ޔާމީންގެ ތާއީދެއް މުއިއްޒަށް ނެތް، އެއީ ކުލަ ބަދަލުކުރުމުގައި ނަމޫނާ ބޭފުޅެއް: މައުރޫފު
18 އޯގަސްޓު 2023 | ހުކުރު 08:40ރައްޔިތުންގެ ގާތަށް ދިއުމަށް ލަދު ގަންނަން ޖެހޭ


އެމްޑީއޭގެ ނާއިބު ރައީސް އަލީ މައުރޫފު
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ޑރ.މުހައްމަދު މުއިއްޒަށް ނެތް ކަމަށާއި، އެއީ ކުލަ ބަދަލުކުރުމުގައި ނަމޫނާ ބޭފުޅެއް ކަމަށް އެމްޑީއޭގެ ނާއިބު ރައީސް ޢަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މައުރޫފު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނުކުންނެވީ 3000 މެންބަރުން ކިރިޔާ ހަމަވާ ޕާޓީއަކުން ކަމަށާއި ރައްޔިތުންގެ ގާތަށް ދިއުމަށް ލަދު ގަންނަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ ގޮތް ހުސްވެގެން ކަމަށެވެ.
މައުރޫފު ވިދާޅުވީ ކަންކަން ހިނގާ ދިޔަ ގޮތުން ވެސް ޔާމީންގެ ތާއީދު މުއިއްޒަށް ނެތްކަން ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ މުއިއްޒަކީ ކުލަ ބަދަލުކުރުމުގެ ނަމޫނާ ބޭފުޅެއް ކަމަށެވެ.
މިސަރުކާރަށް އިޝާރާތް ކުރައްވައި މައުރޫފު ވިދާޅުވީ ރައީސް ސާލިހަކީ ރައްޔިތުންނަށް އޯގާތެރި އިހުލާސްތެރި ވެރިއެއް ކަމަށެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރު މަސައްކަތް ކުރައްވާފައިވާއިރު، އެކަން ސާބިތުކޮށްދީފައިވާކަމަށް މައުރޫފު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގައުމަށް އެންމެ ފައިދާ ހުރި މަސައްކަތް ކޮށްދެއްވި ރައީސްއަކީ ރައީސް ސާލިހު ކަމަށެވެ.
މައުރޫފު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ހިއްސާކުރާ ސިނާއަތް ޓޫރިޒަމް ކުރިއެރުވުމަށް އަމާން ރާއްޖެއެއް ބޭނުންވާ ކަމަށެވެ. އަމާން ރާއްޖެއެއް އޮވެގެން ނޫނީ އިގްތިސާދު ދެގުނަކުރެވެން ނެތް ކަމަށާއި، އަމާން ރާއްޖެއާއެކު އިގުތިސާދު ދެގުނަ ކުރާނެ ކަމަށް މައުރޫފު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ އިންތީޚާބު ބޮޑުތަނުން ނަގާނީ އެއްބުރުން ކަމަށެވެ.









