ކ. ގުރައިދޫއަކީ ގަދީމީ ޒަމާނުއްސުރެން ސިޔާސީ ރަށެކެވެ. ރަސްރަސްކަލުން އަރާމުކުރައްވަން ވަޑައިގެން ތިއްބަވާ ރަށެކެވެ. ބައެއް ފަހަރަށް، މާލޭގައި ހައިޖާނު ބޮޑުވުމުން، ހިމޭން ވެއްޓަކަށްވެސް، ބައެއް ރަސްރަސްކަލުން ގުރައިދޫ އިޚްތިޔާރުކުރެއްވިއެވެ. މީލާދީން 1609ން 1620ށް ރަސްކަން ކުރެއްވި، އައްސުލްތާން ހުސައިން ފާމުލަދޭރި ކިލެގެފާނު ފަސްދާލު ލެވިފައި އޮތީ ގުރައިދޫގެ ވަލު މިސްކިތް ކުރިމަތީގައި ހުރި ބިސްތާނުގައެވެ. އެ ރަށަކީ ކަލާފާނު ރަދުންވެސް ދޭތެރެދޭތެރެއިން ވަޑައިގެން ހުންނެވި ރަށެކެވެ. އެރަށުގެ ހުކުރު މިސްކިތުގެ ތައުލިޔަ މޫލަވެރިޔަކީ ކަނބާ އައިޝާ ރަނި ކިލެގެފާނުގެ މިރިމިނީންނެވެ.
މީގެ ފަސްސަތޭކަ އަހަރު ކުރީއްސުރެ، ސިޔާސީ ބޭފުޅުންގެ ތަފާތު ފިކުރުތަކުގެ ކުލަޖެހިފައިވާ ގުރައިދޫ ސިޔާސީ ފިކުރުގެ ގޮތުން ދެބައިވެފައި އޮތަސް، ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި އެ ފަސްގަނޑުގައި ވަރުގަދައީ، އިހުގައި ނަމަ، ޑީއާރުޕީއެވެ. ފަހުން ޕީޕީއެމްގެ ފިކުރެވެ. ނަތީޖާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، އަތޮޅު ކައުންސިލް އިންތިޚާބާއި، ކައުންސިލް އިންތިޚާބަކީ، ގުރައިދުއަށާއި ދާއިރާއަށް ބަލާނަމަވެސް، ޕީޕީއެމްގެ ކެންޑިޑޭޓުންގެ އެއްޗަކަށް ވެފައި އޮތުމެވެ.
އައު ގާނޫނު އަސާސީއަށްފަހު، ތަފާސް ހިސާބުތައް ދައްކާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިގެން ދިޔަ ދިއުމުގައި ގުރައިދޫ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި އެމްޑީޕީގެ އަލީ ޝާހީން ހުސައިނަށް ލިބިވަޑައިގަތީ 678 ވޯޓެވެ. އެފަހަރު ގޮނޑި ކާމިޔާބުކުރެއްވީ، ވޭތުވެދިޔަ 14 އަހަރު އެ ދާއިރާގެ މެންބަރުގެ ގޮތުގައި އިންތިޚާބުވަމުން އައި އިބްރާހީމް ރިޒާއެވެ. ރިޒާ އެ އިންތިޚާބު ކާމިޔާބުކުރެއްވީ 723 ވޯޓުންނެވެ. ޑީއާރުފީގެ ކެންޑިޑޭޓު މާފުށީގެ އަޣުލަބިއްޔަތު އެފަހަރު ނެންގެވުމާ ގުޅިގެން، މާފުށީގެ ވޯޓު އެފަހަރު ކަފިކަފިވެގެން ދިޔައެވެ. ރިޒާގެ މާޖިން އެ ބުރުގައި ހަނިވި ނަމަވެސް، 2014ގައި ޕީޕީއެމްގެ ޓިކެޓުގައި ރިޒާ އެ ގޮނޑި ނެންގެވީ 1153 ވޯޓުންނެވެ. އެފަހަރުވެސް އެމްޑީޕީގެ ޝާހީނަށް ލިބުނީ 808 ވޯޓެވެ.
ޕީޕީއެމުން ގުރައިދޫ ކޮންޓްރޯލްކޮށްގެން އޮތް އޮތުމަށް، ނިމުން އަންނަކަމުގެ ފުރަތަމަ ސިގްނަލް ދައްކާލީ 2021ގެ ކައުންސިލް އިންތިޚާބުގައެވެ. މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ، އޭރުވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ހުސައިން ޔާމީން މުހައްމަދެވެ. ޔާމީނާ ވާދަކުރެއްވީ އެމްޑީޕީން އަލަށް ނުކުންނެވި ކެންޑިޑޭޓު، އަބްދުލް މަޖީދެވެ. އޭނާއަކީ ސިއްހީ މަރުކަޒުގައި ޑޮކްޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އައި، ސިވިލްސަރވިސް މުވައްޒަފެކެވެ. މަޖީދަކީ ޕީޕީއެމަށް އޮތް ބިރަކަށް ވެދާނެކަމަކަށް އޭރަކު ނުބެލެވެއެވެ. ސަބަބަކީ މަޖީދުގެ ބައްޕައަކީ، ރިޒާގެ ބޭބެއަށްވެފައި، މަޖީދުގެ ބައްޕަވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ޕީޕީއެމަށް ހުންނެވީމައެވެ.
ކޮންމެއަކަސް، 2017ގެ ކައުންސިލް އިންތިޚާބުގެ ނަތީޖާ ގުނައި ނިމިގެން ދިޔައީ، ޕީޕީއެމަށް ބޮޑު ޝޮކެއް ދީފައެވެ. އޭރު ދުރުދުރުން ވޯޓު އަންނަން ހުރި އެހެން ފޮށިތަކުގެ ނަތީޖާ އައިސް ހަމަނުވާތީ ޕީޕީއެމްގެ ހާސްކަން ބޮޑުވެގެން ދިޔައެވެ. އޭރު އެމްޑީޕީގެ މަޖީދަށާއި ޕީޕީއެމްގެ ޔާމީނަށް ލިބިވަޑައިގެންފައިވާ ވޯޓަށް ބަލާއިރު، ކޮންމެ ކެންޑިޑޭޓަކުވެސް 500 ވޯޓު އޮތީ ނަންގަވައިފައެވެ.
އޭގެ ކުރިން ގުރައިދޫގެ ވޯޓުފޮށިތައް މުޅިން ނުގާ ނުނިމެނީސް، ޕީޕީއެމް އިންތިޚާބު ކާމިޔާބު ކޮށްފިކަމަށް ބަލާ، ސެލެބްރޭޓް ކުރަންފަށާނެ. އެކަމަކު އެފަހަރު ނަތީޖާ މި ގޮތަށް ބަދަލު ވުމުން، އެމީހުން 2 ދުވަސް ވީއިރުވެސް ތިބީ ޔަގީންކަން ނެތިފަ.އިންތިޚާބުގައި އެމްޑީޕީން ވާދަކުރެއްވި އަބްދުލް މަޖީދު -ރާއްޖެއެމްވީ-
2017ގެ ކައުންސިލް އިންތިޚާބުގެ ސައްހަ ނަތީޖާ ލިބުނުއިރު، ޕީޕީއެމްގެ ޔާމީން 546 ވޯޓުން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، މަޖީދުވަނީ 539 ވޯޓު ހޯއްދަވައިގެން ދެ ޕާޓީގެ ދެމެދުގައިވާ ފަރަގު ގާތްގަނޑަކަށް 7 ވޯޓަށް ބަދަލުކުރައްވާފައެވެ. މިއީ ކުރިކެޓު މެޗެއްގައި ނަމަ، އެންމެ ބޮޑަށް ސްކޯރ ކުރަން ޖަހަން އޮންނަ 4، 6ށް ބަލާނަމަ، ހަޔަކަށް ޖެހުންފަދަ ފަޚުރުވެރި ކާމިޔާބެކެވެ. ޕީޕީއެމަށް ސިހުން ގެނުވި ކަމެކެވެ. އެމްޑީޕީން ޕީޕީއެމްގެ މައްޗަށް ކުރި ހޯދައިފާނެކަމުގެ ފުރަތަމަ ރަތް ސިގްނަލަށް މިކަން ވިއެވެ.
މަޖީދަކީ، ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާއަށް ބޮޑުބޭބޭ ވިދާޅުވާ ޒުވާނެކެވެ. ބައްޕައާއި ބޮޑުބޭބެމެން ޕީޕީއެމްގެ ފިކުރުގައި ތިއްބަވާއިރު، މަޖީދުގެ ފިކުރަކީ އެމްޑީޕީގެ ފިކުރެވެ. ނަމަވެސް، އިންތިޚާބީ މަގާމަކަށް ވާދަކުރައްވަން އޭނާ ވިސްނެވި މިއީ ފުރަތަމަ ފަހަރެވެ.
އަޅުގަނޑު އެމްޑީޕީގެ ފިކުރުގަ ހުއްޓަސް، އިންތިޚާބީ މަގާމަކަށް ވާދަކުރަން އޭރު ވިސްނީ، ޒުވާނުންނާ ރައްޔިތުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން. އެ ވެދާނެ އަޅުގަނޑު ނުކުމެއްޖެނަމަ ރަނގަޅު ފައިޓެއް ދީފާނެ ކަމަށް މީހުންނަށް ހީވެފަ އޮތީމަ ކަމަށް. ކަން ވީވެސް އެހެން. ގުރައިދޫގެ އެމްޑީޕީ ގޮފީގެ ހަޔާތުގަވެސް، ޕީޕީއެމަށް ދިން އެންމެ ޝޮކިންގ ފައިޓަށް އެކަންވީ.މަޖީދު
"އެ ފަހަރުވެސް، އެމްޑީޕީ ތެރޭން 26 ވޯޓު އަޅުގަނޑަށް ގެއްލުނު. އެއީ ކޮން ބައެއްކަން ވެސް އެނގޭ! އެ ވޯޓު ނުގެއްލުނު ނަމަ، މިއަދު ކައުންސިލްގެ ރައީސްގެ މަގާމު ފުރާނީ އެމްޑީޕީން" 2021 ނިމި، އަދި މި ހިނގީ ފުރިހަމަ އަހަރެކެވެ. އެހެންނަމަވެސް، ގުރައިދޫގައި އޮތް އެމްޑީޕީގެ ރޫހު އޮތީ ތާޒާކޮށެވެ. މަންމަ ފަރާތުން މަޖީދު ނިސްބަތްވެވަޑައިގަންނަވަނީ، ގުޅި، ގުރައިދޫ އަދި މާފުށީގައި ނައިބުކަން ކުރެއްވި އެ ރަށުގެ ގަދަރުވެރިއެއް ކަމަށްވާ "ހުސައިންކަލޭގެ" އާއިލާއަށެވެ. އަނެއްކޮޅުން ބައްޕަ ފަރާތުން ރިޒާގެ އާއިލާއަށެވެ. މިއީ އެއް އަވަށެކެވެ. ދެން އޮތީ އޭނާގެ އަނބިކަނބަލުންގެ އަވަށެވެ. އަނބިކަނބަލުންނަކީ، އެ އަވަށުގައި ވޯޓުގެ ގޮތުން ނުފޫޒުގަދަ އާއިލާއެއްގެ މެންބަރެކެވެ. ދެން ވަށައިގެން ތިބީ، މަޖީދުގެ ރައްޓެހިންނާއި ހެޔޮ އެދޭ އެކުވެރިންނެވެ. ޕާޓީގެ މެންބަރުންނެވެ.
މަޖީދަށް އޮތް މި ހުރިހާ ގުޅުންތަކެއް ވެގެންދިޔައީ، ގުރައިދޫގައި އޮތް ޕީޕީއެމްގެ ސިޔާސީ މޫތަކުގެ ބާރު ކަނޑުވާލި ކަމަކަށެވެ. އަދި އެމްޑީޕީން ގުރައިދޫގައިވެސް ކުރި ހޯދައި، ދާއިރާގެ އިންތިޚާބުވެސް ކާމިޔާބުކޮށްފާނެ ކަމުގެ ރަނގަބީލު އެޅި ކަމަކަށެވެ.
އޭރު އެ އިއްވާލި ރަނގަބީލުގެ އަޑު، ކަންފަތުގެ ހިނދުރިތަކަކުން އަދި ކަނޑައިގެނެއް ނުދެއެވެ. އެހެން އޮއްވައި ކުރިމަތިވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ، މިހާތަނަށް ދާއިރާގެ މެންބަރުގެ މަގާމުގައި ހުންނެވި، މަޖީދުގެ ތިއްތިބޭ، އެމްޕީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.
މި ބައި އިލެކްޝަނަށް ރިޒާގެ އާއިލާއިން ނުކުންނެވީ ރިޒާގެ ކޮއްކޮ ޙުސައިން ރިޒާ އާދަމެވެ. އެމްޑީޕީން ނުކުންނެވީ އިބްރާހީމް ޝާޒުއެވެ. އޭނާވެސް ނިސްބަތްވެވަޑައިގަންނަވަނީ ރިޒާގެ ކޮއްކޮވެސް ނިސްބަތްވެވަޑައިގަންނަވާ އަވަށަށެވެ. ދެން އެމްއެންޕީން ވާދަކުރެއްވި އަލީ އަރީފުވެސް ނިސްބަތްވެވަޑައިގަންނަވަނީ ހަމަ ގުރައިދޫއަށެވެ. އެހެންކަމުން، މި އިންތިޚާބުގެ ނަޒަރު، އަނެއްކާވެސް ހުއްޓުނީ ގުރައިދޫއަށެވެ. އެއީ އިއްޔެއާ ހަމައަށް، ޕީޕީއެމްގެ ވޯޓުގެ ކިއްލާއެއްފަދަ ރަށެކެވެ. އޭގެ ބައެއް ހެކި މި ދަންނަވާލަނީއެވެ.
2017ގެ ކައުންސިލް އިންތިޚާބުގައިވެސް، ގުރައިދޫގެ ކައުންސިލަށް ޕީޕީއެމުން ވާދަކުރެއްވި އިބްރާހީމް ޝަލީޒް 606 ވޯޓުން ކާމިޔާބު ކުރެއްވިއެވެ. އެ ޕާޓީން ވާދަކުރެއްވި އަލީ ޝަމީމް 590 ވޯޓުން ގޮނޑި ނެންގެވިއެވެ. ޕީޕީއެމުން ވާދަކުރެއްވި ހުސައިން ޔާމީން މުހައްމަދު 613 ވޯޓުން ގޮނޑި ކާމިޔާބު ކުރެއްވިއެވެ
އެ ފަހަރު މިނިވަން ކެންޑިޑޭޓުން ކަމުގައިވި ހަސަން ރާމިޒާއި، ހުސައިން ނިހާލަށް ލިބިވަޑައިގަތީ، ކޮންމެ ކެނޑިޑޭޓަކަށް 405 ވޯޓެވެ. މިއީ، ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓާ އަޅައިބަލާއިރު، 200 ވޯޓުގެ ތަފާތެކެވެ. ދެން، އަމިއްލަގޮތުން ވާދަ ކުރެއްވި، އަހުމަދު މުބާރިކަށް 285 ވޯޓު ލިބިވަޑައިގަތްއިރު، އަބްދުލް އަޒީޒް އަލީއަށް ލިބުނީ 103 ވޯޓެވެ. އަތޮޅު ކައުންސިލަށް ބަލާއިރު، ޕީޕީއެމްގެ އަބްދުﷲ ވާރިސް 1163 ވޯޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު، އަމިއްލަގޮތުން ވާދަކުރެއްވި ސައުދުﷲ ލަތީފް 873 ވޯޓުން ނާކާމިޔާބުވެވަޑައިގަތެވެ. އެފަހަރުވެސް ވާރިސްގެ ގޮނޑި ކާމިޔާބުކުރެއްވުމުގައި ގުރައިދޫގެ ޕީޕީއެމް ވޯޓު ބޮޑު ހިއްސާއެއް ވިއެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓު އިބްރާހީމް ޝާޒުގެ ފަހަތަށް މަޖީދު އަރާވަޑައިގަތީ ވަރަށް ބޮޑު ޔަގީންކަމަކާއެކުގައެވެ. އޭނާއަކީ، އެންމެ ފަހުން، އެންމެ ބޮޑު ފައިޓެއް ޕީޕީއެމަށް ދިން އެމްޑީޕީގެ ކެންޑިޑޭޓެވެ.
އެމްޑީޕީން މި ގޮނޑި ކާމިޔާބުކުރަން ޓީމުތައް، ގުޅި، ގުރައިދޫ އަދި މާފުށީގައި ރުކުރުވާލިއެވެ. މި ޓީމުތަކާއެކު، މަސައްކަތްކުރަން ހުރި މި ރަށްރަށުގެ އެމްޑީޕީގެ ގޮފިތައް ހުރީ މިފަދަ އިންތިޚާބެއް ކާމިޔާބު ކުރެވޭހާ ބަދަހި ކަމާއެކުގައެވެ.
މާފުށީ ކައުންސިލްގެ ކުރީގެ ރައީސް، މުސްތަފާ "ރާއްޖެ ޑޮޓް އެމްވީ"އަށް، ރޭ ވިދާޅުވިގޮތުގައި، މާފުށިން އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ފަހަތުގައި، މާފުށީގައި މިހާރު އޮތް އެމްޑީޕީގެ ޒުވާން ލީޑަރޝިޕްގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވުނެވެ. އަދި އެމްޑީޕީގެ ލީޑަރިޝިޕްގެ ފަރާތުން އަދާކުރި ދައުރުގެ ހިއްސާވެސް އެހާމެ ބޮޑެވެ.
މުސްތަފާއަކީ، ކުރިން ޑީއާރުޕީން މާފުށީގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް ބޭފުޅެކެވެ. އެއަށްފަހު ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ތިން ފަހަރެއްގެ މަތިން، ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އޭނާ ސަސްޕެންޑު ކުރިއެވެ. އެކަމުގެ ސަބަބުން ޖުމްލަ ހައެއްކަ މަހު ގޭގައި ހުންނަވަން ޖެހުނެވެ. އެމްޑީޕީއާ ގުޅުނީ އޭގެ ނުތަނަވަސްކަމުގެ ތެރޭގައެވެ. މުސްތަފާއާއެކު އެމްޑީޕީއަށް ބަދަލުވި ޓީމަކީ ޑީއާރުޕީ ޒަމާނުއްސުރެ އޮތް، ޕީޕީއެމްގެވެސް ހަރުދަނާ ލީޑަރޝިޕެކެވެ. އެހައިތަނުން ޕީޕީއެމް ލީޑުކުރުމުގައި ބަސްކިޔަން ތިބި މާފުށީގެ ޓީމަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ.
ކޮންމެއަކަސް، މި އިންތިޚާބުގައި މާފުށީގެ 2 ފޮށިންވެސް ލީޑު ނެގީ އެމްޑީޕީންނެވެ. މިއީ 2019އަށް ބަލާނަމަ، 42 ވޯޓުގެ ލީޑެކެވެ. 2019ގައި ޕީޕީއެމަށް މާފުށިން 329 ވޯޓު ލިބުނުއިރު، އެމްޑީޕީން 386 ވޯޓު ނެގިއެވެ. އެއީ 57 ވޯޓުގެ ތަފާތެކެވެ. ނަމަވެސް މިފަހަރުގެ ބައި އިލެކްޝަނުގައި މާފުށިން ޕީޕީއެމަށް 405 ވޯޓު ނެގުނުއިރު، އެމްޑީޕީންވަނީ 504 ވޯޓު ނަގައި، ވޯޓުގެ ތަފާތު 99ށް މައްޗަށް ޖައްސައިފައެވެ. މިއިން އެ ދައްކައިދެނީ، މާފުށީގައި އެމްޑީޕީގެ އައު ލީޑަރޝިޕް ވަރުގަދަކޮށްފައި އޮތް މަންޒަރެވެ.
ގުރައިދޫއަށް ބަލާއިރު، މި ބައި އިލެކްޝަނުގައި، އެމްޑީޕީން ނެގި ވޯޓަކީ، އާދަޔާ ޚިލާފު ކާމިޔާބެކެވެ. 2019ގައި ގުރައިދޫން ޕީޕީއެމަށް 568 ވޯޓު ނެގުނުއިރު، އެމްޑީޕީއަށް ނެގިފައި އޮތީ، 322 ވޯޓެވެ. އެއީ 246 ވޯޓުގެ މައިނަހެކެވެ. އެހެން ނަމަވެސް 2021ގެ ކައުންސިލް އިންތިޚާބުގައި ދެ ޕާޓީގެ ވޯޓުގެ ތަފާތު 7 ވޯޓަށް ކުޑަކުރިއެވެ. ދެން އައީ، މިފަހަރުގެ ބައި އިލެކްޝަނެވެ. މި ފަހަރު އެ ތަފާތު މިވަނީ އެންމެ 4 ވޯޓަށް ފަރަގު ކުޑަކޮށްފައެވެ. މިފަހަރު ގުރައިދޫން ޕީޕީއެމަށް 429 ވޯޓު ނެގުނުއިރު، އެމްޑީޕީންވަނީ 425 ވޯޓު ނަގައި، ދެ ޕާޓީގެ ވޯޓުގެ ފަރަގު 4ށް ބަދަލުކޮށްފައެވެ. މިއީ، ކުރިކެޓުގައި ނަމަ، ހަތަރަކަށް ޖެހުންފަދަ ބޮޑު ކާމިޔާބެކެވެ.
މާނައަކީ، 2021ގައި ދެއްކި 7 ވޯޓުގެ ފަރަގު، 2023ގައި 4 ވޯޓަށް ކުޑަކޮށް، ގުރައިދޫންވެސް، ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފާނެކަމުގެ ހެކި މިދަނީ ދައްކަމުން، ފަރަގު ކުޑަކުރަމުންނެވެ. ގުޅިން މިފަހަރު ޕީޕީއެމްވަނީ، 2019އެކޭ އެއްފަދައިން އަނެއްކައިވެސް ބަލިވެފައެވެ. 2019ގައި ގުޅިން އެމްޑީޕީއަށް 200 ވޯޓު ލިބުނުއިރު، ޕީޕީއެމަށް ލިބިފައިވަނީ 164 ވޯޓެވެ. މި ބައި އިލެކްޝަނުގައި އެމްޑީޕީއަށް ގުޅިން 255 ވޯޓު ލިބުނުއިރު، ޕީޕީއެމަށް ލިބިފައިވަނީ 242 ވޯޓެވެ.
މާލޭގައި ބެހެއްޓިފައިވާ ފޮށިން، ޕީޕީއެމަށް ލިބިފައިވަނީ 150 ވޯޓެވެ. މި ފޮށިން އެމްޑީޕީން 162 ވޯޓު ހޯދައިގެން، މި އިންތިޚާބު ވަނީ، ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 3423 މީހުންގެ ތެރެއިން، މި ބައި އިލެކްޝަނުގައި ވޯޓު ލައިފައިވަނީ 2755 މީހުންނެވެ. އެއީ ހައްގު ލިބިފައިވާ މީހުންގެ 80.4 އިންސައްތައެވެ.
އަޅުގަނޑުމެން މަސައްކަތް ކުރީ، ގޮނޑި ކާމިޔާބުވަންޏާ މިފަހަރު ވާނެ ކަމަށް ޔަގީންކޮށްފަ. އަޅުގަނޑުމެންނާ އެމްޑީޕީގެ ލީޑަރޝިޕުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެ ފެނުނީ.މަޖީދު
ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައި، އެތައް މިލިއަނުން ފައިސާ ބަހައިގެން ކަމަށް، ޕީޕީއެމްގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމްޝަރީފު ވިދާޅުވެފައި ވާއިރު، މި އިންތިޚާބުގައި ޕީޕީއެމުން ވާދަކުރެއްވި ހުސައިން ރިޒާ އާދަމް ވަނީ، ގޮނޑި ކާމިޔާބުކުރެއްވި ޝާޒުއަށް މަރުހަބާ ވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ.
ނިމިދިޔަ އިންތިޚާބު ކާމިޔާބުކުރެއްވި އަޅުގަނޑުގެ އަޚު ޝާޒް އިބްރާހީމަށް، އިޚްލާސްތެރި ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. މި ފުރުސަތުގައި އަޅުގަނޑަށް ވޯޓު ދެއްވައި، ބެހެއްޓެވި ގާތް ކަމަށް، ގުޅި، ގުރައިދޫ، އަދި މާފުށީގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.ޝާޒްއާއިއެކު، ނަންގަވައިފައިވާ ފޮޓޯއެއް ހިއްސާ ކުރައްވަމުން، ހުސައިން ރިޒާ ކުރެއްވި ޓްވީޓް
ކޮންމެ އަކަސް، ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ލީޑަރޝިޕްގައި، މި 5 އަހަރުގެ ތެރޭގައި އައި ރައްޔިތުންގެ މަޖިލީހުގެ ދެ ބައި އިލެކްޝަން ވެސް އެމްޑީޕީން ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގޮނޑީގެ އަދަދު މިވަނީ 68ށް ބަދަލުކޮށްފައެވެ. މިއީ، އެމްޑީޕީއަށް ބޮޑު ކާމިޔާބެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ލިބޭ އިތުރު ފަހިކަމެކެވެ.
މި އިންތިޚާބުން ހާމަވެގެން މި ދިޔައީ، ސަރުކާރާއެކު، ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވުމަކީ، ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް.ރައީސް، އިބްރާހީމް މުހައްމަދު ސާލިހު
ގަދީމީ ޒަމާނުއްސުރެ، ސިޔާސީ ރޫހު އެ ފަސްގަނޑެއްގައި ކޯދުލައި ހެދެމުން އައި، ގުރައިދޫގެ ސިޔާސީ މަސްރަހަށް އަންނަމުން މިދާ ބަދަލުތަކުން ހާމަވާ އެއް ކަމަކީ، އެމްޑީޕީއަށްވުރެ ވޯޓުގެ ނުފޫޒުގަދަ ބައެއް ދާއިރާތަކާއި ރަށްރަށުގައި އެމްޑީޕީގެ ރަށްފުށުގެ ލީޑަރޝިޕް ވަރުގަދަކޮށް، ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދަން ފަށައިފިކަމެވެ. މިއީ، ޕީޕީއެމްގެ އަތުން ދޫވީ ނަރެއްހައި ތަންނަމަ، ކެނބެއްހައި ތަން އެމްޑީޕީން ދަމައިގެންފާނެކަމުގެ ހެތްކެކެވެ. ހަމަ އެހެންމެ މި ނަތީޖާއަކީ، ގުރައިދޫން ވެސް ޕީޕީއެމަށް ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑުވެސް ގެއްލެނީތޯ، އުފެދޭ ސުވާލެކެވެ!