ކ. މާލެ
|
17 މާރޗް 2023 | ހުކުރު 17:38
ޤާސިމް އާއި ރައީސް ނަޝީދު
ޤާސިމް އާއި ރައީސް ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދާއި ޤާސިމްގެ ގުޅުން
ރާގު ބަދަލުވެއްޖެ: އިއްޔެ ގޮވީ "ސޭޓަށް" މިއަދު "އޮނަރަބްލް ޤާސިމް"
ރައީސް ނަޝީދާއި ޤާސިމް އާއި ދެ ބޭފުޅުން ކުރިން ވެސް ސިޔާސީ ގުޅުންތައް ބާއްވަވާފައިވޭ
މި ވެރިކަމުގެ ކުރީކޮޅު ޖޭޕީ އަށް ސްލޮޓްތައް ގިނަ ކަމަށް ބުނެ ރައީސް ނަޝީދުގެ ފާޑުކިޔުން އަމާޒުވި

ވިދާޅުވިއެވެ. "އޮނަރަބަލް ގާސިމްއެވެ. އަޅުގަނޑުމެން ވެސް އުޅެނީ ހަމަ މި ރާއްޖޭގައެވެ. ޖޭޕީގެ ބޭފުޅުން ވަކި ކުރެވޭނީ އަޅުގަނޑުމެން ވެސް ފަހަނަޅައި ގޮސްގެންނެވެ. އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީ ބާއެވެ؟ ޓިއަރ ގޭސް ވެސް ކުޑަގޮޅި އާއި އަނދަގޮނޑި ވެސް ވަރަށް ރަނގަޅަށް ދަންނަން! އަދިވެސް އޮވެވިދާނެއެވެ." މިއީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕްގައި ކުރެއްވި މެސެޖެވެ.

ސިޔާސީ މައިދާނަކީ މިކަހަލަ ތަނެކެވެ. ދާއިމީ އެކުވެރިންނެއް ވެސް ދާއިމީ ހަތުރުންނެއް ވެސް ނުތިބޭނެއެވެ. އެކަމުގެ ހެއްކަކަށް ބަދަލުވަމުންދާ އަޅުގަނޑުމެންގެ ސިޔާސީ ކުޅިބައިގަނޑު ނުފުދޭތޯއެވެ. މި ސަރުކާރު ރުކުރުވާލި ހިސާބުން ފެށިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ އަޑާއި އެއްވަރަކަށް އަންބާކީ، އެމަނިކުފާނުގެ ބައިވެރިގެން ޝަކުވާއަކަށްވީ އެމްޑީޕީގެ ރަން ރީނދޫ ސަރުކާރެއްގައި ޖުމުހޫރީޕާޓީގެ ރަތް ކުލަ މާ ގަދަ ކަމުގެ ވާހަކައެވެ.

މިއީ ސިއްރުން ސައިކޮޓަރީގައި ނޫނީ އެކުވެރިންގެ މެދުގައި ދެއްކި ވާހަކައެއް ނޫނެވެ. މި ވާހަކަތަކުގެ ހެކި މަޖިލީހާއި ޕޯޑިއަމްތަކުގައި މި ބޭބެފުޅުން ދެއްކެވި ވާހަކަތަކުން އެނގި ހާމަވާން ހުންނާނެއެވެ. އޭރު ދެއްކެވި ވާހަކައަކީ ކޯލިޝަންގެ ނަމުގައި ސަރުކާރުން ބޯކިބާ ބަހާ ވާހަކައެވެ. އޭރު ދެއްކެވީ ކޯލިޝަންގެ ނަމުގައި ސަރުކާރު ކިލަނބުކުރާ ވާހަކައެވެ. އޭރު ދެއްކެވީ އެމްޑީޕީ އަށް ހައްގު މިންވަރު ނުލިބޭތީ އެ އުދާސްތަކުގެ ވާހަަކައެވެ.

އެ ފޯރީގައި ކިތަންމެ ފަހަރަކު ޤާސިމް އަށް "ސޭޓު"ގެ ނަމުން މުޚާތަބުކޮށް މަލާމާތުގެ ބަސްތައް އަމާޒުކުރިއެވެ. ވިޔަފާރިވެރިންގެ ތައްޕާހުގައި ސަރުކާރު ޖެހިފައިވާކަމަށް ބުނެ ބޮޑާހާކާ އެ ޝަކުވާތައް ވެސް އޮއްސާލިއެވެ. މަހުޖަނުންގެ ކިބައިން ސަރުކާރުތައް ސަލާމަތް ނުވި ކަަމަށް ބުނެ ދެއްކިހާ ވާހަކަތައް ވެސް އެ ދުވަހު އަޑު އިވުނެވެ.

އެކަމަކު މިއަދުތޯއެވެ. އިންތިޚާބުގެ ދުވަސްވަރު ކައިރިވެ، ސިޔާސީ ކުޅިބައިގައި ބައިއަތު ހިފާނެ ވާލެއް ވާން ޖެހުނު ހިސާބުން ޔާރުންނަށްވެ އިއްޔެ ކުރިހާ މަލާމާތާއި، ހުޝާމަދު ހަނދާނުން ކައްސާލައިފިއެވެ. ތިމަންނާމެން މިތިބީ ގާސިމްގެ ފަހަތުގައޭ މިއަދު ވިދާޅުވާ އިރު މި ބޭފުޅުންނަކީ ޖޭޕީގެ ސްލޮޓްތަކުގައި ވަޒީރުން ގިނަ ވެގެން އެކަން ތުރާލަކަށް ވެގެން ވާހަކަދެއްކެވި ބޭފުޅުންނެވެ.

އެ ވާހަކަ އިހަށް ބާއްވާފައި ރައީސް ނަޝީދު އެ ވިދާޅުވި މޭރުމުން ޖޭޕީގެ ބަޔަކު ވަކި ކުރަން އުޅޭ ވާހަކަ އެއް އަދި ހަމަ ހިލާ ދެކެވިފައެއް ނެތެވެ. އެކަމަކު އެ ބޭފުޅުން ވަކި ކުރާ ނަމަ އެއްގޮތަކީ ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް އިސްތިއުފާ ދެއްވަން އެންގުން ނުވަތަ ވަކި ކުރެއްވުމަށް ޙުދު ރައީސުލްޖުމްހޫރިއްޔާ ނިންމެވުމެވެ. އެކަން މަނާ ކުރާ ޤާނޫނެއް ވެސް ޤަވާއިދެއްވެސް ވުޖޫދަކުނެތެވެ. އެހެންޏާ ފަހެ ރައީސް އާއި ރައީސްގެ ސިޔާސަތުތަކާއި ޚިލާފު ބަޔަކު ރައީސް ދެއްވާ މަޤާމެއް ބޭނުންވާންވީ ސަބަބެއް ނުވިސްނެއެވެ.

ދެން އޮތް ގޮތަކީ މަޖިލީހުން އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމުމެވެ. އެހެންކަމަށް ވާނަމަ މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކަށް ވޯޓުދެއްވާ އުސޫލަށް ބަލާ އިރު މިހާރުވެސް މަޖިލީހުގަ މަދުވެގެން 46 މެމްބަރުން ސަރުކާރާއި އެއްކޮޅަށް ވޯޓުދެއްވައެވެ. އެހެންކަމަށް ބަލާ ނަމަ އަދި އެމްޑީޕީގައި ތިބި ސަރުކާރަށް ތާއީދު ނުކުރާ ބޭފުޅުންނާއި، ޖޭޕީ އަދި ޕީޕިއެމް ވެގެން ވެސް މަޖިލީހުގައި ކުރި ހޯދިދާނެ ކަމަށް ގަދަބަސް ބުނެވޭކަށް ނެތެވެ. އެހެންވީމަ މަޖިލީހަކުން ވެސް އައްޑަނަ އަކަށް ވެވޭނެ ތަނެއް އަދި ނުފެނެއެވެ.

މަގުމައްޗަށް ނުކުތުމާއި، ޓިއަރ ގޭހާއި ޖަލު ގޮޅިއަކުން ވަޒީރުކަން ލިބޭ ނަމަ ވަޒީރުކަން އަނބުރާ ލިބޭނެ ލައްކަ ބޭފުޅުން އެބަތިއްބެވެ. އެކަމަކު އެ ވާހަކަ މި ރިޕޯޓްގައި ދައްކާކަށް ނެތީމެވެ.

ނަޝީދާއި ޤާސިމްގެ އެކުވެރިކަމަކީ މާޒީ އަށް ބަލާލާ އިރު ނިކަން ހުތް ފޮނި އެއްޗެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެެރިކަން ބަދަލުކުރުމަށް އެކުގައި ކަމަރު ބަނދެގެން ނުކުތް ނަމަވެސް އެ ގުޅުން ދާދި އަވަހަށް ރޫޅުނެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގައި މުގުލުގައި ތިއްބެވި ބޭފުޅުންގެ ނަން ވިދާޅުވާ އިރު ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ދުލުން ފުރަތަމަ އަންނަ އެއް ނަމަކީ ޤާސިމްގެ ނަމެވެ. އޭގެ ފަހުން 2018އިގެ އިންތިޚާބުގައި ޖަލުގައި މި ދެ ބޭފުޅުން ހޭދަކުރެއްވި ދުވަސްތަކަކަށް ފަހު ކުރީގެ ރައީސް މިނިވަންކުރައްވަން އެއްގަލަކަށް އަރާވަޑައިގަތެވެ. އެކަމަކު ވެރިކަން ލިބުމުން ދޭތެރެއަކުން ކޯޅުންގަނޑު ފެންމަތިވެއެވެ.

އޭގެ ފަހުން މިއަދެވެ. މިއަދުގެ ރާގު މިއޮތީ ފެންނަންތާއެވެ. ރައީސް ނަޝީދާއި ޤާސިމް މި އިންތިޚާބުގައި ދެ ބޭފުޅުން އެކުގައި ފެނިދާނެތޯއެވެ. ވެރިކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ، ފަހަތުން ހިނގާނީ ކޮން ބޭފުޅެއްތޯ އެއްބަސްވެވިދާނެތޯއެވެ؟ ދަންނަވަން އޮތީ އެންމެ ވާހަކައެކެވެ. މިއީ ސިޔާސީ މައިދާނެވެ. ލައްކަ ކުލަވަރު އަރާފަ ފައިބައިގެންދާތަން ފެންނާނެއެވެ.

- ކޮމެންޓް