މިއަދުން ފެށިގެން މުޅި ރާއްޖެއަށް އެމްޑީޕީ ފެތުރިގަންނާނެ: އަނަސް
18 މެއި 2023 | ބުރާސްފަތި 13:17ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްވަގުތެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގާނެ


އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވާހަކަފުޅުދައްކަވަނީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން, ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖެއަށް އެމްޑީޕީ ފެތުރިގަންނާނެކަމަށް، އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަނަސް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ރަސްމީކޮށް އަރުވާފައިވާކަމަށެވެ. އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށައި، ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖެއަށް އެމްޑީޕީ ފެތުރިގަންނާނެކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ އެމްޑީޕީއަކީ ކެމްޕޭން ކުރުމަށް ފަރިތަ ޕާޓީއެއް ކަމަށާއި، ރާއްޖޭގެ ހުރިހައި ރަށަކަށް ޓީމުތަކުން ދާނެކަމަށެވެ. އެގޮތުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ހިޔާލު ހޯދާނެކަމަށާއި، ޕާޓީގެ މެމްބަރުންނާ ބައްދަލުކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އަނަސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލައި ފައިނަލްކުރާނީ ރައްޔިތުން ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ކަމަށެވެ. އަދި ވެރިކަމަށް އައުމަށްފަހު، މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުން އެދޭ ގޮތަށް ތަންފީޒުކުރަމުން ގެންދާނެކަަމަށް އަނަސް ވިދާޅުވިއެވެ.
މީގެ އިތުރުން އަނަސް ވިދާޅުވީ މިވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ދަތުރުތަކެއް، އަދި ހާއްސަކޮށް ސަރުކާރުންގެ ފަރާތުންވެސް ދަތުރުތަކެއް އެކި ރަށްރަށަށް ކޮށްފައިވާކަމަށެވެ. ރައީސް ސާލިހު ވަޑައިގަންނަވާ ދަތުރުތަކުގައިވެސް އެ ވަޑައިގަންނަވާ ރަށުގެ އާއްމު ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާކަމަށް އަނަސް ވިދާޅުވިއެވެ.





