ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 09:36
އޭޝިއާ ކަޕް 2023: މުބާރާތް އޮންނާނީ ޕާކިސްތާނާއި އިންޑިޔާގައި
އޭޝިއާ ކަޕް 2023: މުބާރާތް އޮންނާނީ ޕާކިސްތާނާއި އިންޑިޔާގައި
ގޫގުލް
އޭޝިއާ ކަޕް
އޭޝިއާ ކަޕް: ސިޔާސީ އަރައިރުމާ ގުޅިފައިވާ މުބާރާތެއް
މުބާރާތް ކުޅެން އިންޑިޔާއިން ޕާކިސްތާނަށް ނުދާނެ

އަންނަ ބުދާސްފަތި ދުވަހަކީ އޭޝިޔާގެ ކްރިކެޓްގެ ބޮޑު ދުވަހެކެވެ. ސަރަހައްދީ އެންމެ ބޮޑު ކްރިކެޓް މުބާރާތް އަނެއްކާ ވެސް ފަށަނީ އެވެ. މި ފަހަރުގެ މުބާރާތް ބާއްވަނީ ދެ ގައުމެއްގަ އެވެ. އެއީ ޕާކިސްތާނާއި ސްރީލަންކާގަ އެވެ. މިއީ 1984 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް ދެ ގައުމެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މި ގޮތަށް މުބާރާތް ކުޅެން މަޖުބޫރުވީ އެވެ. އެކަމަކު އޭޝިއަން ކްރިކެޓް ކައުންސިލުން ބުނާ ގޮތުގައި މި ފަހަރުގެ މުބާރާތް ކުޅޭނީ ފްރެންޗައިޒް އުސޫލުންނެވެ. އެއް ގައުމު އަނެއް ގައުމަށް ދަތުރުކޮށްގެން ކުޅެން ޖެހުމުން ކުރިއަށްވުރެ ފޯރިގަދަވާނެ އެވެ. އެކަމަކު މިއީ މުޅިން ރަނގަޅު ވާހަކައެއްނޫނެވެ. މުބާރާތް މި ގޮތަށް ރޭވީކީނޫނެވެ. މިގޮތަށް ބޭއްވުން ނޫން ގޮތެއްނެތީ އެވެ. ސަބަބަކީ ޕާކިސްތާނާއި އިންޑިޔާގެ އަރައިރުންވެ، މުބާރާތް ބޮއިކޮޓްކުރަން ފެށުމުންނެވެ.

އޭޝިއާ ކަޕް 2022ގައި ޕާކިސްތާނާއި އިންޑިޔާ ކުޅުނު މެޗު ފެށޫމުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުން - ގޫގުލް

އިންޑިޔާ އާއި ޕާކިސްތާނުގެ ޒަމާންވީ ސިޔާސީ އަރައިރުންތަކުން ސަބަބުން ޕާކިސްތާނަށް އަބަދުވެސް ތުހުމަތުކުރެ އެވެ. އިންޑިޔާ އަށް ހަތުރުވެރިންދޭ ހަމަލާތަކުގެ ފަހަތުގައި އޮންނަނީ އެމީހުން ގަބޫލުކުރާ ގޮތުގައި ޕާކިސްތާނެވެ. އިންޑިޔާގެ އެތެރޭގެ ހަމަޖެހުން ނަގާލުމަށާއި އިންޑިޔާގެ ނަން ކިލަނބުކޮށްލުމަށް ކުރާ ކޮންމެ ކަމަކަށް ވާގިވެރިވާ ބަޔަކީ ޕާކިސްތާނު ކަމަށް ހަދަ އެވެ. މިފަދަ އަރައިރުންތަކުގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޫބަރު މުބާރާތް ކުޅެން ޕާކިސްތާނަށް ނުދާނެ ކަމަށް އިންޑިޔާއިން އިއުލާނުކުރީ އެވެ. މިއާއެކު ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ނިންމީ މުބާރާތް ބޭއްވުމުގެ ފުރުސަތު ޕާކިސްތާނަށް ގެއްލުވާލައިފިނަމަ އެހެން ގައުމަކަށް މުބާރާތް ކުޅެން ނުދިއުމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އިންޑިޔާގައި ބާއްވާ ވޯލްޑްކަޕް ކުޅެން ވެސް ނުދާނެ ކަމަށް ނިންމި އެވެ. އެންމެ ފަހުން ކެބިނެޓްގެ 11 ވަޒީރުންގެ ޓީމަކުން އިންޑިޔާ އަށް ދަތުރުކުރުމަކީ ރައްކާތެރިކަމެއްތޯ ބަލައި ރިޕޯޓެއް ވެސް އެކުލަވާލަން ނިންމި އެވެ. ނަމަވެސް ފަހުން އަމާންދީ ޕާކިސްތާން ނިންމީ އިންޑިޔާ ނަޔަސް ވޯލްޑްކަޕުގައި ކުޅެން އެ ގައުމަށްދާށެވެ. ހުއްޖަތަކަށް ދެއްކީ ކުޅިވަރާއި ސިޔާސީ ކަންކަން މައްސުނިކޮށްގެންނުވާނެ ކަމަށެވެ.

މި މައްސަލަ ފިނިކުރުމަށް އޭޝިއަން ކްރިކެޓް ކައުންސިލާއި ސަރަހައްދީ ގައުމުތަކުން ކުރި މަޝްވަރާތަކަށްފަހު ނިންމީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ އިންޑިޔާގެ މެޗުތައް އެހެން ގައުމެއްގައި ކުޅުމެވެ. ދެ ވަނަ ގޮތަކީ ޕާކިސްތާނުގައި ގްރޫޕް ފިޔަވަހީގެ ހަތަރު މެޗެއް ކުޅުމަށްފަހު ބާކީ މެޗުތައް އެހެން ގައުމެއްގައި ކުޅުމަށެވެ. އޭޝިއަން ކްރިކެޓް ކައުންސިލްގައި ފުރިހަމަ މެމްބަރުކަން ލިބިފައިވަނީ ފަސް ގައުމަކަށެވެ. އެއީ އިންޑިޔާ އާއި އަފްގާނިސްތާނާއި ޕާކިސްތާނާއި ބަނގަލްދޭޝް އާއި ސްރީލަންކާ އެވެ. މީގެ ތެރެއިން ލަންކާ އާއި ބަނގްލަދޭޝް އެއްބަސްވީ ދެ ވަނަ ގޮތަށެވެ. މުބާރާތް މި ގޮތަށް ރާވަންނިންމީ މި ހިސާބުންނެވެ.

އޭޝިއާ ކަޕް 2022 ކާމިޔާބުކުރި ލަންކާ ޓީމު - ގޫގުލް

މުބާރާތުގެ މި ފަހަރުގެ ރަސްމީ ނަމަކީ ސުޕަ 11 އޭޝިއާ ކަޕެވެ. އެއީ މުބާރާތް ސްޕޮންސަރ ކުރަނީ ސުޕަ11 އިން ކަމަށްވާތީ އެވެ. މުބާރާތުގައި ކުޅޭނީ އެއް ދުވަހުގެ 50 އޯވަރުގެ 13 މެޗެވެ. ހަ ގައުމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ފުރަތަމަ ގްރޫޕުގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނޭޕާލެވެ. ދެ ވަނަ ގްރޫޕުގައި ހިމެނެނީ އަފްގާނިސްތާނާއި ބަނގްލަދޭޝް އާއި ދިފާއީ ޗެމްޕިއަން ސްރީލަންކާ އެވެ. މުބާރާތުގައި ނޭޕާލް ބައިވެރިވަނީ އޭސީސީ މެންސް ޕްރެމިއާ ލީގު ކާމިޔާބު ގައުމުގެ ހައިސިއްޔަތުންނެވެ. މުބާރާތުގެ ގަދަ ހަތަރަކަށްދާނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެވެ. އެއަށްފަހު ގަދަ ހަތަރެއް ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ ޕާކިސްތާނުގެ ލާހޯރާއި މުލްޓާން އަދި ލަންކާގެ ކޮލަމްބޯ އާއި ކެންޑީގަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ އިންޑީޔާ އެވެ. އެގައުމުން ހަތް ފަހަރު ތަށި ހޯދި އެވެ. ލަންކާ ހަ ފަހަރު ތަށި ހޯދިއިރު ޕާކިސްތާން ތަށި ހޯދީ ދެ ފަހަރު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭނީ ދެ ލައްކަ ޑޮލަރެވެ. ރަނަރަބް ޓީމަށް އެއްލައްކަ ޑޮލަރެވެ. ތިން ވަނަ ޓީމަށް 70000 ޑޮލަރު އަދި ހަތަރުވަނަ ޓީމަށް 50000 ޑޮލަރު ލިބޭނެ އެވެ. މި މުބާރާތުގެ މެޗުތައް ރާއްޖެ އަށް ވެސް ވަގުތުން ފެންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް