ގުޅީފަޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓުވާލައި، ރައްޔިތުން ބިކަ ކުރީ ޑރ. މުއިއްޒު: އަކްރަމް
19 އޯގަސްޓު 2023 | ހޮނިހިރު 16:41މުއިއްޒުއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް، އޭއީ އެބޭފުޅާގެ އާދައެއް


ގުޅީފަޅުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތައް
އެމްޑީޕީ ސަރުކާރުގައި ގުޅީފަޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓުވާލައި، ރައްޔިތުން ބިކަ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގުޅީފަޅުން ބިން ދޫކުރާ ސަރަހައްދު ދައްކާލުމަށް ނޫސްވެރިން ވަނީ އެރަށަށް ގެންގޮސްފައެވެ. އެސަރަހައްދުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް މުއިއްޒުއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި، އޭއީ އެބޭފުޅާގެ އާދައެއް ކަމަށެވެ. މިއަދު ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވާ ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް ނާޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އެކަން ނުހިނގާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގުޅީފަޅަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ ބޯހިޔާވަހިކަމަށް ގުޅީފަޅުގައި އެމްޑީޕީ ސަރުކާރުން ފުރަތަމަ ހިންގި ޕްރޮޖެކްޓްގެ ތެރެއިން 160 ޔުނިޓް އިމާރާތް ކޮށް ނިންމައި، 32 ޔުނިޓްގެ ހުރިހާ މަސައްކަތެއް ނިންމާ ރައްޔިތުންނާއި ހަވާލުކުރި ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި މުއިއްޒު ހުންނަވާ އެ މަޝްރޫއު ހުއްޓުވާލި ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ގުޅީފަޅުގެ ޕްރޮޖެކްޓް ހުއްޓުވާލުމުން އެތައް ސަތޭކަ އާއިލާއެއް ބިކަވެގެންދިޔަ ކަމަށެވެ. އެ އާއިލާތަކަށް ގޮތްތައް ހޯދައިދިނީ މިސަރުކާރުން އަކްރަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މުއިއްޒުމެން އަމަލުކުރި ގޮތުން މިސަރުކާރަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހުނު ކަމަށެވެ. އަދި ވެރިކަމަށް އައުމުން ސަރުކާރު ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އަމަލުނުކުރައްވާނެ ކަމުގެ ހެކި ގުޅީފަޅުން އެކަނި ވެސް ފެންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.







