ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 20:52
ފްރީ ޑެލިވެރީ
ފްރީ ޑެލިވެރީ
ޓްވިޓަރ
ފްރީ ޑެލިވަރީ ފިލްމް
ފްރީ ޑެލިވަރީ - ހުނުމާއި، ސަމާސާގެ ތެރެއިން އައި "ޓްވިސްޓް"އިން މުޅި ތިއޭޓަރު ސިއްސުވާލައިފި
 
ކުރިއަށް އޮތީ ފިލްމްގެ ވަދާއީ ޝޯތައް
 
7242555ށް ގުޅާލައިގެން ޓިކެޓް ބުކްކުރެއްވޭނެ
 
ފިލްމްގެ ވާހަކަ ވަރަށް ފުރިހަމަ

ދައްކަން މިއުޅެނީ މިހާރު ދިވެހިންގެ މެދުގައި އެ ފިލްމެއްގެ ވާހަކަ ބާރަށް ދެކެވެމުންދާ "ފްރީ ޑެލިވަރީ"ގެ ވާހަކައެވެ. މިހާރު ޓިކްޓޮކަށް ވަނަސް ނުވަތަ ފޭސްބުކަށް ވަނަސް ފެންނަނީ ހަމަ މި ފިލްމުގެ ވާހަކައެވެ. ޓިކްޓޮކުންވެސް މި ފިލްމުގެ ލަވަތައް ނުފެންނަ ދުވަހެއް ނުދެއެވެ. ފްރީ ޑެލިވަރީ ފިލްމުން ގިނައިން ފެނުނީ ގަޔާވާ ކަންތައްތަކެވެ. ފިލްމަކީ ޓިޕިކަލް ކޮމެޑީއެއް ކަމަށް ހީކޮށް، ޝޯއަށް ދާނަމަ އެކަން ވެެގެންދާނީ ކުށްހީއަކަށެވެ. މިހެން ބުނާ ސަބަބަކީ ކޮބައިބާވައޭ ހިތަށް އަރާފާނެއެވެ.

ފިލްމުގެ ވާހަކަ ފަށަންވީ ކިހާހިސާބަކުން ބާވައޭ ހިތަށް އަރައެވެ. "ފްރީ ޑެލިވަރީ"ގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި)ގެ ކުޅަދާނަ ލިޔުމުގެ ވާހަކައިން ފަށަންވީބާވައެވެ. ނޫނީ، ފިލްމްގެ މެއިން ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ މައީޝާ އާދަމް (ތާތި)އާއި ރައުފަތު ސާދިގު އަދި އާއިޝާ އަލީގެ ފުރިހަމަ އެކްޓިންގެ ވާހަކައިން ފަށަންވީބާވައޭ ހިތަށް އަރައެވެ. ފިލްމްގެ ޓެކްނިކަލް ވާހަކަ ވަރަށް ގިނަ ގޮތް ގޮތުން މީހުން ދައްކައިފިއެވެ.

ފްރީ ޑެލިވަރީ

އަޅުގަނޑުގެ ވާހަކަ މި ފިލްމާމެދު ވީހާވެސް ސާދާކޮށް ގެންގުޅެވޭތޯ ބަލާނަމެވެ. އަޅުގަނޑަށް ފެނުނުގޮތުގައި ފިލްމުގެ ވާހަކައަކީ ވަށާޖެހޭ ގޮތަށް ލިޔެފައިވާ މޮޅު ވާހަކައެވެ. ކޮންމެ ކެރެކްޓަރަކަށްވެސް އެ ކެރެކްޓަރެއްގެ ފުރިހަމަ ސިފަ އިއްލިގެ ލިޔުމުން ވަނީ ގެނެސްދީފައެވެ. މިފަހަރުވެސް އިއްލި ތަފާތު ދައްކުވައިދިފިއެވެ، މެއިން ކެރެކްޓަރުންގެ ވާހަކައިގެން ފެށިގެން ސައިޑް ކެރެކްޓަރުންނާ ހަމައަށްވެސް އެކަން އޮތީ ހަމަ އެހެންނެވެ. ޑައިލޮގުތައް ސާދާވެފައި ފުރިހަމައެވެ. އަދި ސީންތައް ގުޅުވާލުމުގައިވެސް ވަރަށް ފުރިހަަމައެވެ.

ފިލްމްގެ އެކްޓިންގެ ވާހަކައަށް ބަލާއިރު، އެންމެ ބޮޑަށް ފާހަަކުރެވުނު ކަމަކީ ފިލްމްގެ ޑައިލޮގު ޑެލިވަރީއެވެ. ތާތިއާއި ރައުފަތު، އައިޝާ އަދި އެހެނިހެން ކާސްޓުންގެ ވެސް ޑައިލޮގް ޑެލިވަރީގައި ހުރީ ވަރަށް ނެޗުރަލް ގޮތެކެވެ. އާއްމުކޮށް ދިވެހި ފިލްމްތަކުގައި ފާހަގަކުރެވޭ އެއް މައްސަލައަކީ ބަލައިގެން އެއްޗެއް ކިޔާގޮތަށް ޑައިލޮގްތައް ކިޔާފައިހުރުމެވެ. އެކަމަކު މި ފިލްމުގެ ވާހަކަ ތަފާތެވެ.

ފިލްމު ބަލާހިތުން ބެލުނު އެއް ސަބަބަކީ އެއީއެވެ. ފިލްމްގައި ފެނުނު އެކްޓު ހަމަ މޮޅީއެވެ. ފަންނާނުންގެ މޫނުމަތީގެ ހަރަކާތްތަކާއި ފިލްމްގެ ކެރެކްޓަރުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ދާންދެން އަތުރާލެވިފައި ހުރީ، ފިލްމުގެ މޫޑު އާއްމުންނާ ހަމައަށް ގެނެސްދޭފަދަ ގޮތަކަށެވެ. އަދި ކުދި ރޯލުތަކުން ފެނުނުނަމަވެސް، ފިލްމުގެ ސައިޑް ކެރެކްޓަރުންގެ ދައުރުވެސް ފިލްމަށް ވަރަށް މުހިންމެވެ. އޭގެތެރޭގައި އިފްނާޒް ފިރާގުގެ އެކްޓިންއާއި ސްކްރީން ޕްރެޒެންސް ފާހަގަކޮށްލެވުނެވެ. ފިލްމުން ފެނިގެންދާ ގިނަ މޫނުތަކަކީ ކޮންމެވެސް ވަރަކަށް ފިލްމީ ދާއިރާއިން ފެންނަމުންދާ މޫނުތަކެެކެވެ. ކޮންމެ މީހަކުވެސް އެ މީހެއްގެ ކެރެކްޓަރަށް މަސައްކަތްކޮށްފައި ހުރިކަމުގެ އިހުސާސްކުރެވުނެވެ. އޯޑިއަންސާ ފިލްމު ކަނެކްޓުވިއެވެ.

ކުޅަދާނަ ޒުވާން ގިނަ ފަންނާނުންތަކެއް ފެނިގެންދާ މި ފިލްމުގައި ދައްކުވައިދީފައިވަނީ ކެފޭއެއްގައި މަސައްކަތްކުރާ ތިން މީހުންގެ ވާހަކައެވެ. ފިލްމުގެ ވާހަކައިގެ ވާހަކައިގެ މާބޮޑު ތަފްސީލެއް ނުދޭނަމެވެ. އެއީ މި ފިލްމުގެ ފުރިހަމަ ޓްވިސްޓް ތަޖުރިބާކޮށްލެވޭނީ ފިލްމާމެދު އެނގޭ މައުލޫމާތު ނެތި ފިލްމު ބަލައިލުމުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީއެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭއަހުމަދު ޝާރިފާއިވާޝިޔާ މުހައްމަދު މި ފިލްމުގައި ކުޅެފައިވާ ރޯލަކީ، އެ ދެ ތަރިން ފިލްމީ ދާއިރާގައި ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަ ކަމެކެވެ. ފިލްމުގެ ކޮންޓިނިއުޓީ ހިފަހައްޓަން ޕްރޮޑަކްޝަނުން ކޮށްފައިވާ މަސައްކަތް، ފިލްމް ބަލައިލުމުން ފާހަގަކުރެވުނެވެ.

ފްރީ ޑެލިވަރީ

ފިލްމުގެ ޑައިލޮގު ލިޔެފައިވާ ގޮތާއި ޑައިލޮގުގެ ޑެލިވަރީގެ ތެރެއިން ހެއްވާ މަޖާ އެތައް ސީނެއް ފެނިގެން ދެއެވެ. އެހެންނަމަވެސް އެ ސަމާސާއާއި ހުނުމުގެ ތެރެއިން، މުޖުތަމައުގައި ހުރި ވަރަށް ސީރިއަސް މައްސަލަތަކަށް އަލިއަޅުވާލާފައި ވާ ގޮތް އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. ފިލްމަކީ ޑާކް ކޮމެޑީއެއް ކަމަށް ވީނަމަވެސް، އިޖުތިމާއީ ރަނގަޅު މެސެޖުތަކެއް ފިލްމްގެ އެކި ހިސާބުތަކުން ފެނިގެން ދިޔައެވެ.

މުޅި ފިލްމުން، މުޖުތަމައުގައި ހުރި ނުރަނގަޅު ކަންކަމާއި މަސައްކަތްކުރާ މާހައުލުގައި ދިމާވާ ގޮންޖެހުތައްވެސް ފެނިގެން ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކުން ފިލްމްގެ މަޖާކަން ގެއްލިގެންނެއް ނުދެއެވެ. ފިލްމުގައި ގެންގުޅެފައިވާ ބެލެންސް ވަރަށް ފުރިހަމައެވެ. 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ޖޯކުތައް ނުސީދާކޮށް ކިޔައިއުޅޭ މި ފިލްމުގެ ޓްވިސްޓަކީ ސިއްސުވާލާ ފަދަ ޓްވިސްޓެކެވެ. މުޅި އޯޑިއަންސް އިރުކޮޅަކަށް ހުއްޓުންއެރިއެވެ. ފިލްމު ތިއޭޓަރު އިރުކޮޅަކަށް ހިމޭންކޮށްލިއެވެ. އެންމެންވެސް ތިބީ ހައިރާންވެފައެވެ. ތަފާތު ފިލްމެއް ބަލައިލަން ބޭނުންވާ ފަރާތްތަކަށް މި ފިލްމު ވަރަށް ކަމުދާނެއެވެ. ފިލްމުން ހީނުކުރާ ކަހަލަ ކުދިކުދި ޓްވިސްޓްތައްވެސް ފެނުނެވެ. އެއީވެސް ފިލްމު އިތުރަށް ފުރިހަމަވި ސަބަބެކެވެ. ފިލްމްގެ ލައިޓިންއާއި، ފިލްމް ޝޫޓްކޮށް އެޑިޓްކޮށްފައިވާ ގޮތާއި، މިއުޒިކުން ފިލްމު އިތުރަށް މަޖާކޮށްދީ ފުރިހަމަކޮށްދެއެވެ.

ދެން އޮތީ ރަނގަޅުކޮށްލަންވާ ކަންކަމުގެ ވާހަކައެވެ. ފިލްމުގެ ނިމޭކޮޅުގެ ސީންތައް ދިގުލައިގެން ދިޔަކަން ފާހަގަކުރެވުނެވެ. އަދި ލަވަތަކުގެ މަންޒަރުތައް ރީތިވެފައި ފުރިހަމަވިނަމަވެސް ލަވައިގެ ޅެމާއި ރާގު އެއަށްވުރެ ފުރިހަމަވެދާނެ ކަަމަށް ގަބޫލުކުރެވުނެވެ. ޖުމްލަކޮށް ބަލާއިރު މި ފިލްމަކީ ބަލާނުލައި ދޫކޮށްލާވަރުގެ ފިލްމެއް ނޫނެވެ. ޚާއްސަކޮށް ރަނގަޅު ދިވެހި ފިލްމްތައް ނުފެންނަކަމަށް ބުނާ މީހުންނަށް، މި ފިލްމް ބަލައިލުމަކީ އެ ޚިޔާލު ބަދަލުކޮށްލަން ލިބޭނެ ފުރުސަތަކަށް ވާނެއެވެ. ކުރިއަށް އޮތީ ފިލްމުގެ ވަދާއީ ޝޯތަކެވެ. 7242555ށް ގުޅާލައިގެން އަވަހަށް ޓިކެޓް ބުކްކުރައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް