Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެރިކަން ބަދަލުވުމުގެ މަރުހަލާ

ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"

2018 ވަނަ އަހަރު އޭޖީން ވަނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާއާމެދު ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2023 | އަންގާރަ 14:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިންތިޚާބީ ރައީސް ޑޮކްޓަރ އިބްރާހީމް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިންތިޚާބީ ރައީސް ޑޮކްޓަރ އިބްރާހީމް މުއިއްޒު

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، ޖެހިގެން އައި ދުވަހު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ އިންތިޚާބީ ރައީސް ޑރ .މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާފައެވެ. އެ ދުވަހު އެ ދެބޭފުޅުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަވެސް ދެއްވި ޔަގީންކަމަކީ، ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާނެކަމުގެ ޔަގީންކަމެވެ. އެއާއެކު ވިދިގެން އައި ދުވަސްތަކުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވިލަރެސްކުރަންޖެހޭ ކަންކަން ދެ ފަރާތުންވެސް ކުރަމުން ދިޔަ މަންޒަރު ފެނިގެންދިޔައެވެ.

އެގޮތުން ގާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނު)ގައި ވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސް ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާނީ "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ކަމަށް ވާއިރު، އިންތިޚާބީ ރައީސްގެ ނިންމެވުމުގެ މަތިން އެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވަނީ، ލ. ފޮނަދޫ، އަރާއިރު، އަބްދުއްރަހީމް އަބްދުﷲއެވެ. އަދި އެ މަރުހަލާގެ ކަންކަން ވިލަރެސް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަމަޖައްސާފައި ވަނީ، ސެކްރެޓަރީ ކޯޕަރޭޓް ސަރވިސް ހުސައިން އާމިރެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ފެށިތާ ހަފުތާއެއްވެސް ނުވަނީސް އިންތިޚާބީ ރައީސްގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ފޮނުއްވާފައެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ފަށައިގެން ކުރިއަށްދާއިރު، ސަރުކާރުން މި ވަގުތު ބައެއް ކަންކަން މަޑުޖައްސާލަން، ޑރ. މުއިއްޒު ފޮނުއްވި ސިޓީފުުޅުގައި ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނުގެ ސިޓީފުޅުގައި ރައީސް ސާލިހުގެ ކިބައިން އެދިވަޑައިގެންނެވި ކަންކަމަކީ:

1. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުމާއި މަގާމުގެ ކުރިއެރުން ނުދިނުން.

2. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓްމަންޓެއް ނުކުރުން.

3. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.

4. ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އައު ހުއްދައެއް ނުދިނުން.

5. ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުން.

6. ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.

7. ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.

ޑރ. މުއިއްޒުގެ މި ސިޓީފުޅާއެކު ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތަށް އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، ވެރިކަން ބަދަލުވުމާ ހަމައަށް އެއްވެސް ކަމެއް ކުރަން ޖެހޭނީ އިންތިޚާބީ ރައީސްގެ ލަފާފުޅުގެ މަތިންނެވެ. އެހެންނަމަވެސް މިއީ ގާނޫނު ދަންނަ ގޮތެއް ނޫނެވެ.

6 އޭޕްރިލް 2010ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި "ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ބިލު" އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ކުރައްވާފައިވަނީ 20 އޭޕްރިލް 2010ގައެވެ. އެ ގާނޫނުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލުތައް ހިމަނާފައިވާއިރު، އެ މަރުހަލާގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވެސް އިންތިޚާބީ ރައީސަށް ލިބިގެންވާ ރައްކާތެރިކަމާއި އިމްތިޔާޒްތަކުގެ ވާހަކަ ވެސް ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

ދިރިއުޅުމާއި މުވާސަލާތުފަދަ ކަންކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް އަކުރުން އަކުރަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ އިންތިޚާބީ ރައީސަށް ލިބިދޭ ރައްކާތެރިކަމާއި، އިންތިޚާބީ ރައީސްގެ އޮފީހާއި އިދާރީ އެހެނިހެން އިންތިޒާމްތަކުގެ ތަފްސީލްވެސް ވަރަށް ރަނގަޅަށް ލިޔެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް ގާނޫނުގެ އެއްވެސް ހިސާބެއްގައި އިންތިޚާބީ ރައީސުލްުޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ދައުލަތުގެ ކަންކަން ވެރިކަމުގައި ހުންނެވި ރައީސް ކޮށްދެއްވަން ޖެހޭނެ ކަމުގެ ވާހަކައެއް ނެތެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ތަފްސީލްކޮށްދީފައި ވާއިރު، އެއްވެސް ހިސާބެއްގައި، ހިނގަމުންދާ ސަރުކާރުގެ ނިންމުންތައް ނިންމުމުގައި އަލަށް އިންތިޚާބުވެވަޑައިގަންނަވާ ރައީސްގެ ދައުރެއް އޮތް ކަމަށް އެއްވެސް ވަރަކަށް ބުނެފައެއް ނެތްކަން ސުވާލެއް ނެތް މިންވަރަށް އެ ގާނޫނުން އެނގެއެވެ.

ގާނޫނީ ގޮތުން ބަލާއިރު، އަނގަބަހުންވެސް އަދި އެ ނޫން ގޮތަކަށްވެސް ވަކި ކަމެއް ނުކުރުމަށް ނުވަތަ ކުރުމަށް އެންގުމުގެ ހައިސިއްޔަތެއް ނެތްކަން ޚުދު އިންތިޚާބީ ރައީސްވެސް ގަބޫލުކުރައްވައެވެ. މިހެން މިދެންނެވި ސަބަބަކީ، 10 އޮކްޓޯބަރު 2023ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، އިންތިގާލީ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ. އޭނާ ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ބައެއްކަންކަން ނުކުރުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީފުޅަކީ އިންތިޚާބީ ރައީސްގެ އެންގެވުމެއް ނޫންކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އަދި ހަމައެހެން އިންތިގާލީ މަރުހަލާގައި، އެ ސިޓީފުޅުގައިވާ ކަންކަން ނުކުރުމަށް އެދިވަޑައިގަތީ ކޮން ގާނޫނެއްގެ ދަށުންތޯ ދެންނެވުމުން ފިރުޒުލް ވަނީ "ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނުގެ ދެލިގަނޑުގައި" އެ ވާހަކަ ނެތްކަން އަމިއްލަފުޅަށް ވެސް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފިރުޒުލް ވަނީ، މީގެ ކުރިން ވެސް އިންތިގާލީ މަރުހަލާތަކުގައި އަމަލުކުރަމުން އަންނަ ރޫހަކީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މީހުން ވަޒީފާއަށް ނެގުންފަދަ ކަންކަން ނުކުރުންކަން ފާހަގަކުރައްވާފައެވެ.

ފިރުޒުލް ވަނީ ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން ބައެއް ލިޔުންތަކަށް ބަދަލު ގެންނަވާކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަައެއް ބަދަލު ގެނެސް، ކުރީގެ ތާރީޚުތަކުގެ ރަސީދުތައް އުފެއްދުމާއި މިފަދަ ކަންތައްތައް ހިނގަމުންދާކަމަށް މައުލޫމާތު ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ބައެއް ލިޔުންތަކަށް ބަދަލުގެންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުންދާނީ އިންތިގާލީ މަރުހަލާގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރޫހާ އެއްގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކެބިނެޓަށާއި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް އިރުޝާދުދެއްވާފައި ވަނީވެސް މި މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ސަރުކާރުން ކަންކަން ކުރަމުން ދަނީވެސް އެ ރޫހާ އެއްގޮތަށްކަން މިއުވާން ފާހަގަކުރެއްވިއެވެ.

މި މަރުހަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ކިޔަމުންދާ ފާޑުކިޔުންތަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުވެސް ވަނީ ރައްދުދެއްވާފައެވެ. އޭނާ ވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައި، މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީގޮތުން ހަވާލުވެވަޑައިގަތުމާ ހަމައަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުން މަތީގައި ދެމިހުންނެވުމަކީ އެ މަނިކުފާނަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ހައްގެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ އެޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެއްވޭނެ ގޮތަށް އެއްވެސް އެންގުމެއް ނޭންގޭނެކަން ފާހަގަކުރެއްވިއެވެ.

އިދާރާތަކުގެ އެންގުންތަކަށް ބަލާނަމަ، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އައު ޕްރޮޖެކްޓްތައް ނުފެށުމާއި އައު ޚަރަދުތައް ކުރުންފަދަ ކަންކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް އަންގާފައެވެ. އެހެންނަމަވެސް ޕީސީބީން ނެރުނު އިތުރު ބަޔާނުގައި ބުނެފައިވަނީ ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަަރުންނާ ނެގޯޝިއޭޓްކުރެވިފައިވާ މަޝްރޫއުތަކާއި، ހިނގަމުންދާ މަޝްރޫއުތަކުގެ އެކްސްޓެންޝަން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ސިވިލް ސަރވިސްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި، އައު މަގާމުތައް އުފެއްދުމާއި، އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަގާމުތަކަށް މީހުން ހޯދުން މަޑުޖައްސައިލުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގާފައެވެ.

އިންތިގާލީ ތަރުޖަމާނާއި އިންތިޚާބީ ރައީސަށް ތާއީދުކުރައްވާ ބޭފުޅުންގެ ވާހަކަތަކުން ސިފަވަނީ ،ހުރިހާ އިންތިގާލީ މަރުހަލާތަކުގައި ވެސް ވެރިކަމުގައި ތިއްބަވާ ބޭފުޅުން އަމަލުކުރައްވަމުން ދަނީ އެ ސިޓީފުޅުގައި ބުނާ ބީދައިން ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ މުއައްސަސާތަކުގެ ލިޔެކިޔުމަށް ބަލާލުމުން އެކަން ހިނގާފައި އޮތީ އެހެން ނޫންކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެކަމުގެ އެއް މިސާލަކަށް 2018 ވަނަ އަހަރުގެ އިންތިގާލީ މަރުހަލާ ފުދެއެވެ.

އޭރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ހޮވިވަޑައިގަތުމުން އެމަނިކުފާނުގެ ފަރާތްޕުޅުން އޭރުގެ ފިނޭންސް މިނިސްޓްރީއަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީފުޅުގައި ވަނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އާ މަޝްރޫއުތަކަށް ޓެންޑަރަށް ހުޅުވާނުލެއްވުމަށާއި، އާ މަޝްރޫއުތައް ނުފެއްޓެވުމަށާއި، ދައުލަތުގެ ނަމުގައި ލޯނު ނުނެންގެވުމަށާއި، ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެފަދަ އެއްވެސް މުއާމަލާތެއް ނުނިންމެވުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން 23 ސެޕްޓެމްބަރ 2018ގެ ކުރިން ފެށިފައިވާ ކަންކަމުގެ އިތުރުން، ދައުލަތް ހިންގުމުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމުގައި އަމަލުކުރަންވީ ގޮތެއްގެ ލަފަޔަކަށް ފިނޭންސް މިނިސްޓްރީން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

ދައުލަތުގެ ބަންޑާރަނައިބުގެ މަގާމުގައި ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމު ސޮއިކުރައްވައި، 9 އޮކްޓޯބަރ 2018 ވަނަ ދުވަހު އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީފުޅުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ގުޅުންހުރި ކަންކަން ހިނގާ ގޮތާމެދު ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ.

އޭގެ ތެރެއިން ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)ގައި ރައީސްގެ ދައުރަކީ 5 އަހަރުގެ ދައުރެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އެންމެހާ ގާނޫނުތަކާއި ބާރުތައް، އަދި މަތިކޮށްފައިވާ އެންމެހާ މަސްއޫލިއްޔަތުތައް ދައުރު ނިމެންދެން ދެމި އޮންނާނެކަން ބަންޑާރަނައިބުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައިވެސް ދިވެހި ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި އެކަންކަމާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ޒިންމާ، ދައުރު ނިމެންދެން ރައީސް އުފުއްލަވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ.

ވެެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ހުރިހާ ކަމެއް ބަޔާންވެފައި ވާ ހަމައެކަނި ގާނޫނަކީ "ވެރިކަން ބަދަލުކުރުމުގެ މަރުހަލާާއާބެހޭ ގާނޫނު" ކަމަށް ވާއިރު، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރިން ތަފްސީލްކޮށްދީފީމެވެ. އޭޖީ އޮފީހުން ވެސް ފާހަގަކުރައްވާފައިވާ ކަމަކީ އާ މަޝްރޫއުތައް ނުފެށުމާ ގުޅޭގޮތުން ނުވަތަ މާލީ މުއާމަލާތުތަކާ ގުޅޭ ކަމެއް ފާހަގަކުރައްވާފައި ނެތްކަމެވެ. އެހެންކަމުން އޭޖީ އޮފީހުގެ ސިޓީގައި ދެވަނަ ނުކުތާއެއްގެ ގޮތުން ފާހަގަކޮށްފައިވާ ކަމަކީ، އެ ގާނޫނުގައި ބަޔާންކުރާ ކަންކަމުގެ އިތުރަށް ނުވަތަ އެއަށްވުރެ ފުޅާކޮށް ގާނޫނު މާނަކުރެވޭނެ ތަނެއް ނެތްކަމެވެ. އެހެންކަމުން އޭރުގެ އިންތިޚާބީ ރައީސްގެ އޮފީހުން އެދިވަޑައިގަތް ކަންކަމަށް ތަބާވުން ގާނޫނީ ގޮތުން ލާޒިމް ނުކުރާކަމެވެ.

މި ނުކުތާއަށް ބަލާލުމުން، އިންތިގާލީ ތަރުޖަމާނު އެ ވިދާޅުވާފަދަ ރޫހެއްގައި، މާލީ މުއާމަލާތްތަކާއި ވަޒީފާއަށް މީހުން ނެގުންފަދަ ކަންކަމުގައި އިސްވެދިޔަ ސަރުކާރުތަކުން އަމަލުކޮށްފައި ނެތްކަން ސާފުކޮށް އެނގެއެވެ. އަދި ގާނޫނީ ގޮތުން ބަލާއިރުވެސް، ވެރިކަން ބަދަލުކުރުމުގެ ރޫހު، ގާނޫނުގެ ތަރަހަައިގެ ތެރެއިން މާނަކުރާ ރޫހު ވަރަށް ތަފާތުކަން އެބައެނގެއެވެ.

އޭޖީ އޮފީހުން އޭރު ފޮނުއްވި ސިޓީގައި ތިންވަނަ ނުކުތާއަކަށް ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާއަކީ، އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ މިފަދަ ކަންކަމަށް އެއްބާރުލުން ދިނުމަކީ "މޯރަލް" އިލްތިމާޒްތަކެއް ކަމަށް ފެންނަކަމުގެ ވާހަކައެވެ. މިނިވަން ޑިމޮކްރެޓިކް ވެށިތަކުގައިވެސް ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ، އެކަށީގެންވާ ކަންކަމަށް އިޖާބަދެއްވާ ކަމަށް ވުމާއެކު، އޭރުގެ އިންތިޚާބީ ރައީސް އެދިވަޑައިގެންނަވާ ކަންކަމަށް އިޖާބަދެވެން އޮތް މިންވަރަކަށް އިޖާބަ ދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

ހަތަރުވަނަ ކަމަކީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އުފުލަން ލާޒިމްވާ މާލީ އަދި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމާއި، ދައުލަތް ހިންގުމަށް ބުރޫނާރާ ގޮތަށް ކުރަންޖެހޭ ކަންކަން ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދަންވާނެ ކަމުގެ ވާހަކައެވެ. ހަމައެހެންމެ އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް، ދަރަނި ނެގުން ހިމެނޭހެން، މާލީ ޒިންމާއެއް އުފުލަންޖެހޭ ފަދަ ކަންކަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރައްވަމުން ގެންދަވަންވާނެ ކަމަށް ފެންނަ ކަމަށް އޭޖީ އޮފީހުން ވަނީ އިރުޝާދުދެއްވާފައެވެ.

އޭރު ސަރުކާރުން ޢަމަލުކުރެއްވީ މި ރައުޔަށްފަހު އެ ލަފަޔާ އެއްގޮތަށެވެ. ހަމައެކަނި މުވައްޒަފުން ނެގުމުގެ މަރުހަލާއަށް ބެލިނަމަވެސް އެކަން އެނގެއެވެ. 2018ގައި އޭރުގެ ރައީސްގެވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ސްޓެލްކޯއަށް 26މަގާމެއް އިތުރުކޮށް، އޮނިގަނޑު ބަދަލުކުރިއެވެ. އެހެންކަމުން އޭރުވެސް މުވައްޒަފުން ނެގުމަށާއި އޮނިގަނޑާއި ގުޅުންހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔަކަން އެނގެން އެބައޮތެވެ.

އޭރު، މިހާރުގެ އިންތިޚާބީ ރައީސް ހުންނެވީ ވަޒީރުންގެ މަޖިލީހުންގެ މުހިންމު މަގާމެއްގައެވެ. އެހެންކަމުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު އޮތީ މިގޮތަށްކަން ފަހުމުނުވެ ނޯންނާނެކަން ޔަގީނެވެ. ޚުދު އެމަނިކުފާނުވެސް އަދި ޕީޕީއެމް ނުވަތަ ޕީއެންސީންވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އުސޫލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެއް ނެތެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހުވެސް، 18 ވަނަ މަޖިލީހުގައިވެސް އެ ގާނޫނަށް ބަދަލު ގެނެސް އިސްލާހު ގެންނަވާކަށް މަސައްކަތެއް ނުކުރައްވައެވެ. މިހާރު ވެރިކަމަށް ހޮވިވަޑައިގަތް ޑރ. މުއިއްޒު އެ ޕާޓީއަކަށް ނިސްބަތްވާ ޕީއެންސީންވެސް މަޖިލީހުގެ މި ދައުރުގައިވެސް މަޖިލީހަށް ތަފާތު އެތައް ގަރާރަކާއި ބިލެއް ހުށަހެޅިއެވެ. ނަމަވެސް ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާބެހޭ އެއްވެސް ކަންބޮޑުވުމެއް ހާމަކޮށްފައެއް ނެތެވެ.

ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުބަންޑާރަނައިބުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު