ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 22:43
ތިން އަހަރަށްފަހު ރާއްޖެއަށް އައި ޗައިނާގެ ފުރަތަމަ ޑައިރެކްޓް ފްލައިޓްގައި އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ތިން އަހަރަށްފަހު ރާއްޖެއަށް އައި ޗައިނާގެ ފުރަތަމަ ޑައިރެކްޓް ފްލައިޓްގައި އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ވިޒިޓް މޯލްޑިވްސް
ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިން
ނަންބަރުތަކުން، ޗައިނާ ފަތުރުވެރިން ނާންނަ ތަނެއް ނުދައްކާ
 
ފާއިތުވި ތިން އަހަރު، ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވީ އެގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން
 
މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 9.9 އިންސައްތަ، 122،181 ފަތުރުވެރިންނާއެކު ހިއްސާކުރަނީ ޗައިނާއިން
 
ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް އެމްއެމްޕީއާރްސީން ކުރާ މަސައްކަތުގައިވެސް ޗައިނާ "ބާކީ"ކުރާ މަންޒަރެއް ނުފެނޭ

މިހާރުގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ޚާއްސަކޮށް، މިހާރުގެ ސަރުކާރުން އިންޑިއާއެކު ގެންގުޅޭ ގާތްގުޅުމުގެ ސަބަބުން، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެ، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާކަމަށް ބުނާ ބުނުމަކީވެސް ރަނގަޅު ވާހަކައެއް ނޫނެވެ.

ރާއްޖޭގެ އެއް ނަންބަރު ފަތުރުވެރިންގެ މާކެޓުގެ ގޮތުގައި އޮތުމަށްފަހު ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ފާއިތުވި ތިން އަހަރު ބަދަލުތަކެއް އައެވެ. މިއީ ތެދު ވާހަކައެކެވެ. ނަަމަވެސް، މިއީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ޗައިނާ "ބާކީ ކޮށްލައިގެން" އުޅޭތީ އައި ބަދަލުތަކެއް ނޫނެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އައި ބަދަލުތަކެވެެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިއަށް، 2019 ވަނަ އަހަރު ނިމުނުއިރު، ރާއްޖެ އައި ފަތުރުވެރިންގެ 16.7 އިންސައްތަ ހިއްސާކޮށް، އެއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާއެވެ. އެ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ޗައިނާއިން އެގައުމުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ޗައިނާއިން ފަތުރުވެރިން އައުން ހުއްޓުނެވެ. މިއީ ހަމަ ގައިމުވެސް ދިވެހި ސަރުކާރުގެ ސަބަބުން ވީ ކަމެއް ނޫނެވެ. މިއީ ޗައިނާ ސަރުކާރުން ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އެގައުމުން ތިން އަހަރު ހޭދަކުރީ ގައުމުގެ ބޯޑަރު ބަންދުކޮށްގެނެވެ.

ޗައިނާ ސަރުކާރުން ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އެގައުމުގެ ބޯޑަރު އަލުން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެހެންކަމުން، ޖެނުއަރީ 2023އާ ހަމައަށް ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދު ދަށަށްދިޔައެވެ.

ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށާފައިވަނީ 18 ޖެނުއަރީ 2023ގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، (އެމްއެމްޕީއާރްސީ)އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ތިން އަހަރަށް ފަހު ރާއްޖެއަށް އަލުން ޗައިނާގެ ސީދާ ދަތުރުތައް ފަށައި، ރާއްޖެއައި ފުރަތަމަ ފްލައިޓުންވެސް 198 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަސް ނިމުނުއިރު، 5،796 ފަތުރުވެރިން ވަނީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއިން ރާއްޖެ އައި 314 ފަތުރުވެރިންނާ އަޅާބަލާއިރު، އެތައް ތަނެއް އިތުރު އަދަދެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހު 4،276 ފަތުރުވެރިން ވަނީ ޗައިނާއިން ޒިޔާރަތްކޮށްފައެވެ. މާރޗް މަހު، 7،619 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، އޭޕްރިލް މަހު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 13،504ގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މެއި މަހު ހުރީ 15،204ގައެވެ. ޖޫން މަހު 17،028 ފަތުރުވެރިން އައިއިރު، ޖުލައި މަހު ޗައިނާއިން ވަނީ 28،964 ފަތުރުވެރިން އައިސްފައެވެ.

ތިން އަހަރު ދުވަހަކަށް ފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރަން ފެށިފަހުން، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވަނީ އެއް މަހުން އަނެއް މަހަށް ޗައިނާގެ ފަތުރުވެރިން އިތުރުވެގެން އައި މަންޒަރެވެ. ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ވަރަށް ހަލުއިކަމާއެކު އިތުރުވަމުން ކަމަށާއި، ބަލިމަޑުކަމުގެ ކުރިން ޗައިނާ ފަތުރުވެރިންގެ އަދަދު ހުރި އަދަދަށް ވަރަށް އަވަހަށް ވާސިލުވެވޭނެ ކަމަށް އެމްއެމްޕީއާރްސީން ލަފާކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން، ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު 2ގެ ނިޔަލަށް ރާއްޖެ އައިސްފައިވާ 1،238،275 ފަތުރުވެރިންގެ ތެރެއިން 122،181 ފަތުރުވެރިންނަކީ ޗައިނާގެ ފަތުރުވެރިންނެވެ. މިއީ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 9.9 އިންސައްތައެވެ. ޗައިނާ އޮތީ އިންޑިއާއަށްވުރެ ފަހަތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނާގައެވެ.

އެހެން ކަމުން، ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން މަދުވަނީކަމަށް ބުނެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.

ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް އެމްއެމްޕީއާރްސީން ކުރާ މަސައްކަތުގައިވެސް ޗައިނާ "ބާކީ"ކުރާ މަންޒަރެއް ނުފެނެއެވެ.

ކޮވިޑްގެ ހާލަތުން އަރައިގަނެ، ދަތުރުފަތުރު އަލުން ފެށުމާއެކު ދަތުރުކުރަން އެންމެ އެދޭ މަންޒިލުގެ ގޮތުގައި އެކި މާކެޓްތަކުގައި ދިވެހިރާއްޖެ 'ޓޮޕް އޮފް ދަ މައިންޑް' ޑެސްޓިނޭޝަނެއްގެ ގޮތުގައި ބޭއްވުމަށް ހާލަތަށް ބަލައި އެމްއެމްޕީއާރްސީން ކުރަމުން ދިޔަ މާކެޓިންގ ހަރަކާތްތައް ވަނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ޗައިނާގައިވެސް ކުރިއަށް ގެންގޮސްފައެވެ. އެންމެ އެކަށޭނަ ގޮތްގޮތަށް ރާއްޖޭގެ މަންޒަރުތަކާއި މަޢުލޫމާތު ޗައިނާ މާކެޓުގައިވެސް ވަނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދީފައެވެ.

މިގޮތުން، ފާއިތުވި ތިން އަހަރު، އެމްއެމްޕީއާރްސީން ވަނީ 27 ހަރަކާތެއް، ޗައިނާ މާކެޓަށް އަމާޒުކޮށް ހިންގާފައެވެ. އެއީ 2020 ވަނަ އަހަރު 14 ހަރަކާތް، 2021 ވަނަ އަހަރު 8 ހަރަކާތް އަދި 2022 ވަނަ އަހަރު 5 ހަރަކާތެވެ. 2021 ވަނަ އަހަރު ޗައިނާގައި ހިންގި 8 ހަރަކާތުން 10.2 މިލިއަން މީހުނަށް އެމްއެމްޕީއާރްސީން ވަނީ ރާއްޖެ އިޝްތިހާރުކޮށްފައެވެ. އަދި މިދިޔަ އަހަރު ހިންގި 5 ހަރަކާތުން 14.7 މިލިއަންގެ ރީޗެއް އެ ކޯރޕަރޭޝަނުން ވަނީ ކާމިޔާބުކޮށްފައެވެ.

ކޮވިޑަށްފަހު ޗައިނާގައި ބޭއްވޭ ފުރަތަމަ ފިޒިކަލް އިވެންޓް ކަމަށްވާ އައިޓީބީ ޗައިނާ، ސެޕްޓެމްބަރު މަހުގެ 12އިން 14އަށް ޝަންހާއީގައި ބާއްވާން ތާވަލުކޮށްފައި ވާއިރު، މި ފެއަރގައި ރާއްޖޭގެ ފަރާތުން ކުލަގަދަ ގޮތެއްގައި ބައިވެރިވުމަށް އެމްއެމްޕީއާރްސީން ދަނީ ތައްޔާރުވަމުންނެވެ. އެކޯރޕަރޭޝަނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ 33 ކުންފުންޏެއްގެ 67 މީހުން ފެއަރގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން މި ފެއަރގައި ބައިވެރިވަނީވެސް ފެއަރގެ އައިލަންޑް ޕާޓްނަރގެ ގޮތުގައެވެ. މިއީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުވާނެކަމެއްކަން ފާހަގަކުރަންޖެހެއެވެ.

ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ހަމަ ޔަގީނުންވެސް ޗައިނާ ބޭކާރެއް ނުކުރެއެވެ. ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތް އިރުވެސް، އެމަންޒަރު ނުފެނުނުއިރު، ޗައިނާގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިން އަންނަން ފެށުމުން އެގޮތަށް އަމަލުކުރާނެ ކަމަކަށްވެސް ނުބެލެވެއެވެ. ތަފާސްހިސާބުތައް މިހާރު ހުރި ގޮތަށް ބަލާއިރު، އަހަރު ނިމޭއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގައި މިހާރު އޮތްވަރަށްވުރެ ވެސް ކުރިއަށް ޗައިނާ ޖެހިލުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް