ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 13:33
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިކޮޅަށް ކުޅެވޭ ކަމަށް އެއްބަސްވި ނަމަވެސް އިސްތިއުފާ ދޭން ދެކޮޅު ހަދައި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިކޮޅަށް ކުޅެވޭ ކަމަށް އެއްބަސްވި ނަމަވެސް އިސްތިއުފާ ދޭން ދެކޮޅު ހަދައި
އެފްއޭއެމް
އެފްއޭއެމް
ހެދި ދޮގުތަކަށް އިއުތިރާފުވެ، އެފްއޭއެމް ނުހިންގުނަސް ބައްސާމަށް އޯކޭ! ފުޓްބޯޅަ ދަށްވީ ކޯވިޑާ ހެދިގެން؟ ގަބޫލު ކުރާނަންތަ؟
 
ޤައުމީ ކޯޗާއި، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ގިނަ މަސްތަކެއް ވެފައިވާ ކަމަށް އަމިއްލަ އަށް އެއްބަސްވި
 
ފުޓުބޯޅަ ރަނގަޅު ކުރާ ވާހަކަ ފަށާފައި ވިދާޅުވީ، "އަބަދު ވެސް މި ކުޅެވެނީ ބައި ކޮޅަށް" ކަމަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން ބޮއްސުންލައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްތިއުފާ އަށް އާންމު ރައްޔިތުން ވެސް ގޮވަމުން އަންނަތާ ލައްކަ ދުވަސްވެއްޖެ އެވެ. އެކަން އެހެން އޮއްވާ، ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދިވެހިރާއްޖެ ކެޓުމާއެކު، އަނެއްކާ ވެސް އެ އަޑު ގަދަވި އެވެ. އާންމުންގެ އަޑުތައް ގަދަވުމުގެ އިތުރުން، "ސޭވް އެފްއޭއެމް"ގެ ނަމުގައި ހަރަކާތެއް ފަށައިފި އެވެ. އެ ހަރަކާތުގައި އިސްކޮށް އުޅެނީ ވެސް ދިވެހި ފުޓުބޯޅައިގެ ތަޖުރިބާ ކާރުންނެވެ. އެކަންކަމާއެކު ބައްސާމަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާއެކު، މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުން ފަށަން ޖެހުނީ ވެސް މީޑިއާތަކާއި ބައްސާމާ ދެމެދު ޚިލާޔު ތަފާތުވުން އުފެދިގެންނެވެ. މީޑިއާތަކާ "ބީރައްޓެހި" އެފްއޭއެމުން މަސައްކަތް ކުރީ އެ ނޫސްވެރިންގެ ބައްދަލުވުން ލައިވް ކުރިޔަ ނުދިނުމަށެވެ. ނަމަވެސް ނޫސްވެރިންގެ ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން ގޮތް ދޫކޮށް ބައްސާމް ޕްރެސް ފެށި އެވެ. ޕްރެސް ފަށައިގެން ނޫސްވެރިން ގެންދިޔައީ ބައްސާމަށް އިންތިހާ އަށް ހޫނު ސުވާލުތައް ކުރަމުންނެވެ. ފުޓުބޯޅައިގެ ހާލަތު ދަށްވެފައިވާ ކަމަށް އަމިއްލައަށް ޤަބޫލުކުރާ ކަމަށް ބުނި ނަމަވެސް، ބައްސާމްގެ މޫނު މަތިން ފެނުނީ ވަރަށް ހަމަޖެހިލައިގެން އިން މަންޒަރެވެ. ނޫސްވެރިންގެ ސުވާލުތަކަށް ބައްސާމް ޖަވާބު ދެމުން ދިޔައިރު ހީވީ، ފޮނި ހުވަފެނެއް ފެންނަމުން ދިޔަ ހެންނެވެ. ބައްސާމްގެ "މޮޅު" ވާހަކަތައް ދައްކަމުން ދިޔައިރު، ބައެއް ނޫސްވެރިން ދިޔައީ މަލާމާތުގެ ރާގެއްގައި ހެމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އަދި ޖެނަރަލް ސެކްރެޓަރީ ޖަވާ - ރާއްޖެ އެމްވީ

ފުޓުބޯޅަައިގެ ޙާލަތު ގޯސްވެފައިވާ ކަމަށް އަމިއްލަ އަށް ޤަބޫލު ކުރި ނަމަވެސް، އިސްތިއުފާ ދޭން ޖެހޭ ހާލަތެއް އޮތް ކަމަށް ބައްސާމް ނުދެކެ އެވެ. ބުނީ ފެއިލް ނުވާ ކަމަށެވެ. އެކަމަކު ދެއްކީ މުޅިން ވެސް ފެއިލްވެ، އެފްއޭއެމް ހިންގުން ބޮއްސުންލާފައިވާ ވާހަކަތަކެވެ. ޤައުމީ ކޯޗަށް މުސާރަ ނުދެވި ފަަސް މަހެއްހާ ދުވަސް އޮތް ކަމަށް ބުންޏެވެ. މުވައްޒަފުން އޮފީހަށް ނުނިކުމެ އެވެ. މުވައްޒަފުންނަށް މުސާރަ ނުދެވޭތޭ، ހަތަރު މަހަށް ވުރެ ގިނަ ވެއްޖެ ކަމަށް ބައްސާމް އިއުތިރާފުވީ، އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) އެކި ފަހަރު މަތިން އެ ވާހަކަތައް ދޮގުކޮށްފައި ވަނިކޮށެވެ. މި ހުރިހާ ދުވަހު ޖަވާ ހަދަމުން އައި ދޮގުކަން ފަޅާ އަރުވާލީ ކައިރީގައި ބައިންދައިގެން ބައްސާމެވެ. ދެން ދެއްކީ މާ ހުތުރު ވާހަކަ އެކެވެ. 2017 ވަނަ އަހަރުން ފެށިގެން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކޮށް ހުރި ވާހަކަ އެވެ. ޕެންޝަން އޮފީހުން އެފްއޭއެމް ބްލެކް ލިސްޓަށް ލުމާއެކު، 2021 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ހުރި ފައިސާތައް ޖަމާކޮށްފައިވާ ކަމަށް ބުންޏެވެ. އެ ތާރީޚުގެ ފަހަތަށް ހުރި ފައިސާތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދައްކާނެ ކަމަށް ބުންޏެވެ. މިކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ބައްސާމް ހެއްޔެވެ؟ ޖަވާ ހެއްޔެވެ؟ ނޫނީ އެފްއޭއެމުގެ މާލީ ކަންކަން ބަލަހައްޓާ މުވައްޒަފުން ހެއްޔެވެ؟

ޕްރެސްގައި ބައްސާމް އެންމެ ބޮޑަށް ދެއްކީ ކުރިއަށް އޮތް ދުވަސްތައް އުޖާލާ ވާނެ ކަމަށް އަބަދުވެސް ދައްކާ އެއް ވާހަކަތަކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު، މިދިޔަ އަހަރު މީރުމާގައި އޮތް އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ބައްސާމް ބުނީ، "ކުރިއަށް އޮތް އެއް ހަފްތާގެ ތެރޭގައި އެފްއޭއެމްގެ މާލީ މައްސަލަ ހައްލުވާނެ" ކަމަށެވެ. އެކަމަކު އަދިވެސް އެކަމެއްނުވެ އެވެ. ބަދަލުގައި އެފްއޭއެމް ފަހަތަށް ސޮއްސާލީ އެވެ. ދިވެހި ފުޓުބޯޅަ ވެސް ފަހަތަށް ސޮއްސާލީ އެވެ. އެ އިދާރާ މިހާރު އެ އޮތީ ބަނގުރޫޓުވުމާ ހަމައިގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް - މިހާރު

ބައްސާމްގެ ފޮނި ވާހަތަކުން ކުށްވެރިވީ ކޯވިޑް-19 އެވެ. އެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ޚަރަދުތައް ކުޑަނުކޮށް ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ. އެއީ ކުލަބުތަކަށް ފައިސާ ދިނުމަށާއި، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަތައް ބަރާބަރަށް ދޭން ކަމުގައެވެ. އެ ދުވަހު ވީ ސެކްރިފައިސްގެ ތާށިތަކެއް މިއަދު ކުރިމަތިވަމުން އަންނަ ކަމަށް ބުންޏެވެ. މާލީ ގޮތުން ފައިސާތަކެއް ލިބޭނެ މާބޮޑު ދޮރެއް އެފްއޭއެމްގައި ހުޅުވިފައި ނެތްއިރު، އެ ދުވަހު އެ ހުރިހާ ޚަރަދެއް ކުރީ ކީއްވެ ހެއްޔެވެ؟ ކޯވިޑާއެކު އެހެން ޤައުމުތަކުގެ ފުޓުބޯޅަ އެސޯސިއޭޝަނަށް އެއްވެސް ދަތިކަމެއް ކުރިމިތި ނުވިއިރު، ރާއްޖެ އަށް އެހެން ދިމާވާންވީ ވަކި ކީއްވެ ހެއްޔެވެ؟ ފުޓުބޯޅައިގެ ކަންކަމުގައި އުޅޭ ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ބައްސާމް އެ ދެއްކި ވާހަކަ ޤަބޫލު ކުރާނެ ޖާގައެއް ނެތެވެ. ސަބަބަކީ އެފްއޭއެމަށް ފައިސާ ވަންނާނެ ގިނަ ގޮތްތަކެއް ނެތްއިރު، އެ ދުވަހު އެ ޚަރަދުތައް ކޮންމެ ވެސް ވަރެއްގައި ހިފެހެއްޓިނަމަ، މިއަދު ބައްސާމް އެ ބުނާ ހާލަތަކަށް ނުދާނެތީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް - އެފްއޭއެމް

ފުޓުބޯޅަ ރަނގަޅު ކުރާ ވާހަކަ ފަށާފައި ބުނީ، "އަބަދު ވެސް މި ކުޅެވެނީ ބައި ކޮޅަށް" ކަމަށެވެ. ގައިމު ކުރިއަށް ކުޅެގެން، ސްކޯ ބޯޑުން މައިނަސް ކަނޑުވާލާނެ ފުރުސަތު ވެސް ބައްސާމަށް ލިބިއްޖެތާ އެވެ. ބައި ކޮޅަށް ކުޅެ، އަމިއްލަ ގޯލަށް ލަނޑުތަކެއް ވަންނަމުން ދިޔަ ނަމަވެސް، އިސްތިއުފާ ދޭން ޖެހޭ ކަމަށް ބައްސާމް ޤަބޫލެއް ނުކުރެ އެވެ. ދިފާއުގައި ބުނީ އޭނާގެ މުޅި ދައުރަށް ބެލުމަށެވެ. ފުރަތަމަ ދައުރުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއި، އަންހެން ޓީމާއި، ޒުވާން ޓީމު މެޑަލް ހޯދި ވާހަކަ ކުރިއަށް ނެރުނެވެ. ދެން ބުނީ ފުޓުބޯޅައިގެ ނަތީޖާ ބަލަން ވާނީ އެންމެ ދެ އަހަރަށް ނޫން ކަމަށެވެ. އެހެން ނަމަވެސް، ފުޓުބޯޅަ އަށް ލޯބި ކުރާ މީހުން ބުނާ ގޮތުން މިއީ ބައްސާމް އިސްތިއުފާ ދޭންވީ ވަގުތެވެ. ފުޓުބޯޅައިގެ ހަޔާތުގައި ދިވެހިން ހޯދި ކާމިޔާބީތަކަށްވުރެ، ބައްސާމްގެ މި ދައުރުގައި ފުޓުބޯޅައިގައި ޖެހުނު ލަށްގަނޑު މާ ބޮޑެވެ. އެންމެ ބޮޑު މައްސަލައަކީ އެފްއޭއެމުގެ ހިންގުންތެރިކަން ދަށްވުމާއި ތަކުރާރުކޮށް އެއިދާރާއިން ދޮގު ހަދަމުންދިއުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް
20 ޖުލައި 2023 | ބުރާސްފަތި 15:54
އިސްތިއުފާދިނުންއެއީކެރޭމީހުންނަށްކުރެވޭކަމެއް
ނޫން! އަދި މީގެ އެންމެ ބޮޑު ދެރަ އަސްލު މިދެވެނީ މިހާރުގެ ހުނަރުވެރި ފުޓުބޯޅަ ޖީލަށް. ހަމައެކަނި ކްލަބްތަކަށް ލިބޭ އާމްދަނީ އަކުން އެކުލަބްތަކެއް ރަނގަޅަކަށް ނުހިންގޭ. އަދި ދައުލަތުން ދޭ ފައިސާއިން ވެސް ކްލަބްތައް ބޭނުންވާ ފެންވަރަކަށް ނުހިންގޭ. ފުޓުބޯޅަ ކުޅޭ ކުޅުންތެރިޔަކަށް ދޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅާ ހަމައެކަނި އެފައިސާ ހޯދާ ބަހާނެ ނަމަ އެކަނި ވެސް ފުޓުބޯޅަ އޮންނާނީ މިއަށްވުރެ ރަނގަޅު ހިސާބެއްގަ ކަންނޭނގެ. ފައިސާ ދޭނަމޭ ކިޔާފަ ކަންކަން ކުރުވާފަ އެފައިސާ ނުދިނުން މިއީ އިސްލާމްދީނާ ވެސް މުޅިން ޚިލާފުކަންކަމެއް ނޫންތަ؟