ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 18:24
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ސަރުކާރުގެ ސިޔާސީ މަގާމުތައް
"ކިނދު ނުފިލާ" ކުދިން މަގާމުތަކަށް ލުމުން މި ވަނީ ވާނެ "ހަ އެތި"
 
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ސަރުކާރުގެ މަގާމުތަކަށް އެކަމަށް ގާބިލް އަދި އިލްމީ ބޭފުޅުން ލައްވާނެކަމުގެ ވައުދުފުޅާއެކު
 
އެހެންނަމަވެސް މިއަދު ފެންނަނީ ކަމަށް ގާބިލުނޫން، އިލްމެއް ނެތް ބޭފުޅުން މަގާމުތަކަށް އައްޔަންކުރައްވާތަން
 
ސަރުކާރަށް އަދި ދެ މަސް ވެސް ނުވާއިރު، މިއަދު ފެންނަނީ ސިޔާސީ މަގާމުތައް ގިނަވެ ބޮއްސުންލާފައި ވާތަން

އެއް ބޭފުޅަކީ މިއޮއް ހުރިހާ ދުވަހު، އެކްސްގައި އަޑުގަދަ ކުރައްވަމުން ސިޔާސީ މަގާމަކަށް ވަޑައިގެންނެވި "އެކްޓިވްސްޓް"އެކެވެ. އަނެއް ބޭފުޅަކީ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން ސިޔާސީ ބޮޑު މަގާމަކަށް ވަޑައިގެންނެވި ބޭފުޅެކެވެ. އަނެއް ބޭފުޅަކީ ކޮންމެވެސް ކަހަލަ މައްސަލައެއްގައި ތާށިވެ، އެ މައްސަލައިގެ ތަހުގީގު ހިންގެމުންދާ ބޭފުޅެކެވެ.

މިއީ މިއަދު ވެރިކަމުގައި އޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ހާލަތެވެ. އެއްވެސް ކަހަލަ ވިސްނުމެއް، ފިކުރެއް އަދި ގާބިލިއްޔަތެއް ނެތް ބޭފުޅުންތަކެއް މަގާމުތަކަށް ނެންގެވުމުން އޭގެ ހިތި މިއަދު މިއޮއްގެން ފެންނަނީތާއެވެ. މި ސަރުކާރުގައި ވެސް އިލްމީ، ކަމަށް ގާބިލު ބޭފުޅުން ތިއްބެވިކަމާމެދު އިންކާރެއް ނުކުރަމެވެ. އެހެން ނަމަވެސް، މިއަދު ފެންމަތިވެގެން މި އުޅޭ މައްސަލަތަކަކީ ބައެއް މަގާމުތަކަށް އައްޔަންކުރެއްވި ބައެއް ބޭފުޅުންގެ ނާގާބިލިއްޔަތު ކަމުގެ ސަބަބުން ފެންމަތިވެގެން އުޅޭ ކަންކަމެވެ.

މިއީ ރާއްޖޭގެ ކޮންމެ ސަރުކާރެއްގައި ވެސް ކަންހިނގާ ގޮތް ކަމަށް ވުން އެކަށީގެން ވިޔަސް، މިއަދުގެ ތަފާތަކީ، މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ދެއްކި ވާހަކަތަކެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ސަރުކާރުގެ މަގާމުތަކަށް އެކަމަށް ގާބިލް އަދި އިލްމީ ބޭފުޅުން ލައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. ރައްޔިތުންގެ މި ސަރުކާރަށް ޝައްކު ނުކުރެއްވުމަށް ވިދާޅުވަމުންނެވެ. އެހެން ސަރުކާރުތަކުން ވެރިކަމަށް އައިއިރު އެފަދަ ވާހަކަތަކެއް ނުދައްކައެވެ. ތަފާތަކީ އެއީއެވެ.

ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން - އެކްސް

ޒުވާނުންނާބެހޭ ވުޒާރާގައި ނައިބުންނަށް ތިއްބަވާ މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދަކީ އޭގެ ހެތްކަކަށް ފުދޭ ބޭފުޅުންނެވެ. ސިޔާސީ މަގުމަތީ ހަރަކާތްތަކާއި އެކްސްގައި، އަދި މީސް މީޑިޔާގެ މަންސަތަކުގައި ސިޔާސީ އެކްޓްވިސްޓުންގެ ގޮތުގައި މާ ކުރިއްސުރެ އުޅުއްވަމުން އައިސް، މިއަދު މަގާމުގައި ތިއްބަވައިގެން އަމަލު ކުރެއްވުނީ އެފަދައިންނެވެ. ވިސްނުންފުޅެއް ނެތިއެވެ. ތިމާމެން މިއަދު ތަމްސީލުކުރައްވަނީ ގައުމުކަން ހަނދާންނެތި، އެއްކަލަ އެކްޓިވިސްޓުގެ ޖޯޝުގައި، ހިތްޕުޅަށްއެރި އެއްޗެއް ވިދާޅުވުމުން އޭގެ ހިތި މިއަދު މިއޮއް ފެންނަނީއެވެ. ޔަގީނުންވެސް ފެނުނު މަންޒަރަކީ، އެ ބޭފުޅުންނަކީ ރައީސް މުއިއްޒު ވިދާޅުވިފަދަ އެ މަގާމުތަކުގެ "ގާބިލް"ކަމުގެ ކުފޫހަމަވާ ބޭފުޅުންނެއް ނޫންކަމެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރެއްވި ދުވަހު - ރައީސް އޮފީސް

އަނެއް ހާލަތެވެ. 2012 ވަނަ އަހަރު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރީ އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ފަހުމީ އައްޔަންކުރެއްވީ، އެފަދަ ހަޑި ލައްގަނޑެއް ޖެހި އަދި އޭގެ ހަނދާންތައް ވެސް ނުފޮހެވެނީހެވެ. އައްޔަންކުރިތާ ތިން ދުވަސް ފަހުން ފަހުމީ އެ މަގާމުން ވަކިކުރެއްވިއިރު، ސުވާލަކީ އެކަމަކީ ހަމަ ސަރުކާރަށް ނޭނގި އޮތް ކަމަކަށް ވީބާއެވެ. ރައީސް މުއިއްޒު ވިދާޅުވާފަދަ "ގާބިލް" ބޭފުޅުންނަކީ އެއީކަމަށް ވާނަމަ ދެން ފުދެއެވެ.

ގާނޫނީ ވަކީލު އަހުމަދު ޝާން

އިތުރު ހާލަތަކެވެ. ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ޖިނާއީ ދައުވާއެއް މިހާރު ވެސް ކުރެވެމުންދާ ގާނޫނީ ވަކީލު އަހުމަދު ޝާނަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ސަރުކާރުން ހަވާލުކުރީ ބުދަ ދުވަހުއެވެ. ޝާނަކީ ޝަރުއީ ދާއިރާގެ އިލްމީ ބޭފުޅަކަށް ވީނަމަވެސް، ގައުމަށް އެ މަންޒަރު ބަލަން ކިހާ ހުތުރުތޯއެވެ. މިއީ ހަމަ މި ސަރުކާރުން ވަޒަންކުރާ "ގާބިލު"ކަމުގެ ތަރާދުތޯއެވެ؟

އިތުރު ހާލަތެކެވެ. ގްރޭޑް ފަހެއްގައި، ސްކޫލުން ވަކިކުރުމުން ލަނޑާ ނަގަން ދިޔަ މީހަކަށް ސަރުކާރުގެ ވުޒާރާއެއްގެ އިސް މަގާމެއް ދިން ވާހަކައެއް މި ފަހަކުން ފެންމަތިވިއެވެ. ކަމުގެ ތެރެއަށް ފީނާލިއިރު، އެއީ ހަމަ އަސްލުވެސް ކަން ހިނގައިގެންއުޅޭ ގޮތެވެ. އެއަށް "ގާބިލުކަން" އަދި "އިލްމީ" ކިޔާނަމަ، ދެން މި ރާއްޖޭގައި ބޮޑު ޚަރަދެއް ކޮށްގެން ކިޔެވުމުގެ ބޭނުމެއް ނެތްތާއެވެ.

މިއީ ރައީސް މުއިއްޒު އެ ވިދާޅުވާ ގާބިލުކަމެއް ނޫނެވެ. އަދި އިލްމެއް ވެސް ނޫނެވެ. މިއަދު ގައުމު އަނދަވަޅަކަށް ވެއްޓުނީ ވެސް، އަދި ކިރުތުނބުން ނުވީއްލޭވަރުގެ، އަދި ޑިޕްލޮމެސީއާ ބީރައްޓެހި ބޭފުޅުންނަށް މަގާމުތަކެއް ދިނުމުންނެވެ. އެ ބޭފުޅުން ދައުލަތުގެ ޚަރަދުގައި މިއަދު މުސާރަ ނަންގަވައިގެން ގޭގައި ތިއްބެވި ނަމަވެސް، އެ މަގާމުތަކަކީ އެ ބޭފުޅުންނަށް ހައްގު މަގާމުތަކެއް ނޫންކަން އެންމެންނަށް ވެސް އެނގެއެވެ. ޚުދު ރައީސް މުއިއްޒުއަށް ވެސް އެކަން އެނގިވަޑައިގަންނަވާނެތާއެވެ.

އެހެން ނަމަވެސް ޕާޓީއަށްޓަކައި، ސަރުކާރު ދެމެހެއްޓުމަށްޓަކައި މިއަދު ފެންނަނީ އަމަލުފުޅާއި ބަސްފުޅު ދިމާނުވާ މަންޒަރެވެ. އަދި ސަރުކާރަށް ދެ މަސް ވެސް ނުވާއިރު، އޭގެ ސަބަބުން ސިޔާސީ މަގާމުތައް ބޮއްސުންލައިފިއެވެ. މިއީ ހިތާމަހުރި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
60%
0%
40%
ކޮމެންޓް
ގުޅުންހުރި