ފެހުރިއްސަށް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިންނަށް ބާރުއެޅުމުގެ ގޮތުން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ މޯލްޑިވްސް ރެސީލިއަންޓް ރީފްސް އާއި ބްލޫ މެރިން ފައުންޑޭޝަން ގުޅިގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. މޯލްޑިވްސް ރެސީލިއަންޓް ރީފްސް އިން ބުނީ 'ވޭލް ޝާކް ކޯޑް އޮފް ކޮންޑަކްޓް' ގައި ސޮއިކޮށްފައިވާ ޓުއާ އޮޕަރޭޓަރުން ހިޔާރުކުރުމަށް ފަތުރުވެރިންނަށް އިލްތިމާސްކޮށް މި ކެމްޕޭން ފަށާފައިވަނީ މި ހަފްތާގައި ކަމަށެވެ.
'ބީ ޖެންޓަލް ޓު ޖަޔަންޓްސް' (ދިވެހި ބަހުން ނަމަ 'ބިޔަ ބޮޑު ޖަނަވާރުތަކަށް ކަމޭހިތަމާ') ކެމްޕޭނަކީ ރާއްޖޭގެ ކަނޑުގައި އުޅޭ އާދަޔާ ހިލާފު ޖަނަވާރެއް ކަމުގައިވާ ފެހުރިއްސަށް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިންނަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
އަރި އަތޮޅު ދެކުނުބުރީގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދު 'ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ'(ސަމްޕާ) އަކީ ފެހުރިހީގެ އާދަޔާ ހިލާފު އާދާބީއެއް އުޅޭ, އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފެހުރިހި ފެންނަ ސަރަހައްދެކެވެ. މިހާތަނަށް ރާއްޖޭއިން ފެނިފައިވާ ފެހުރިއްސެއް ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ރެކޯޑު ކުރެވިފައެއް ނުވެއެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ފެހުރިހި ފެންނަ މިންވަރު 16 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ސަމްޕާގެ ކަނޑުގެ ސަރަހައްދުގައި އުޅޭ 45 އިންސައްތަ ފެހުރިއްސަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އެއީ ބާރު ސްޕީޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. ސަމްޕާ އަކީ ކަނޑު އަޑީގެ ފިނީގައި ގިނައިރުތަކެއް ވަންދެން ފީނުމަށްފަހު އެސޮރުމެން ވަރުބަލިކަން ފިލުވައި ހަކަތަ ހޯދުމަށް މަޑުކޮށްލާ ތިލަ, ހޫނު ސަރަހައްދެކެވެ. މި ކެމްޕޭނުގައި ތައާރަފު ކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން މި ފަދަ އެކްސިޑެންޓުތަށް މަދުކުރުމަށްޓަކައި ފަރު ކައިރީ އުޅަނދުފަހަރު ދުއްވާއިރު ދުވެލި 10 ނޮޓަށް ވުރެ މަޑުކުރަން އޮޕަރޭޓަރުން އެއްބަސްވެއެވެ.
މީގެ އިތުރުން މި މަޑުމައިތިރި މިޔަރާއެކު ފެތުމުގައި ހަލަބޮލިވިޔަ ނުދިނުމަށް ވެސް އުސޫލުތަކެއް ކޯޑުގައި ކަނޑައަޅާފައިވެއެވެ. އެއީ މާ ބޮޑަށް ތޮއްޖެހުމުން ނުވަތަ އަޑުގަދަވުމުން ފެހުރިހީގެ ގުދުރަތީ އުޅުމަށް ބަދަލު އަންނާނެތީއެވެ. މި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ކޮންމެ ފެހުރިއްސެއް ކައިރީ މަޑުކުރަންވާނީ އެންމެ އުޅަނދެކެވެ. އަދި ފެހުރިއްސަށް ދޭންވާ ޖާގަ ދިނުމާއި މޫދަށް ފައިބާ އިރު މަޑުމައިތިރިކޮށް ފޭބުމަށާއި މޫދުގައި އުޅޭއިރު ކުއްލި ހަރަކާތްތައް މަދުކުރުމަށް ހިތްވަރު ދެއެވެ.
ބްލޫ މެރިން އާއި މޯލްޑިވްސް ރެސީލިއަންޓް ރީފްސްގެ ޝާހާ ހާޝިމް ވިދާޅުވީ ސަމްޕާގައި މިހާރު އޮތީ ދެމެހެއްޓެނިވި ފެހުރިހީގެ ފަތުރުވެރިކަމެއް ނޫން ކަމަށެވެ. މިކަމުން ފެހުރިއްސަށާއި ފަތުރުވެރިންނަށް ވެސް ނުރައްކާ ބޮޑު ކަމަށެވެ. ސަމްޕާ ބޭނުންކުރާ ހުރިހާ ޓުއާ އޮޕަރޭޓަރުން ވެސް ކޯޑް އޮފް ކޮންޑަކްޓުގައި ސޮއިކޮށް، ފެހުރިއްސާއި އެ މީހުންގެ ވިޔަފާރި ހިމާޔަތް ކުރުމަށް އެއަށް ބޯލެނބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުން ފަތުރުވެރިންނަށްވެސް އުފާވެރި ތަޖުރިބާއެއް ލިބޭނެ ކަމަށާއި، މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމުގެ ރީތި ނަމޫނާ ދައްކައިދީފައިވާ ކަމަށާއި، މިއީ އަނެއްކާވެސް އިންޑަސްޓްރީއިން ނަމޫނާ ދައްކަން ވީ ވަގުތު ކަމަށް ޝާހާ ވިދާޅުވިއެވެ.
މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމްގެ އިރުތިޝާމް ހަސަން ޒަރީރު ވިދާޅުވީ ސަމްޕާއަށް މިހާރަށްވުރެ ރަނގަޅު ހިމާޔަތެއް ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. އެންމެންވެސް ގަބޫލުކުރަނީ ސަމްޕާގައި ކަނޑައެޅިފައިވާ ގަވާއިދުތައް ފުރިހަމައަށް ތަންފީޒު ކުރެވޭނީ ރަނގަޅު މެނޭޖްމަންޓް ޕްލޭނަކުންކަމަށެވެ. ނަމަވެސް، ފަރުދީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި މި މަޑުމައިތިރި, ބިޔަ ބޮޑު ޖަނަވާރުންގެ އާބާދީއާއި، ވަޒަންވެރިކަން ދެމެހެއްޓުމަށް އެސަރަޙައްދުގެ އެކިއެކި މާހައުލީ ނިޒާމުތަކުގެ ހިދުމަތް ހޯދާ އަދި ބޭނުންކުރާ ކޮންމެ މީހެއްގެ ވެސް ދައުރެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ ދިގުރަށަކީ މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމުން ރާއްޖޭގައި މަސައްކަތް ކުރަން ފެށީއްސުރެ ސަމްޕާ ހިމާޔަތްކުރުމުގައި މުހިންމު ޕާޓްނަރު ކަމަށެވެ. ފެހުރިހި ބަލާލަން ސްނޯކްލް ކުރުމަކީ ކައިރީގައި ހުރި ރިސޯޓްތަކާއި، ރަށުގެ ގެސްޓް ހައުސްތަށްވެސް މާކެޓު ކުރުމަށް އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އެހެންކަމުން އަތޮޅާއި މުޅި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފެހުރިހި ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެސޮރުމެންނަށް ރައްކާތެރިކަން ދިނުމަށްޓަކައި އެއް އަޒުމަކާއިއެކު މަސައްކަތްކޮށް، އެންމެ ރަނގަޅު އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ އަހަރެމެން އެންމެން ކުރަން ޖެހޭ ކަމެއް. ދިގުރަށް ކައުންސިލާއި މިރަށުގެ ރައްޔިތުން މި ކެމްޕެއިނަށް ފުރިހަމައަށް ތާއީދު ކުރަން.ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން
ކޯޑް އޮފް ކޮންޑަކްޓް ޕްރޮމޯޓު ކުރަމުން އަންނަ ލަކްސް ސައުތު އަރި އެޓޯލްގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާސް ވިދާޅުވެފައިވަނި ކޮންމެ އެކްސްކާޝަނެއްގައި ވެސް ވޭލްޝާކް ކޯޑް އޮފް ކޮންޑަކްޓް އެކްޓިވްކޮށް ޕްރޮމޯޓްކޮށް އެއަށް އަމަލު ކުރަމުން ކަމަށެވެ.
ހަމަ އެހެންމެ ގެސްޓުން މޫދަށް ގެންދިޔުމުގެ ކުރިން އެމީހުންނަށް މައުލޫމާތު ސެޝަންތައް ދީ، މި ހާއްސަ ދިރުންތަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން އެމީހުން އަހުލުވެރިކުރަމުން. މިސަރަހައްދުގައި ފެހުރިހީގެ އާބާދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި ފެހުރިހީގެ ފަތުރުވެރިކަން ވަރަށް ފަރުވާތެރިކަމާއެކު ރެގިއުލޭޓް ކުރާތަން ފެންނަން ބޭނުންވޭ. ރަނގަޅު ގަވައިދުތަކުގެ ސަބަބުން ރައްކާތެރިކަން ލިބޭނީ ހަމައެކަނި ފެހުރިއްސަކަށް ނޫން. މިކަމުން އަރިއަތޮޅު ދެކުނުބުރިއަށް ޒިޔާރަތްކުރުމަށް ޓޫރިސްޓުންގެ ޝައުގުވެރިވެކަން އިތުރުވެ، ދިގު މުއްދަތަކަށް މިސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާ ކުރާނެ.ކޯޑް އޮފް ކޮންޑަކްޓް ޕްރޮމޯޓު ކުރަމުން އަންނަ ލަކްސް ސައުތު އަރި އެޓޯލްގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާސް
ސްކޫބަސްޕާގެ އެލެގްޒެންޑްރާ ޖެމެއިކާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ސަމްޕާއަށް ވަންނަ ޓޫރިސްޓު އުޅަނދުފަހަރުގެ އަދަދު އިތުރުވަމުންދާއިރު، ކޮންމެ ދުވަހަކު ވެސް ފެހުރިހި ބަލަން ޒިޔާރަތްކުރާ މީހުންގެ ފަރާތުން އެސޮރުމެންނަށް އުނދަގޫލިބި, ބާރު ސްޕީޑްގައި ދުއްވާ ބޯޓުތަކުން ހަމަލާ ލިބޭތަން ފެންނަ ކަމަށެވެ. ފެހުރިހި ހިމާޔަތްކުރުމުގެ ޒިންމާ ގައިޑުންނާއި އޮޕަރޭޓަރުން ނަގަންޖެހޭ ކަމަށާއި، އެގޮތުން ތަފްސީލުކޮށް ސޭފްޓީ ބްރީފިންގ ދީ، ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުމަކީ އެންމެ ފުރަތަމަ ކަންތައް ކަމަށެވެ.
އުއްމީދަކީ 'ޖެންޓަލް ޓު ޖަޔަންޓްސް' ކެމްޕެއިނުގެ މެސެޖުތައް ގިނަ ދިވެހިންނާއި ފަތުރުވެރިންނާއި ހަމައަށް ވާސިލުވެ, މި ކެމްޕެއިނުގެ ސަބަބުން ބަދަލެއް ގެނައުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް.ސްކޫބަސްޕާގެ އެލެގްޒެންޑްރާ ޖެމެއިކާ
އެމް.ވީ. ކެއާނާގެ އާމިރު ޝްމިޑްތް ވިދާޅުވީ އިންސާނުންނަށް ވުރެވެސް ކުރިން ރާއްޖޭގައި ފެހުރިހި އުޅެންފަށައިފިކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަހަރުމެންގެ ގުދުރަތީ ނިޒާމަށް މިހާރު ވަނީ ވަރަށް ބޮޑަށް އިންސާނުންގެ އަސަރު ކޮށްފައި ކަމަށެވެ.
ހަގީގަތަކީ އަހަރުމެން އެކަކުވެސް ބޭނުމެއް ނުވޭ އެތައް ބައިވަރު އުޅަނދުތަކެއް ވެގެން ފެހުރިހި ފަހާ ދުއްވާކަށް. ނަމަވެސް މިއީ މިހާރު ކަން ހިނގާ ގޮތް. އެކަކުވެސް ބޭނުމެއް ނުވޭ ފަހުރިއްސަށް އެއްވެސް ޖާގައެއް ނުދީ އެސޮރު ވަށާލާކަށް. ނަމަވެސް މިއީ މިހާރު ކަން ހިނގާ ގޮތް. އެކަކުވެސް ބޭނުމެއް ނުވޭ އެމީހެއްގެ އުޅަނދު ފެރުހރިހީގެ މަތިން ދުއްވާކަށް. ނަމަވެސް މިއީ މިހާރު ކަން ހިނގާ ގޮތް. މިކަމުގައި ޝާމިލުވާ ހުރިހާ އެއްމެންވެސް ވަގުތު ފާއިތުވުމުގެ ކުރިން ގޮތެއް ނިންމަން ޖެހޭ.އެމް.ވީ. ކެއާނާގެ އާމިރު ޝްމިޑްތް
ޔޫރޯ ޑައިވަރސްގެ އެންޑްރި ހޯން ވިދާޅުވީ ފެހުރިއްސަކީ 70 މިލިއަނަށްވުރެ ގިނަ އަހަރު ވަންދެން ކަނޑުތަކުގައި އުޅެމުން އަންނަ ޖަނަވާރެއް ކަމަށެވެ. އަދި އެއީ ދުޅަހެޔޮ ކަނޑެއްގެ ނިޝާނެއް ކަމަށާއި، ފެހުރިއްސަކީ ކަނޑުގެ ޕްލެންކްޓަން (ކުދި ސޫފިތަކާއި އެންފަނި) ކައި އުޅޭ ޖަނަވާރެއްކަމުން، އެހެން ބާވަތްތަކުގެ މިޔަރު ފަދައިން ކަނޑުތައް ރެގިއުލޭޓް ކުރުމުގައި އެސޮރުމެންވެސް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށެވެ. ފެހުރިހި އަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކުގެ ލިސްޓުގައި ހިމެނޭ ޖަނަވާރެއް ކަމަށާއި، ޔޫރޯ ޑައިވަރސް އިން މި ކޯޑް އޮފް ކޮންޑަކްޓް ބަލައިގަންނަނީ އެމީހުންނަކީ ސައުތު އަރި އެމްޕީއޭއަށް މެހެމާނުންނާއިއެކު ގިނައިން ޒިޔާރަތްކޮށް، އެސަރަހައްދުގައި އުޅޭ ފެހުރިހީގެ ބޭނުން ހިފާ ބަޔަކަށް ވާތީ ކަމަށެވެ. އަދި ރާއްޖެއަށާއި މުޅި ދުނިއެއަށްވެސް ފެހުރިހީގެ މުހިއްމުކަމާއި ގުޅޭގޮތުން އެކި ކަންކޮޅުތަކުން އަންނަ މެހެމާނުން އަހުލުވެރި ކުރުވުމުގެ ނަސީބު ލިބޭތީ ކަމަށެވެ.