ކ. މާލެ
|
12 މެއި 2023 | ހުކުރު 18:23
މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
މަގޭ ރިޕޯޓް
ދިވެހި ޑްރާމާ ސިލްސިލާ ރިޕަބްލިކް އޮފް ރިޕީޓް ޕްރިމިއަރ ކުރީ ރައްޔިތުންގެ މަޖިލިހުގެ ސްކްރީންގައި
އެންމެން އެއްވެ ގޭންގް ހަދައިގެން ހިނގަ ހިނގާ އޮންނަ ސަރުކާރު ވައްޓާލެވޭނެ ގޮތަކީ ކޮބައިތޯ ފިކުރު ކުރުމަކީ އިންތިޚާބު ތަކާ ދިމާކޮށް ގެންގުޅޭ އުކުޅެއް

ކޮންމެ 5 އަހަރަކުން އެއް ފަހަރު މިފިލްމު ބަލާބަލާ ރައްޔިތުން ހޮޑު އަންނަ ވަރަށް މޭނުބައި ކޮށްފިއެވެ.

އެކުން އެހެންއެވާ ސަބަބަކީ ކޮންމެ ފަހަރަކު ވެސް ފިލްމުގެ ޝޫޓިންގ ފެށުމުގެ ކުރިން ހަގީގީ ދިރިއުޅުމުގައި މިހުރިހާ ބަތަލުން ތިބެނީ އެކަކު އަނެކަކަށް ރުޅިއައިސް މޫނުކުނިކޮށްގެން ހަސަދައާ ނަފްރަތުން ފުފި ދެންމެ ދެންމެ ފަޅައިގެންދާ ހިސާބުގައެވެ.

އެކަކު އަނެކަކަށް ކާހިނަށް، ޚާއިނަށް ކާފަރަށް ވަގަށް ގޮވާލަ ގޮވާލައެވެ. ލެއްވިހާ ހުތުރު އިލްޒާމަކާ ތުހުމަތެެއް އަޅުވައެވެ. ތިމާނޫން އަނެކާ އަކީ އިސްލާމަކަށް ނުވަތަ ދިވެއްސަކަށްވެސް ނުވާ ކަހަލައެވެ. މިހާލެއްގައި ތިއްބާ ރިޔާސީ އިންތިޚާބު ގާތްވީމާ ދެން ތިބެގެން އިނގިލި ބިންދަ ބިންދާފައި ހިސާބު ހަދަން ފަށައެވެ.

މަށާ އޭނައާ މީނަ އާ ދެންހުރި މީހާއާ އެކުވެގެން ދެން އަންނަ ސަރުކާރުން އެއްޗެއް ލިބިދާނެތޯ ވިސްނާ، ފުރަތަމަ ސައްލާ ކުރަން ފަށައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީ ތަކޭ ކިޔައިގެން ރައްޔިތުން މޮޔަހައްދަން ފަށައެވެ.

އެންމެން އެއްވެ ގޭންގް ހަދައިގެން ހިނގަ ހިނގާ އޮންނަ ސަރުކާރު ވައްޓާލެވޭނެ ގޮތަކީ ކޮބައިތޯ ފިކުރު ކުރެއެވެ.

ކޮންމެ ރިޔާސީ އިންތިޚާބަކާ ގާތްވުމުން އަޅުވާ "ރިޕަބްލިކް އޮފް ރިޕީޓް" ޑްރާމާ ސިލްސިލާގެ ޝޫޓިންގ ތަށް އެހިސާބުން ފެށެއެވެ. އެކުގައި ބައްދަލުވުންތައް ބާއްވާ، ބައްދާ ސައިބޮއެ ހީސަމާ ކުރާ މަންޒަރު އެއީ ރައްޔިތުންނަށް ދައްކާ ޑްރާމާގެ ފުރަތަމަ އެޕިސޯޑް ތަކެވެ. ސީޒަން 2023ގެ އެބައި މިހާރު ފެށިއްޖެއެވެ.

މީދެން މާއެކުވެރި ބަދަހި، ގައުމީ އަދި ދީނީ ބައެއްކަން ދައްކަން ފަށައެވެ. މިއިރު މިޑްރާމާ ނުވަތަ ފިލްމު ޝޫޓިންގ ފެށުމުގެ ކުރިން ހަގީގީ ދިރިއުޅުމުގައި އެކަކު އަނެކަކަށް ގޮވި ކުނިހުތުރާ ހޮއްލި ފެޅަ، މާތްރަސްކަލާނގެ އާ ވަކީލެވެ.

ކޮންމެ އިންތިޚާބެއްގައި މިޙީލަތް ހަދާ މިޑްރާމާ ރައްޔިތުންނަށް ދައްކައިގެން މިބައިމީހުން އެއްވެގެން އެއިރަކުއޮތް ސަރުކާރު މީގެ ކުރިން ބަދަލު ކުރިއެވެ.

އިންތިޚާބް ނިމި ސަރުކާރު ހޮވި، ރައީސުލް ޖުމްހޫރިއްޔާ ހުވާ ކުރެއްވުމާއެކު ފިލްމު ޕޯސްވެ މިއުޒިކް ހުއްޓެއެވެ. ދެން އަނެއްކާ ކުރީގެ އަސްލަށް ރުޖޫޢަވެ، ސަރުކާރު ތެރޭގައި އެކަކު އަނެކަކު ކަރުމަރު ހިފާ ތަޅާ ފޮޅައިގަނެއެވެ. ފިލްމު ރޯލް ރިވައިންޑްވާން ފަށައެވެ. އަނެއްކާ ވެސް ރައްޔިތުން މަގުތަކަށް ނުކުމެ ހައިޖާނު އުފައްދާ ގައުމު ހަމަނުޖެހުމަށް ފުރޮޅާލަން ވީއެވެ.

މަޔާ ދަރިޔާ ބަފާވެސް އެކަކު އަނެކަކާ މޫނު ދިމާ ނުކޮށް މިމީހުންގެ ފިތުނަވެރިކަމުގައި ޒުވާބުގެ ތެެރެއަށް ވެއްޓެންވީއެވެ. މަގޭ ލީޑަރާ މަގޭ ޕާޓީ އާ މަގޭ ހީރޯވެ، އަމިއްލަ ދިރިއުޅުން ޒީރޯ އަށް ލާންވީއެވެ. ހުރިހާ މޮޅެއް ރިބަލިކް އޮފް ރިޕީޓް ޑްރާމާ ސިލްސިލާގެ އެކްޓަރުން ނަށެވެ.

މިސަރުކާރު ނޫނީ މީގެ ކުރިން އުފެއްދި ހުރިހާ ސަރުކާރެއްގައި ވެސް ކަންހިނގީ ދާދި އެއް ގޮތަށެވެ. ފުރަތަމައިނުންވެސް ހުވާކުރި ވެރިމީހާ ބަލަނީ ތިމާއާ ތިމާގެ އޮރިޖިނަލް ބައިވެރިން ނޫން، އިންތިޚާބަށް އެކްޓް ކޮށްދިން އެހެން މީހުން ސަރުކާރުން ބޭރު ކުރުމަށެވެ. އެހެން އެވަނީ ވެސް ކަމެއް ވެގެންނެވެ. ސަބަބަކީ މިއެންމެން ކުރީ އެކްޓް ކަމާ އެއީ އަސްލެއް ނޫންކަމާ ތިމަން ވެރިކަން ކުރަން ކައިރިއަށް ލާފައި މިތިބީ ފެމުނު މިޔަރާ ހަރުފައާ ނަގުލަންދާށި ކަން އެންމެ ރަނގަޅަށް ސާފުވަނީ ހުވާކުރި މީހާއަށް ކަމަށްވާތީއެވެ.

2008ން ފެށިގެން 2018 އާ ހަމަ އަށް އައި ކޮންމެ އިންތިޚާބެއް ގައި ދިވެހިން މިޑްރާމާ ރިޕީޓް ކޮށް ލައްކަ ފަހަރު ބަލައިފިއެވެ. ނަމަވެސް 18ން 23ށް ފެނުނީ އެހެން ތަފާތެކެވެ. ވަށާ ތިބީ ފެމުނު މިޔަރާ ނަގުލަންދާއްޓާ ބިޗޫ ކަމުގައި ވިޔަސް ކުރީ ފަހަރުތަށް ފަދައިން ހުވާ ކުރިމީހާ މިބަގައަށް އަނިޔާދީ ފައްސާ ނަގައެއް ނުލައެވެ. ލާ ވިހަ އަކާ ޖަހާ ކައްޓަކާ ނަގާހާ ދިލަ ހިންދާ ލައިގެން ވެސް މި 5 އަހަރު ހުވާ ކުރި މީހާ ބެލީ ވަކި ކަންތައް ތަކަކަށެވެ. ފުރަތަމަ ކަމަކަށް ބެލީ ހުރިހާ ސޫފާ ސޫފި ގޮވައިގެން އުޅެވޭތޯއެވެ. އަބަދު ދެބަސްވެ ޒުވާބު ކޮށް ތަޅާ ފޮޅުމުގެ ގެއްލުން އޮތީ ރައްޔިތުންނަށްކަން ކުރިން ފެނިފައިވާތީއެވެ.

2018ގައި ހުވާ ކުރި މީހާ ދެން ބެލީ ރާއްޖޭގެ ރަށްތައް އެކަހެރި ކޮށް ބިކަކޮށް ތަފާތު ކޮށްފައި ބޭއްވި ޒަމާންވީ ބޭއިންސާފުން ރައްޔިތުން މުޅި ޢުމުރަށް މިންޖުކުރާށެވެ. ހުރިހާ ރަށެއްގެ ކަރަންޓާ ލަފާ ފުރުމާ ފެނާ ނަރުދަމާ އާ ތައުލީމާ ޞިއްޙީ އަދި އަސާސީ ޚިދުމަތް އެއް ހަމަ ކުރާށެވެ. ރަށްފުށުގެ ވޭން އެނގޭނީ ރަށްފުށު މީހަކަށެވެ. އެންމެ ބޮޑު ތަފާތަކީ 2018 ގައި ހުވާ ކޮއްގެން ހުރީ ރަށްފުށު މީހަކަށްވުމެވެ. ނިކަން މަޑުމަޑުން ހުންނަ ބަސްމަދު، ކެތްތެރި ޅ ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުޙަންމަދު ނަމަކަށް ކިޔާ ހަމަ ވަރަށް ރަނގަަޅު ޞާލިޙް މީހެކެވެ. އެހެން ވިޔަސް އެއްކަލަ އެންމެން އެމީހުންގެ ޑްރާމާ ފަށާ އޭގެ ފުރަތަމަ އެޕިސޯޑް ރައްޔިތުންގެ މަޖިލީހުގައި ޕްރީމިއާ ކޮށްފިއެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ރައްޔިތުން ބަލާފޫހިވެ ބާވެފައިވާ ތިޔަ ޑްރާމާގައި ވަކި އިތުރު އާމަންޒަރެއް ނުދެއްކޭނެއެވެ. މާގައުމީ އަދި ދީނީ ނަޒާހާތްތެރި ބައެއް ކަމަށް ދެއްކިގެން ތިޔަ އުޅެނީ ހަމަ އެއް ބައެކެވެ. ކުރާނީ ވެސް ހަމަ އެއް އެކްޓެކެވެ. ދެން އިތުރަށް ތިޔަ ފޫހި ރިޕީޓް ޑްރާމާ ބެލުމުގެ ޝައުގެއް ރައްޔިތުންގެ ނެތެވެ.

- ކޮމެންޓް