އެމްއެސްއެސްއަށް އިތުރު ބޯޓުތައް ގެނެސް، ޝިޕިންގ ފްލީޓް ބޮޑުކުރާނެ: އެމްޑީ ނާޒިމް
13 މެއި 2023 | ހޮނިހިރު 06:51ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްވެސް ބޯޓެއް ގެންނާނެ


އެމްއެސްއެސްގެ އެމްޑީ މުހައްމަދު ނާޒިމް
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)އަށް ކުރިއަށް އޮތްތަނުގައި އިތުރު ބޯޓުތައް ގެންނާނެކަމަށާއި، ޝިޕިންގ ފްލީޓް ބޮޑުކުރާނެކަމަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އެމްއެސްއެސްގެ އެމްޑީ ނާޒިމް ވިދާޅުވީ، އަމާޒަކީ އެމްއެސްއެސްގެ ޝިފިންގ ފްލީޓް ބޮޑުކުރުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްވެސް ބޯޓެއް ގެންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އިތުރު ބޯޓުތައް ގަނެ ޚިދުމަތް ފުޅާކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށާއި، އެ މަސައްކަތް ކުރާނީ ހަމަޖެހެންޖެހޭ ހުރިހާ ކަމެއް ހަމަޖެހުމުން ކަމަށެވެ.
އެމްއެސްއެސްގެ ފްލީޓްގައި މިހާރު ވެސް ކޮންޓެއިނަރ ދެ ބޯޓެއް އެބައޮތެވެ. އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާއަށް ކުއްޔަށް ދީފައިވާއިރު، ކުންފުނިން އެހެން ބޯޓެއް ކުއްޔަށް ހިފާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. ބަލްކް ކެރިއަރާއެކު ހަތަރު ބޯޓު އޮޕަރޭޝަންސްގެ ތެރޭގައި ގެންގުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ގެންނަ ބޯޓު ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ނެރެވޭނެ ކަމަށެވެ.
މިހާރު އެމްއެސްއެސްއިން ބޯޓު ދަތުރުކުރަނީ ހަމައެކަނި އިންޑިއާ އަދި ކޮލަންބޯއަށެވެ. ކުރިއަށް އޮތްތަނުގައި ހިދުމަތްތައް ފުޅާވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޯޓު ސީދާ ދަތުރު ނުކުރިނަމަވެސް ޝިޕިންގއާ ގުޅުންހުރި ހުރިހާ ގައުމަކުން މުދާތައް ގެނައުމުގެ ފުރުސަތު އެބައޮތްކަމަށެވެ.






