މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމާއި، ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ޚާއްސަ މެޑެލް ދެއްވައިފި
26 ޖުލައި 2023 | ބުދަ 08:48ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސްގެ ޚާއްސަ މެޑެލް 10 ހާފިޒުން ހާސިލްކުރެއްވި


ސޯޝަލް ސެންޓަރުގައި ބުދަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބުދަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަތީ 18 ބޭފުޅަކަށެވެ.
އިނާމު ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ.
ރޮބޯމޭން
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.









