުޖެހުންތަކެވެ. އެ ފަސް ހަމަނުޖެހުންތަކުގެ ތެރެއިން މުމްބާއީގައި ދެ ހަމަނުޖެހުން، ނާގްޕޫރުގައި އެއް ހަމަނުޖެހުން، ވަޑޯދްރާއިން އެއް ހަމަނުޖެހުން އަދި މަދްޔަ ޕްރަދޭޝްގެ ޝާޖާޕޫރުގައި އެއް ހަމަނުޖެހުން ހިންގާފައިވެއެވެ. މި ހުރިހާ ހަމަނުޖެހުންތަކެއް ހިންގާފައިވަނީ ބީޖޭޕީގެ ވެރިކަންކުރާ ސްޓޭޓްތަކުގައެވެ.

މުމްބާއީގެ މީރާ ރޯޑްގައި ހިނގި ހަމަނުޖެހުންތަކުގެ އަސްލަކީ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މުސްލިމުންނާ ދެކޮޅަށް، މުނިސިޕަލް ކޯޕަރޭޝަނުން ބުލްޑޯޒަރު ބޭނުންކުރަން ފެށި ހާދިސާއެކެވެ. މީރާ މަގުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުގެ ގާތްގަނޑަކަށް 15 އިމާރާތެއް އެ ކޯޕަރޭޝަން ބުލްޑޯޒަރުން ތަޅައިލައިފައިވެއެވެ. މި ހާދިސާގައި ނުވަ މީހުނަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ދެވަނަ ހާދިސާ ހިނގާފައި ވަނީ މުމްބާއީ ކައިރީގައި އޮންނަ ތާނޭގައެވެ. މިތަނުގައި އަޔޯދިޔާގައި ރާމް ޓެމްޕަލް ޒީނަތްތެރިކުރުމުގެ މުނާސަބަތުގައި ބޭއްވި ވެހިކަލް ބުރުގައި ހަރުކަށި ފިކުރުގެ މީހުން ވަނީ ގަލާއި އެކިފާޑުގެ އެއްޗެހި އުކައިފައެވެ. ދެ ކޮމިއުނިޓީއެއްގެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ނާގްޕޫރުގައި ހިނގި ހަމަނުޖެހުން ހިންގާފައިވަނީ އަޔޯދްޔާގައި ބޭއްވި ޝަރަފުވެރި ހަރަކާތުގެ އުފާފާޅުކުރުމުގެ ގޮތުން ދެ ކޮމިއުނިޓީއެއްގެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން، ގަރީބް ނަވާޒް ނަގަރު އަވަށުގައެވެ. މިކަމުގެ ސަބަބުން ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި 12 މީހަކު ޒަހަމްވިއެވެ.

ބޯޖްގައި މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އަޔޯދްޔާގެ ރާމް މަންދިރްގައި ބޭއްވި ހިނގާލުމެއް ކަމަށްވާ ޝޯބާ ޔާތުރާއަށް ގައު އުކުމާ ގުޅިގެން ވަޑޯދްރާގައި ވަނީ ހަމަނުޖެހުން ހިންގައިފައެވެ.

މަދްޔަ ޕްރަދޭޝްގެ ޝާޖާޕޫރުގައި މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ދީނީ ހިނގާލުމެއްގެ ބައިވެރިންނަށްވެސް ގައު އުކައި، ހަމަނުޖެހުންތަކެއް ހިންގައި އެތައް ބަޔަކު ޒަޚަމްވިއެވެ.

ނަފްރަތު އުފެދޭ ވާހަކަތައް:

ސީއެސްއެސްގެ ރިޕޯޓުގައި ވާގޮތުން ޖެނުއަރީ މަހު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ހަތް ހާދިސާއެއް ރިޕޯޓްކޮށްފައިވެއެވެ. މި މިފަދަ ވާހަކަތަކުގައި ވަނީ ލަވް ޖިހާދުގެ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކޮށްފައިވާ މިސްކިތްތައް ތަޅާލުމަށާއި، ހަލާލް ސެޓިފިކޭޝަން މީޓް ބޮއިކޮޓް ކުރުމާއި، މުސްލިމުންނާ ދެކޮޅަށް ބުލްޑޯޒަރު ބޭނުންކުރުމާއި، މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ބީޖޭޕީގެ ލީޑަރުންނާއި މަހާރާޝްތުރާގެ ސޯލާޕޫރާއި މުމްބާއީގައި އެމްއެލްއޭ ޓީ ރާޖާއާއި އެމްއެލްއޭ ނިތޭޝް ރާނޭއާއި މުމްބާއީގެ އެމްއެލްއޭ ގީތާ ޖެއިން އަދި ކަރްނާޓަކާގެ ބީޖޭޕީގެ މެމްބަރު އަދި ބީޖޭޕީގެ ލީޑަރު ކޭއެސް އީޝްވަރައްޕާ އަނަންތުކުމާރު ހެގްޑޭ ވަނީ ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާފައެވެ.

ހިންދޫ ދީނީ ކަންކަމަށް ސަރުކާރުން ފަންޑުކުރުން:

ބީޖޭޕީގެ ވެރިކަންކުރާ ސްޓޭޓްތަކުގެ ސަރުކާރުން ވަނީ ހިންދޫ ދީންތަކާއި ނިޝާންތަކާ ގުޅިފައިވާ ތަރިކަ ކުރިއެރުވުމަށް ރައްޔިތުންގެ ފައިސާ ޚަރަދުކޮށް، ބޮޑު ހޭދައެއް ކޮށްފައެވެ. އޭގެ ތެރޭގައި ރާމަޔަންގެ މައުލޫއަށް އަޔޯދިޔާގައި ވެކްސް މިއުޒިއަމެއް ކިއުރޭޓް ކުރުން ހިމެނެއެވެ. ޗައްތިސްގަރުގައި "ޝްރީ ރާމްލާލާ ދަރްޝަން (އަޔޯދިޔާ ދަމް)" ސްކީމް ތައާރަފްކޮށް، ޕޫރީގައި އޮޑިޝާ ޕަރިކްރަމާ ޕްރޮޖެކްޓް ފަށާފައިވަނީ ރައްޔިތުންގެ ފައިސާއިންނެވެ.

އަޔޯދިޔާގެ މުނިސިޕަލް ކޯޕަރޭޝަނުން ވަނީ ޔޫޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ހަތް ކްރޯޑްގެ ޕްރޮޖެކްޓެއްގައި "ރާމަޔަން ވެކްސް މިއުޒިއަމް" ގާއިމް ކުރުމަށް 2.5 އޭކަރު ބިންވެސް ދޫކޮށްފައެވެ. ރާމަޔަންގެ މުހިންމު ހުރިހާ ކެރެކްޓަރެއްގެ، ލައިފް ސައިޒްގެ ގާތްގަނޑަކަށް 100 އެއްހާ ވެކްސް ސްޓެޗޫ ހުންނާނެއެވެ. ފުރަތަމަ ފިޔަވަހީގައި ރާމް ކަތާގެ 30-35 މަންޒަރެއް ދައްކުވައިދޭއިރު، އޭގެ ތެރޭގައި ސީތާގެ ސްވަޔަމްވަރު، ވަންވާސް އަދި ލަންކާ ދަހަން ހިމެނެއެވެ.

ޗައްތިސްގަރްގެ ސްޓޭޓް ސަރުކާރުން ވަނީ "ޝްރީ ރާމްލާލާ ދަރްޝަން (އަޔޯދިޔާ ދަމް)" ސްކީމް ތައާރަފްކުރަން ނިންމާފައިވާ ކަމަށްވާއިރު، އެ ސްކީމްގެ ދަށުން ކޮންމެ އަހަރަކު ވެސް އެ ސްޓޭޓުން 20،000 މީހުން ޔޫޕީގެ އަޔޯދިޔާއަށް ހިލޭ ގެންގޮސް، އަލަށް އިމާރާތްކުރާ ރާމް ޓެމްޕަލްއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

އޮޑިޝާގައި ސަރުކާރުން 800 ކްރޯޑް ރުޕީސްގެ "ޝްރީ މަންދިރާ ޕަރިކްރަމާ" ޕްރޮޖެކްޓް އިފްތިތާހުކުރަން ވަނީ ނިންމާފައެވެ. މި ހެރިޓޭޖް ކޮރިޑޯއަކީ ޕޫރީގެ މަޝްހޫރު ޖަގަނަތު ޓެމްޕަލްގެ ވަށައިގެން ރާވާފައިވާ ކޮރިޑޯއެކެވެ. އޮޑިޝާ ސަރުކާރުން ވަނީ ޕަރިކްރަމާ ޕްރޮޖެކްޓަށް ޒިޔާރަތް ކުރުމަށް މަހެއްހާ ދުވަސް ވަންދެން، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 10،000 މީހުން މޮބިލައިޒް ކުރުމަށް ރާވާފައެވެ.

ސަރުކާރު ބަންދު ކުރުން:

ބީޖޭޕީގެ ވެރިކަން ކުރާ 10 ސްޓޭޓް ކަމަށްވާ މަހާރަޝްތުރާ، ގުޖުރާތު، އާސާމް، ޗައްތިސްގަރް، މަދްޔަ ޕްރަދޭޝް، ގޯއާ، އުއްތަރަ ޕްރަދޭޝް، ހަރިޔާނާ، ރާޖަސްތާން އަދި ޓްރިޕޫރާ އަދި އޭއޭޕީގެ ވެރިކަންކުރާ ދިއްލީން ވަނީ އަޔޯދިޔާގައި ބޭއްވި ޕްރާން ޕްރަތީސްތާން ހަފްލާ ފާހަގަކުރުމުގެ ގޮތުން ޖެނުއަރީ 22 ވަނަ ދުވަހު ފުރިހަމަ ޗުއްޓީއެއް ނުވަތަ ބައި ދުވަހުގެ ޗުއްޓީއެއް އިއުލާނުކޮށްފައެވެ. އޭގެ މާނައަކީ އެ ދުވަހު ސްކޫލްތަކާއި ކޮލެޖްތަކާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ދައުލަތުގެ އެހެނިހެން ތަންތަން ވެސް ބަންދުކުރުމެވެ. މީގެ ތެރެއިން ބައެއް ސްޓޭޓް ސަރުކާރުތަކުން ވެސް އެ ދުވަހު ނޮން ވެޖިޓޭރިއަން ކާބޯތަކެތީގެ ބާވަތްތަކާއި މަސް، އަދި ރާ ވިއްކުން ވަނީ މަނާކޮށްފައެވެ.

ހިންދޫ ވިޖިލެންޓް އެކްޓިވިޓީ:

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިންދޫ ވިޖިލެންޓްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އުއްތަރު ޕްރަދޭޝްގެ ޝާހްޖަހަންޕޫރު ޑިސްޓްރިކްޓްގައި މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، މިސްކިތެއްގައި ހުރީ ފެހިކުލައިގެ ދިދައެއް ނަގައި އޭގެ ބަދަލުގައި ސެފްރަން ދިދައެއް ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިފަދަ ހާދިސާއެއްގައި މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ޝޯބާ ދަތުރުގައި އާގްރާ ޑިސްޓްރިކްޓްގެ ތާޖުގަންޖް ސަރަހައްދުގެ މިސްކިތެއްގެ މަތީގައި ވަނީ ސެފްރަން ދިދަ ނަގާފައެވެ.

މުސްލިމުންގެ މުދަލަށް ގެއްލުން ދިނުން:

ހިންދޫ ލީޑަރުން އެންމެ ކުރީ ސަފުގައި ތިބީ، ގާނޫނާއި ގަވައިދާ ޚިލާފަށް ވަޒަންވެރިވާ ކަމަށް ބުނެ މުސްލިމުންގެ ގެތައް ތަޅާލުމަށް ބުލްޑޯޒަރުން ހިންގާ ޖަރީމާގައެވެ. މުމްބާއީގެ މީރާ ރޯޑް ތަޅާލުމުގެ އިތުރުން މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ވެސް، ފިތުނަ ފަސާދަ އުފެދުނު ޕަންވެލްގައި މުސްލިމުންގެ މުދަލަށް ގެއްލުން ދިނުމަށް ޑިމާންޑްކުރާ ކަމުގެ ރިޕޯޓްތައް ވަނީ ފެތުރިފައެވެ.

ފެބްރުއަރީ 8، 2024ގައި އުއްތަރަކަންދުގެ ހަލްދުވާނީގައި ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވީ މުސްލިމުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ މަދަރުސާއަކާއި މިސްކިތެއް އެއީ ހުއްދަ ނޫން ތަނެއްގައި އިމާރާތްކޮށްފައިވާ ތަންތަން ކަމަށް ބުނެ ތަޅާލުމަށް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. މުނިސިޕަލް އޮތޯރިޓީން ވަނީ މުސްލިމުންގެ ދީނީ އެ ބިނާއަކީ ގަވައިދާ ޚިލާފަށް ހަދާފައިވާ ބިނާތަކެއް ކަމަށް ބުނެ ތަޅާލައިފައެވެ. އޭގެ ސަބަބުން ރައްޔިތުންނާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހުން މަރުވެ 100އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

މުސްލިމުންގެ ތަންތަން ހިފުން:

ޕްރާން ޕްރަތީސްތާން ހަރަކާތަށްފަހު މުސްލިމުންގެ އަޅުކަންކުރާ ތަންތަން ހިފުމުގެ ބިރުވެރި ޓްރެންޑެއް އޮތީ ފެށިފައެވެ. އެގޮތުން އަޔޯދްޔާގައި ބޭއްވި ހަރަކާތާއެކު ވާރަނާސީ ޑިސްޓްރިކްޓް ކޯޓަކުން ވަނީ "ވިޔާސް ތަހްކާނާ"ގައި ހުންނަ ގިޔަންވަޕީ މިސްކިތުގެ ތެރޭގައި ކްރިސްޓިއަނުންނަށް އަޅުކަން ކުރުމުގެ ހުއްދަ ދިނުމަށް އަމުރުކޮށްފައެވެ.

މަހާރާޝްތުރާއާ ބެހޭގޮތުން ވެސް މިދެންނެވި ފަދައިން، މުމްބާއީގެ ހާޖީ މަލަންގް ދަރްގާ "މިނިވަންކޮށް" ހިންދޫ ތަނަކަށް ބަދަލުކުރައްވާނެ ކަމަށް ޗީފް މިނިސްޓަރު އެކަނަތު ޝިންޑޭ ވަނީ އިއުލާނު ކުރައްވާފައެވެ.

އިންޑިއާގެ މައިނޯރިޓީ މުސްލިމުން ތިބީ މި އިންތިހާބީ އަހަރު މިފަދަ އިތުރު ހާދިސާތައް ހިނގާނެ ކަމުގެ އިންތިޒާރުގައެވެ. މިފަދަ ދީނީ ޕޯލަރައިޒޭޝަނުން ބީޖޭޕީއަށް ވަރަށް ބޮޑު ފައިދާއެއް ލިބޭތަން ފެނެއެވެ. 2024 ވަނަ އަހަރު ނަފްރަތުގެ ޖަރީމާތަކުން މުސްލިމުންނަށް އެއްވެސް ލުޔެއް ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން، މި އަހަރު ފެށިގެން މިހާތަނަށް ހިންގި ހާދިސާތަކުންވެސް އެނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް