ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 08:32
ހުޅުމާލޭގައި ހިނގި އެކްސިޓެންޓް
ހުޅުމާލޭގައި ހިނގި އެކްސިޓެންޓް
ރާއްޖެއެމްވީ
ހުޅުމާލެގައި ހިނގި އެކްސިޑެންޓް
އެކްސިޑެންޓްވި ދެމަފިރިން ބޮޑެތި ޒަޚަމްތަކާއެކު އޭޑީކޭގައި، ނިކަމެތި ޢާއިލާއަކަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް
 
މިއީ ހުޅުމާލޭގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް 3 ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް
 
މި އެކްސިޑެންޓުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސައިކަލެއްގައި ދިޔަ ދެމަފިރިއަކަށް
 
ދެމަފިރިންގެ ތެރެއިން އަންހެންމީހާ އޮތީ އައިސީޔޫގައި އަދި ފިރިހެންމީހާ އޮތީ އެޗްޑީޔޫގައި

ހޯމަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ޢައިޝަތުމަނިކުފާނާއި އޭނާގެ ފިރިމީހާ އިސްމާޢީލު ވަޙީދު ހުޅުމާލެއަށް މިސްރާބުޖެހީ ޢާއިލީ ބައްދަލުވުމަކަށް ދިއުމަށްޓަކައެވެ.

އަމިއްލަ ފަރާތެއްގެ ވޯކްޝޮޕެއްގައި ވަޒީފާއަދާކުރުމަށްފަހު އިސްމާޢީލު އޭނާގެ އަނބިމީހާއާއެކު އާދައިގެ މަޑު ދުވެއްޔެއްގައި ސެންޓްރަލް ޕާކުގެ އަރިމަތީ އޮތް ފުޅާ މަގުގެ ގަވާއިދުފަޅީގައި އޮތް ލޭނުން ދުއްވަމުން ދިޔައީ ފަހަރެއްގައި ވެސް ފުރާނައާއި ހަނގުރާމަ ކުރަން ޖެހިދާނެ ފަދަ ޙާލަތެއް މެދުވެރިވެދާނެ ކަމަކަށް ނޫނެވެ. އިސްމާޢީލަކީ އަބަދުވެސް މަގުމަތީގެ ގަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަމުން މެދުމިނެއްގައި ސައިކަލް ދުއްވާ މީހެއްކަން ފާހަގަކުރެވެއެވެ. އެދެމަފިރިންގެ ދަތުރުގެ މެދާހަމައިން ކުއްލިއަކަށް އިވުނު އަޑުފައްގަނޑަކާއެކު ވީނުވީއެއް ނޭނގުނެވެ. ދެމަފިރިންނަށް ހޭވެރިކަން ވީއިރު ހުޅުމާލެ ހޮސްޕިޓަލުގެ އެމެޖެންސީގައި ފަރުވާދެނީއެވެ.

ހުޅުމާލޭގައި ހިނގި އެކްސިޓެންޓް -

މި އެކްސިޑެންޓްގެ އިތުރު ތަފްސީލް ދެމުން ފުލުހުން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ހޯމަދުވަހުގެރޭ 19:42 ގައި އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލްގައި ތިބި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ހަމައެރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އަނިޔާވިދެމީހުންނަށް ފަރުވާ ދެމުން އަންނައިރު، އެތަނުން އަންހެނަކާއި، ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުން އަންގާރަދުވަހު ބުންޏެވެ. މި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލުތަކަށް ވެސް ގެއްލުންވެފައިވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

މި އެކްސިޑެންޓްގައި ޙާލުބޮޑުވެގެން ފަރުވާ ހޯދަމުން އަންނަނީ އިސްމާޢީލުގެ ދެމަފިރިންނަށެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި މި ދެމަފިރިންގެ ފަރުވާ ކުރިއަށްގެންގޮސް ޓެސްޓު ހަދައި އެކްސްރޭ ނަގައި ލޭމަނާކޮށް ޕްލާސްޓަރ އެޅުމަށްފަހުވެސް ބޮލަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ޑޮކްޓަރުންގެ އިރުޝާދާއެކު ޢާއިލާއިން އެދުނީ އެދެމީހުން އޭޑީކޭއަށް ފަރުވާ ބަދަލުކުރުމަށެވެ.

އޭޑީކޭގެ އައިސީޔޫގައި ޢާއިޝަތަށް ފަރުވާދެމުން އަންނަ އިރު އިސްމާޢީލުގެ ފަރުވާ ކުރިއަށްދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި ކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ.

މި ޙާދިސާ ހިނގި މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ 3 ސައިކަލެއްގައި ޖެހިގެންނެވެ. ދައުރު ވަމުންދާ ފޮޓޯއިން ފެންނަ ގޮތުން ކާރު އެކްސިޑެންޓް ވެފައި ވަނީވެސް ނުގަވައިދު ފަޅިން ޕޭވްމަންޓާއި ދާދި ގާތުންނެވެ.

ހުޅުމާލޭގައި ހިނގި އެކްސިޓެންޓުގައި ސައިކަލްތަކުގައި ޖެހުނު ކާރު - ރާއްޖެއެމްވީ

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ  އެކްސިޑެންޓަށްފަހު ޢައިޝަތު މަނިކުފާނާއި އިސްމާޢީލު ވަޙީދު މަގުމައްޗަށް ވެއްޓިފައި އޮތް ތަން ފެނެއެވެ. އެ ވީޑިއޯ އިން ފެންނަގޮތުން އެކްސިޑެންޓްވި އެއް ސައިކަލު އޮތީ ކާރުގެ ދަށުގައެވެ. އަދި އިސްލާޢީލު ސްޓްރެޗާ އަށް އަރުވައިގެން އެންބިއުލާންސްގައި ގެންދާ މަންޒަރު ފެންނަ އިރު، ދެން ތިބި މީހުން ބަލާ އެހެން އެމްބިއުލާންސެއް އައިސް އޮތް ތަން ފެނެއެވެ.

މީގެއިތުރުން ޢައިޝަތުގެ ބޮލުން ލޭ ފައިބަމުންދާތީ އޭނާގެ ބޮލުގައި ފޮތިގަނޑެއް އޮޅައިގެން ލޭމަނާކުރެވޭތޯ އުޅުނު މަންޒަރު ފެނެއެވެ. އެސަރަޙައްދުގައި ގިނަ ޢަދަދެއްގެ ލޭ ހުރިކަމަށް މަންޒަރު ދުށްމީހުން ކިޔައިދިނެވެ.

އިސްމާޢީލުގެ އަނގަމައްޗާއި ލޮލާއި ބޯވަނީ ފަޅައިގެން ގޮސް ޒަޚަމްވެފައި. ވައަށްފަރާތު ފައިގެ ސާޖަރީއެއް ހެދުމަށް މިއަދު ހަވީރު ވެއްދިގޮތަށް ތިއޭޓަރުން ނެރުނީ ރޭގަނޑު 9 ޖެހިއިރު.  އިސްމާޢީލުގެ އަތާއި ފައިގެ 3 ތަނެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ގުނަވަންތަކަށް ލިބިފައިވޭ.
އިސްމާޢީލުގެ އާއިލާ މީހަކު

އެފަރާތުން ބުނީ އިސްލާޢީލުގެ އިތުރު އޮޕަރޭޝަނެއް އަދިވެސް ކުރަން ޖެހިފައިވާކަމަށެވެ.

މިޙާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އާއިޝަތު މަނިކުފާނަށެވެ. އޭނާ އަށް މިވަގުތުވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު ޑޮކްޓަރުންނާއި ޙަވާލާދީ ޢާއިލާއިން ބުނީ ޢައިޝަތުގެ ބޮލަށާއި އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ.

މި ދެމަފިރިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭޑީކޭއިން ފަރުވާ ހޯދަމުން އަންނަ އިރު އެޢާއިލާއަށް ވަނީ އާސަންދައިން ކަވަރުނުކުރާ ގިނަ ބިލްތަކަކާއެކު މާލީ ނުތަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެދެމަފިރިންނާއި ޢާއިލާގެ ޚަރަދު ބަލަހައްޓަމުން އައީ މިހާތަނަށްވެސް އިސްމާޢީލު އަދާކުރާ ވަޒީފާއިން ލިބޭ އާމްދަނީން ކަމަށްވެފައި ކުށެއްނެތި އޭނާއަށް މިލިބުނު އަނިޔާގެ ސަބަބުން އާމްދަނީގެ ދޮރުވެސް އެވަނީ ބަންދުވެ، އަލުން ދުޅަހެޔޮ ސިއްޙަތެއް ލިބުމާމެދުވެސް އުއްމީދު ކުޑަވެފައެވެ.

ބާރަށް ދުއްވުމާއި މަގުމަތީގެ ޤަވާޢިދަށް ބޯނުލެނބުމުގެ ސަބަބުން މަގުމަތީގައި ހިނގާ މިފަދަ އެކްސިޑެންޓްތަކުގެ އަސީރުންނަށް ގިނަ ފަހަރަށް ވަނީ ކުށެއްނެތި ގަވާޢިދަށް ދުއްވަމުންދާ މީހުންނެވެ. މާލެ ސަރަޙާއްދު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންވާ ވަރަށް ފިޔަވަޅު ނޭޅޭކަމަށް މިހާރުވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ތަނަވަސް ފުޅާ މަގުތަކަކާއެކު ރަނގަޅު ފެންވަރަކަށް ހަދާފައިވާ ހުޅުމާލޭގެ މަގުތަކުގައި ޤަވާޢިދާޚިލާފަށް ދުއްވާ މީހުން ދަނީ ޖެހިލުމެއްނެތި އެޢަމަލު ހިންގަމުންނެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޤާނޫނުތައް ހެދިފައި ހުއްޓަސް އެކަން ކަން ތަންފީޒު ކުރުމުގައި ކަމާގުޅުންހުރި މުވައްސަސާތަކުގެ އިހުމާލު ބޮޑުވެއްޖެނަމަ ހުރިހާ ގެއްލުމެއް ލިބެނީ ނިކަމެތި ރައްޔިތު މީހާއަށެވެ. މަގުމަތީގެ ރައްކާތެރިކަން ދިވެހިންނަށް ކަށަވަރުވާނީ ކޮން ދުވަހަކުން ބާވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
6%
0%
74%
16%
0%
3%
ކޮމެންޓް
28 ނޮވެންބަރ 2023 | އަންގާރަ 21:48
ތިމަންނަ
ކާރު ދުއްވަން އިން މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނެތީ އެއީ އަނެއްކާ "ރޯޔަލް / ޢިއްޒަތްތެރި" ބޭފުޅަކީ ބާ....