ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 17:06
ވ އަތޮޅުގެ ރަށްތަކެއް
ވ އަތޮޅުގެ ރަށްތަކެއް
ޓްވީޓަރ
ރަށްތަކާއި ފަޅުތައް ހިމާޔަތްކުރުން
ވ އަތޮޅާއި، ބ އަތޮޅުގެ 10 ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއަށް
 
ހިމާޔަތްކުރި ސަރަހައްދުތަކުގެ ތެރޭގައި ރަށްތަކާއި، ފިނޮޅުތަކާއި، ފަޅާއި އަދި ފަރުތައް ހިމެނޭ
 
ވ އަތޮޅުގެ 8 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި
 
ބ އަތޮޅުގެ ދެ ސަރަހައްދެއް ހިމާޔަތްކޮށްފައިވޭ

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، މާޅޮސްމަޑުލު ދެކުނުބުރި ނުވަތަ ބ އަތޮޅުގެ 2 ސަރަހައްދަކާއި، ފެލިދެއަތޮޅު ނުވަތަ ވަކި އަތޮޅުގެ 8 ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެކަން އިއުލާންކޮށް މިނިސްޓްރީން ގެޒެޓުކުރި އިއުލާންތަކުގައި ވަނީ، އެ ސަރަހައްދުތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން އެ ދެ އަތޮޅުން ހިމާޔަތްކުރި ސަރަހައްދުތަކަކީ:

ބ. އިންނަފުށި ސަރަހައްދު:ބ. އިންނަފުށި ސަރަހައްދަކީ ބ. ފުޅަދޫގެ އިރ-ުއުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދެވެ. މި ސަރަހައްދުގެ އިރުމަތީ ފަރާތުގައި، ހިމާޔަތްކޮށްފައިވާ ކޯބިން ރެކް ސަރަހައްދުއޮވެއެވެ. އިންނަފުއްޓަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުންކުރަމުންދާ ރަށެކެވެ. އަދި މި ސަރަހައްދުގައިވާ ފިނޮޅުތަކަކީ އައިންމަތީ ދޫނީ އަރާމުކޮށްލުމަށާއި ބިސް އެޅުމަށްވެސް ބޭނުންކުރާ، މި ދޫނިތަކުގެ މުހިއްމު މާހައުލެކެވެ. އަދި އިންނަފުއްޓާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ މުރަކައިގެ ގިނަ ބާވަތްތަކެއް އުފެދިފައިވާ އަދި މަސްމަހާމެހިން މުއްސަނދި ސަރަހައްދެކެވެ.

ބ. ދަރަވަންދޫ ތިލަ ސަރަހައްދު:ބ. ދަރަވަންދޫ ތިލައަކީ ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ، ގުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ ތިލައެކެވެ. މި ސަރަހައްދުން އެކި ބާވަތްތަކުގެ މުރަކައާއި ފަރުމަހުގެ ދިރުންތައް ފެންނަކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މިތަނުގެ އެންމެ ޚާއްސަ އެއް ސިފައަކީ، މި ތިލާގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން"އެއް ހުންނަކަމެވެ.

ވ. ހުރާ ފަޅު ސަރަހައްދު:ވ. އަތޮޅު ފުލިދޫ ކައިރީގައިވާ މި ފަޅަކީ އެންމަޑި އެއްވެއުޅޭ ސަރަހައްދެކެވެ. މި ސަރަހައްދުގެ ފަރުތައް އުފެދިފައިވާ ގޮތުން، މި ތަނަކީ އެންމަޑީގެ ކާނާ އެއްވާ ސަރަހައްދަކަށް ވުމުން މި ތަނަށް އެކި މޫސުންތަކުގައި އެންމަޑި ގިނަ އަދަދަކަށް އެއްވެއުޅެއެވެ.

ވ. ފުއްސަރު ފަރު ސަރަހައްދު:ވ. ފުއްސަރު ފަރު ސަރަހައްދަކީ ގިނަ ފަރުތަކަކާއި ފަޅުތަކާއި ފިނޮޅުތައް ހިމެނޭ ސަރަހައްދެކެވެ. ފަރުމަސްތަކުގެ ތެރެއިން ގިނަ ބާވަތެއްގެ މަސް މި ސަރަހައްދުގައި އުޅެއެވެ. އަދި ފަރުމަހުގެ އިތުރަށް، ފަރުގައި ދިރިއުޅޭ އެހެނިހެން ދިރުންތައްވެސް މި ސަރަހައްދުގައި ގިނަ އަދަދަކަށް އުޅެއެވެ. މި ސަރަހައްދުން މިޔަރުގެ އެކި ބާވަތްތައްވެސް ފެނެއެވެ. އަދި މި ސަރަހައްދުގައިވާ ފިނޮޅުތަކަކީ ކަނޑުމަތީ ދޫނިތަކާއި ހިޖުރަކުރާ ދޫނިތަކަށް ވަރަށް މުހިއްމު ތަންތަނެވެ.

ވ. ރަކީދޫ ކޯނަރ ސަރަހައްދު:ވ. ރަކީދޫކަނޑަކީ ރަކީދޫގެ ދެކުނު ފަރާތުގައިވާ ފުން ކަނޑެކެވެ. މި ކަނޑުގެ ބޭރުފަރާތާއި ރަކީދޫގެ ފަރު ގުޅޭ ހިސާބަކީ މުރަކައިގެ ދިރުމުން މުއްސަދި ސަރަހައްދެކެވެ. އަދި މި ސަރަހައްދަކީ އެކި ބާވަތްތަކުގެ މަޑިއާއި މިޔަރު، އެކި މޫސުންތަކުގައި ގިނައިން ފެންނަ މަޝްހޫރު ސަރަހައްދެކެވެ. އަދި ހަމައެހެންމެ މި ސަރަހައްދުގައި ފަރުމަހުގެ ބާވަތްތަކާއި ފަރުތަކުގައި ދިރިއުޅޭ އެހެނިހެން ދިރުންތައްވެސް ގިނައެވެ.

ވ. ރުއްހުރި ހުރާ ސަރަހައްދު:ވ. ރުއްހުރި ހުރައަކީ އަތޮޅުގެ އެތެރެވަރީގައި ވަކިން އޮތް ފަރެއްގައި ހެދިފައިއޮތް، މީހުން ދިރިނޫޅޭ ރަށެކެވެ. މި ރަށަކީ 0.5 ހެކްޓަރުގެ ރަށެކެވެ. އަދި މި ރަށުގެ މެދުގައި ކުޑަ ޗަސްބިމެއްގައި ގިނަ އަދަދަކަށް ކަނޑޫގަސް ހެދިފައިވެއެވެ. މީގެ އިތުރުން ރަށުތެރޭގައި ކުރެދިގަސް ހެދިފައި އެބަހުއްޓެވެ. ރަށުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަ އަދަދެއްގެ މުރަކަ ހުރިއިރު، ފަރުގެ މާހައުލުގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ހުއިފިލަނޑާ ދިރިއުޅެއެވެ. ނަމަވެސް މި ސަރަހައްދުގައި މަހުގެ ބާވަތްތަކުގެ އާއިލާތައް ފެނިފައިވާ މިންވަރު މަދެވެ. މިގޮތުން ގިނައިން ފެނިފައިވަނީ "ޕްލޭންކްޓިވޯސް" ދަރަޖައިގެ މަސްތަކެވެ. މީގެ ސަބަބަކީ ފަރުގެ ސިއްހަތު ދަށްވުން ކަމުގައި ވެދާނެއެވެ. އެއީ މި ސަރަހައްދަކީ މުރަކަ ހުދުވުމުގެ ގެއްލުން ފޯރާފައިވާ ސަރަހައްދަކަށް ވާތީއެވެ.

ވ. ތުނޑުހުރާ:ވ. ތުނޑުހުރައަކީ ބޮޑު މޮހޮރާގެ ކައިރީގައިވާ ގާމަތީ ރަށެކެވެ. މި ރަށުގައި ކުރެދި ގަސްތައް ހެދިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. މި ރަށަކީ ކަނޑުމަތީ ދޫންޏާއި ހިޖުރަކުރާ ދޫނި އަރާމުކޮށްލުމަށާއި ކާނާ ހޯދުމަށާއި ބިސް އަޅައި ފީކުރުމަށް މަޑުކުރާ ތަނެކެވެ.

ވ. ހިނގާކުޅީ ފިނޮޅު ސަރަހައްދު:މި ސަރަހައްދަކީ ވ. ދިއްގަރުފަޅުގެ ދެކުނުފަޅީގައި، ކުދިކުދި ގިނަ ފިނޮޅުތަކެއް އުފެދޭ ސަރަހައްދެކެވެ. މި ފިނޮޅުތަކަކީ ކަނޑުމަތީ ދޫންޏާއި ހިޖުރަކުރާ ދޫނި އަރާމުކޮށްލުމަށާއި ކާނާ ހޯދުމަށް މަޑުކުރާ ތަންތަނެވެ. މީގެތެރެއިން ގިނަ ދޫންޏަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނިތަކެކެވެ. އަދި މި ސަރަހައްދުގެ ވަށައިގެންވާ ކަނޑުގެ މާހައުލަކީ އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް ފެންނަ، މި ދިރުންތަކަށް ހިމާޔަތްދީ މި ދިރުންތަކުގެ ނަސްލު ރައްކާތެރިކުރުމަށް މުހިއްމު ސަރަހައްދެކެވެ.

ވ. ހުރަޅުކަނޑު ސަރަހައްދު:މި ސަރަހައްދަކީ ގިނަ އަދަދަކަށް ފަރުގެ ދިރުންތައް ފެންނަ ސަރަހައްދެކެވެ. މިގޮތުން، މިޔަރުތަކުގެ ތެރެއިން ފަރުގައި ދިރިއުޅޭ ބާވަތްތަކާއި މާކަނޑުގައި ދިރިއުޅޭ ބާވަތްތައް މި ސަރަހައްދުން ގިނައިން ފެނެއެވެ. މުރަކައިގެ ދިރުމުން މުއްސަނދި މި ސަރަހައްދުގައި ފަރުމަހުގެ ގިނަ އާއިލާތައް ދިރިއުޅެއެވެ. މިގޮތުން ލަނޑައާއި ފާނައިގެ ބާވަތްތައް ހިމެނެއެވެ. އަދި ހަމައެހެންމެ ކަނޑުމަހުގެ ބާވަތްތައްވެސް މި ސަރަހައްދުގައި ގިނައެވެ.

ވ. ކަށަވަރުފަޅު ސަރަހައްދު: ކަށަވަރުފަޅަކީ ވ. ކެޔުދޫ ދެކުނުގައިވާ ފަޅެކެވެ. މި ފަޅުގެ ދެކުނުފަޅީގެ ބޭރުފަރާތުގައިވާ ފަރުގެ ފާރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޑައިވް ސައިޓެކެވެ. މި ސަރަހައްދު މަޝްހޫރުވެފައިވަނީ ރީނދޫކުލައިގެ މަޑު މުރަކައިގެ ބާވަތްތަކެއް ފަރުގެ ފާރުގައި އުފެދިފައިވާ ގޮތުގެ ސަބަބުންނެވެ. މީގެ ސަބަބުން މި ތަން ރަން ކުލައިގެ ފާރެއް ފަދައިން ފެނިގެންދެއެވެ. އަދި މި ސަރަހައްދަކީ އެލިފައިވާ ފަރުގެ ނިޒާމުތަކާއި ގިނަ އަދަދެއްގެ އެކި ބާވަތުގެ މުރަކައިން އުފެދިފައިވާ ތަނެކެވެ. މި ސަރަހައްދުން ގިނަ އަދަދެއްގެ މަހުގެ އާއިލާތައް ފެނެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ފަރު މަހުގެ އާއިލާތައް ހިމެނެއެވެ. ފަރުމަހުގެ އާއިލާ ގިނަވުމަކީ ފަރުގެ ސިއްހަތު ރަނގަޅުކަން ދައްކުވައިދޭ ކަމެކެވެ. އަދި މި ސަރަހައްދަކީ ވެލާކަހަނބުގެ ބާވައްތައްވެސް ގިނައިން ފެންނަ ސަރަހައްދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް