ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 11:12
މި އުސޫލުގެ ދަށުން ކައުންސިލުން ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރުމާބެހޭ އުސޫލެއް ނުވަތަ އިންވެސްޓްމަންޓް ޕޮލިސީ އެކުލަވައިލަންވާނެ
މި އުސޫލުގެ ދަށުން ކައުންސިލުން ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރުމާބެހޭ އުސޫލެއް ނުވަތަ އިންވެސްޓްމަންޓް ޕޮލިސީ އެކުލަވައިލަންވާނެ
ރައީސް އޮފީސް
ކައުންސިލްތަކުން ވިޔަފާރިކުރުން
ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ޚަރަދުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފި
 
ކެޕިޓަލްގެ ގޮތުގައި ނޫފުލޭ މުދަލެއް ދެވޭނީ، އެ މުދަލުގެ ވެލިއުއޭޝަނެއް ހެދުމަށްފަހު، ދޫކޮށްފައިވާ ހިއްސާގެ ނިސްބަތުން ކައުންސިލުން ދައްކަންޖެހޭ ހިއްސާގެ އަގުގެ ތެރޭގައި އެ މުދަލެއްގެ އަގު ހިމަނައިގެން
 
ކައުންސިލްތަކުން ކެޕިޓަލްގެ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ޚަރަދުކުރެވެނީ ހާމަކަން ބޮޑުގޮތެއްގައި، ހަމަހަމަކަމާއެކުކަން ކަށަވަރުކުމަކީ މަގުސަދެއް

ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާ ވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ޚަރަދުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

މިއީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލްތަކުން ޚަރަދުކުރާނެ ގޮތް ކަނޑައެޅުމަށް ޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 3-5 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

މި އުސޫލުގެ މަގުސަދަކީ، ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ޓަކައި، ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތަކާއި އިޖުތިމާޢީ ހަރަކާތްތައް ލޯކަލް އޮތޯރިޓީ ކުންފުނިތައް މެދުވެރިކޮށް ހިންގުމަށް މަގުފަހިކޮށްދިނުމާއި، ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ކެޕިޓަލް ދިނުމުގައި ކައުންސިލްތަކުން ޢަމަލުކުރާނެ ގޮތް ބަޔާންކުރުން އަދި ކައުންސިލްތަކުން ކެޕިޓަލްގެ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ޚަރަދުކުރެވެނީ ހާމަކަން ބޮޑުގޮތެއްގައި، ހަމަހަމަކަމާއެކުކަން ކަށަވަރުކުރުމެވެ.

ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ޚަރަދުކުރެވޭނީ އެ ކައުންސިލެއްގެ ބަޖެޓުގައި ހިމަނައި، އެ އަހަރެއްގެ ބަޖެޓާއި އަހަރީ ޕްލޭނަށް ރިޢާޔަތްކޮށް، އެ ކައުންސިލުން ފާސްކުރުމަށްފަހުގައެވެ. ކެޕިޓަލް ދޭނެ ލޯކަލް އޮތޯރިޓީ ކުންފުނި ނުވަތަ ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރި ކަނޑައެޅުމުގެ ކުރިން، ކުންފުނީގެ ބިޒްނަސް ޕްލޭން، ހިންގަމުންދާ ކުންފުންޏެއްނަމަ، އެ ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނިން ކެޕިޓަލްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނެ ގޮތާއި، އަންދާޒާކުރާ ފައިދާއާއި، ފައިދާއިން ބަހާނެކަމަށް ލަފާކުރާ ޑިވިޑެންޓާއި، އިންވެސްޓްމަންޓުގައި ހުރި ހިރާސްތައް ހިމެނޭ ރިޕޯޓު ހިމަނައިގެން، އެ ކުންފުންޏަކާ ގުޅޭގޮތުން ކައުންސިލުން އެސެސްމަންޓެއް ތައްޔާރުކުރަންވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގައި ބުނެފައިވަނީ ކައުންސިލުން ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރުމާބެހޭ އުސޫލެއް ނުވަތަ އިންވެސްޓްމަންޓް ޕޮލިސީ އެކުލަވައިލަންވާނެ ކަމަށެވެ. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ޚަރަދު ކުރެވޭނީ އެ ކުންފުނީގެ ހިއްސާގެ ނިސްބަތުން، އެ ކައުންސިލެއްގެ ޖުމުލަ ހިއްސާއަށް ޖެހޭ މިންވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންނެވެ.

ކެޕިޓަލްގެ ގޮތުގައި ނޫފުލޭ މުދަލެއް ދެވޭނީ، އެ މުދަލުގެ ވެލިއުއޭޝަނެއް ހެދުމަށްފަހު، އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ ނިސްބަތުން ކައުންސިލުން ދައްކަންޖެހޭ ހިއްސާގެ އަގުގެ ތެރޭގައި އެ މުދަލެއްގެ އަގު ހިމަނައިގެންނެވެ. މިގޮތުން، އެ މުދަލެއްގެ އަގު އެ ކުންފުނީގެ ހިއްސާގެ ނިސްބަތުން، އެ ކައުންސިލެއްގެ ޖުމުލަ ހިއްސާއަށް ޖެހޭ މިންވަރަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

ކެޕިޓަލްގެ ގޮތުގައި އުފުލޭ މުދަލެއް ދެވޭނީ، އެ މުދަލުގެ ވެލިއުއޭޝަނެއް ހެދުމަށްފަހު، އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާ ގެ ނިސްބަތުން ކައުންސިލުން ދައްކަންޖެހޭ ހިއްސާގެ އަގުގެ ތެރޭގައި އެ މުދަލެއްގެ އަގު ހިމަނައިގެންނެވެ. މިގޮތުން، އެ މުދަލެއްގެ އަގު އެ ކުންފުނީގެ ހިއްސާގެ ނިސްބަތުން، އެ ކައުންސިލެއްގެ ޖުމުލަ ހިއްސާއަށް ޖެހޭ މިންވަރަށްވުރެ އިތުރުވެގެން ނުވާނެއެވެ. މިގޮތަށް މުދަލެއް ދެވޭނީ، އެ މުދަލެއް ދިނުމުން، ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫ ނާރާނެކަން އެ ކައުންސިލަކުން ކަށަވަރު ކުރުމަށްފަހުގައި ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ކެޕިޓަލްގެ ގޮތުގައި މުދަލެއް ދެވޭނީ، އެ މުދަލެއް ދިނުމަށް ކައުންސިލުން ފާސްކުރުމަށްފަހުގައެވެ. ކެޕިޓަލްގެ ގޮތުގައި މުދަލެއް ދެވޭނީ، އެ މުދަލަކީ ކައުންސިލުގެ އިދާރާ ހަރުދަނާކުރުމަށާއި ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މުހިންމު މުދަލެއް ކަމަށް ކަނޑައަޅައި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ހޯދައިފައިވާ މުދަލަކަށް ނުވާނަމައެވެ.

ކައުންސިލުގެ އިޚްތިޞާޞް އޮންނަ ސަރަޙައްދުގައި ހިންގަމުންދާ ވިޔަފާރިއަކުން ނުވަތަ ކުންފުންޏަކުން ކައުންސި ލަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއް ކެޕިޓަލައިޒް ކުރެވިދާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. މިގޮތުން ކެޕިޓަލްގެ ގޮތުގައި ކައުންސިލުން ޚަރަދުކުރިކަމަށް ބެލެވޭ ފައިސާގެ އަދަދަކަށް ވާންވާނީ އެ ވިޔަފާރިއަކުން ނުވަތަ ކުންފުންޏަކުން ދައްކަންޖެހިފައިވާ ފައިސާ ނުވަތަ ދަރަންޏަކާ އެއްވަރު އަދަދަކަށެވެ.

ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ދީފައިވާ ކައުންސިލުގެ ކެޕިޓަލް ކުޑަކުރެވޭނީ ނުވަތަ ކައުންސިލުގެ ހިއްސާއަށް ޖެހޭ ފައިސާ ކައުންސިލަށް ހަވާލުކުރެވޭނީ މިކަމާބެހޭ ފުރިހަމަ ތަފުސީލު އެ ކައުންސިލަކުން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

މި އުސޫލުގައި ބުނެފައިވަނީ ކައުންސިލްތަކުން، ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކުގެ އަންނަނިވި މަޢުލޫމާތުތައް ހޯދުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލްތަކުން ދަރަނި ނެގުމަށްފަހު ޚަރަދުކޮށްގެން ނުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލް ނޫން ގޮތަށް ކައުންސިލްތަކުން އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދީގެން ނުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ކައުންސިލުން ކުރާ އެންމެހައި ޚަރަދުތަކުގެ މަޢުލޫމާތު، އެ ދާއިރާއެއްގެ ރައްޔިތުންނަށް، މަދުވެގެން ކޮންމެ 6 މަހަކު އެއްފަހަރު އާންމުކުރަންވާނެއެވެ.

ކޮމެންޓް