ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 18:47
ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އިންތިޚާބު އޮބްޒަރވްކުރަން ވަޑައިގެންނެވި ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އިންތިޚާބު އޮބްޒަރވްކުރަން ވަޑައިގެންނެވި ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
ސަން އޮންލައިން
އިންތިޚާބު އޮބްޒަރވްކުރި އީޔޫގެ ބަޔާން
އިންތިޚާބުގައި އިންތިޒާމުތައް ރަނގަޅު ނަމަވެސް މިހާރަށްވުރެ ބޮޑަށް ހަމަހަމަކަން އިތުރުވާންޖެހޭ: އީޔޫ
 
ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރެއްވި ރިޔާސީ އިންތިޚާބް ގައި ކެމްޕޭނުތައް ސުލަހަވެރިކަމާއިއެކު ކުރިއަށްގެންގޮސް، އަސާސީ ހައްގުތަކަށް އިހްތިރާމްކޮށްފައިވޭ
 
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކެމްޕޭނަށް ހަރަދުކުރުމުގެ ކަންކަން ހިނގާގޮތް ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭކަމަށާއި އެކަންކަން ގަވާއިދާއި އެއްގޮތަށް ތަންފީޒު ނުކުރެވޭ
 
ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ތުހުމަތުގެ އަސަރު އިންތިޚާބުގެ ކުރިއަށްއޮތް މާހައުލަށް ކޮށްފައިވޭ

ރިޔާސީ އިންތިޚާބުގެ ހުރިހާކަމެއްވެސް ގެންގޮސްފައިވަނީ ވަކި ފަރާތަކަށްނުޖެހި ޕްރޮފެޝަނަލްކޮށްކަމަށް އީޔޫގެ އުލެކްޝަން އޮބްޒަރވޭޝަން މިޝަން (އީޔޫ.އީ.އޯ.އެމް) ގެ ޗީފް އޮބްޒާވަރ، ޔޫރަޕިއަން ޕާލަމެންޓްގައި ސްޕެއިން ތަމްސީލުކުރައްވާ މެންބަރެއްކަމަށްވާ ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވެއްޖެއެވެ.

އިންތިޒާމުތައް ރަނގަޅުކަމަށާއި ނަމަވެސް މާހައުލުގައި މިހާރަށްވުރެން ބޮޑަށް ހަމަހަމަކަން އިތުރުވާންޖެހޭކަމަށް ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ސިޔާސީ އިންތިޚާބާއި ބެހޭގޮތުން، ހުރި އިބްތިދާއީ ހޯދުންތައް އީޔޫގެ އުލެކްޝަން އޮބްޒަރވޭޝަން މިޝަން (އީޔޫ.އީ.އޯ.އެމް) ގެ ޗީފް އޮބްޒާވަރ، ޔޫރަޕިއަން ޕާލަމެންޓްގައި ސްޕެއިން ތަމްސީލުކުރައްވާ މެންބަރެއްކަމަށްވާ ނާޗޯ ސަންޗޭޒް އަމޯރ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

އަމޯރ ވިދާޅުވީ، ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރެއްވި ރިޔާސީ އިންތިޚާބް ގައި ކެމްޕޭނުތައް ސުލަހަވެރިކަމާއިއެކު ކުރިއަށްގެންގޮސް، އަސާސީ ހައްގުތަކަށް އިހްތިރާމްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ތުހުމަތުގެ އަސަރު އިންތިޚާބުގެ ކުރިއަށްއޮތް މާހައުލަށް ކޮށްފައިވާކަން އަމޯރ ފާހަގަކުރެއްވިއެވެ.

ވޯޓުލުމާއި ގުނުމުގެ ކަންތައްތައް ކުރިއަށްގޮސްފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިންކަމަށާއި، އެއާ ހިލާފަށް ދިޔަކަންކަން ރިޕޯޓްކުރެވިފައި ވީނަމަވެސް އެކަންކަން ވަރަށް މަދުކަމަށް އަމޯރ ވިދާޅުވިއެވެ.

އޭގެ އިތުރުން އަމޯރ ވިދާޅުވީ، ޓެކްޓައިލް ބެލޮޓް ގައިޑް ބޭނުންކުރުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖޭގައި، ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ފަހިވެގެން ދިޔަކަމަށެވެ.

އިލެކްޝަންސް ކޮމިޝަންއަށް ތައުރީފްކުރައްވާ އަމޯރ ވިދާޅުވީ، އިންތިޙާބުގެ ހުރިހާކަމެއްވެސް ގެންގޮސްފައިވަނީ ވަކި ފަރާތަކަށްނުޖެހި ޕްރޮފެޝަނަލްކޮށްކަމަށާއި، މުވައްޒަފުންގެ ދަތިކަމާއި އެކުގައިވެސް، ގާނޫނުން ލާމިޒްކުރާ ހުރިހާކަމެއްވެސް ވަރަށް ފުރިހަމައަށް ގެންގޮސްފައިވާކަމަށެވެ.

އެހެންނަމަވެސް، ކެންޑިޑޭޓުންނާއި އިލެކްޝަންސް ކޮމިޝަންއާއި ދެމެދު މުވާސަލާތު ކުރެވުނު މިންވަރާއި، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަށް އެ ކޮމިޝަނުން އެއަށްވުރެން ބޮޑަށް މަސައްކަތްކުރަންޖެހޭނެ ކަމަށް އަމޯރ ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގައި މުވައްޒަފުން އައްޔަންކުރުމާއި، ވަކިކުރުމުގެ އުސޫލުތަށް ބައްޓަންވެފައިވާގޮތުން ކޮމިޝަންގެ މިނިވަންކަމާއިމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭކަމަށް އަމޯރ ވިދާޅުވިއެވެ.

މީގެއިތުރުން އަމޯރ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކެމްޕޭނަށް ހަރަދުކުރުމުގެ ކަންކަން ހިނގާގޮތް ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭކަމަށާއި އެކަންކަން ގަވާއިދާއި އެއްގޮތަށް ތަންފީޒު ނުކުރެވޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ކެންޑިޑޭޓުންނަށް ލިބޭ ފައިސާއާއި ކުރާ ހަރަދުތަކުގެ ތަފްސީލް ދެފުށްފެންނަގޮތަށް ފެންނަން ނުހުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ކިބައިގައި އެ ގާބިލިއްޔަތުކަން ނެތްކަން އަމޯރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ މީޑިއާއިންނާއި، އަމިއްލަ ޓީވީ ޗެނަލްތަކުގެ ކަވަރޭޖްތަކުގައި ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަވެފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވުންކަމަށް އަމޯރ ވިދާޅުވިއެވެ.

މީގެއިތުރުން، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަކީވެސް ފިރިހެން ކެންޑީޑޭޓުންކަން ފާހަގަކުރައްވާ އަމޯރ ވިދާޅުވީ، އަންހެނުންގެ ބައިވެރިވުން ގައުމީ ސިޔާސީ މަސްރަހުގައި އިތުރުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް، ސިޔާސީ ޕާޓީތަކުން އެޅަންޖެހޭކަމަށް ބުނެފައެވެ.

އީޔޫގެ ފަރާތުން، އީޔޫގެ މެންބަރު 18 ގައުމަކުންނާއި، އަދި އޭގެ އިތުރުން ކެނެޑާ، ނޯވޭ، ސްވިޒަރލެންޑް ގެ 40 އޮބްޒާވަރުން މާލެއާއި 12 އަތޮޅު ހިމެނޭގޮތަށް، ދިވެހިރާއްޖޭގެ 52 ރަށެއްގައި ހުރި 124 ވޯޓުލާ ސްޓޭޝަންތަކަށް އޮބްޒާވަރުން ޒިޔާރަތްކުރިއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ހިނގާގޮތައް ބެލުމަށާއި، ރިޔާސީ އިންތިޚާބާއި ގުޅިގެން އަންނަ ޝަކުވާތަކާއި އެޕީލްތައް ބެލުމުގެ ކަންތައް ހިނގާގޮތް ބެލުމަށްޓަކައި، އިންތިޚާބުގެ ހުރިހާ މަރުހަލާއެއް ނިމެންދެން އީޔޫ.އީ.އޯ.އެމް އިން ދިވެހިރާއްޖޭގައި ތިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް