ކ. މާލެ
|
5 ޖޫން 2023 | ހޯމަ 14:51
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
މަގޭ ރިޕޯޓް
މަޖިލިސް: ހުދުމުޚްތާރު ޗަރުކޭހަކަށް
 
މަޖިލީހުގެ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް
 
ދެން ޑިމޮކްރަސީގެ ވާހަކަ ދައްކާނެ ޖާގައެއް ނެތް

ކުރީގެ ޤާނޫން އަސާސީ (ނޫ ޤާނޫން އަސާސީ) ގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އަދި އެމަޖިލީހުގެ އަމީންއާއްމު ކަނޑައަޅަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއެވެ. މަޖިލީހުގެ ގަވާދު ހައްދަވަނީ ސަރުކާރުންނެވެ. އެމަޖިލީހުގެ ޖަލްސާތައް ބޭއްވެނީ ސަރުކާރުން ބޭނުންވީމައެވެ. ވަޒީރުން ބޭނުންވެއްޖެ ހިނދެއްގައި އެމަޖިލީހަށް ވަޑައިގެން ވާހަކަވެސް ދެއްކެވެއެވެ.

ކަމު ނުދިޔައީ އެކަމެވެ. އިސްލާހީ މަސައްކަތް ފަށައިގަތީ އެހެންވެގެންނެވެ. ޑިމޮކްރަސީގެ ހަމަތަކަށް ފައްތަން ޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށް ނިންމައިގެންނެވެ. މިހާރު މިއޮތް އައު ގާނޫން އެކަށައެޅުނުއިރު އެންމެ ބޮޑަށް ބާރު އެޅުއްވި އެއްކަމަކީވެސް ރައްޔިތުންގެ މަޖިލިސް ޑިމޮކްރެޓިކް ހަމަތަކުން ގެންދެވޭނޭ ގޮތަކަށް ފަރުމާ ކުރުމަށެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތުން އަދި އެމަސައްކަތުގައި އުޅުނީތީ އެކި ގޮތްގޮތުން އެކިމިންވަރަށް އެތައް ބަޔަކަށް އަނިޔާވެސް ލިބި އާޚިރުގައި ބަދަލުތަކަކާއެކު އެގޮތް ބަދަލު ކުރިއެވެ. ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހަށް ފުރިހަމަ މިނިވަންކަން ލިބިފައިވާ ތަނަކަށް ހެދިއެވެ.

އައު ގާނޫން އަސާސީއެއް ހަދައިގެން މަޖިލީހަށް އެމިނިވަންކަން ހޯދިތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވަނީއެވެ. ހޯމަ ދުވަހު ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ "ޖަލްސާ" އެކެވެ. "ފިސާރި ޖަލްސާ" އެކެވެ. "ހުދުމުޚްތާރުކަން" އިންތިހާއަށް ފެނިގެންދިޔަ ޖަލްސާއެކެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސޮއިކުރައްވާ ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވި މިއަދުގެ ޖަލްސާ ފެށުނީވެސް އެމައްސަލަ ހުށަހެޅުއްވި މެންބަރުންގެ އިހުތިޖާޖުންނެވެ. ގޮނޑިކޮޅުގައި ތިއްބެވުމުގެ ބަދަލުގައި ތެދުވެވަޑައިގެން ރިޔާސަތުގެ ކުރިފުޅުމަތީގައި ކޮޅަށް ތިއްބަވައިގެންނެވެ. އެ މެންބަރުން އެ މެންބަރުންނަށް އަތް އުއްކަވާ އަޑުފުޅު ގަދަ ކުރައްވަމުން ގެންދެވިއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ ހިނިފުޅުވަޑުވާލަ ވަޑުވާލައެވެ. ގާތްގަނޑަކަށް އެކަމުގައި ބައެވެރިވެޑައިގެން ހިތްވަރު ދެއްވާފަދަ ބީދައަކަށެވެ. މަޖިލީހުގެ ރިޔާސަތުގެ މާބޮޑު ކަންބޮޑުވުމެއް އެކަމަކާމެދު ނެތެވެ. އެ މެންބަރުންނާހެދި މަޖިލީހުގެ ނިޒާމް ގެއްލިފައިވާއިރު ވެސް ރިޔާސަތުން އެކަމަކަށް މާބޮޑު ފަރުވާލެއް ނެތެވެ. މަޖިލީހުގެ ޖަލްސާތަކަށް ގަވާއިދާ ޚިލާފަށް ހުރަސް އަޅުއްވާނަމަ "ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މެންބަރުންނަށް އަންގަވައި، އެވަރުންވެސް އެކަން އިސްލާހު ނުކުރައްވައިފިނަމަ އިންޒާރު ދެއްވައި، ދެންވެސް އެގޮތައް އަމަލު ނުކުރައްވައިފިނަމަ ނަން އިއްވާ މަޖިލީހުގެ ޖަލްސާއިން ނެރުމުގެ" އިޚްތިޔާރު މަޖިލީހުގެ ރިޔާސަތުން ބޭނުން ކުރައްވަން ހިތްޕުޅަށްވެސް އަރާވަޑައިނުގަންނަވައެވެ. އެކަމަކު އެއީ މައަސަލަ ހުށަހެޅުއްވި އަދި މަޖިލީހުގެ ރިޔާސަތުވެސް ތާއީދު ކުރައްވައިގެން ހުންނެވި އިދިކޮޅު މެންބަރުންނާމެދުއެވެ. އެނޫން މެންބަރުންނާމެދު ރިޔާސަތުން ވަރަށް ހުށިޔާރެވެ. ގޮނޑިކޮޅުގައި އިންނަވައިގެން ބާރަށް ބަސްފުޅެއް ވިދާޅުވިއަސް އެމަނިކުފާނު ކަންބޮޑުވެވަޑައިގެންނެވިއެވެ. ދެންމެ ދެންމެ ނަން އިއްވަން ޖެހިވަޑައިގެންފާނެ ކަމުގެ އިންޒާރު އެމެންބަރުންނަށް ދެއްވައެވެ.

ދެން އެފެށީ ނިޒާމީ ނުކުތާގެ އޮއިވަރެވެ. މަޖިލީހުގެ ރިޔާސަތުގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. މައްސަލަ ހުށަހެޅުއްވި މެންބަރުން ނަންނަގަވާނެ ވަރަކަށް ނަންގަވަން، އަދި ދައްކަވާނެހާ ވާހަކައެއް ދައްކަވާން ފީސަބީލިއްﷲއަށް ދޫކޮށްލައްވާފައެވެ. "ކުރިއަށް ގެންދަވާށޭ މަވެސް ފަހަތުގައި އެބަހުރީމޭ" ވިދާޅުވާފަދަ ގޮތަކަށެވެ. އެކަމަކު އެމްޑީޕީގެ މެންބަރުންނަށް ނިޒާމީ ނުކުތާއެއްގައި ވާހަކަފުޅު ފުރިހަމަވެސް ކުރެއްވިއަކަ ނުދެއްވައެވެ. ހުއްޓުވައެވެ. އަޑު ކަނޑުއްވާލައްވައެވެ. އަދި އެއަށް ސީދާ ރިޔާސަތުން ވާހަކަފުޅު ދައްކަވައި ރައްދު ދެއްވައެވެ. ދައުލަތުގެ ބަންޑާރަ ނައިބު މަޖިލީހުގައި ބާންދަވައިގެންނެވެ.

ދެން އެކުޅުއްވީ އަނެއް ޑްރާމާއެވެ. ކޮޅަށް ތެދުވެ މަޖިލީހުގެ ނިޒާމް ގެއްލުވާލެއްވި މެންބަރުންނަށް ކުޑަމިނުން އިންޒާރެއްވެސް ދެއްވުމެއްނެތި މަޖިލީސް ކުރިއަށް ގެންދެވުން މެދުކަނޑުއްވާ ލެއްވީއެވެ. އަމިއްލަފުޅަށް ކުޅުއްވާ ޑްރާމާއެއްގައި ސްކްރީން ޕްލޭގައި ލިޔެފައިވާ ގޮތަށްކަން ދޭހަވާފަދަ ގޮތަކަށެވެ.

ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމުގެ "ރީތި ނަމުގައި" ނެންގެވި ވަގުތުކޮޅަށްފަހު ފެށި ޖަލްސާގައި މައްސަލަ ހުށަހެޅުއްވުމަށް ވިދާޅުވިއެވެ. ބައިގަޑިއެއްހާއިރު އެދުއްވާލީ އެމެންބަރު މައްސަލަ ހުށަނާޅުއްވައި ދައްކަވާނެ އެހެން ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދެއްވައިގެންނެވެ. އެމްޑީޕީ މެންބަރަކު އެކަން ހާ ފާހަގަ ކުރައްވާއިރަށް މަލާމާތުގެ ހިނިފުޅު ވެޑުވުމާއެކު އަސްލު މައްސަލަ ހުށަހަޅުއްވަން އެދެއްވަނީ ފުރުސަތެވެ. ދެންވެސް އެކަމެއް ނުކުރެއްވިއެވެ. އަހާލުމެއް ކިޔާލުމެއް ނެތެވެ. އަނެއްކާވެސް މައްސަލަ ހުށަހެޅުއްވި މެންބަރުންނަށް ދެއްވީ މަޖިލީހުގެ ތަޅުމުގައި މީގެ ކުރިން ނުދެއްވާ "ޚާއްޞަ ފުރުސަތެކެވެ" މައްސަލަ ހުށަހެޅުމާމެދު އިދިކޮޅު މެންބަރުން މަޝްވަރާ ކުރެއްވުމަށެވެ. އަނެއްކާވެސް މަޖިލިސް މެދު ކަނޑާލެއްވީއެވެ. ރިޔާސަތަށް ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވައިގެންނެވެ.

މައްސަލަ ހުށަހެޅި އެމައްސަލައިގާ ބަންޑާރަނާއިބަށް ޖަވާބު ދެއްވަން "ނަމެއްގައި" ފުރުސަތު ދެއްވިއެވެ. މައްސަލަ ހުށަހެޅި މެންބަރުން ހޯބޯވެސް ލަވަނީއެވެ. މަޖިލީހުގެ ތަޅުމުގައި ލަވަވެސް ޖަހަނީއެވެ. ބަންޑާރަނައިބު ކުރިފުޅުމަތީގައި ކޮޅަށްވެސް ހުންނަވަނީއެވެ. ރިޔާސަތުގެ މާބޮޑު ކަންބޮޑުވުމެއް ނެތެވެ.

އެހާލެއްގައި މެންދުރުގެ ކެއުމަށް މެދުކަނޑާލައްވައި ޖަލްސާ އަލުން ފެށްޓެވިއިރު ރިޔާސު ބަދަލުވެފައެވެ. މަޖިލީހުގެ ރައީސެއް އަދި ނާއިބު ރައީސެއްވެސް ނޫނެވެ. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ބަދަލުވީ ރިޔާސަތެވެ. އަމަލުފުޅު އެއްގޮތަށެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ކުޅުއްވާ ޗަރުކޭސް ކުރިއަށް ގެންދަވަން ޖާގަ ދެއްވައިގެންނެވެ. އެންމެފަހުން "ރޭވިފައިވާ ގޮތައް" މަޖިލިސް ނިންމަވާލެއްވީއެވެ. ނިޒާމަކަށް އަޅުވައިގެން މަޖިލިސް ކުރިއަށް ގެންދަވަން ކުޑަވެސް މަސައްކަތެއް ކުރެއްވުމެއް ނެތިއެވެ.

ޤާނޫން އަސާސީ އެކަށައެޅި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ހިމެނިވަޑައިގެން އެޤާނޫން އަސާސީ ޑްރާފްޓް ކުރެއްވި ކޮމެޓީގައިވެސް ހިމެނިވަޑައިގެންނެވި މަޝްހޫރު ޤާނޫނީ ވަކީލަކު ވިދާޅުވީ މިއަދަކީ "ލަދުވެތި ދުވަހެއް" ކަމަށެވެ. ރައްޔިތުން ބޭނުންވެގެން ހެދި ޤާނޫން އަސާސީގެ ރޫހާ ޚިލާފަށް މަޖިލީހުގެ ރިޔާސަތުން އިންތިހާއަށް ޚުދުމުޚްތާރުކަން ދެއްކެވި ދުވަހެއް ކަމަށެވެ.

"މިއީ ދެރަވަރު ކަމެއް. މިއީ ޚުދުމުޚްތާރު ކަމުގެ އިންތިހާ. ޤާނޫން އަސާސީ އެކަށައަލައި މަޖިލީހަށް ހޯދި މިނިވަންކަން ރިޔާސަތުން އެވަނީ ގެއްލުވާލާފަ. މިއީ ހިތާމަހުރި ކަމެއް" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަގްސަދެއް ހާސިލުކުރެއްވުމުގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށާއި މިއަދު މިފެނުނީ އޭގެ އިދިކޮޅު ކަމަށެވެ. މިއަދު އެފެނުނީ ޑިމޮކްރަސީއާ ބީރައްޓެހި ޚުދުމުޚްޓަރު ސިޔާސީ ޗަރުކޭހެއް ކަމަށެވެ.

އޭނާ އަދި އެހެން ވާހަކައެއްވެސް ވިދާޅުވިއެވެ.

"މިއަދު މަޖިލީހުގައި އެގޮތައް ކަންކުރެއްވި ބޭފުޅުން ޑިމޮކްރަސީއޭ، އިސްލާހީ މަސައްކަތޭ ވިދާޅުވެ ދެން ދެއްކެވޭނެ އިތުރު ވާހަކައެއް" ނޯންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް