Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބުރަ ހިތެއް، ބޮޑު ތަދެއް، ހިތި ކަރުނައެއް

އަމިއްލަ މީހާއާމެދު ތިމާ ބާއްވާ ބުރަ ހިތެއްގެ ސަބަބުން ލިބޭނީ ބޮޑު ތަދެއް

އާމިރު ސަލީމް
އާމިރު ސަލީމް | 27 ސެޕްޓެމްބަރު 2023 | ބުދަ 11:15
ކަމަކާމެދު ވިސްނައި ރޯން އިން މީހެއް

ކަމަކާމެދު ވިސްނައި ރޯން އިން މީހެއް

ބަލިވުމަކީ ދިމާވެދާނެ ކަމެކެވެ. އެކަން ދިމާވެފައި އޮންނާނީ ތިމާ ވާދަކުރާ މީހެއްގެ ގާބިލުކަމުގެ މައްޗަށެވެ. ބައެއްފަހަރު ބަލިވަނީ ތިމާ ނާގާބިލުވެގެނެއްވެސް ނޫނެވެ. މޮޅު މީހަކުވެސް ބަލިވެދާނެއެވެ. އަދި ތިމާ ބަލިވަނީ ތިމާގެ ގާތްމީހެއްގެ އަތުން ކަމުގައިވެސް ފަހަރެއްގައި ވެދާނެއެވެ. ކޮންމެ ފަހަރަކީ ތިމާ ބޭނުންވާ ގޮތަށް ކަންކަން ދިމާވާ ފަހަރަކަށްވެސް ނުވެދާނެއެވެ. މިއީ ހައްތަހާވެސް އިންސާނީ ތަބީއަތެވެ. ދުނިޔެ ހިނގަނީ އެއް ވަތް މަތިން އަނެއް ވަތް ދަށުން ދާ ހަމައިންނެވެ. އެ ހަމައަށް ކިޔަނީ ތޮށަލި ދުޅައެވެ.

ބަލި އެއީ އިންސާނުންނަށް ގަބޫލުކުރަން އަދި ބަލައިގަންނަން ދަތި އެއްޗެކެވެ. އެކަމަކު އެއީ ހަޔާތުގެ ބޮޑު އެއް ހަގީގަތެވެ. އެ ހަގީގަތާ ކުރިމަތި ނުލައި އަލުން މޮޅެއް ނުވެވޭނެއެވެ. ތިމާ ބަލިވާ ކޮންމެ ފަހަރަކު އެމީހެއްގެ އަތުން ތިމާ ބަލިވި މީހާއާމެދު ނުތަނަވަސްކަން އުފެދުމާއި ނަފްރަތު އުފެދުމަކީވެސް ދިމާވާ ކަމެކެވެ. އެކަމަކު އެއީ އެވަގުތަށެވެ. ތާއަބަދަކަށް ނޫނެވެ. ގޯސްވާ ހިސާބަކީ އެކަން ދާއިމީ ކަމަކަށް ވުމުންނެވެ. ހަސަދަވެރިކަމަކަށް ވުމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެމްޑީޕީ ތެރޭގައިވެސް ހިނގީ މިޒާތުގެ ކަމެކޭ ކިޔާތީ އިވެއެވެ. ވާދަކުރެއްވީ ޕާޓީގެ އެންމެ އިސް ދެބޭފުޅުންނެވެ. އާންމު އުސޫލުން ދެބޭފުޅުންނަށް ތާއީދުކުރާ މީހުން ދެބަޔަކަށް ބެހި، ވާދަކުރީއެވެ. މޮޅުވާނީ ކޮންމެވެސް އެއް ކޮޅެއްކަން އެނގިތިބެއެވެ. ދެބަޔަށް ބެހިގެން މަސައްކަތްކުރީ އެއް ބަޔެކެވެ. ދައްކަމުންދިޔަ ވާހަކަ ތަފާތަކަސް، އޮތީ އެއް ފިކުރެކެވެ.

ވާދަކުރި ކަންތަން ނިމި އެއް ބޭފުޅަކު މޮޅުވީއެވެ. އާންމު އުސޫލުންނެވެ. މައްސަލަ ދިމާވީ އެހާ ހިސާބުންނެވެ. ބަލި ގަބޫލުކުރަން ދަތީވީއެވެ. އެއީ އިންސާނީ ތަބީއަތްކަން ހަނދާން ނެތުނީއެވެ. އުފެދުނު ނުތަނަވަސްކަން ދެކޮޅުވެރިކަމަށް، ދެކޮޅުވެރިކަން ނަފްރަތަށް، ނަފްރަތު ހަސަދައަށް ބަދަލުވީއެވެ. ބަލިވި ފަޅީގެ މީހުންނަށް ކުރެވުނު ހިތްދަތި އިހްސާސް މޮޅުވި މީހުންނަށްވެސް ކުރިމަތިވާން އެދެވުނީއެވެ. ކޮންމެ އަގެއް ދައްކައިގެންވެސް އެމީހުން ބަލިވާތަން ބަލަން ބޭނުންވީއެވެ. އެއީ ކޮންމެ ބައެއްގެ އަތުން ކަމުގައި ވިޔަސް މައްސަލައެއް ނެތްކަމަށް ވިސްނުނީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެފަދަ ގެއްލުމުކާ ކުރިމަތިލާން ޖެހުނަސް އެންމެ ރަނގަޅު ކަމުގައި ގަބޫލުކުރެވުނީއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރާ ހަމައަށް އައިއިރުވެސް ބައެއް މީހުންނަށް އެކަން ބަދަލުކުރަން ދަތިވަނީއެވެ. ފިކުރަކީ އެއް ފިކުރެކެވެ. އެންމެންނަކީ އެއް ބައެކެވެ. ގަބޫލުކުރާ ގަބޫލުކުރުން އެއްގޮތެވެ. ސިޔާސަތަކީ އެއް ސިޔާސަތެކެވެ. ފަރަގެއް ހުރިއްޔާ ހުރީ އުފެދުނު ނުތަނަވަސް ކަމަކުން ގެނުވި ފަރަގެކެވެ. އެ ނުތަނަވަސްކަމުގައި ނިކުމެ، އެންމެންގެ މައްޗަށް އާންމުވެގެން އަންނާނެ އަނިޔާވެރި ކަމެއް ގެނެވޭނެފަދަ ނިންމުމެއް ނިންމަންވެސް ތައްޔާރުވެވެނީއެވެ.

އެކަމަކު އެއީ ނިންމަން ފަސޭހަ ކަމަކަށް އެކަން ވެގެންނެއްވެސް ނޫނެވެ. އެއަށްވުރެ ފަސޭހަވާނީ އެމީހުން އަބަދުވެސް ގަބޫލުކުރި "އަނިޔާވެރިކަމާ ދެކޮޅަށް" މިއަދުވެސް ނިކުންނާށެވެ. ތިމާމެންގެ އަމިއްލަ މީހުންނަށް އެހީތެރި ވެދޭށެވެ. އެއް ފިކުރެއްގެ، އެއް ވިސްނުމެއްގެ މީހުންނާ އެކުގައި ތިބޭށެވެ.

ވަރަށް އެކުވެރި ދެ ސިންގާގެ ދެމެދުގައި މައްސަލަޖެހި އެ ދޭތި ވަކިވިއެވެ. އޭގެ އަހަރުތަކެއް ފަހުން އެތަނުން އެއް ސިންގާއަށް ފެނުނީ އޭތީގެ ކުރީގެ އެންމެ ގާތް ސިންގާއާއި އެސޮރުގެ އާއިލާއަށް ކުއްތާތަކެއް ހަމަލާދޭން މަސައްކަތް ކުރަމުންދާ މަންޒަރެވެ. ދުރުގައި އޮތް ސިންގާއަކަށް އެކަން ބަރުދާސްތެއް ނުކުރެވުނުވެ. ދުވެފައި އައިސް ކުއްތާތަކަށް ހަމަލާދީ ކުއްތާތައް ފަހާލިއެވެ. އަދި ކުރީގެ އެކުވެރިޔާއާއި އެސޮރުގެ އާއިލާ ސަލާމަތް ކުރިއެވެ. ދެން ދުރަށް ގޮސް އެކުވެރިޔާއާ ދިމާއަށް ބަލަން އޮތެވެ.

ހަމަލާ ދެވުނު ސިންގާގެ ދަރި އެ ސިންގާއާއި ސުވާލުކުރިއެވެ. ބައްޕަގެ އެކުވެރިޔާއާ މައްސަލަޖެހިގެން އުޅޭތާ އަހަރުތަކެއް ވެއްޖެ ނޫންހެއްޔެވެ. އެކަމަކު އެކުވެރިޔާ އައިސް އަހަރެމެން ސަލާމަތްކުރީ ކީއްވެހެއްޔެވެ. ޖަވާބުގައި ސިންގާ ބުންޏެވެ. މައްސަލަ ޖެހިފައި ތިއްބަސް ތިމާގެ އެކުވެރިޔާގެ މައްޗަށް ކުއްތާތަކެއް ގަދަވެގަންނާކަށް އެއްވެސް އެކުވެރިއެއްގެ ހިތަކަށް ފަސޭހައެއް ނުވާނެއެވެ.

އެއީ އިބްރަތްތެރި ވާހަކައެކެވެ. މައްސަލަ ޖެހިފައި ތިއްބަސް، ރުޅިއައިސްގެން އުޅުނަސް، ތިމާގެ އަމިއްލަ މީހުންގެ މައްޗަށް ތިމާގެ ދުޝްމަނުން ގަދަވެގަންނާކަށް ހަގީގަތުގައި ހިތެއް ނުރުހޭނެއެވެ. އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭކަށް ބޭނުމެއްވެސް ނުވާނެއެވެ. ބުނާތީ އަހަމެވެ. ބޮޑު ގެއްލުމަކުން ސަލާމަތްވާން ކުޑަ ގެއްލުމެއް ލިބިގަތުންވެސް މާ ރަނގަޅުވާނެއެވެ. ކުރަން އޮތީ އެންމެ ކަމެކެވެ. ހިތް ސާފުކޮށްލުމެވެ. ނުތަނަވަސްކަން ފިލުވައިލުމެވެ. އާހިރުގައި އަމިއްލަ މީހާ ވާނީ ހަމަ އަމިއްލަ މީހާއަށެވެ. ނޫނީ އަމިއްލަ މީހާއާމެދު ތިމާ ބާއްވާ ބުރަ ހިތެއްގެ ސަބަބުން ލިބޭނީ ބޮޑު ތަދެކެވެ. އޭރުން ފަހުން އޮހޮރަން ޖެހޭނީ ހިތި ކަރުނައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު