ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 08:29
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ އަތޮޅަކުން ތިން މީހުން ހައްޔަރުކޮށްފި
 
ފުލުހުން ބުނީ މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް
 
ކަމަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު ބަނގުރާ ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ދެ އަތޮޅަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އިދާރާއިން ހިންގާފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަަމަށެވެ. ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނެއް ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ބެލިބެލުމުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭދަފުށީގައި ހިންގި އޮޕަރޭޝަނަކީވެސް އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި ޖުލައި މަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނެއް އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ފުލުހުން ކަމަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު ބަނގުރާ ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި ޖުލައި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 51 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ދިރިއުޅޭ ކޮޓަރި ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމް.އެލްގެ ތިން ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް