އިންތިޚާބާއި ގުޅޭގޮތުން އީސީން އަމަލުކުރާނެ ގޮތް ބެލުމަށް ކޮމެޓީއަށް ހާޒިރުކުރުމާއި މެދު މަޝްވަރާކުރަނީ
28 ފެބުރުއަރީ 2024 | ބުދަ 12:43ރައްޔިތުން މަޖިލީހަކީ ރައްޔިތުންގެ އަޑު


ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިންތިޚާބު ފަސްކުރާ ބިލު ރައްޔިތުން މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމާއި ގުޅިގެން ރައްޔިތުން މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަން (އީސީ)އިން އަމަލުކުރާނެ ގޮތް ބެލުމަށް ކޮމެޓީއަށް ހާޒިރުކުމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފިއެވެ.
ބުދަ ދުވަހުގެ ހަވީރު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައްޔިތުން މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި، މިމައްސަލާގައި ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފު ކަމަށެވެ.
އިންތިޚާބު ފަސްކުރާ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފިނަމަ އެއާއެއްގޮތަށް އަމަލުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ސަލީމް ވިދާޅުވީ އެގޮތަށް އަމަލުކުރޭތޯ ނުވަތަ ނުކުރޭތޯ ބެލުމަށް ކޮމިޝަނުން ކަމާގުޅޭ ކޮމެޓީއަށް ހާޒިރުކޮށްގެން އެކަން ސާފުކުރާނެ ކަމަށެވެ.
މެންބަރު ސަލީމް ވިދާޅުވީ މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވައި ދިނުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އެދެމުންދާ ކަމަށާއި، އެމްޑީޕީގެ ފަރާތުން އެކަން ހާސިލް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ އިންތިޚާބު ފަސްކުރާ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއަށް ބިލު އަނބުރާ ފޮނުވާލުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ތަސްތީގު ކުރުމަށް މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ އިލެކްޝަން ކޮމިޝަންްއާ ގުޅޭގޮތުން ވަރަށް ބޮޑެތި ތުހުމަތުތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ބައެއް ކޮމިޝަންގެ މެންބަރުންނަށް ބޭރުގެ ގައުމުތަކުން ވަޒީފާގެ ފުރުސަތު ފަހިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ. ނަމަވެސް އުންމީދު ކުރަނީ މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތަށް ދެވަނަ ފަހަރަށް މި ބިލް ފާސް ކުރުމާއެކު އެގޮތަށް އަމަލުކުރާނެ ކަމަށެވެ.
އިންތިޚާބު ފަސްކުރާ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.









