ކަސްތޮޅުގައި ބެދުނެއްކަމަކު މި 4 ބެއިން ދެއްކީ ރީތި މިސާލެއް!
މި 4 ދަރިވަރުންނަކީ، އެއްމާބަނޑު 4 ބެއިން

ހުޅަނގު އައްސޭރި، ޣައްޒާ އަދި ޤުދުސް ހިމެނޭހެން ފަލަސްޠީނުން މިއަހަރު ޖީސީއީ ހެދުމަށް މިއަހަރު ދަފުތަރު ކުރި ދަރިވަރުންގެ ޢަދަދު 87000 އަށް އަރާ
ދުނިޔޭގެ އެކި ހިސާބުތަކުގައި އެ އިމްތިޙާނަށް ކިޔާ ނަން ތަފާތުވެދާނެއެވެ. ނަމަވެސް ޖުމުލަ ގޮތެއްގައި ހުރިހާ ހިސާބެއްގައިހެން އެ އިމްތިޙާނަށް ކިޔާ އެންމެ އާންމު އެއް ނަމަކީ ޖީސީއީ ފާހެވެ. ނުވަތަ ޖީސީއީ ނެގުމެވެ. އެއީ އެންމެ ތުއްތު ޢުމުރުން ފެށިގެން 10 ވަރަކަށް އަހަރަށް ދެމިގެން ދިޔަ ތަޢުލީމީ ޙަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ވަރުގަދަ އިމްތިޙާނެވެ. އެ ދަރިވަރެއްގެ މުސްތަޤުބަލު، އެ އިމްތިޙާނެއްގެ މައްޗަށް އިންތިހާއަށް ބުރަވާ އިމްތިޙާނެކެވެ. އެހެން ކަމުން، ޖީސީ އިމްތިޙާނަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިން އިންތިހާ ސަމާލުކަން ދެއެވެ.
ޖީސީއީ ހަދާ ދަރިވަރުންނަށް ފަހި މާޙައުލުތައް ތަނަވަސްކޮށްދެވޭ ތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް، އެއީ ކޮންމެ ކޮންމެ ދަރިވަރަކަށް ލިބޭ ނަސީބެއް ނޫނެވެ. ހަނގުރާމައާއި ކުރިމަތިލުންތަކުގެ މެދުގައި ތާށިވެފައި ތިބި ޙާލު، ޖީސީއީ ފުރިހަމަ ކުރި ދަރިވަރުންގެ ޢަދަދުވެސް ވަކި މަދެއް ނޫނެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ 4 ދަރިވަރެއްގެ ވާހަކަ ހިއްސާކޮށްލެވޭތޯ ބަލާނަމެވެ.
ޔަހޫދީ އިޒްރޭލުގެ މުށު ތެރޭގައި ފިތެމުންދާ ފަލަސްޠީނުގެ ޣައްޒާގެ ހާލަތާ ބެހޭ ގޮތުން އިތުރު ތަޢާރަފަކަށް ބޭނުންވެދާ ކަމަކަށް ހީއެއް ނުކުރަމެވެ. އެއީ މިއަދު ދުނިޔޭގައި އޮތް އަނގަމަތި ހާ، އެންމެ ބޮޑު ޖަލެވެ. ސިލްސިލާ ގޮތެއްގައި ދެމެމުން ދާ ހަނގުރާމަތަކާއި، ހަމަލާ ބަދަލު ކުރުންތަކާއި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި މިނޫންވެސް އިތުރު ގޮންޖެހުންތައް އިންތިހާއަށް ކުރިމަތިވެއެވެ. އެހެނެއް ކަމަކު، ޣައްޒާގެ ދަރިވަރުންގެސް ޖީސީއީ ފުރިހަމަ ކުރެއެވެ.
އިންތިހާ ދަތީގައި އުޅެމުންވެސް ޖެނެރަލް ސެކަންޑަރީ އެޑިއުކޭޝަން ސަރޓިފިކޭޓް އިމްތިޙާނުން 'ޑިސްޓިންގްޝަން' ނުވަތަ އެންމެ މަތީ ފާސް ހޯދި 4 ދަރިވަރަކު ޣައްޒާގައި އެބަ ތިއްބެވެ. މި 4 ދަރިވަރުންގެ ޚާއްޞަކަން މިހާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. މި 4 ދަރިވަރުންނަކީ، އެއްމާބަނޑު 4 ބެއިންނެވެ. ޛަރޫރީ އަދި އާސާސީ ގިނަ ޚިދުމަތްތަކަކުން މަޚުރޫމުވެފައި ތިއްބެއްކަމަކު، ޝަރާބުގެ 4 ބެއިން ވަނީ، އެ ހުރިހާ ގޮންޖެހުންތަކަކުންވެސް އަރައިގަނެވިދާނެކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދީފައެވެ.
ހުޅަނގު އައްސޭރި، ޣައްޒާ އަދި ޤުދުސް ހިމެނޭހެން ފަލަސްޠީނުން މިއަހަރު ޖީސީއީ ހެދުމަށް މިއަހަރު ދަފުތަރު ކުރި ދަރިވަރުންގެ ޢަދަދު 87000 އަށް އަރައެވެ. އޭގެ ތެރޭގައި އަންހެން، އަދި ފިރިހެން ދަރިވަރުންވެސް ހިމެނެއެވެ. މިއަހަރު ޣައްޒާއިން ޖީސީއީ ހެދުމަށް ދަފުތަރު ކުރި 38000 ދަރިވަރުންވެސް މި ޢަދަދުގެ ތެރޭގައި ހިމެނެއެވެ.
މި އަހަރުގެ ޖީސީއީ ނަތީޖާތައް އިޢުލާން ކުރުމާ ދިމާކޮށް، ޣައްޒާގައި އެންމެ ބާރުބޮޑުވެގެން ދިޔަ އެއް ތަނަކީ ފޮނިކާތަކެތި ވިއްކާ ފިހާރަތަކެވެ. ފާހަގަ ކުރެވޭހާ ގިނަ ޢަދަދަކަށް ކަސްޓަމަރުން ޖަމާވިއެވެ. ޖީސީ އިމްތިޙާނުގެ ނަތީޖާ އިޢުލާން ކުރާ ވަޤުތަކީ ދަރިވަރުންނާއި އެ ދަރިވަރުންގެ ޢާއިލާތަކަށްވެސް މުޅި ޙަޔާތުގައި އަންނަ އެންމެ އާދަޔާ ޚިލާފު އެއް ވަޤުތަށް އޮންނަނީ ވެފައެވެ.
ދެބައިވެ، ނިމޭ ކޮޅަށް އަޅާފައި ވާ މި ހިނގާ 2023 ވަނަ އަހަރަކީވެސް ޣައްޒާއަށް ހަލަބޮލި އަހަރެކެވެ. ޔަހޫދީ އިޒްރޭލުގެ ރަޙުމެއް ނެތް ހަމަލާތައް ސިލްސިލާ ގޮތެއްގައި އަމާޒު ވަމުން ދިޔަ އަހަރެކެވެ. ބޮމާއި ބަޑީގެ އެތައް ހަމަލާއެއްގައި، އެކި ޢުމުރުގެ މީހުން މަރުވެ ދިޔަ އަހަރެކެވެ.
ހަނި ދިގަށް ދެމި، ހުރިހާ ކޮޅަކުން ފިއްތާލާފައި އޮންނަ ޣައްޒާގެ އާބާދީ، 2.3 މިލިއަނަށް އަރައެވެ. އެމީހުން ދިރިއުޅޭނީ ސިޓީތަކާއި އަވަށްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކުގައެވެ. އެންމެ 141 އަކަ މޭލު ނުވަތަ 365 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައެވެ. ޣައްޒާގެ ބޯޑަރަކީ އިޒްރޭލާއި މިޞްރުން ބައްދާލާފައި އޮންނަ ބޯޑަރެކެވެ. އުޒުރެއް ކަމުގައި ހަދަނީ ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތެވެ.
އެތައް ހަނގުރާމައަކާއި، 16 އަހަރަށް ދިގުލާ ގޮސްފައި ވާ އިޒްރޭލުގެ އިސްތިއުމާރީ އަޅުވެތިކަމުގެ ސަބަބުން، ޣައްޒާގެ އިޤްތިޞާދުވެސް ދަނީ ގޯހުން ގޯހަށެވެ. މި ނޫން ދުވަހެއް ފެނިދާނެ ކަމުގެ ޢުއްމީދު އާވެގެން ދަނީ، ޝަރާބުގެ 4 ބެއިން ފަދަ ޒުވާނުންގެ ހިތްވަރާއި މިންނެތް މަސައްކަތުންނެވެ.




