މަޖިލިސް ހިންގުމަށް ފުރުސަތު ދޭން ޖެހޭ، ބޮޑުވަޒީރުކަން ބޭނުންވާނަމަ މަޝްވަރާގެ ތެރެއިން ވަޑައިގަންނަވާ: މެންބަރު ނިހާދު
12 ޖުލައި 2023 | ބުދަ 12:53މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަރުތަޅު އެޅުމަކީ ހައްލެއް ނޫން


ސިޔާސީވެށި ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވާހަކަފުޅު ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް ހިންގުމަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ބޮޑުވަޒީރުކަން ބޭނުންވާނަމަ މަޝްވަރާގެ ތެރެއިން މަސައްކަތްކޮށް، ގާނޫނު އަސާސީއާ އެއްގޮތަށް މަގާމަށް ވަޑައިގަންނަވަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ސިޔާސީވެށި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ނިހާދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަރުތަޅު އެޅުމަކީ ހައްލު ނޫން ކަމަށެވެ. ބޮޑުވަޒީރުކަން ބޭނުންވާ ކަމަށްވާނަމަ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އުސޫލުގެ ތެރެއިން އެމަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މަޝްވަރާ ކުރުން ވެސް އެބައޮތް ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު މަގާމަށް ވަޑައިގަންނަވަންވީ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ.
ނަމަވެސް މަޖިލިސް ހިންގަން ފުރުސަތު ނުދީ، ރައްޔިތުން ބޭނުންވާ ގާނޫނުތައް ފާސްނުކޮށް އަދި ރައްޔިތުން ރުހޭ ގޮތަށް މަސައްކަތްނުކޮށް ބޮޑުވަޒީރުގެ މަގާމަށް އާދެވޭނެކަމާއި މެދު މެންބަރު ނިހާދު ސުވާލު އުފެއްދެވިއެވެ. އަދި ވިދާޅުވީ މަޖިލިސް މެންބަރުންނަށް ވެސް އެމަގާމަށް އާދެވެނީ ރައްޔިތުންގެ ރުހުމާއެކު ކަމަށެވެ. މެންބަރު ނިހާދު ވިދާޅުވީ ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާނުކޮށް މާދަމާ ވޯޓު ހޯދުމަށް ނުކުތް ނަމަވެސް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.
މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަތް މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު ނިހާދު ވިދާޅުވީ ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެ ކޮމާންޑަށް ސިފައިން އަމަލުކުރާނެ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވި ނަމަވެސް ސިފައިން މަޖިލީހަށް ވައްދައި މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުން އެބޭފުޅާ ނުނަގާނެ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. މެންބަރު ނިހާދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ އެގޮތަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، މެޖޯރިޓީއަށްވުމާއެކު މަސައްކަތް ކުރަނީ ރީތީ ޑިމަކްރޮސީ އުސޫލުން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް ސިފައިން ވެއްދުމަށް އެދުނު ނަމަވެސް ރައީސް އަމުރުނުކުރައްވާ ކަމަށްވާނަމަ އެގޮތަށް އެކަން ނުހިނގާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ނިހާދު ވިދާޅުވީ ސުޕްރިމްކޯޓު އަދި މަޖިލީހަށް ސިފައިން ނުވައްދާ ވެސް މައްސަލައަށް ހައްލު ހޯދާނެ ކަމަށެވެ. ހުތުރުކޮށް މަސައްކަތް ކުރަން އުޅުނު ނަމަވެސް އެގޮތަށް އެކަން ނުހިނގާނެ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑިމަކްރަސީގެ ރީތި އުސޫލުތައް ގެންގުޅުނު ބޭފުޅުންގެ ފަރާތުން ހުތުރު ޑިމަކްރަސީއެއް ފެނިގެން ދިއުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.









