Advertisement
ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 12:36
ބިލުކުރާ ތާރީޚުން ފެށިގެން މަދުވެގެން 25 ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ނުދައްކައިފިނަމަ ޚިދުމަތް ކަނޑައިލުމަށް ނޯޓިސްދެވޭ
ބިލުކުރާ ތާރީޚުން ފެށިގެން މަދުވެގެން 25 ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ނުދައްކައިފިނަމަ ޚިދުމަތް ކަނޑައިލުމަށް ނޯޓިސްދެވޭ
ރާއްޖެއެމްވީ
ޔުޓިލިޓީ ބިލުދެއްކުން
ޔުޓިލިޓީ ބިލުތައް ދެއްކުމުގައި ލުއިތަކަކަށް އެދެވޭނެގޮތްތައް ބަޔާންކުރާ ޤަވާއިދެއް
ބިލުކުރާ ތާރީޚުން ފެށިގެން މަދުވެގެން 25 ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ނުދައްކައިފިނަމަ ޚިދުމަތް ކަނޑައިލުމަށް ނޯޓިސްދެވޭ
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 6 މަސް ދުވަސް ފަހުން

ޔުޓިލިޓީ ބިލުތައް ދެއްކުމުގައި ލުއިތަކަކަށް އެދެވޭނެގޮތްތައް ބަޔާންކޮށް، އާންމު ބޭނުންތަކުގެ ޚިދުމަތްތަކަށް ރަޖިސްޓަރީވުމާއި، އެ ޚިދުމަތްތަކަށް ބިލުކުރުމުގެ ގަވާއިދު ބުދަ ދުވަހު ގެޒެޓުކޮށްފިއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 6 މަސް ދުވަސް ފަހުންނެވެ. އެގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހިނގާ 12 މަސްދުވަހުގެ ތެރޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތައް ހޯދާ އެންމެހައި ފަރާތްތަކަށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޔުޓިލިޓީ އެކައުންޓުތައް އުފައްދައި ނިންމަންޖެހެއެވެ.

ޤަވާއިދުގައި ބުނެފައިވަނީ، އުމުރުން 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށާއި، ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށް ވެސް ޔުޓިލިޓީ އެކައުންޓެއް އުފެއްދިދާނެކަމަށެވެ.

މި ގަވާއިދުގެ މަގުސަދަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ނަމަށް ޚިދުމަތްތައް ރަޖިސްޓަރީކޮށްދިނުމާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި، ޚިދުމަތްދޭ ފަރާތުން ޚިދުމަތަށް ކުރާ ބިލު ޚިދުމަތް ހޯދާ ފަރާތުން ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތަކާއި، ބިލު ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމެވެ.

ޤަވާއިދުގައި ބުނެފައިވަނީ، ޑޮމެސްޓިކް ކެޓަގަރީގައި ބިލު ދެއްކުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ ބިލު ދެއްކުމަށް އުޒުރުވެރިވާނަމަ، އެ ބިލެއް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދެވިދާނެކަމަށެވެ.

އޭގެ ތެރޭގައި މަސްތަކަކަށް ބަހާލައިގެން ބިލު ދެއްކުމާއި، ބިލު ދެއްކުން ފަސް ކުރުމާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް ބިލު ދައްކާ ފަރާތްތަކާއި ނުވަތަ ޚިދުމަތްދޭ ފަރާތްތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތީން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެެވެ.

އެހެންނަމަވެސް، ބިލު ދެއްކުމަށް ލުޔެއް ދެވިފައިވަނިކޮށް، ލުއި ދީފައިވާ ބިލު ދައްކައި އަދާހަމަކުރުމުގެ ކުރިން އިތުރު ބިލެއް ދައްކަން އެ ފަރާތަށް ލުޔެއް ދިނުން ޚިދުމަތްދޭ ފަރާތުގެ މައްޗަކަށް ލާޒިމެއް ނޫނެެވެ.

Advertisement

އަދި ބިލު ދެއްކުމުގެ މުއްދަތު މީލާދީގޮތުން 6 މަސްދުވަހަށްވުރެ އިތުރަށް ފަސްކޮށްދިނުންވެސް ޚިދުމަތްދޭ ފަރާތަށް ލާޒިމެއް ނުވާނެއެވެ.

ބިލު ދެއްކުމުގެ ލުއިތައް މަސްތަކަކަށް ބަހައިލާއިރު މަސްދުވަހަކަށް ޖެހޭ މިންވަރު އެ ތަނެއްގެ ބިލަށް އެވްރެޖްކޮށް އަރައިފައިވާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުވެގެން ނުވާނެކަަމަށް ޤަވާއިދުގައި ބުނެއެވެ.

މި އެވްރެޖް ބަލާނީ ރަމަޟާންމަހުގެ ދުވަސްތައް ހިމެނޭގޮތަށާއި މީލާދީ މަސްތައް ނުހިމެނޭގޮތަށް ޚިދުމަތް ބޭނުންކުރެވިފައި ހުރި ފާއިތުވެދިޔަ 12 މަސް ދުވަހަށެވެ.

އެއަށްވުރެ ކުރު މުއްދަތަކަށް ބޭނުންކޮށްފައިވާނަމަ މި އެވަރެޖް ހެދުމުގައި ރަމަޟާންމަސް ހިމެނޭ މީލާދީ މަސްތައް ފިޔަވައި ހުރިހާ މަހެއް ހިމަނަންޖެހެއެވެ.

ޤަވާއިދުގައި ބުނެފައިވަނީ ޚިދުމަތްދޭ ފަރާތަށް ވަކި އެއްޗެއް އެންގުމަކާ ނުލައި، ޚިދުމަތް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން ބިލު ނުދައްކައި ހުރުމަކީ ކުށެއް ކަމަށެވެ.

އަދި ބިލުކުރާ ތާރީޚުން ފެށިގެން މަދުވެގެން 25 ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ނުދައްކައިފިނަމަ ޚިދުމަތް ކަނޑައިލުމަށް ދެވޭ ނޯޓިސް ދިނުމުގެ އިޚްތިޔާރު ޚިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ. އެގޮތުން ޚިދުމަތް ކަނޑައިލުމުގެ ނޯޓިހަށް ޢަމަލުކުރުމަށް ރަސްމީ ބަންދު ނޫން 5 ދުވަހަށްވުރެ މަދު ނޫން މުއްދަތެއް ދޭންވާނެކަމަށް ޤަވާއިދުގައި ބުނެއެވެ.

އޭގެ އިތުރުން، ޚިދުމަތް ކަނޑައިލުމުގެ ނޯޓިހަށް ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވިއިރު ވެސް ބިލަށްވާ ފައިސާ ދައްކައިފައި ނުވާނަމަ، ނުވަތަ މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ބިލު ދެއްކުމަށް ލުޔެއް ހޯދުމަށް އެދިފައި ނުވާނަމަ، ޚިދުމަތް ކަނޑައިލުމުގެ އިޚްތިޔާރު ޚިދުމަތްދޭ ފަރާތަށް ލިބިގެންވާކަމަށް ޤަވާއިދުގައި ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް