ކ. މާލެ
|
16 މެއި 2023 | އަންގާރަ 22:21
ޓެރޫކޯ ޔަހާޓާ - ހޯރީޝީމާ ބޮމުގެ ހަމަލާއިން ސަލާމަތްވި މީހެއް
ހީރޯޝީމާ ބޮން
ހީރޯޝީމާ ބޮމުގެ ހަމަލާއިން ސަލާމަތްވި ޔަހާޓާ، ޖީ7އަށް ކުރަނީ ފޮނި ޢުއްމީދެއް
 
ޔަހާޓާގެ ޢުއްމީދަކީ ޖީ7ގެ ބައްދަލުވުމުން، ބިނާކުރަނިވި އަމަލީ ފިޔަވަޅުތަކެއް އެޅިގެން ދިއުން
 
އެޓޮމް ބޮން، ޔަހާޓާގެ އަވަށް ކަމަށް ވާ، ހީރޯޝީމާއަށް ވައްޓާލި އިރު، ޔަހާޓާގެ ޢުމުރަކީ އެންމެ 8 އަހަރު

ހީރޯޝީމާ ޕީސް މެމޯރިއަލް ދާރުލްއާޘާރުގައި ފަނޑުފަނޑު އައްޔަކުން ދިއްލާލާފައި ހުރި މީޓިންގް ރޫމް ކުރިމަތީގައި ހުއްޓިލައިގެން ހުރި، ޢުމުރުން 85 އަހަރުގެ ޓެރޫކޯ ޔަހާޓާގެ އަޑު ކުރެހިގެން ދިޔައީ 1945 ވަނަ އަހަރުގެ އޯގަސްޓް 6 ވަނަ ދުވަހުގެ ހެނދުނުގެ ހަނދާންތައް އާވި ހިސާޞުންނެވެ.

ޔަހާޓާގެ ވާހަކަތައް ޝަޢުޤުވެރިކަމާއެކީ އަޑު އަހަން ތިބި ބިދޭސީ ފަތުރުވެރިންނާ އޭނާ ހިއްސާ ކުރަމުން ދިޔައީ ޖަޕާންގެ ހީރޯޝީމާއާއި ނަގަސާކީއަށް އެޅި އެޓޮމް ބޮމުގެ ހަމަލާތަކުގެ ވާހަކައެވެ. ޔަހާޓާއަކީ ޖަޕާނު މީހުން ކިއާ އުޅޭ ގޮތުން ނަމަ "ހިބާކުޝާ"އެކެވެ. ނުވަތަ ހީރޯޝީމާއާއި ނަގަސާކީއަށް އެޅި އެޓޮމް ބޮންތަކުން ސަލާމަތްވި މީހެކެވެ.

އެމެރިކާގެ ހަނގުރާމަ މަތީ މަތިންދާބޯޓު، އެނޯލާ ގޭ ބީ-29 އިން، "ލިޓްލް ބޯއީ"ގެ ނަން ދީފައި ވާ އެޓޮމް ބޮން، ޔަހާޓާގެ އަވަށް ކަމަށް ވާ، ހީރޯޝީމާއަށް ވައްޓާލި އިރު، ޔަހާޓާގެ ޢުމުރަކީ އެންމެ 8 އަހަރެވެ. ނަމަވެސް އެދުވަހުގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ވަނީ ބިންވަޅު ނަގާފައެވެ.

ބޮން އެޅުމާއެކު ޔަހާޓާ ދިޔައީ ވިއްސައިގެންނެވެ. 6 މީޓަރު ނުވަތަ ވިއްސަކަށް ފޫޓު ދުރަށެވެ. ގޭގެ އެއް ފަރާތުން އަނެއް ފަރާތަށެވެ. ބޮލަށް ލިބުނު ޒަޚަމެއް ފިޔަވާ، މާ ބޮޑު އަނިޔާތަކެއް ޔަހާޓާއަކަށް ނުވެއެވެ. ޔަހާޓާގެ މަންމައަށް އޭނާ ފެނުނީ، ސުންނާފަތިވެފައިވާ އިމާރާތުގެ ބައިތަކުގެ ތެރެއިންނެވެ. އެހާ ހިސާބުން އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނާއި، މާމަކާފަ ގާތުގައި ޔަހާޓާވެސް ބޭއްވިއެވެ. އިތުރު ހަމަލާއެއް އަމާޒުވެދާނެތީއާއި، އެ ހަމަލާއިން އެމީހުން ސަލާމަތް ނުވާނެ ކަމަށް ބަލާފައެވެ.

އެ ދުވަހު ޔަހާޓާގެ މަންމަ ހުރި ހާލު އޭނާ އަދިވެސް ހަނދާން ހުރެއެވެ. މަންމަ ފުރަގަސްދީ ދާން އެނބުރިލިއިރު، މަންމަގެ ބުރަކަށްޓަށް ހެރިފައި ހުރި ބިއްލޫރިތައް ހުރީ ފެންނާށެވެ. މަންމަ ލައިގެން ހުރި ހުދު ހެދުން، ލެއިން ފޯމުން ދިޔަ މަންޒަރު، ޔަހާޓާއަށް ފެނުނެވެ. ބޮމުގެ ހަމަލާއިން ޔަހާޓާގެ މުޅި އާއިލާ ސަލާމަތްވިއެވެ. ނަމަވެސް، ގެދޮރު ގެއްލުނެވެ. ކުޑަ ދުވަސްކޮޅަކަށް، އެމީހުން ފިލާ ތިބީ، ކައިރި ފަރުބަދައެއްގެ ތެރޭގައެވެ.

350000 އެއްހާ މީހުންގެ އާބާދީއެއް އޮތް ސިޓީ އެއްކޮށްގެން ދޮވެލި އެޓޮމް ބޮމުގެ ސީދާ ހަމަލާގައި މަރުވި މީހުންގެ ޢަދަދު 140000 އަށް އަރައެވެ. ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކާއި، ރޭޑިއޭޝަންއާ ގުޅުން ހުރި އެކިއެކި ބަލިތަކުގައި، އިތުރު އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މަރޗް 2022 ނިމުނު އިރު، އެޓޮމް ބޮމުގެ ހަމަލާގެ ޝިކާރައަކަށްވި 39950 މީހުން ހިރޯޝީމާގައި ތިބި ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެމީހުންގެ އެވަރޭޖު އުމުރަކީ 84.14 އަހަރެވެ.

ޔަހާޓާ ފަދަ "ހިބާކުޝާ"އިންގެ ހުށަހެޅުންތަކަކީ މިއަދު ހީރޯޝީމާގެ ހަނދާނީ މަރުކަޒުތަކުގައި ފާހަގަކޮށްލެވޭ ހުށަހެޅުންތަކެކެވެ. އެމީހުންގެ މަސައްކަތަކީ، ނިއުކްލިއަރ ހަތިޔާރުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ހަނދާންތައް މަރުވިޔަ ނުދީ، އާލާ ކުރުމެވެ. "ހިބާކުޝާ"އިންގެ ގިނަ މީހުން ވާހަކަ ކިޔައިދެނީ ޖަޕާނު ބަހުން ކަމުގައި ވިއަސް، އިނގިރޭސި ބަހުން އެ ތަޖުރިބާތައް ހިއްސާ ކުރުމަށް ޔަހާޓާ މަސައްކަތް ފެށީ، ތަރުޖަމާ ކުރާ މީހުންގެ ފަރާތުން، އެންމެ ފުރިހަމަ މާނައެއް ދޭހަވެގެން ނުދާތީއެވެ.

އެޓޮމް ބޮމުގެ ހަމަލާގެ ތަޖުރިބާ ހިއްސާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކޮށްފައި ވާ ޔަހާޓާ ވަނީ، ދޮށީ ޢުމުރެއްގައި އިނގިރޭސި ބަސް ދަސްކޮށްފައެވެ. 2021 ވަނަ އަހަރުން ފަށައިގެން ޔަހާޓާގެ ހުށަހެޅުންތައް ހުންނަނީ އިނގިރޭސި ބަހުންނެވެ. ބައެއް ދުވަސްދުވަހު، 2 ފަހަރަށްވެސް އޭނާގެ ހުށަހެޅުންތައް ހުށަހަޅައެވެ.

ޔަހާޓާގެ އަޑުގައިވާ ޖަޒުބާތުތައް ކިތަންމެހާވެސް ސާފެވެ. ފަރުވާތެރިކަމާއެކު ވާހަކަ ކިޔައިދެމުން ދާއިރު، މެހެމާނުންގެ ލޮލުން ކަރުނަފާއްދާލައެވެ.

މި ދަނޑިވަޅަކީ އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ޤައުމު ނުވަތަ ޖީ7ގެ އިސްވެރިންގެ 49 ވަނަ ބައްދަލުވުމަށް ޖަޕާނު ތައްޔާރުވަމުންދާ ދަނޑިވަޅެވެ. މެއި 19އިން 21އަށް މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް، ބޮޑު ވަޒީރު ފޫމިއޯ ކިޝީޑާ ޚިޔާރު ކުރެއްވި މަންޒިލަކީވެސް ހީރޯޝީމާއެވެ. މިއަހަރުގެ އެޖެންޑާގައި އެންމެ އިސްކަމެއް އޮތީވެސް ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމާއި އުފެއްދުން ހުއްޓުވުމަށެވެ.

މި ދުވަސްވަރަކީ، ދުނިޔޭގައި ހަނގުރާމަ ގަދަވެ، ނިއުކްލިއަރ ހަތިޔާރުގެ ބާރުގެ ބޭނުން ކުރުމުގެ ބިރު، އޭގެ އެންމެ އިންތިހާއަށް ބޮޑުވެފައި އޮތް ދުވަސްވަރެކެވެ. ޖީ7ގެ ލީޑަރުންނާ ބައްދަލުކޮށްލުމަށް، ޔަހާޓާ ހުރީ ކެތްމަދުވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފޮނި ޢުއްމީދުތަކެއް އެބަ އޮތެވެ. ހަމަ އެކަނި ލިޔުމަކުން ލިޔެލާ ޤަރާރެއްގެ ބަދަލުގަ، ޔަހާޓާގެ ޢުއްމީދަކީ ޖީ7ގެ ބައްދަލުވުމުން، ބިނާކުރަނިވި އަމަލީ ފިޔަވަޅުތަކެއް އެޅިގެން ދިއުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް