ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 17:57
އުރީދޫ ފަންރަން
އުރީދޫ ފަންރަން
އުރީދޫ
ޑްރޯން ރޭސް، އުރީދޫ ފަންރަން
ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޑްރޯން ރޭސް، އުރީދޫ ފަން ރަން އާއިއެކު ބާއްވަނީ
 
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ
 
6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
 
ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ، 22 ޑިސެމްބަރ 2023 ގެ ހެނދުނު ހުޅުމާލޭގައި

ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޑްރޯން ރޭސް، އުރީދޫ ފަން ރަން އާއިއެކު ބާއްވަން އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އުރީދޫ ފަން ރަން 2023، ޑިސެމްބަރު މަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން އިއުލާނުކޮށްފިއެވެ. 5 ނޮވެމްބަރ 2023 ގައި އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި އެކުންފުނިން ވަނީ ފަން ރަން އިއުލާނުކޮށް މި އުފާވެރި ދުވުމުގައި ބައިވެރިވާން ބޭނުން ވާ ފަރާތްތަކަށް މޫލީ މެދުވެރިކޮށް 30 ނޮވެންބަރު ގެ ނިޔަލަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އާއި ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ފަން ރަން އަކީ ހުރިހާ ބައިވެރިންނަށް ވެސް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކަކުން ފުރިގެންވާ ދުވަހަކަށް ހެދުމަށް ރާވާފައިވާ ހާއްސަ ހަރަކާތްތައް ވަނީ އިފްތިތާހުކޮށްފައެވެ. އޭގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަ ޑްރޯން ރޭސް – އުރީދޫ ޑްރޯން ރޭސް ވެސް އުރީދޫ ފަން ރަން އާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

އުރީދޫ ފަން ރަންގެ 2023 އަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭސް - އުރީދޫ ޑްރޯން ރޭސް ތައާރަފްކޮށް، ފަން ރަން ގެ ހަރަކާތްތަކުގެ އުފާވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، ޑްރޯން ރޭސިންގ ފަދަ ތަފާތު ކުޅިވަރުތައް ތައާރަފްކޮށް، އުރީދޫގެ އަމާޒަކީ އުފެއްދުންތެރި ކަމާއި ހުނަރު ދައްކާލެވޭ މަޖާ އަދި އުފާވެރި ތަޖުރިބާތައް ފަހިކޮށްދިނުންކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ވިދާޅުވެފައެވެ.

އުރީދޫ ޑްރޯން ރޭސް އާއި އެކު އުރީދޫ ފަން ރަން ގެ ހަރަކާތަތަކަށް މި އަހަރު އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ. 22 ޑިސެމްބަރ 2023 ގެ ހެނދުނު ހުޅުމާލޭގައި ކުރިއަށްގެންދާ އުރީދޫ ޑްރޯން ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭހެވެ. ޑްރޯން އަށް ޝައުގުވެރިވާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވެ އަދި ރޭސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ ފަން ރަން ގެ ޕްރިމިއަމް ޕާޓްނަރު ސްޓެބިސިސް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ރޭހުން އެއްވަނަ އަށް ދާ ފަރާތައް ޚާއްސަ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރޭހުގެ ބައިވެރިން ގެ އަމާޒަކަށް ވާންވާނީ ހުރަސްތަކާއި ހޫޕްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯން ރޭސިން ޓްރެކުގައި ވާދަކޮށް އެންމެ އަވަހަށް ނިންމުމަށްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އުރީދޫ ޑްރޯން ރޭހުގު އިތުރު މައުލޫމާތާއި ރަޖިސްޓްރީވުމުގެ ތަފްސީލް އުރީދޫ މޯލްޑިވްސްގެ އޮފިޝަލް ސޯޝަލް މީޑިއާ ޕޭޖްތަކުން ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

2016ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑީޖޭއައިގެ އޮތޮރައިޒްޑް ސެލާގެ ހައިސިއްޔަތުން އުރީދޫ ފަން ރަންގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ސްޓެބިސިސް ފަޚުރުވެރިވާ ކަމެއްކަމަށާއި، ޑީޖޭއައިގެ ޑްރޯން، ކެމެރާ ތަކާއި އެކްސެސޮރީޒް ރާއްޖެއަށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭހުގެ ޕާރޓްނަރަކަށްވެ، ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ހުޅުވާލައި، ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް އުފެއްދުމަކީ ސްޓެބިސިސް މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވިއެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި، އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށާއި، އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އުރީދޫ އިން ބުނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެވެ.

އެގޮތުން، 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި، ރިސްޓްބޭންޑާއި، ފޮތި ކޮތަޅާއި، ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވީއިރު، ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށްhttp://ore.do/funrun2023މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ވެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ ފަން ރަން އާއި ފަން ރަން ގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ވެބްސައިޓުން ލިބެންހުންނާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް