"އަދީބު އަތުން ލިބުނު ވަގު ފައިސާއިން ގައުމީ ލޭ އުފެދޭތޯ"
4 ޖުލައި 2017 | އަންގާރަ 09:26ޝައިނީގެ މައްޗަށް މަގާމުގެ ނުފޫޒް ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ އުފަންދުވަސް ފާހަގަ ކުރުމަށް އަދީބު އަދި ޝައިނީ ރައީސް ޔާމީން އަރިހުގައި ބައިވެރިވެ ވަޑައިގަންނަވަނީ
އަދީބު އަތުން ލިބުނު ވަގު ފައިސާއިން ގައުމީ ލޭ އުފެދޭތޯ، ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، ރައީސް ޔާމީންގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާ ސުވާލު ކުރައްވައިފިއެވެ.
ޝައިނީއަށް ޓުވިޓަރގައި މި ސުވާލު ސުއޫދު އަމާޒު ކުރެއްވީ، ސުއޫދަށް ރައްދު ކުރައްވާ ޝައިނީ ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ.
ޝައިނީ ވިދާޅުވީ، މިދާ ގޮތައް ގޮސް އިރާދަ ކުރެއްވިއްޔާ ހުއްޓާލާނީ، 2018 ރައީސް ޔާމީން އަށް ކާމިޔާބު ކޮށްފައި ކަމަށެވެ. އަދު ބިރު ނުގަންނަ ކަމަށާއި، ހުރީ ގައުމީ ލޭ ކަމަށާއި މިހުރީ ގައުމީ ޚިދުމަތުގައި ކަމަށްވެސް ޝައިނީ ވިދާޅުވެފައި ވެއެވެ.
ބެލެވޭ ގޮތުގައި ޝައިނީ ސުއޫދަށް ޓެގް ކުރައްވާ މި މެސެޖް ފޮނުއްވީ، އޭގެ ކުރިން މަގާމުގެ ނުފޫޒް ބޭނުން ކުރާ ކަމުގެ ދައުވާ ޝައިނީގެ މައްޗަށް އުފުލިދާނެ ކަމަށް ވިދާޅުވެ އަދި އޭގެ އަދަބެއްގެ ގޮތުން 11 އަހަރާއި 8 މަސް ދުވަހުގެ ހުކުމަކާ ޝައިނީ ކުރިމަތި ލައްވަން ޖެހިވަޑައިގެންފާނެ ކަމުގެ އިންޒާރު ދެއްވާ ސުއޫދު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ޝައިނީގެ މައްޗަށް ކުރެވި ސޯޝަލް މީޑިއާގައި އެހެން ބައެއް ބޭފުޅުންވެސް ޝައިނީ އަށް އަމާޒު ކުރައްވާ ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަހްލޫފްވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ބާރީ ބަދަލު ކޮށް އޭނާގެ ބާރު ކަނޑުވާލާ، ގާޒީ އަރީފްގެ ބެލުމުގެ ދަށުން މެމްބަރުންގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ޝައިނީ އުޅުއްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް މި ދިޔަ އާދިއްތަ ދުވަހު 45 މެމްބަރުން ސޮއި ކުރައްވާ މައްސަލަ ހުށަހެޅުމާއެކު ސޮއި ކުރި ބައެއް މެމްބަރުންގެ މައްޗަށް އެކި ކަހަލަ ހުކުމްތައް ކުރުމަށް މަސައްކަތް ކުރާ ކަމުގެ އަޑުތައް މިދުވަސްކޮޅުވަނީ ފެތުރިފައެވެ.
މި ގޮތުން ކްރިމިނަލް ކޯޓުން މެމްބަރުން ހައްޔަރު ކުރުމުގެ އަމުރު ހޯއްދެވުމަށް ޝައިނީ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ޓްވީޓް ކުރައްވާފައެވެ.
ޝައިނީ އަށް އަމާޒު ކުރައްވާ ސުއޫދާއި މަޚްލޫފް ކުރެއްވި ޓްވީޓުގެ ކުރިން، ޝައިނީގެ އިސްތިއުފާއަށް ގޮވާލައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރު ތޯރިގްވަނީ ބަޔާނެއް އާއްމު ކުރައްވާފައެވެ. އެ ބަޔާނުގައި ޝައިނީ އަކީ ފޭލްވެފައިވާ މިނިސްޓަރެއް ކަމަށާއި، މަގާމުގެ ވާޖިބުތައް އަދާ ކުރެއްވޭ ބޭފުޅެއް ނޫން ކަމަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވެފައިވެއެވެ.
މެމްބަރު ތޯރިގް މި ގޮތައް ހާމަކުރެއްވުމާއެކު ބައެއް އެހެން މެމްބަރުންވެސް ވަނީ ޝައިނީއަކި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ތެރޭގައި އެންމެ މަގްބޫލްކަން ކުޑަ މިނިސްޓަރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޔާމީނަށް މާ ކަމުދާ ބޭފުޅަކަށް ވުމުން އޭނާ ސަލާމަތްވެ ވަޑައިގަންނަވަނީ ކަމަށްވެސް މެމްބަރުން ވިދާޅުވެފައި ވެއެވެ. ޝައިނީ އާ ބެހޭ ގޮތުން މެމްބަރު މުހައްމަދު އަމީތު ވިދާޅުވެފައިވަނީ، އިތުބާރުނެތް ކަމުގެ ވޯޓެއް ޝައިނީއާ ދެކޮޅަށް މިހާރު ހުށަހެޅިޔަސް ފާސްވާނެ ކަމަށެވެ.








