ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި
22 ޖުލައި 2023 | ހޮނިހިރު 07:00މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 23 ޖުލައިން 7 އޮގަސްޓުގެ ނިޔަލަށް ވަނީ ހުޅުވާލާފައި


އިންތިޚާބާބެހޭ މަރުކަޒު
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން ބުނީ މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، 2023 ޖުލައި 23ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމަޔަށް ހުޅުވާލާފައި ވާކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ)އަށެވެ. އަދި ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00ން މެންދުރުފަހު 2:00ށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00ން ހަވީރު 4:00ށް ކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން އީސީން ބުނީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާއާއި ރިޔާސީ އިންތިޚާބުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންޖެހޭ ކަަމަށެވެ. އަދި ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ނ)ގައި ވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުތުތަކެވެ.
އީސީން ބުނީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން، އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެމަތިން ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ހާޒިރުވެ މައުލޫމާތާއި ލިޔުންތަކާއި ތަކެތި ހުށަހަޅަން ވާނެއެވެ. އެމީހަކަށް ހާޒިރުވެވެން ނެތްނަމަ، އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން އެމީހަކަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި ހުށަހެޅިދާނެ ކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން އީސީން ބުނީ އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ހުށަހަޅާ 1500 މީހުންގެ މައުލޫމާތު (ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި) ހިމެނޭ ލިޔުން ފުރިހަމަވާންޖެހޭ ކަަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00ށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގައި ނިމޭތާ 30 މިނިޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ.







