ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 06:57
މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ
މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ
ސަން އޮންލައިން
މަޖިލިސް ރައީސް މުހައްމަދު ނަޝީދު
ފުރަތަމަ ގިއަރުގައި ޚުދުމުޚުތާރުކަން ފެނިއްޖެ އެވެ. މަތީ ގިއަރުގައި ދެން އޮތީ ކޮން އުކުޅެއް ހެއްޔެވެ؟
 
ޚުދުމުޚުތާރު ކަން ކޮޅުންލައިގެން ގޮސް، ޚުދުމުޚުތާރުގެ މަތީ ގިއަރުގައި ކުރައްވާނީ ކޮން ކަމެއް؟
 
ފާޅުގައި ގެންދަވަނީ ކުރިއަށް އޮތް 7 ދުވަހަށް އަމަލު ކުރައްވާނެ ގޮތެއް ހޯއްދަވަމުން
 
ހުރިހާ ވާހަކަތަކުން ވެސް އެމްޑީޕީގެ މެމްބަރުންނަށް ދައްކަވަން ބޭނުންފުޅުވަނީ، އެމަނިކުފާނުގެ އަސްލު ސޫރަ

ބުރާސްފަތި ދުވަސް ވީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ހިތްހަމަޖެހުން ލިއްބައިދިން ދުވަހަކަށެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތްތާ އެވެ. ބުރާސްފަތި ދުވަސްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި، ކެނެރީގެ މުހައްމަދު ނަޝީދު ވަކި ކުރެއްވުމުގެ މަސައްކަތަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ލިބުނު ދުވަހަކަށެވެ.

ސުޕްރީމު ކޯޓުގެ ނިންމުމާ އެކު، ގަދަ ހައްދަވައިގެން މަޖިލީހަށް ވަޑައިނުގަންނަވަން އުޅުނު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އެ ގަދަހެއްދެވުމުގެ މަތީން ގޭގައި އިންނެވި ނަމަވެސް، ދެން އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ. ސުޕްރީމު ކޯޓުން އަކުރުން އަކުރަށް، ވަރަށް ޞަރީޙަކޮށް ބަޔާންކޮށްދިނީ އެކަމެވެ.

އެއާއެކު އެއްކަލަ ނަޝީދުގެ ހުޅުކޮޅު ފަޅައިގެން ހިނގައްޖެ އެވެ. މިހާރު ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގޭ ޙާލު، މޮޔަ ވިދާޅުވުން ނޫން އިތުރު ކަމެއް އެމަނިކުފާނު ނުކުރައްވަ އެވެ. އެންމެ ފުރަތަމަ ކުރެއްވީ ޓްވީޓެކެވެ. ދެން މަޖިލީހުގެ ރަސްމީ ވަޓްސް އެޕް ގްރޫޕަށް ކުރެއްވި މެސެޖުތަކެކެވެ. ޚުދުމުޚުތާރު ކަން ކޮޅުންލައިގެން ގޮސް، ޚުދުމުޚުތާރުގެ މަތީ ގިއަރުގައި ކުރައްވާނެ މަސައްކަތްތައް ޕްލޭން ކުރައްވަން ފައްޓަވައިފިއެވެ.

އެވާހަކަތަކުގެ ކުރިން އެންމެ ފުރަތަމަ، ސުޕްރީމު ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުން ކިޔާލަމާ ހިނގަވާށެވެ. ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތްތަކެއް، 3 ޖޫން 2019ގައި އޮތް ޖަލްސާގައި ވަނީ ކަނޑައަޅާފައިވާ ކަމަށާއި، އީވާއަށް ކުރިމަތިވެވަޑައިގެންފައިވާ އުޒުރު ފިލައިގެން ދަންދެން މަޖިލިސް މަޑުޖައްސާލުމަކީ މަޖިލީހުގެ ގަވާއިދުގެ ރޫހުކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ވުމާއެކު، ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ހަމަޖެހުނު ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

އެހާ ހިސާބުން ނަޝީދު އަތަށް ގޮވައިފި އެވެ. ސުޕްރީމު ކޯޓުގެ ނިންމުމާ އެކު ކުރެއްވި ޓްވީޓުން އެކަން އެ އޮތީ ފެންނާށެވެ. މެސެޖުތަކުން އެ އޮތީ ފެންނާށެވެ. ޓްވީޓުން ފެނުނީ ބަލި ގަބޫލުނުކުރައްވާ ކަމެވެ.

އެމްޑީޕީގެ އެންމެ ބޮޑު އިސްކަމެއްގެ ގޮތުގައި ދިނީ ނަޝީދު އެ މަގާމުން ވަކިކުރުން ކަމަށްވީއިރު، އެއްވެސް ޙާލެއްގައި އެކަމަކީ އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ހުރަސް އެޅުމަށް އެޕާޓީން ކުރި ކަމެއް ނޫން ކަން އެ ޕާޓީގެ މެމްބަރުން ދިޔައި ބުނަމުންނެވެ. އެހެން ނަމަވެސް، އެ ޕާޓީން އިންތިހާބީ ރައީސްގެ ހުވަޔާ މެދު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދިން ޔަގީން ކަމަކީ، އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާއަށް އެޕާޓީގެ މެމްބަރުން ހުރަސް ނާޅުއްވާނެ ކަމަށެވެ.

އެކަމަކު ނަޝީދު މުޅި އެ ވާހަކަ ވެސް އަނބުރައިލެއްވީ، އެމަނިކުފާނު ރާޑަރުން ބޭރުވާ ގޮތަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމާއެކު ކުރެއްވި ޓްވީޓުގައި ވެސް ވިދާޅުވީ އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރައްވާ ކަމަށެވެ. އެއާ އެކު ވިދާޅުވީ ހުވާކުރެއްވުމުގެ ކަންކަން ނިމިގެން ދާނީ ރީތިކޮށް ކަމަށެވެ.

މީހަކު އަންތަރީސް ނުވާނެތޯ އެވެ. އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ބޭނުންވި ނަމަ، އެފަދަ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުގެ ލަފަޔަކަށް އެދުމުގެ ބޭނުމެއް ނެތްތާ އެވެ. އެހެން ނޫނަސް، އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ ވެސް، ޑިމޮކްރެސީގެ ބައްޕަގެ ޚުދުމުޚުތާރު ސިފަތަކުގެ ސަބަބުން މުޅި މަޖިލިސް ހިސާރު ކުރުމުގެ ސަބަބުންނެވެ. އެހެން ކަމަށް ވާނަމަ، އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް މަސައްކަތް ކުރެއްވީ އަދި ކުރައްވަނީ ވެސް ތިޔަ މަނިކުފާނެއް ނޫންތޯ އެވެ.

އެހެން ނޫން ނަމަ، މެމްބަރުންގެ އިތުބާރު ނެތް ބޭފުޅަކު، މަޖިލީހުގެ ރިޔާސަތުގައި ގަދަކަމުން ބޮޑާހާއްކަވައިގެން ވޯޓަށް ނުއައްސަވައި އިންނެވުމުގެ ބޭނުމެއް ކޮބައިތޯ އެވެ.

ދެން އޮތީ ސުޕްރީމު ކޯޓުގެ ނިންމުމާ އެކު، މަޖިލިސް ގްރޫޕަށް އެމަނިކުފާނު ފޮނުއްވި މެސެޖެވެ. އެއީ ޚުދުމުޚުތާރު ކަމުގެ އެހެން ލެވަލް އެކެވެ. ފާޅުގައި ވިދާޅުވަމުން ގެންދެވީ ކުރިއަށް އޮތް 7 ދުވަހަށް، ރައްޔިތުންގެ މަޖިލިސް ހިސާރު ކުރައްވާނެ ވާހަކަ އެވެ. ނުވަތަ ޚުދުމުޚުތާރު ކޮންމެވެސް އަމަލުފުޅެއް ހިންގަވާނެ ވާހަކަ އެވެ. ވައްޑޭ އަކަށް ގޮވަމުން އެ މެސެޖުގައި ވިދާޅުވީ، ހުކުމުގައި ބާކީ އޮތީ 7 ދުވަސް ކަމަށާއި، ސުޕްރީމު ކޯޓުން 5 ދުވަހު ކުޅެދީފި ކަމަށެވެ.

އަދި ހުވާ ކުރުމަށް ހުރަހެއް ނެތް ކަމުގައި ވިދާޅުވަމުން، ވިދާޅުވީ އެމްޑީޕީން އެކަމުގައި އެންމެ ގިނަވެގެން ވެސް އުޅޭނީ އެންމެ 8 މެމްބަރުން ކަމަށާއި އެހެން ކަމުން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ޑިމޮކްރެސީގެ ބައްޕަގެ ވާހަކަތައް ނުވަތަ އަސްލު ސޫރަ ކަމަށްވާނަމަ، އެއީ ރާއްޖެއަށް ހުރި ލަދެއް ކަން ޔަގީނެވެ. އިންތިހާބީ ރައީސްގެ ހުވާކުރެއްވުމާ ހަމައަށް ވެސް ފާޅުގައި މަޖިލިސް ޙިޞާރު ކުރައްވަން ޕްލޭން ކުރައްވަމުން ގެންދަވާއިރު، އެއްވެސް ކަހަލަ ލަދެއް ހަޔާތެއް ވެސް ނެތީތާ އެވެ. އަމިއްލަ ވިސްނުމާއި، އަމިއްލަ ޕާޓީގެ ވިސްނުން ނޫން އިތުރު ވިސްނުމެއް ނުގެންގުޅުއްވަނީތާ އެވެ.

އެހެން ވެދާނެ އެވެ. މިނަށް ވުރެ، ވެރިކަމުގެ އަވައިގައި ޖެހި، ޖަޒުބާތުގައި ހަފުސް ވީމައި ދެން ފެންނާނީ އެ ބުނާ ޚުދުމުޚުތާރުގެ އަސްލު ސިފަ އެވެ. މުގާބޭގެ ދެވަނަ ވާޝަނެއް ނުކުތް އިރު، ޚުދުމުޚުތާރު ކަމުގެ ތެރެއިން ކުރައްވާނެ ކަމެއް އެއްކޮށެއް އަދި ސާފެއް ނޫނެވެ. އެކަމަކު ޔަގީންވާ އެއްކަމަކީ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ފުރުސަތެއް އެމަނިކުފާނު ނުދެއްވާނެ ކަމެވެ. ކޮންމެވެސް ކަހަލަ ކަމެއް ކުރައްވާނެ ކަމެވެ. އެކަމަށް ހުރަސް އަޅުއްވާނެ ކަމެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ހިތްވަރުން އެ ވޯޓު މަޖިލީހުގައި ނެގުމަކީ އެހެން ކަމެކެވެ. އެކަމަކީ އެމްޑީޕީގެ މެމްބަރުންނަށް ނުވާނެ ކަމެއް ނޫނެވެ.

ކޮމެންޓް
ގުޅުންހުރި
ރަނޑު ނުވެ ސަރުކާރުން މީޑިއާތަކާ ކުރިމަތިލާންވީ ނޫންތޯ؟
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް