Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނައިބު ރައީސްގެ އިނގިރޭސި ތަގުރީރު

ނައިބު ރައީސްގެ އިނގިރޭސި ތަގުރީރު: ޤައުމުގެ ބޮޑު ޖޯކަށް!

ނައިބު ރައީސްގެ ސްޕީޗުން ބައެއް ވަނީ އުނިކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 14:01
 ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ބައެއް މީހުން ފާޑުކިޔަނީ ބަލައިގެން އެއްޗެއް ކިޔާއިރުވެސް ނުފަރިތަކަމުންނެވެ. އަނެއްބައި މީހުން ބުނީ ބަސްތައް ކިޔާގޮތުން ކިޔާނުކިޔާ ސާފު ނުވާކަމަށެވެ. އަނެއްބައި މީހުން ބުނީ ކުޑަކުއްޖަކު ވެސް އެއަށް ވުރެ ރަނގަޅަށް ވާހަކަދައްކާނެ ކަމަށެވެ. ބައެއް މީހުން ބުނީ އެސެމްބްލީގައި ހުރެ ސްކޫލް ދައުރުގައި ޅަ ދުވަސްވަރު ސްޕީޗް ދިން ހަނދާން އާވާކަމަށެވެ. މިކަހަލަ ތަފާތު ތަފާތު އެތައް ވާހަކައެވެ.

މިއީ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މަތީފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ކުރެއްވި ތަގުރީރަށް އާއްމުން އަމާޒުކުރި ފާޑުކިޔުންތަކެވެ. އާއްމުންގެ ކަންބޮޑުވުމަކީ ރާއްޖެ ތަމްސީލްކުރަން އެންމެ މަތީފަންތީގައި ދިޔަ އިރު ފެންވަރު ދަށް ސްޕީޗެއް ދިނުމެވެ. އަދި "ކޮށާބޮށާ" ސްޕީޗް ދޭ އުސޫލަކީ ރާއްޖެ މުޅި ދުނިޔޭގެ ކުރިމަތީގައި ތަމްސީލުކުރަންވީ ގޮތްތޯވެސް އާއްމުން ސުވާލު އުފެއްދިއެވެ. މީސްމީޑިއާގައި އާއްމުން ހިއްސާކުރި ޚިޔާލުން އާއްމުންގެ ނުތަނަވަސްކަން ސާފެވެ. ނައިބު ރައީސްގެ އިނގިރޭސި ސްޕީޗް ބޮޑު ޖޯކަކަށް ވެއްޖެއެވެ.

ޤައުމުގެ މޫނުމަތިކަމުގައި މުޅި ދުނިޔެ އަށް ފެނުނު ސްޕީޗްގެ ފެންވަރު ފެނި ސަހަރޯ ހީވާވަރުވެއެވެ. ފާޑު ނުކިޔާވަރެއް ނޫނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކުރި އިރު ކޮންމެވެސް ސްޓޭންޑަރޑެއް ހުންނަންވާނެތާއެވެ. ނައިބު ރައީސްގެ ސްޕީޗަށް އާއްމުންގެ ފާޑުކިޔުންތައް ބަންޑުންކޮށްލީ އިނގިރޭސި ބަހުން ސާފުކޮށް ވާހަކަ ނުދެއްކުމުންނޭ މުޅިއަކުން ބުނެވޭކަށް ނެތެވެ. ކުށް މައުލޫމާތުތައް ކިޔުމުން އެކަން ރަނގަޅުކޮށްފައެއް ނުވެއެވެ. ފަހަރުގައި ނައިބު ރައީސަށް އެކަން ފާހަގަވެސް ނުވީތޯއްޗެކެވެ. ގްރެމަރ އާއި ޓެންސްގެ ވާހަކަދައްކާކަށް ނެތީމެވެ. ކޮންމެއަކަސް އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ތަގްރީރުން ބައެއް އުނިކުރުމަށް ފަހު ރައީސް އޮފީހުން އާއްމުކޮށްފިއެވެ. އެކަމަކު މިއީ މިހެން ކަންކަން ކުރީމަ އާއްމުންނަށް އެކަން ރޭކާ ނުލާކަހަލަ ޒަމާނެއް ނޫނެއް ނޫންތޯއެވެ.

ސިޔާސީ މީހުން އާއްމުން ތަމްސީލްކުރާ އިރު އާއްމުންނަށް ޖޯކަކަށް ވާވަރުވީމަ އާއްމުން ފާޑުކިޔާނެއެވެ. އަދި އަމުދުން މިވެރިންނަކީ މީގެ ކުރީ ސަރުކާރުގައި މިފަދަ ކަންކަމަށް އެންމެ ހަޖޫޖެހިމީހުންނެވެ. އަމުދުން ބޮޑު ސިންގާ ޕްލެޓްފޯމެއްގައި ރާއްޖެ ފަޟީހަތްވެ ޖޯކަކަށްވީމަ ދެން ބަސް ނުބުނެ، ހަމަ ތިބެންވީތޯއެވެ؟ އެހެނެއް އެކަމެއް ނުވާނެއެވެ. އާއްމުން ފާޑުވެސް ކިޔާނެއެވެ.

ސްޕީޗަށް ވުރެ ބޮޑު ޖޯކަކަށް ވީ އެ ސްޕީޗުން ބައެއް އުނިކުރުމެވެ. މި ތަގްރީރަކީ ޔޫއެން އިން ލައިވްކުރި ތަގުރީރެއް ކަމަށް ވުމާއި އެކު އިސާހިތަކު ރައީސް އޮފީހުގެ އުކުޅުވެސް ހިފައިފިއެވެ. އެ ތަގުރީރުގެ ވީޑިއޯގެ މައުލޫމާތު ހިމެނޭ ޓްވީޓެއް ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ހިއްސާކުރުމަށް ފަހު އެ ޓްވީޓް ޑިލީޓްކޮށްލުމަކީ ރައީސް އޮފީހުން ކުރާ ޒާތަށް ވުރެ "ކުޅޭކުޅޭ" ކަމެއް ކަމަށް ބުނި މީހުން ވެސް އެހާ ގިނައެވެ. އަދި އެއީ ރައްޔިތުން ރައީސް އޮފީހުގެ އިތުބާރާއި މެދު ސުވާލު އުފައްދާނެ ކަމެއް ކަމަށް ބުނެ ރައީސް އޮފީހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ގައުމުތަކުގެ ވެރިން ވާހަކަދައްކަވާ އިރު ކޮންމެހެން އިނގިރޭސިބަހުން ވާހަކަދެއްކުން ލާޒިމެއް ނޫނެވެ. އެވަރަށް ފަރިތަކަމާއި އެކު ވާހަކަ ނުދެއްކޭ ނަމަ ދިވެހި ބަހުން ވާހަކަދައްކަވަންވީނޫންތޯއެވެ؟ އަމުދުން ޤައުމިއްޔަތާއި ހުއްބުލްވަތަންގެ ވާހަކަ ދެއިރު ދެ ދަޅައަށް ދައްކަވާ ބަޔަކު އެކަން އެހެން ކުރި ނަމަ މިކަހަލަ ލަދެއްގައި ބެދޭކަށް ނުޖެހުނީސްތޯއްޗެކެވެ. ލަދުގަންނަނީ އިނގިރޭސިބަހަށް ކޮށިވުމަކުން ނޫނެވެ. ލަދުގަންނަނީ އާއްމުންނަށް އޮޅުވާލަން އުޅޭތީއެވެ. ޓެކްނޮލޮޖީ އާއި ހާމަކަމުގެ މި ޒަމާނުގައި ވެސް ތިމާމެން ހާވާ ހަޑި ތިމާމެންނަށް ދައްކަން ނުކެރިގެން ތިމާމެން އެކަން ފޮރުވަން އުޅޭތީއެވެ.

ޔޫއެން އިން ލައިވްކުރި ތަގުރީރު:https://webtv.un.org/en/asset/k10/k10a0ok7jz

ފަހުން އެއްބައި އުނިކުރުމަށް ފަހު ރައީސް އޮފީހުން ހިއްސާކުރި ތަގްރީރު:https://www.youtube.com/watch?v=COGr1Sr6gZU

އިތުރަށް ކިޔާލަން

15 ޖުލައި 2018

ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!

15 ޖުލައި 2018
ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
11 ޖޫން 2018

ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!

11 ޖޫން 2018
ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!
01 މާރިޗު 2018

ޤައުމާއި ނުކުޅޭށޭ ބުނާއިރު، ޤައުމުގެ އަގު ވެއްޓުމުގެ އެންމެ ކުރީގައިވެސް ސަރުކާރު!

01 މާރިޗު 2018
ޤައުމާއި ނުކުޅޭށޭ ބުނާއިރު، ޤައުމުގެ އަގު ވެއްޓުމުގެ އެންމެ ކުރީގައިވެސް ސަރުކާރު!
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު