ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 20:26
ހަފުތާގެ ރަސްމީ މަސައްކަތު ދުވަހުގެ އަދަދު 4ށް މަދުކޮށްގެން އޮޕަރޭޓްކުރާ ކުންފުނީގެ ވެރިޔާ
މަސައްކަތު ދުވަސް
5 ދުވަހުން 4 ދުވަހަށް ރަސްމީ ޑިއުޓީ ބަދަލުކުރުމުގެ ނަތީޖާ ބުނަނީ ކީކޭ؟
 
ކުންފުނީގެ އާމްދަނީއާއި މާލީ ފައިދާއަށް 40 ޕަސެންޓްގެ ކުރިއެރުމެއް ލިބުނު
 
ކާރުޚާނާގެ އުފެއްދުންތެރިކަން ހިފެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކުވެސް 4 ގަޑިއިރަށް ފޯނުތަކަށް ޖަވާބުދިނުން ހުއްޓާލާ

ކޮމްޕިއުޓަރ ސްކްރީނާއި ސްޓެއިންލެސް ސްޓީލް ކޮންޓެއިނަރަކާ ދެމެދު 2 މީހަކު އަވަދިނެތި އުޅެމުން ދިޔައީ، 5000އްހާ ފުޅިއަށް އަޅާނެ ފޭސް ކްރީމް ތައްޔާރުކުރުމުގެ މަސައްކަތުގައެވެ. ފޯމިއުލާ ތައްޔާރުކުރަން ހުރީ ހުދުކުލައިގެ ކޯޓެއް ލައިގެން ހުރި ސައެންޓިސްޓެކެވެ. ޓީމުގެ އިތުރު މެންބަރަކު ހުރިއިރު، އޭނާގެ މަސައްކަތަކީ ފުޅިފުޅީގައި ލޭބަލް ތަތްކުރުމެވެ. މެޝިންތަކުގެ އަޑުފަށްގަނޑު ފިޔަވައި، މުޅި ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އެހެން އަޑެއްބަޑެއް ނެތެވެ.

ސިފަކޮށްދެވޭތޯ މަސައްކަތް މި ކުރީ، އިނގިރޭސިވިލާތުގައި ސްކިންކެއަރ އުފެއްދުންތައް ތަރައްގީކުރަމުންދާ "ފައިވް ސްކުއިރަލްސް" ކުންފުނީގެ ކާރުޚާނާއެއްގެ ތެރޭގައި ކަން ހިނގަމުން ދިޔަ ގޮތެވެ. މި ކުންފުންޏަކީ ހަފުތާގެ ރަސްމީ މަސައްކަތު ދުވަހުގެ އަދަދު 4ށް މަދުކޮށްގެން އޮޕަރޭޓްކުރާ ކުންފުންޏެކެވެ. މަސައްކަތްކުރަނީ ހަފުތާގެ 4 ދުވަހު ކަމުގައި ވީނަމަވެސް، މުސާރަ ދެނީ ހަފުތާގެ 5 ދުވަހުގެ ރޭޓުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފަށައިގެން އެކަން އޮތީ އެހެންނެވެ.

ކާރުޚާނާގެ އުފެއްދުންތެރިކަން ހިފެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކުވެސް 4 ގަޑިއިރަށް ފޯނުތަކަށް ޖަވާބުދިނުން ހުއްޓާލައެވެ. އީމެއިލްތަކެއް ނުބަލައެވެ. އިންސްޓަންޓް މެސެޖިންގއާ ވެސް ދުރަށްޖެހިލައެވެ.

މި ބަދަލާއެކު، 15 މުވައްޒަފުންގެ ޓީމަށް، އެ މީހުންގެ އަމާޒުތަކަށް ވާސިލްވެވެއެވެ. ފުރަތަމަ 6 މަސްދުވަހަށް އެކަނި ބެލިކަމުގައި ވީނަމަވެސް، ކުންފުނީގެ އާމްދަނީއާއި މާލީ ފައިދާއަށް 40 ޕަސެންޓްގެ ކުރިއެރުމެއް ލިބުނެވެ. 2022 ވަނަ އަހަރު، 1.5 މިލިއަން ޕައުންޑްގެ ވިޔަފާރި ކުރެވުނުއިރު، މުވައްޒަފުން މިހާރު އަމާޒު ހިފާފައިވަނީ، މި އަހަރު ނިމޭއިރު 2 މިލިއަން ޕައުންޑުގެ ވިޔަފާރި ކުރާށެވެ.

ކުންފުނީގެ ވެރިޔާ، ގޭރީ ކޮންރޯއީ ބުނިގޮތުގައި މިކަމުގެ ސިއްރަކީ މުވައްޒަފުންނަށް ކުށް ކުރެވޭ މިންވަރާއި ހެދޭ ގޯސްތައް މަދުވުމެވެ. ސަބަބަކީ، މަސައްކަތަށް ސަމާލުކަން ދެވޭ މިންވަރު އިތުރުވުމެވެ. ހަށިގަނޑަށް ވަރުބަލިކަން އިހުސާސްކުރެވޭ މިންވަރަށް ލުޔެއް ލިބުނީތީއެވެ.

މިއީ އެތައް އަހަރެއް ވަންދެން އާންމުކޮށް ރަސްމީ މަސައްކަތު ދުވަހުގެ ގޮތުގައި ބަލާ 5 ދުވަހުގެ ބަދަލުގައި، 4 ދުވަހު މަސައްކަތްކޮށްގެން ކުރިއެރުންތަކެއް ހޯދިދާނެތޯ ބެލުމަށް ކުރިއަށްގެންދާ ސިލްސިލާ ތަޖުރިބާތަކުގެ ތެރެއިން ތަޖުރިބާއެކެވެ. މިދިޔަ 15 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު، މަސައްކަތުގެ ދުވެލި މަޑުޖެހި، އިގްތިސާދީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައި އޮތް އޮތުމަކީ ގައުމުތަކުން ހައްލު ހޯދަން ބޭނުންވެފައި އޮތް ބޮޑު މައްސަލައެކެވެ.

1970ގެ އަހަރުތަކުން ފެށިގެން، މާލީ ހީނަރުކަމުގެ ކާރިސާއާ ކުރިމަތިލާން ޖެހުމާ ހިސާބަށް އާދެވުނުއިރު، އިނގިރޭސިވިލާތުގައި މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރެއްގެ ނިސްބަތުން، މުވައްޒަފުންގެ އިގްތިސާދީ އުފެއްދުންތެރިކަން އިތުރުވެފައިވަނީ، އަހަރެއްގެ މައްޗަށް އެވްރެޖުކޮށް އެންމެ 2 އިންސައްތައަށެވެ. ނަތީޖާއަކަށްވީ ދިރިއުޅުމުގެ ފެންވަރު، ހެޔޮ ފާލަކަށް އެޅުމުގެ ދުވެލިވެސް މަޑުޖެހިގެންދިއުމެވެ.

2010އާ 2019އާ ދެމެދު، މި ނިސްބަތް ހުރީ އެންމެ 0.75 ޕަސެންޓްގައެވެ. ބޭންކް އޮފް އިންގްލަންޑުން އަންދާޒާކުރާ ގޮތުގައި ސުން ރޭޓަށްވެސް ވެއްޓޭނެއެވެ. އެކަމުގެ އެއް ސަބަބަކީ، އިނގިރޭސިވިލާތުން، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރުކަން ދޫކޮށްލުމާ ގުޅިފައި ހުރި ކަންކަމެވެ.

އެފަދަ ހާލެއްގައި ގައުމު ވަނިކޮށް، ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު 4ށް މަދުކޮށް، މުސާރަ ކުޑަކޮށްފައި ނުވުމުގެ ނަތީޖާއަކަށް ވީ، 2000ގެ އަހަރުތަކުގެ މެދާ ހިސާބުން އިގްތިސާދީ ފައިދާތައް މަޑުޖެހުމުގެ 10 ވަރަކަށް އަހަރު ކުރިން ހުރި މިންވަރަށް، އުފެއްދުންތެރިކަން އިތުރުވެގެން ދިއުމެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޯރޑްގެ އިކޮނޮމިކްސް ޕްރޮފެސަރ، ޑރ ހާން-އިމެނުއަލް ޑެ ނީވް ވިދާޅުވީ، މަސައްކަތްތެރިންގެ އުފެއްދުންތެރިކަމުގެ ނިސްބަތް 20 ޕަސެންޓަށް އިތުރުވެދާނެ ކަމަށް އަންދާޒާ ކުރުމަށްވުރެ، 10 ޕަސެންޓްގެ އިތުރުވުމެއް އަތުވެދާނެކަމަށް އަންދާޒާ ކުރުމަކީ ގަބޫލުކުރަން ފަސޭހަ ހަގީގަތަކަށް ވެދާނެކަމަށެވެ. ނަމަވެސް، ގިނަ މަސައްކަތްތެރިންތަކެއްގެ ނަފްސާނީ ސިއްހަތު ގޯހުން ގޯހަށް ދާކަމުގެ ރިޕޯޓްތައް އިތުރުވަމުން ދާ ވަގުތެއްގައި، އާ ކަމެއް ތަޖުރިބާކުރުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޕްރޮފެސަރު ވަނީ ފާހަގަކުރައްވާފައެވެ.

7 ދުވަހުގެ މައްޗަށް އެކުލެވޭ ހަފުތާއެއްގެ ރަސްމީ މަސައްކަތު ދުވަހުގެ އަދަދަކީ 5 ކަމުގައި އިއްތިފާގުވެ، އެގޮތަށް އަމަލުކުރަމުންދާތާ މިހާރު ގާތްގަނޑަކަށް ގަރުނެއް ވަނީއެވެ. ރަސްމީ މަސައްކަތު ދުވަހުގެ އަދަދަކީ 5 ކަމުގައި ކަނޑައެޅީ އެމެރިކާގައި ކާރު އުފައްދާ ހެންރީ ފޯރޑެވެ. އެކަން ފެށީ 1926 ވަނަ އަހަރުގެ ތެރޭގައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އޮކްސްފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރު ވަނީ، މިއީ ދެން އޮތް ފިޔަވަޅުތަކަށް ބޭނުންޖެހިފައި ވާ ވަގުތެއްކަން ސާފުކަމަށް ވިދާޅުވެފައެވެ.

ހަފުތާގެ ރަސްމީ މަސައްކަތުގެ ދުވަހަކީ 4 ދުވަހަށް ހަދައިގެން ނުކުންނަ ނަތީޖާތައް ބެލުމަށް މުޅި ދުނިޔޭގައިވެސް ކުރިއަށްގެންދާ އެންމެ ބޮޑު ދިރާސާގައި، އިނގިރޭސިވިލާތުގެ 61 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. ގިނަ ކުންފުނިތަކުގައި ތިބީ 25 ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ މުވައްޒަފުންނެވެ. "ފައިވް ސްކުއިރަލްސް"އަކީ ވެސް ދިރާސާގެ ބައިވެރިންގެ ތެރެއިން އެއް ކުންފުންޏެވެ. ދިރާސާގެ ނަތީޖާތައް ލިބެމުން ދާ ގޮތަށް ބަލައި، 56 ކުންފުންޏަކުން ދަނީ 4 ދުވަހުގެ ސިޔާސަތު ދަމަހައްޓަމުންނެވެ.  

ދިރާސާގެ ގިނަ ބައިވެރިން ވަނީ މުވައްޒަފުންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން އެއް ހަމައެއްގައި ހިފަހައްޓައިލެވިފައިވާކަން ފާހަގަކޮށްފައެވެ. ނަމަވެސް ރަސްމީ މަސައްކަތު ދުވަހުގެ އަދަދު 4ށް މަދުކުރުމުން، ބައެއް ކުންފުނިތަކުގައި މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ގަޑި އިތުރުވިކަމަށް ބުނެފައިވެއެވެ. މާނައަކީ ހަފުތާއެއްގެ ތެރޭގައި މަސައްކަތްކުރަން ކުރިން ހަމަޖެހިފައިވާ ވަގުތުގެ ތެރެއިން 8 ގަޑިއިރުގެ މަސައްކަތް މުޅިން އުނިކުރެވިފައި ނުވުމެވެ.

ރަސްމީ މަސައްކަތު ދުވަހުގެ އަދަދު މަދުކުރުމުގެ ފިކުރާ އެންމެ ދުރުގައި އުޅެނީ ބޮޑެތި ކުންފުނިތަކުންނެވެ. ނަމަވެސް މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކާއި، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، އެތައް ބަޔަކަށް ގޭގައި ތިބެގެން މަސައްކަތް ކުރަން މަޖުބޫރުވި މަޖުބޫރުވުމާއެކު، މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމުގެ ފިކުރު ދަނީ ދައުރުވަމުންނެވެ.

ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ރަސްމީ މަސައްކަތުގެ ގަޑި މަދުކުރުމުގެ ފައިދާތައް ތަޖުރިބާކޮށް ދިރާސާ ކުރަމުންދާ އަނެއް ގައުމަކީ ސްޕެއިނެވެ. އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ ތަޖުރިބާ ދިރާސާގައި ބައިވެރިވަމުން ދަނީ އުފެއްދުންތެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ކުންފުނިތަކުންނެވެ. އެއް ހަމައެއްގައި މުސާރަ ދެމުން، މަސައްކަތު ވަގުތު 10 ޕަސެންޓް މަދުކުރުމުގެ އަމާޒުގައި ސްޕެއިނުން ދަނީ މި ތަޖުރިބާއަށް 10 މިލިއަން ޔޫރޯ ޚަރަދުކުރަމުންނެވެ.

މަސައްކަތުގެ ވައްޓަފާޅިއަށް ގެނެވިދާނެ އިތުރު ބަދަލުތައް ދިރާސާކުރަމުންދާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ޔުނިލެވަރ ފާހަގަކުރެވެއެވެ. "ނޯ" އާއި "ޑަވް" ފަދަ އުފެއްދުންތައް ބާޒާރަށް ނެރެމުންދާ މައި ކުންފުނި ކަމަށްވާ ޔުނިލެވަރގެ އެކި ގޮފިތަކުގައި 127000 މުވައްޒަފުން މަސައްކަތްކުރެއެވެ.

4 ދުވަހުގެ ތަޖުރިބާ ދިރާސާ ފެށީ ޔުނިލެވަރގެ ނިއުޒީލަންޑް ގޮފީގައެވެ. 80 ވަރަކަށް މުވައްޒަފުންނާއެކު 18 މަސްދުވަހަށް ފެށި ދިރާސާގެ ނަތީޖާ ފެނި، އޮސްޓްރޭލިއާގައި މަސައްކަތްކުރާ އެ ކުންފުނީގެ 500 މުވައްޒަފުންގެ ޕޫލުގައިވެސް މި މަޝްރޫއު ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން، އިތުރު މުވައްޒަފުންވެސް އެކުންފުންޏާ ގުޅޭނެކަމަށް ޔުނިލެވަރއިން އުއްމީދުކުރެއެވެ.

މަސައްކަތު ވަގުތު މަދުކުރުމަށް "ފައިވް ސްކުއިރަލްސް" ކުންފުނިން ކުރަމުންދާ މަސައްކަތުގައި ޓެކްނޮލޮޖީގެ ދައުރު އިތުރުކުރާކަން ފާހަގަކުރަން ޖެހެއެވެ. މުވައްޒަފުން ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަވި މަސައްކަތްތައް ކުރުމަށް މެޝިންތައް ބޭނުންކުރަން ފަށާފައިވާއިރު، ސޯޝަލް މީޑިއާއާއި ބްލޮގްޕޯސްޓްތައް ތައްޔާރުކުރަނީ މަސްނޫއީ ތޫނިފިލިކަން ނުވަތަ އޭއައި ޓެކްނޮލޮޖީގެ ތެރެއިން ޗެޓްޖީޕީޓީ ފަދަ އެޕްތައް ބޭނުންކޮށްގެންނެވެ.

ކުރިން މަސައްކަތްކުރި 5 ދުވަހުގެ ބަދަލުގައި 4 ދުވަހު ޑިއުޓީއަށް ނުކުންނަން ޖެހުމުން އިތުރަށް ލިބުނު ހުކުރު ދުވަހަކީ، ބޯކޮށާލުމާއި ގޭތެރެ ސާފުކުރުން ކަހަލަ ކަންކަން ކުރަން ހޭދަކުރާ ދުވަސް ކަމަށާއި، ހަފުތާ ބަންދުގެ 2 ދުވަހަކީ އާއިލާއާއެކު ހޭދަކުރާ ދުވަސްކަން "ފައިވް ސްކުއިރަލްސް"ގެ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
33%
0%
33%
0%
33%
ކޮމެންޓް