ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 11:23
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް
ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
އިބޫ-ފައިސަލް: ބިރުވެރިކަމާއި ނަމާންކަމުގެ ތެރެއިން ޤައުމު ހަމަ މަގަށް އެޅުވި ޒަޢާމަތު!
 
މީގެ ފަސް އަހަރު ކުރިން ދިވެހިރާއްޖޭގައި އޮތީ ބިރުވެރި ޙާލަތެއް
 
ސިޔާސީ ގޮތުން ޤައުމު ހަލަބޮލި ވެފައި އޮތް އެ ދުވަސްވަރު، ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި ވެސް އޮތީ ބިރުވެރި ޝުޢޫރުތަކެއް
 
ނިމިގެން މިދާ ފަސް އަހަރު ދުވަހަކީ ޤައުމުގައި ސިޔާސީ މިނިވަންކަން އެންމެ ބޮޑަށް ޤާއިމު ކުރެވުނު ފަސް އަހަރު

މީގެ ފަސް އަހަރު ކުރިން ދިވެހިރާއްޖޭގައި އޮތީ ބިރުވެރި ޙާލަތެކެވެ. ސިޔާސީ ގޮތުން ޤައުމު ހަލަބޮލި ވެފައި އޮތް އެ ދުވަސްވަރު، ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި ވެސް އޮތީ ބިރުވެރި ޝުޢޫރުތަކެކެވެ. ޤައުމުގައި ހަމަޖެހުން އޮންނަން އެދުނު ނަމަވެސް، އެކަމަށް އޮތީ "ބިރުވެރި" މަގެކެވެ. އަމުދުން، ސިޔާސީ ގޮތުން ޤައުމުގައި އޮތީ ވަރަށް ތަފާތު ޙާލަތެކެވެ. ސިޔާސީ މައިދާނަށް ކޮންމެ މީހަކު ވެސް ނުކުންނަން ޖެހުނީ، ހިތަށް ޖަލުގެ ބިރުވެރިކަން ވައްދަމުންނެވެ.

Advertisement

އެހެން ނަމަވެސް، އެ ދުވަސްވަރުގެ ސިޔާސީ މައިދާނުން ނިކުންނެވި ހިތްވަރު ގަދަ، ކެރޭ ދެ ލީޑަރުންނަކީ، ދިވެހި ޤައުމުގެ ވެރިކަމާ ދުރަށް ވަޑައިގަންނަަވާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ފައިސަލް ނަޞީމް އެވެ. އުނދަގޫ ޙާލަތެއްގައި ޤައުމު އޮއްވާ، މި ދެ ބޭފުޅުން ޤައުމުގެ އެންމެ އިސް ދެ ބޭފުޅުންގެ މަޤާމަށް މިސްރާބު ޖެއްސެވީ ރައްޔިތުންގެ އުފާވެރިކަން ހޯދައިދެއްވުމަށެެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ މަތިވެރި ޢަޒުމުގަ އެވެ.

ރައީސް ޞާލިޙު އަދި ނާއިބު ފައިސަލް، 2018 ވަނަ އަހަރު - ޓްވިޓަރ

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބު، އިބޫ-ފައިސަލް ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ތަނަވަސް އަޤުލަބިއްޔަތަކުންނެވެ. އެއަށްފަހު، އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ ދެ ބޭފުޅުންގެ ޒަޢާމަތު ފެށިގެން ދިޔައީ ހާ އުފާވެރިކަން ގެނުވަމުންނެވެ.

"ކޮންމެ ފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވި ގަދަ ވަގުތުގާ

   ކޮންމެ މެންދުރަކަށް ފަހުން، ފިނިކަން ހަވީރުގެ އަންނަނީ"

މިއީ ކާމިޔާބު އިއުލާން ކުރައްވާ ރައީސް ޞާލިޙު ވިދާޅުވި ޅެން ބައިތެކެވެ. އެކި އެކި ގޮންޖެހުންތަކާއެކު ވެސް، ނިމިގެން މި ދިޔަ ފަސް އަހަރަކީ، އެ ޅެން ބައިތުގައި އެ ބުނާހެން، ފިނި ހަވީރެއް ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ފަސް އަހަރު ދުވަހެވެ. އިޖުތިމާޢީ ގޮތުންނާއި، ޢުމުރާނީ ގޮތުންނާއި، އިިޤްތިޞާދީ ގޮތުން އަދި ފަރުދީ ގޮތުން ބެލި ނަމަވެސް، ރައްޔިތުންނަށް އުފާ، ފާގަތި ފަސް އަހަރު ދުވަހެވެ.

ނިމިގެން މިދާ ފަސް އަހަރު ދުވަހުގެ އެންމެ ބޮޑު ކާމިޔާބީ އަކީ، ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއް ނެތި، މުޅި ރާއްޖެ އަށް ގެނެވުނު ތަރައްޤީ އެވެ. ޢަޞާޞީ ޚިދުމަތްތަކުން މަޙުރޫމުވެފައިވާ އެތަކެއް ދިވެހި ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރު ކޮށްދެވުނު ފަސް އަހަރު ދުވަހެވެ. އެ ޚިދުމަތްތަކުން މަޙުރޫމުވެ، "ފަޅުވާން" ކައިވެރިވެފައި އޮތް ރަށްތަކަށް ދިރުން ގެނެސްދިން ފަސް އަހަރު ދުވަހެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގައި ކަހަލަ ގޮތަކަށް، ރަށް ރަށުގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމަށް ކެންޑިޑޭޓުން ވަޢުދުވާން ޖެހުނު ނަމަވެސް، މިދިޔަ ރިޔާސީ އިންތިޚާބުގައި އެ ވަޢުދުވާކަށް ނުޖެހުނެވެ. ނިމިދިޔަ ސަރުކާރުން ވަނީ، އެ ނިޒާމު ނެތް ރަށްރަށުގައި އެކަމުގެ މަސައްކަތް ފައްޓަވައި އަދި ގިނަ ރަށްރަށުގެ މަސައްކަތް ނިންމަވައިފަ އެވެ.

ރަށެއްގެ ނަރުދަމާ ނިޒާމު ރައީސް ޞާލިޙު އިފްތިތާޙު ކޮށްދެއްވަނީ - ރައީސް އޮފީސް

ނިމިގެން މިދާ ފަސް އަހަރު ދުވަހަކީ ޤައުމުގައި ސިޔާސީ މިނިވަންކަން އެންމެ ބޮޑަށް ޤާއިމު ކުރެވުނު ފަސް އަހަރު ދުވަހެވެ. ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނަށް ސިޔާސީ ޙަރަކާތް ހިންގުމަށް ތަންމިނަށް ޖާގަ ދެވުނު ފަސް އަހަރު ދުވަހެވެ. މީގެ ކުރިން ޓުވީޓެއް ކޮށްލައިގެން ސިޔާސީ މީހުން ޖަލަށް ލެވުނު ދުވަސް މިއަދު މާޒީވެއްޖެ އެވެ. ނިދާ އެނދުގެ ބާލީސް ދަށުން ފިސްތޯލާ ފެނުނު ޒަމާން އަމުދުން ފިލައި ހިނގައްޖެ އެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަަގައިގެން، ފަނޑިޔާރުން ވަގަށް ނެގި ޒަމާން ނިމިއްޖެ އެވެ. ސިޔާސީ ކޮންމެ މީހަކަށްމެ، އެމީހެއްގެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދެވުނެވެ.

އެކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ ރައީސް ޞާލިޙު ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއެއް ކުރިއަށް ދިޔަ ޖަގަހަ ކުރިމަތީގައި އޮތް ހުސް ބިމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވި އެވެ. އަޑުގަދަ ކޮށްގެން "ހަޅޭ ފަޅޭ" ޖަހަން ފުރުސަތު ދިނެވެ. އެމީހުންގެ ފަހަތުން ފުލުހުން ފޮނުވައިގެން، ސްޕީކަރުތައް އަތުލާކަށް ރައީސް ޞާލިޙު ނުފޮނުވަ އެވެ.

ކެމްޕެއިންގެ ތެރޭގައި ރައީސް ޞާލިޙު، ރަށަކަށް ވަޑައިގަންނަވަނީ - އެމްޑީޕީ

ނިމިގެން މިދާ ފަސް އަހަރު ދުވަހަކީ ނޫސްވެރިންނަށް އެންމެ ބޮޑަށް މިނިވަންކަން ލިބުނު ފަސް އަހަރު ދުވަހެވެ. އޭގެ ކުރީގެ ފަސް އަހަރު ދުވަހު ސަރުކާރާ ދެކޮޅަށް ރިޕޯޓެއް ލިޔެފި ނޫސްވެރިޔަކު ވެސް ހިފައި، ހައްޔަރު ކުރާނެ ކަމުގެ ބިރު އޮތެވެ. އަނެއް ބައި ނޫސްވެރިން، ނިޒާމުން ގެއްލުވާލި ގޮތަށް، އަދި އަދަށް ދާން ވެސް ވީ ނުވީއެއް ނޭންގެ އެވެ. ނަމަވެސް، މި ނިމުނު ފަސް އަހަރު ދުވަހު އެ ބިރުވެރިކަން ވެސް ފިލައިގެން ގޮސްފި އެވެ.

ސަރުކާރުގެ ވެރިންނާއި، ޚުދު ރައީސުލްޖުމްޙޫރިއްޔާއާ ގުޅޭ ގޮތުން ވެސް، ބޭނުން އެއްޗެއް ލިޔުމުގެ ފުރުސަތު އޮތީ ދެއްވައިފަ އެވެ. ބޭނުން ބަހަކުން، ބޭނުން ޢިބާރާތަކުންނެވެ. މި ނިމުނު ފަސް އަހަރުގެ ތެރޭގައި ޖޫރިމަނާ ކުރި މީޑިއާއެއް ނުވަތަ ޓީވީ ސްޓޭޝަނެއް ނެތެވެ. މަސައްކަތް ކުރުމުގެ ފުރުސަތު ނުދީ ބަންދު ކުރި މީޑިއާއެއް އަމުދުން ނެތެވެ. އަލިފާން ޖަހައި ރޯކޮށްލި މީޑިއާއެއް ވެސް ނެތެވެ. ނޫސްވެރިންނަށް، ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން އޮތީ ދީފަ އެވެ.

ރައީސް ޞާލިޙު ނޫސްވެރިންނާއެކު - ރައީސް އޮފީސް

ރައީސް ޞާލިޙުގެ ޒަޢާމަތު ނިމި، އައު ޒަޢާމަތަށް ދިވެހި ދައުލަތް ބަދަލުވަމުން ދާއިރު، ރައީސް ޞާލިޙުގެ ލެގަސީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ އެވެ. އެއީ ބިރުވެރި ޙާލަތެއްގައި ޤައުމު އޮއްވާ، ވެރިކަމާ ހަވާލުވެވަޑައިގެން، އަމާން ކަމާއި، ސުލްޙަ މަސަލަަސްކަން ޤައުމަށް ގެނެސްދެއްވީތީ އެވެ. ތަރައްޤީން މަޙުރޫމުވެފައިވާ ކުދި އާބާދީތައް، އާރާސްތު ކޮށްދެއްވީތީ އެވެ. މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނާގައި ދިވެހިންނަށް ފަހި ކޮށްދެއްވީތީ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
33%
0%
0%
67%
ކޮމެންޓް