ސިޔާސަތުތަކަށް ގެނައި ބަދަލާއެކު މީހުން މެރުމާއި، ކުޑަކުދިން ކުށަށް ހުށަހެޅޭ ނިސްބަތް މަދުކުރެވިފައިވޭ: ހޯމް މިނިސްޓްރީ
19 އޮކްޓޯބަރު 2023 | ބުރާސްފަތި 07:35ކުށުގެ ވެށި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވޭ


މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އަނިޔާވެރިކޮށް މީހުން މެރުމާއި، ކުޑަކުދިން ކުށަށް ހުށަހެޅޭ ނިސްބަތް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، ކުށުގެ ވެށި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން މެރުން އެކަށީގެންވާ މިންވަރަށް މަދުވެފައިވާ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
އަލީ ނަޒީރު ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މިންވަރު ދަށް ކަމަށެވެ. ނަމަވެސް ކުށަށް ހުށަހެޅިފައި ތިބި ކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމުގައި ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ އާއިލާތަކެއްގައި ހިމެނޭ މީހުންތަކެއް ޖީލުތަކަކަށް ކުށުގެ ތެރޭގައި ދިރިއުޅެމުންދާ ކަމަށާއި، އެކަން ބަދަލުކުރެވޭނީ މިކަމަށް އިންވެސްޓްކޮށް، ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަންދީގެން އެ ކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.
އަލީ ނަޒީރު ވިދާޅުވީ ކުށުގެ ވެށީގައި ތިބި ކުދިންނަށް ފަރުވާ ދިނުމަށް މިސަރުކާރުގައި ވެސް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. ދިމާވި އެކިއެކި ސަބަބުތަކާއި ގުޅިގެން ދިގުދެމިގެންދާ ގޮތަށް ޕްރޮގްރާމްތައް ނުހިންގުނު ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. ނަމަވެސް އައު ސަރުކާރަށް ގޮންޖެހުމަކާ ނުލައި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ މިންވަރަށް އިންސްޓިއުޓާއި، ވަސީލަތްތައް ގާއިމްކޮށްދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.





