ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 19:23
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލި ސިޔާސަތުތައް، އަދި ރައީސް ސާލިހު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލި ސިޔާސަތުތައް، އަދި ރައީސް ސާލިހު
އަޙުމަދު އިޒްމީމް
ރިޔާސީ އިންތިޚާބު
ބައެއް ފަހަރު ކޮޕީ ކޮށްލެވިދާނެ! އެކަމަކު، މިހާ ވަރުވީމަ ތަންކޮޅެއް ބޮޑުވަރު ނޫންތޯ؟
 
އެޕަލްއިން ތިން ކެމެރާއާއެކު ފޯނެއް ނެރޭ ވާހަކަ އިއުލާންކުރާތާ ހަފުތާއެއްގެ ތެރޭގައި، ހަތަރު ކެމެރާއާއެކު ފޯނެއް ނެރޭ ވާހަކަ އެންޑްރޮއިޑުން ވެސް އިއުލާންކުރޭ

ރިޔާސީ އިންތިޚާބަށް ނުވަ ދުވަހަށް ވެފައިވާއިރު، ވައުދުތަކުގައި ހިއްޕަވައިގެން އުޅުއްވަނީ މަދު ކެންޑިޑޭޓުންނެވެ. އިންތިޚާބަށް ދުރާލައި ތައްޔާރުވެވަޑައިގެން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް މެނިފެސްޓޯ އެކުލަވާލެއްވި ހަމައެކަނި ކެންޑިޑޭޓަކީ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މެނިފެސްްޓޯ އެކުލަވާލީ ރައްޔިތުންގެ މަޝްވަރާގެ މަތިންނެވެ. މިސާލަކަށް ދަންނަވާނަމަ، ޒުވާނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލީ ޒުވާނުންނާ މަޝްވަރާ ކުރުމަށްފަހުއެވެ. ކިޔަވާ ކުދިންނާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލީ ސީދާ އެ ކުދިންގެ ގާތަށް ގޮސް، އެ ކުދިންގެ އަޑުވެސް އަހައިގެންނެވެ. މަސައްކަތްތެރިކަމުގެ ދާއިރާގެ މީހުންގެ އަޑު އަހައިގެން، އެމީހުންނަށް އެންމެ އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލިއެވެ.

މިކަން މިހެން އޮތްއިރު، ބައެއް ކެންޑިޑޭޓުންގެ ސިޔާސަތުތަކާ ވައުދުފުޅުތައް ހުރީ ރައީސް ސާލިހުގެ ވައުދުފުޅުތަކާ ދާދި އެއްގޮތްވާ ގޮތަށެވެ. އެކަމަށް ރައީސް ސާލިހުވެސް މި ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އެމަނިކުފާނު އެކަމަށް ރައްދު ދެއްވީ އެޕަލް ފޯނާއި އެންޑްރޮއިޑް ފޯނުގެ މިސާލުންނެވެ. އެގޮތުން ރައީސް ވިދާޅުވަނީ އެޕަލްއިން ތިން ކެމެރާއާއެކު ފޯނެއް ނެރޭ ވާހަކަ އިއުލާންކުރާތާ ހަފުތާއެއްގެ ތެރޭގައި ހަތަރު ކެމެރާއާއެކު ފޯނެއް ނެރޭ ވާހަކަ އެންޑްރޮއިޑުން ވެސް އިއުލާންކުރާ ކަމަށެވެ. އެކަން އެމަނިކުފާނު ގުޅުވާލެއްވީ ހައުސިލް ލޯނާއެވެ. އެގޮތުން އެމަނިކުފާނު ވައުދުވެވަޑައިގަތީ ހައުސިން ލޯނު ހަ ޕަސެންޓަށްވުރެ ކުޑަކޮށްދެއްވުމަށެވެ. އެއާއެކު އިދިކޮޅު ކެންޑިޑޭޓަކު އަނެއް ދުވަހު ހައުސިން ލޯނު ފަސް ޕަސެންޓަށްވުރެ ކުޑަކޮށްދެއްވާނެ ކަމަށް ވިދާޅުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އިދިކޮޅު ކެންޑިޑޭޓަކު އެ ވައުދުފުޅުވެސް ކޮޕީ ކުރައްވައިފިއެވެ. އެ ކެންޑިޑޭޓު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އެހެންވީއިރު، ރައީސް ވެސް އެ ވިދާޅުވާހެން މިއީ ހަމަ ފަހަތުން ދުވުން ނޫންތޯއެވެ؟ އެޕަލްއިން އެންޑްރޮއިޑުގެ ފަހަތުން ދުވާއިރު، އިދިކޮޅު ކެންޑިޑޭޓުން މި ދުވެވަޑައިގަންނަވަނީ ރައީސް ސާލިހުގެ ފަހަތްޕުޅުންނެވެ. އެމަނިކުފާނުގެ ވައުދުފުޅުތަކުން ތަންތަންކޮޅު ބަދަލުކޮށްލައިގެން ސިޔާސަތު އެކުލަވާލައްވަނީއެވެ.

ރައީސް ސާލިހުގެ ވައުދުފުޅުތަކާއި ސިޔާސަތުތައް ކޮޕީކުރައްވައިގެން ކެމްޕެއިން ކުރައްވަނީ އެންމެ ކެންޑިޑޭޓެއްވެސް ނޫނެވެ. އިންތިޚާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން ދަނީ އެކަން ކުރައްވަމުންނެވެ. އަނެއްކޮޅުން ދެރަކަމަކީ، މިކަންކަން ކުރެއްވުމަށްފަހު އެ ބޭބޭފުޅުން ރައީސް ސާލިހަށް އެއްޗެހި ވިދާޅުވާތީއެވެ. ރައީސް ސާލިހު ވަނީ ހދ. މަކުނުދޫގައި 1600 މީޓަރުގެ އެއާޕޯޓެއް އަޅުއްވައިދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. ސަރުކާރުން ވަނީ އެ ޕްރޮޖެކްޓުގެ މަސައްކަތް ވެސް ފަށާފައެވެ. އެހެން ނަމަވެސް، މަކުނުދުއަށް ވަޑައިގެންނެވި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ވަނީ އެރަށުގައި 1200 މީޓަރުގެ އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސާލިހު ވަނީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. އެކިއެކި ވިޔަފާރިތަކުގައި ޝާމިލުވެގެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ރައީސް ސާލިހުގެ މި ސަރުކާރުގައިވެސް ވަނީ އެކިއެކި ކަންކަން ކޮށްދެއްވާފައެވެ. އެންމެ ބޮޑު އެއް ކަމަކީ ކުދި ވިޔަފާރިތަކަށް ރަހުނަކާނުލައި ސަރުކާރުން ލޯނު ދިނުމެވެ. ނަމަވެސް، މި އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓަކު ވަނީ އެކަމަށްވެސް ވައުދުވެވަަޑައިގެންފައެވެ. މިއީވެސް ރައްޔިތުންގެ ލޯ މައްޗަށް ކަންކަން އޮޅުވާލެއްވުމުގެ މަގުސަދުގައި ކުރައްވާ ޒާތުގެ ކަންކަމެވެ.

އަދިވެސް މިކަހަލަ ކަންކަން އެބަހުއްޓެވެ. ރައީސް ވިދާޅުނުވިނަމަވެސް އެކަހަލަ ބައެއް ކަންކަމަށްވެސް ބަލައިލެވިދާނެއެވެ. ކޮޕީ ކުރައްވާކަން އެންމެ ބޮޑަށް ފާހަގަވީ ހަމައެކަނި ވައުދުފުޅުތަކުންނެއް ނޫނެވެ. ކެމްޕެއިން ޕޯސްޓަރުތަކުން ވެސް އެކަން ފެންނަން އެބަހުއްޓެވެ. އޯގަސްޓު މަހުގެ 18 ވަނަ ދުވަހު އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓަކުންވެސް އެކަން އެ އޮތީ ސާފުކޮށް ފެންނާށެވެ. ދިވެހީންގެ ރާއްޖެ ޖައްސަވާފައި އޮތް އެ ޕޯސްޓަރަކީ، މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް, އެމްޑީޕީ ހިމެނޭހެން އޭރުގެ އިދިކޮޅު ފަރާތްތަކުން އެކުލަވާލި ޖަޒީރާ ރާއްޖެ ކެމްޕެއިންގެ ނަކަލެކެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޓުވިޓަރގައި މުއިއްޒުއަށް ފާޑުވެސް ކިޔާފައެވެ. އޭގެތެރޭގައި އޭރުގެ ޕޯސްޓަރުތައް ފަރުމާކުރުމުގައި އުޅުއްވި ބޭބޭފުޅުންވެސް ހިމެނެއެވެ.

އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުން އެންމެ ބޮޑަށް ބަލައިގަންނާނެ އެއްޗަކީ ކެންޑިޑޭޓު ދައްކާ ސިޔާސަތުތަކާއި، ވެވަޑައިގަންނަވާ ވައުދުފުޅުތައް ކަމަށްވުމާއެކު، މަދު އެއްޗެެއް އެއްގޮތް ވެސް ވެދާނެއެވެ. އެހެން ނަމަވެސް، މިވަރަށް ކަންކަން ކޮޕީކުރައްވައިގެން ސިޔާސަތުތައް އެކުލަވާލާ ކަމަށް ވަނީނަމަ، އެއީ ދެން ތަންކޮޅެއް ބޮޑުވަރުތާއެވެ. ރައީސް ސާލިހުވެސް ވަނީ ވަރަށް ޔަގީންކަމާއެކު އެ ވާހަކަ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވަނީ، އެމަނިކުފާނުގެ ސިޔާސަތުތަކާ ވާދަކުރެއްވޭނެ އެހެން އެއްވެސް ކެންޑިޑޭޓަކު މި އިންތިޚާބުގައި ވާދަނުކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
3%
7%
13%
30%
3%
43%
ކޮމެންޓް