ގދ.ތިނަދޫއަކީ ސިޓީއެއް ކަމަށް ބަލައިގަތުމަށް މި ސަރުކާރުން ދެކޮޅު ހަދައިފި
24 ނޮވެމްބަރު 2023 | ހުކުރު 08:59ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ބައެއް މާއްދާތައް މަދު ކަމަށް ބުނެފައިވޭ


ގދ. ތިނަދޫ
ގދ.ތިނަދޫއަކީ ސިޓީއެއް ކަމަށް ބަލައިގަތުމަށް މި ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އއ.އުކުޅަހުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގދ.ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައަޅުއްވައި އެކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ބައެއް މާއްދާތައް މަދު ކަމަށް ބުނެ، ސިޓީއެއް ގޮތަށް ބަލައި ނުގަންނާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތިނަދޫ ކައުންސިލަށް އަންގާފައިވާ ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ.
މެންބަރު ނިޔާޒު ވިދާޅުވީ ތިނަދޫއަކީ ސިޓީއެއްކަމަށް ކަނޑައަޅައި ނެރުނު ގަރާރު ބަދަލު ނުކުރެވޭނެ ކަމަށާއި، ބަދަލު ކުރެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސް ސާލިހު ކަނޑައަޅުއްވާފައިވަނީ ވެސް ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ.
މެންބަރު ނިޔާޒު ވިދާޅުވީ މި މައްސަލަ ރައްޔިތުން މަޖިލީހުގެ ކޮމިޓީން ބަލާނެ ކަމަށާއި، މިކަމާއި ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ.
ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.






