ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 14:39
ޑރ ޕައޮލޯ ތީތޮލޯ؛ ޓޫރިން ސިޓީ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރެއް
ނާރު ބަދަލު ކުރުމުގެ އޮޕަރޭޝަން
ވާގިނެތިފައިވާ މީހުންނަށް މުސްތަޤުބަލެއް ހޯދައިދޭ އައު އޮޕަރޭޝަނެއް!
 
މީގެ 5 މަސްދުވަސް ކުރިން ހިނގި އެ އެކްސިޑެންޓްގައި ގަވީލިއޯގެ ވާތު ފައިގެ ބައެއް ބުރިކޮށްލަން މަޖުބޫރުވި
 
ބްރޭކިއަލް ޕްލެކްސަސްއަށްވެސް ސީރިއަސް އަނިޔާތަކެއްވެ، ދެ އަތުން ކުރެ އަތެއް ގުޑުވާލެވޭ ގޮތްވެސް ނުވި
 
މީ އިންސާނެއްގެ ހަށިގަނޑުގަ، ސައޭޓިކް ނާރުގެ ބައެއް ނަގައިގެން ބްރޭކިއަލް ޕްލެކްސަސް ޓްރާންސްޕްލާންޓް ކުރި ފުރަތަމަ ފަހަރު

ހުރިހާ އެންމެންވެސް ބޭނުންކޮށް އުޅޭ މަގުމައްޗަކީ ކޮންމެ މީހަކަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ތަނަކަށް ހެދުމަށް ކަމާއި ބެހޭ ފަރާތްތަކާއި ޒިންމާދާރު ފަރުދުން އެތައް މަސައްކަތެއް ކުރެއެވެ. ނަމަވެސް ވަކި މީހެއްގެ އިހުމާލުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި މަގުމަތީގައި ހިތާމަވެރި އެކްސިޑެންޓްތައް ހިނގަނީ މަދެއްކޮށެއް ނޫނެވެ. އެކްސިޑެންޓްތަކުގައި ބައެއްގެ ފުރާނަ ގެއްލި ދާ ފަހަރާއި، ޢުމުރުގައި ބާކީ އޮތް ދުވަސްތައް ނުކުޅެދޭ ޙާލުގައި ހޭދަ ކުރަން މަޖުބޫރުވާ ފަހަރު އާދެއެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންވެސް ދަނީ އެފަދަ ޙާލަތްތަކުގައި ބަލި މީހާ އުފުލަން ޖެހޭ ވޭނާއި ތަކުލީފާއި ހިތްދަތިކަން ކުޑަކޮށްދިނުމަށް ކުރެވެން އޮތް ކަމެއް ވިއްޔާ ކޮށްދެމުންނެވެ. އައު ހޯދުންތަކާއި ދިރާސާތައްވެސް ހަދަމުންނެވެ.

މިއީވެސް އެފަދަ ވާހަކައެކެވެ. މަގުމަތީގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ މުހިންމު ގުނަވަންތަކެއް ބޭނުން ނުކުރެވޭ ޙާލަތުގައި އޮތް އިޓަލީވިލާތުގެ މީހެއްގެ ދިރިއުޅުން އަނެއްކާވެސް ހެޔޮ ފާލަކަށް އެޅިދާނެ ކަމުގެ އުންމީދު އައުވި ގޮތުގެ ވާހަކައެވެ. އެކްސިޑެންޓަށް ފަހު އެ މީހާ އޮތީ ވާގިނެތިފައެވެ. ނަމަވެސް، ޑޮކްޓަރުންގެ ޓީމަކުން ކުރި އާދަޔާ ޚިލާފު އޮޕަރޭޝަންއަކަށް ފަހު، އެކަން ބަދަލުވެދާނެ ކަމަށް ވަނީ ބެލެވެން ފަށާފައެވެ.

އެކްސިޑެންޓްގައި އެމީހާގެ ފަޔަށް ލިބުނު އަނިޔާގެ ބޮޑުކަމުން، ފައިގެ ބައެއް ބުރިކޮށްލަން މަޖުބޫރުވިއެވެ. ޓޫރިން ސިޓީ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމުގެ މަސައްކަތުން، އެކްސިޑެން  ޓް ވި މީހާގެ ފައިގެ ބުރިކޮށްލި ބައިން ސައޭޓިކް ނަރވް ނެގިއެވެ. އެ ނާރަކީ ފައިގެ ހަރަކާތް ކޮންޓްރޯލް ކުރާ ނާރެވެ. ފައިގެ ބުރިކޮށްލި ބައިން ނެގި ނާރު ލެއްވީ އެމީހާގެ ބްރޭކިއަލް ޕްލެކްސަސްއަށެވެ. ބްރޭކިއަލް ޕްލެކްސަސްއަކީ ސްޕައިނަލް ކޯޑާއި، ކޮނޑާއި، އަތާއި އަތްތިލަ ގުޅާލަދޭ ނާރުތަކުގެ މައި ނެޓްވޯކްއެވެ. މިއާއެކު އެމީހާގެ އަތުގެ ހަރަކާތް ލިބޭނެ ކަމުގެ އުންމީދު ވަނީ ލިބިފައެވެ.

އޮޕަރޭޝަން ކުރި ޓީމުގެ މެންބަރެއް ކަމަށް ވާ ޑރ ޕައޮލޯ ތީތޮލޯ ފާހަގަ ކުރި ގޮތުގައި، މިއީ މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

މީ އިންސާނެއްގެ ހަށިގަނޑުގަ، ސައޭޓިކް ނާރުގެ ބައެއް ނަގައިގެން ބްރޭކިއަލް ޕްލެކްސަސް ޓްރާންސްޕްލާންޓް ކުރި ފުރަތަމަ ފަހަރު. އަހަރެމެންނަށް ހީ ވަނީ މިކަން ކާމިޔާބު ވެއްޖެއްޔާ، މި އޮޕަރޭޝަނަކީ ވަރަށް ކުރިއަރާ ދާނެ އޮޕަރޭޝަނެއްހެން. މި އޮޕަރޭޝަން ކާމިޔާބު ވެއްޖެއްޔާ، އޭގެ މާނައަކީ ސިކުނޑީގެ ޕްލާސްޓިސިޓީއިން، އަހަރެމެން ހީވެސް ނުކުރާ، ހަށިގަނޑުގެ އެހެން ސަރަޙައްދުތައްވެސް ކޮންޓްރޯލް ކޮށްލެވޭނެއޭ. ހަމަ އެއާ އެކީގަ، ނާރުތަކުގެ ނިޒާމުގެ ރޮނގުން ދިރާސާ ކުރާނެ އިތުރު ދޮރެއް ހުޅުވިގެން މި ދިޔައީ.
ޑރ ޕައޮލޯ ތީތޮލޯ؛ ޓޫރިން ސިޓީ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރެއް

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ، ޢުމުރުން 55 އަހަރުގެ މާރްޗެއްލޯ ގަވީލިއޯ އެކްސިޑެންޓްވީ އޭނާގެ މޯޕީޑްގައި އޮފީހަށް ދިޔަ މަގުމަތީގައި، ސައިކަލަކުން ޖެހިފައެވެ. މީގެ 5 މަސްދުވަސް ކުރިން ހިނގި އެ އެކްސިޑެންޓްގައި ގަވީލިއޯގެ ވާތު ފައިގެ ބައެއް ބުރިކޮށްލަން މަޖުބޫރުވިއެވެ. ބްރޭކިއަލް ޕްލެކްސަސްއަށްވެސް ސީރިއަސް އަނިޔާތަކެއްވެ، ދެ އަތުން ކުރެ އަތެއް ގުޑުވާލެވޭ ގޮތްވެސް ނުވިއެވެ.

ގަވީލިއޯގެ ފައިން ބުރިކޮށްލި ބައިގެ ސައޭޓިކް ނަރވްގެ ބޭނުމެއް ނޯންނާނެތީ، ބްރޭކިއަލް ޕްލެކްސަސްއަށް އެ ނާރު ޓްރާންސްޕްލާންޓް ކުރުމުގެ ފުރުޞަތު އޮތުމުން، ޑޮކްޓަރުންގެ ޓީމުން އެ އޮޕަރޭޝަން ކުރީ ޑިސެމްބަރ 21 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންއާއެކު ގަވީލިއޯގެ ކޮންމެވެސް އެއް އަތެއްގައި ވާގި ޖެހިގެން ދާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް އެކަން ކަށަވަރު ކުރުމުގެ ކުރިން، އެންމެ މަދުވެގެން 5 މަސް ދުވަސް ވަންދެން ގަވީލިއޯއަށް އިތުރު ފަރުވާތަކެއް ދޭން ޖެހެއެވެ. އެއީ އޮޕަރޭޝަންއަށް ފަހު އޭނާއަށް ކޮންމެހެން ބޭނުންވާ ފަރުވާއެކެވެ. މި ވަގުތު އަދި ގަވީލިއޯއަށް އެއްވެސް އަތެއް ހަރަކާތްކޮށްނުލެވެއެވެ.

ނާރު ބަދަލު ކުރުމުގެ އޮޕަރޭޝަންއަކީ ޞިއްޙީ ދާއިރާގެ ތާރީޚަށް ބަލާ އިރު އައު ކަމެއް ނޫނެވެ. ނަމަވެސް ފައި ކޮންޓްރޯލް ކުރާ ނާރު ނަގައިގެން، އަތް ކޮންޓްރޯލް ކުރާ ނާރަށް ބަދަލު ކުރުމުގެ އޮޕަރޭޝަންއެއް މީގެ ކުރިން ކޮށްފައި ވާ ކަމުގެ ރެކޯޑެއް ނެތެވެ.

އަހަންނަށް މިކަން އެނގުނީ އެކުވެރިންނާއި، ދަރިންނާއި އަނބިމީހާއާއި ދެންވެސް ކައިރީގަ އުޅުނު މީހުންގެ ފަރާތުން. އެމީހުންނަށް އަހަންނަށް ފުރުޞަތު އެބަ އޮތޭ. މިކަމުން ފައިދާއެއް ވެދާނޭ ބުނީ. ހަމަ އެކަނި އަހަންނަކަށް ނޫން، އެންމެންނަށްވެސް މުސްތަޤުބަލެއް ހޯދައިދޭނެ ކަމެކޭ މީ ބުނީ. މީ ކޮންމެހެންވެސް އަތުލައިގަންނަން ޖެހޭ ފުރުޞަތެއް. ނަގައި ނުލާ، ދޫކޮށްލައިގެން ނުވާނެ ފުރުޞަތެއް މީ. ހިތުގަ އުފެދުނު ބިރު، ކޮންމެވެސް ވަރަކަށް އަހަރެންގެ ސިކުނޑިއާ ކުޅެލި. އެކަމަކު، އެހެން މީހުން ބުނާ އެއްޗެއްވެސް އަޑު އަހަން ވާނެތާދޯ... ރަނގަޅު ގޮތް އެނގޭ ހަމަ އެކަނި ބަޔަކީ އަހަރެމެންނޭވެސް ބުނާކަށް ނުވާނެއްނު. ހުރިހާ އެންމެންގެ ވާހަކަތައްވެސް އަޑު އަހާފަ ގޮތެއް ނިންމަންވާނީ.
މާރްޗެއްލޯ ގަވީލިއޯ؛ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހެއް

ޑޮކްޓަރުން އަމާޒު ހިފާފައި ވަނީ ގަވީލިއޯގެ އަތް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރެވޭ ވަރު ކުރުމަށެވެ. އެގޮތުން އެއްޗެހީގައި ހިފާ ހެދުން ކަހަލަ ކަންކަން ކޮށް އުޅެލެވޭ ވަރު ކުރުމަކީ މިވަގުތުގެ އަމާޒެވެ. އޭރުން ދެން އޮތް އަތުގެ ހަރަކާތްތައް ގެންނަން އެހީވެދޭނެ ކަމަށް ބެލެވެއެވެ.

ގަވީލިއޯ ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގައި ހެދި ސަރޖަރީއަކީ އަލަށް ކުރާ ކަމަކަށް ވީ ނަމަވެސް، އެކަމާ އޭނާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ލިބުނީ ފުރުޞަތެއް ކަމުގައި ދެކި، އެކަމުގެ ފައިދާ ހޯދުންވީ އޭނާގެ ނިޔަތަށް ކަމަށްވެސް ގަވީލިއޯ ބުންޏެވެ.

ގަވީލިއޯ ކުރި އޮޕަރޭޝަންއަކީ 4 އަހަރު ދުވަސް ވަންދެން ބަޔަކު ކުރި ބުރަ ދިރާސާއެއްގެ ނަތީޖާއެވެ. އެ ދިރާސާގެ ހޯދުންތައް ޝާޢިއު ކޮށްފައި ވަނީ ބޭސްވެރިކަމުގެ ދިރާސާތައް ޝާޢިއު ކުރާ ޖާނަލްއެއް ކަމަށް ވާ 'އިންޖަރީ' ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
50%
0%
0%
0%
ކޮމެންޓް