ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އޮކްޓޫބަރު މަސްތެރޭގައި ނިންމާލެވޭނެ: އާޒިމް
22 ޖުލައި 2023 | ހޮނިހިރު 06:22މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ، އާދަމް އާޒިމް
ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އޮކްޓޫބަރު މަސްތެރޭގައި ނިންމާލެވޭނެ ކަމަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ޅައިމަގުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ.
އާޒިމް ވިދާޅުވީ މި ބަނދަރުގެ މަސައްކަތް ފެށިފަހުން، ރައްޔިތުންގެ އެދުމުގެ މަތިން ދެތިން ފަހަރަކު ބަދަލުތައް ގެންނަން ޖެހުނު ކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތުގެ ޚަރަދު ބޮޑުވެ، މަސައްކަތް ކުރިއަށް ގެންދިއުމުގައި ލަސްވެ، ވަގުތުތަކެއް ބޭކާރުވެގެންދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ބަނދަރުގެ މަސައްކަތް ކުރުމަށް އައުމުގެ ކުރިން އެ ބަނދަރަކަށް ބަދަލު ގެންނަން ބޭނުންވާނަމަ ރަށު ކައުންސިލާއި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު އެކަން އެންގުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް ޅައިމަގުގެ ބަނދަރަށް ބަދަލުތައް ގެނެސްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޮކްޓޫބަރު މަސްތެރޭގައި ބަނދަރުގެ މަސައްކަތުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ނިންމައި ރައްޔިތުންނާ ހަވާލުކުރާނެ ކަަމަށް އާޒިމް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދިގެންދާނެއެވެ.
ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ. އެރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން، ލަފާފުރާ ދޯނިތަކަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާއިރު، ބަނދަރުގެ މަސައްކަތް ނިމޭނެ ދުވަހަކަށް ރައްޔިތުން ތިބީ އިންތިޒާރުގައެވެ.








