ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 61 އަހަރު

މީގެ 166 އަހަރުކުރިއެވެ. ވޯރާ ވިޔަފާރި ވެރިންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދިވެހި ދައުލަތުން ދެއްވިއެވެ. އެއީ 1857އެވެ. އޭރު ރާއްޖޭގެ އެންމެ މަތީ ވެރިއަކީ އައްސުލްތާނު މުޙައްމަދު އިމާދުއްދީން (ހަތަރެއް) މުސްކުޅި ބަންޑާރައިން (ރަސްކަންކުރެއްވީ 22 ޖެއުއަރީ 1835ން 12 ޖެނުއަރީ 1882ށް) އެވެ. އޭރުގެ ބޮޑުވަޒީރަކީ ކަކާކޭ އަލްއަމީރު އަލީ ރަންނަބަނޑޭރިކިލެގެފާނެއެވެ. ވޯރާއިންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދެއްވުމުގައި އެންމެ މުހިއްމު ބައެއް އަދާކުރެއްވިކަމަށްވަނީ ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނުއެވެ.

ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމަކީ ރާއްޖޭގައި އޭރުތިބި ވިޔަފާރިވެރިންނަށް ބޮޑެތި ފެންނަކަމަކަށް ނުވިނަމަވެސް ރަދުން ވަރަށްބޮޑަށް ބޭނުންފުޅުވި  ކަމެކެވެ. އެއީ ރާއްޖެއަށް އެތެރެކުރާ މުދަލުން ބަންޑާރައިންގެ ނަންފުޅުގައި ޑިއުޓީއެއްނެގި ވޯރާއިންގެ ބަނގަލާތައް ރާއްޖެއަށް އަންނަ އައުމަށް ބަންޑާރައިންގެ ނަންފުޅުގައި ކުއްޔެއް ނެގޭތީއެވެ. މިގޮތުން ލިބޭ އެއްޗަކީ ސަރުކާރުގެ މާލިއްޔަތަށް އިތުރުވާ އެއްޗެއްކަމުން ބަންޑާރައިންގެ ރުއްސެވުން އޮތީއެވެ. ވޯރާވިޔަފާރިވެރިންނަށް ރާއްޖޭގައި ލިބުނު ހުއްދައިގެ ދަށުން އެމީހުން ފުރަތަމަ ވިޔަފާރި ފަށައިގަތީ އެމީހުންގެ ބަނގަލާތަކުގައި ރާއްޖެއައިސް ވިޔަފާރިކުރާގޮތަށެވެ. ނަމަވެސް މިގޮތަށް ވިޔަފާރިކުރުމުން ލިބޭ ނަފާކުޑަވެ ޚަރަދުބޮޑުވާތީ އެމީހުން ގަސްދުކުރީ މާލޭގައި ދާއިމީގޮތެއްގައި ތިބެގެން ވިޔަފާރިކުރުމަށެވެ. މިގޮތަށް ިތބެންފެށީ 1860 ގެ އަހަރުތަކުގެތެރޭގައެވެ. ރާއްޖޭގައި ވޯރާ ވިޔަފާރިވެރިންގެ ވިޔަފާރި ފުޅާވާން ފެށުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅުހެއްދެވި ބޭފުޅަކީ ރާއްޖޭގައި އޭރު ހުންނެވި އެންމެ ބޮޑު ވިޔަފާރިވެރިޔާކަމުގައިވި، ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. މިކަމާ ދެކޮޅަށް ޢަލީ ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ނުވުމުން އެ ކިލެގެފާނު ރާއްޖެ ދޫކުރައްވައި އޮޅުދޫކަރައިގެ ގާއްޔަށް ހިޖުރަކުރެއްވީއެވެ. ވޯރާވިޔަފާރިވެރިންނަކީ މައިގަނޑުގޮތެއްގައި އިންޑިޔާގެ އަހުލުވެރިންނަށް ވެފައި އޭރު އިންޑިޔާއަކީ އިނގިރޭސީންގެ ކޮލޮނީއަކަށްވުމާއެކު ވޯރާއިންގެ އެކިއެކި ޝަކުވާތަކާ އިނގިރޭސީންގެ ސުވާލުކުރުންތައް ދޭތެރެ ދޭތެރެއިން ދިޔައީ ކުރިމަތިވަމުންނެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. 1887 ޑިސެމްބަރ 16 ގައި ލިޔެވުނު "މުޢާހަދާ" ނުވަތަ ސިޓީގެ ސަބަބުންނެވެ.

ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރަމުން ދިޔަ ދުވަސްވަރު ދިވެހި ވިޔަފާރީގެ މައިގަނޑު ޙަރަކާތްތެރިންނަކީ ވޯރާއިންނެވެ. ދިވެހިންގެ އެއްވެސް ބާރެއް ނެތެވެ. މިގޮތަށް އައިސް ވިހިވަނަ ޤަރުނުގެތެރޭގައި، 1932 ޑިސެމްބަރ 22 ގައި، ރާއްޖޭގައި ޤާނޫނު އަސާސީއެއް ލިޔެވި ޤާނޫނުގެ ދަށުން ވެރިކަން ހިންގަވަން ފެއްޓެވުމުމާއެކު އުފެދުނު މަހުކަމާތަކުގެތެރޭގައި ވުޒާރަތުއް ތިޖާރާ ހިމެނެއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަޒީރުއްތިޖާރާއަކީ މުޙައްމަދު އަމީނެވެ. އެމަނިކުފާނު 22 ޑިސެމްބަރ 1932 އިން ފެށިގެން މެދުކެނޑުމެއްނެތި 22 އޭޕްރީލް 1951 އާއި ހަމައަށް ވަޒީރުއްތިޖާރާކަން ކުރެއްވިއެވެ. ރާއްޖޭގައި ވޯރާއިންގެ ވިޔަފާރި ހިނގިއިރު އެކި ސިފަސިފައިގައި ދިވެހީންނަށް ދުއްތުރާތައް ފޯރަމުންދިޔައެވެ. މިގޮތުން ދިވެހި ހިކިމަސް ނުގަތުމަށް އެމީހުންގެ ފަރާތުން ކުރެވުނު ކަންތައްތަކެއްގެ ނަތީޖާއަކީ ދިވެހީންގެ ހިކިމަސް ގަތުމަށް ސަރުކާރުގެ ފަރާތުން ރައްޔަތުންގެ ބޮޑު އިސްޓޯރު ހުޅުވުމެވެ. މިތަން ހުޅުވުނީ 10 ޑިސެމްބަރ 1948ގައެވެ. އަދި ރައްޔަތުންނާ ސަރުކާރު ގުޅިގެން ވިޔަފާރިކުރާ ކުންފުނިތަކެއްވެސް ފެށުނެވެ. ފުރަތަމަ ޤައުމީ ކުންފުންޏެވެ. ދެން މައިޓް ކުންފުންޏާއި ސިނަމާ ކުންފުންޏާއި އޯކިޑް ކުންފުންޏެވެ. އިތުރަށް އަމިއްލަ މީހުންގެ ވިޔަފާރިވެސް މަޑުމަޑުން ހިނގާމެއެވެ. ރާއްޖޭގެ ވިޔަފާރީގެ ބޮޑުބައި ވޯރާއިންގެ އަތުގައި އޮވެ މަޑުމަޑުން ދިވެހީންގެ ބާރުވެސް ވިޔަފާރީގެ މަސްރަހުން ފާއްދާލައިގެން އައިސް 1960 ގެ އަހަރުތައް ފެށުނުއިރު ދިވެހި މަސްރަހުގައި ވަނީ ވަރަށް ވަރުގަދަ ހިތްވަރާއި އަޒުމެއްގެ ކުލަ ޖަހާފައެވެ. އެއީ ދިވެހީން އިނގިރޭސީންގެ ހިމާޔަތުން ނުކުމެ މިނިވަން ގައުމެއްގެ ގޮތުގައި ނޭވާލުމަށް ފަށާފައިވާ ހިތްވަރުގަދަ މަސައްކަތުގެ ފާޅުކަންބޮޑު ކުލައެވެ. މިގޮތުން އެޅިގެންދިޔަ އެންމެ މުހިއްމު އަދި ބޭނުންތެރި އެއްފިޔަވަޅަކީ 1857 ވަނަ އަހަރުންފެށިން ރާއްޖޭގައި ވިޔަފާރިކުރަމުން އައި ވޯރާ ވިޔަފާރިވެރިންގެ ވިޔަފާރި ސަރުކާރުން ހުއްޓުވި ހުއްޓުވުމެވެ. މިކަން ހަމަޖެއްސީ 1 އޯގަސްޓް 1962 ގައެވެ. ގާތްގަނޑަކަށް 105 އަހަރުވީފަހުންނެވެ.

ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 61 އަހަރުވުމެވެ! ރާއްޖޭގައި ވޯރާ ޖަމާޢަތުގެ މީހުން ކުރަމުން އައި ވިޔަފާރި ހުއްޓުމާއެކު ދިވެހި ވިޔަފާރީގައި މުޅިން އާ ބާބެއް ފެށުމުގެ މަގު ތަނަވަސްވެގެންދިޔައެވެ. އޭރު ފުރަތަމައަށް ޙަރަކާތްތެރިވަމުންދިޔައީ ކުރީއްސުރެ އުފެދިފައިވާ ކުންފުނިތަކެވެ. އެކަމަކު ދުވަސްކޮޅެއްފަހުން އަތިރީ މާފަންނުގޭ ޓްރޭޑިންގް އެކައުންޓް (ނުވަތަ އޭ.ޓީ.އޭ.) ގެ ނަމުގައި ވަކި ވިޔަފާރިއެއް ފެށި ދިވެހި ސަރުކާރުގެ ބޮޑު އިސްޓޯރު ނުވަތަ އެމް.ޖީ.ބީ.އެސްގެ ނަމްބަރުތަކެއްގެ ގޮތުގައި މާލޭގައި ގިނަ ޢަދަދެއްގެ ފިހާރަތައް ހުޅުވިއްޖެއެވެ. މި ވިޔަފާރި ފެށުނީ 18 މެއި 1964 ގައެވެ. މި ފެށުނު ވިޔަފާރިއަކީ މިހާރުވެސް ވިޔަފާރީގައި ޙަރަކާތްތެރިވަމުންދާ އެސް.ޓީ.އޯ.ޕލކ ގެ ފެށުމެވެ. އޭ.ޓީ.އޭ. / އެމް.ޖީ.ބީ.އެސްގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު އަމިއްލަ ވިޔަފާރިވެސް އައީ ބާރަށް ފުޅާވަމުންނެވެ. މިގޮތަށް އައިސް ޗާންދަނީމަގުގެ އުތުރުކޮޅުގައި "ސިންގަޕޫރު ބާޒާރު" ގެ ނަމުގައި ވިޔަފާރިކުރަން ފެށުނީ 1976 ހާ ހިސާބުގައެވެ. އެއީ އައްޑޫއަތޮޅު ގަމުން އިނގިރޭސީން ފޭބުމާއެކު އޮހިގަތް ޕައުންޑާއި ޓޫރިޒަމްގެ ވަސީލަތުން ވަންނަ ޑޮލަރުގެ ބޭނުން ހިފައިގެން އަމިއްލަ މީސްމީހުން ސިންގަޕޫރަށް ގޮސް މުދާ ގެންނަންފެށި ހިސާބުންނެވެ. މިގޮތަށް މުދާ ގެންނަން ފެށުމާއެކު ބާޒާރުން އައު ބާވަތްތައް ލިބެން ފެށުމުގެ އިތުރަށް ބާޒާރުގެ ފިހާރަތަކަށްވެސް ބަދަލު އަންނަން ފެށިއެވެ. މީލާދީން 1976 ވަނަ އަހަރަކީ ހަމައެކަނި އެކްސްޕޯޓް، އިންޕޯޓް ވިޔަފާރީގައި ފާހަގަކުރެވޭ އަހަރަކަށްވުމުގެ އިތުރަށް އެ އަހަރަކީ ރާއްޖޭގައި ފޮރިން އިންވެސްޓްމެންޓްގެ މަސައްކަތް ފެއްޓެވޭތޯ ސަރުކާރުން ކޮންމެވެސް ސިފައެއްގައި މަސައްކަތްފެއްޓެވި އަހަރެއްގެ ގޮތުގައި ފާހަގަކޮއްލެވެއެވެ. މިގޮތުން ފޮރިންއިންވެސްޓްމެންޓް ޑިވިޜަންގެ ނަމުގައި ވަކި ބައެއް އުފައްދަވައިގެން މަސައްކަތްތަކެއް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚަށް ބަލާއިރު ވިޔަފާރީގައިވެސް ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން އެނގެއެވެ. ތާރީޚީގޮތުން އެނގޭ ގޮތުގައި ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ މިނިވަންކަން ރަޢިއްޔަތެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެކެވެ.

ރާއްޖޭގެ ތާރީޚްގައި ދިވެހިންގެ މިނިވަންކަން އެންމެ ބޮޑަށް ގެއްލުނީ ޕޯޗުގީޒުންގެ ބާރުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރުއެވެ. އެއީ 18 މެއި 1558 އިން 1 ޖުލައި 1573 އަށް ހިނގި މުއްދަތުގެ ވާހަކައެވެ. މި ދުވަސްވަރުވެސް ދިވެހިން އެމީހުންގެ އަމިއްލަ ވިޔަފާރި ކުރިއަށް ގެންދިއުމަށް ޙަރަކާތްތެރިވެފައިވެއެވެ. މީލާދުގެ 16 ވަނަ ޤަރުނުން ފެށިގެން 19 ވަނަ ޤަރުނުގެ ފަހު ބަޔާއި ދާދިހަމައަށް ނަޡަރު ހިންގާލާއިރު ދިވެހި ވިޔަފާރީގެ މުގޫ އޮތީ ސީދާ ދިވެހިންގެ އަތްމަތީގައިކަން އެނގެއެވެ. އޭރު ރާއްޖޭގެ ވިޔަފާރީގައި ހިމެނުނު މައިގަނޑު ބާވަތްތަކަކީ ހިކި ކަނޑުމަހާއި ބޮއްޔާއި ރޯނާއި ކުފުރާފަދަ ބާވަތްތަކެވެ. މި ތަކެތި ރާއްޖެއިން ބޭރަށް ގެންގޮސްގެން ރާއްޖެއަށް ބޭނުންވާ މައިގަނޑު ބާވަތްތައް އެތެރެކުރަމުން ދިޔައެވެ.

0%
100%
0%
0%
0%
0%