ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 07:18
ބައިސިކަލް ކިކަކުން ހާލާންޑް ސިޓީގެ ތިންވަނަ ގޯލް ޖަހަނީ
ބައިސިކަލް ކިކަކުން ހާލާންޑް ސިޓީގެ ތިންވަނަ ގޯލް ޖަހަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ހާލާންޑްގެ "ބައިސިކަލް ކިކް" ގޯލާއެކު މޮޅުވެ ސިޓީން ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފި
 
ލީގުގައި ހާލާންޑް ޖެހި ގޯލްގެ އަދަދު 30 އަށް

ހާލާންޑްގެ "ބައިސިކަލް ކިކް" ގޯލާއެކު ސައުތްހެމްޓަން އަތުން މޮޅުވެ, މެންޗެސްޓަރ ސިޓީން އަނެއްކާވެސް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ރެލިގޭޝަން ޒޯންގައި އޮތް ސައުތްހެމްޓަންގެ ދަނޑުގައި އެޓީމް އަތުން މެންޗެސްޓަރ ސިޓީ މޮޅުވީ 4-1 ނެވެ. މެޗުގައި ހާލާންޑް ސިޓީއަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ކެވިން ޑެ ބުރޭނާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ ލީގުގައި ޑެ ބުނޭރާގެ 100 ވަނަ އެސިސްޓެވެ. ދެވަނަ ހާފް ފަށައިގެން 13 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ޖެހީ ވަރލްޑްކަޕަށްފަހު ފޯމް ދަމަހައްޓަމުން އަންނަ ގްރީލިޝްއެވެ. ސިޓީގެ ތިންވަނަ ލަނޑު ޖަހަން ހާލާންޑަށް ފުރުޞަތު ފަހިކޮށްދިނީވެސް ގްރީލިޝްއެވެ. ގްރީލިޝް ހުރަސްކުރި ބޯޅަ ގޯލަށް ފޮނުވާލުމުގައި ހާލާންޑްގެ ދެއްކީ އޭނާއަކީ ތަފާތު ކުޅުންތެރިއެއްކަމެވެ. މެޗުގައި ޖެހި ދެ ގޯލާއެކު ހާލާންޑް ވެފައިވަނީ ޕްރިމިއަރ ލީގުގެ ތާރީޚުގައިވެސް އެންމެ އަވަހަށް 30 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ. އެއީ 27 މެޗުންނެވެ. ހާލާންޑް މެޗަށް ނިކުތީ މިމެޗުގެ ކުރިން ލީގުގައި ސިޓީން ލިވަޕޫލް އަތުން މޮޅުވި މެޗުގައި ނުކުޅެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

ސިޓީން ތިން ލަނޑު ޖެހިފަހުން ސައުތްހެމްޓަންއިން ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ. އެއީ މާރާ ޖެހި ލަނޑުންނެވެ. އެކަމަކު ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އަލުން ފަރަގު ބޮޑުކުރިއެވެ. ޕެނަލްޓީ ކާމިޔާބުކުރީ ހާލާންޑްގެ ބަދަލުގައި ކުޅެން ނުކުތް އަލްވާރޭޒްއެވެ. މިމޮޅާއެކު ސިޓީ ދެވަނާގައި އޮތީ 29 މެޗުން 67 ޕޮއިންޓާއެކުއެވެ. އާސެނަލް އެއްވަނާގައި އޮތީ 72 ޕޮއިންޓާއެކުއެވެ. ސައުތްހެމްޓަން އޮތީ 23 ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް