ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 10:01
މަޖިލީހުގެ ޖަލްސާއެއް
މަޖިލީހުގެ ޖަލްސާއެއް
ރައްޔިތުންގެ މަޖިލިސް
ނަފްސާނީ ސިއްހަތު
ނަފްސާނީ ސިއްހަތާއި ގުޅޭ ގަރާރު ހުށަހަޅައި ބަހުސްކުރަން ފަށައިފި
 
ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ ތަންތަން މަދުކަމާއި، އަމުދުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މިފަދަ އެއްވެސް ހިދުމަތެއް ލިބެން ނެތްކަން ފާހަގަކޮށްފައިވޭ

ނަފްސާނީ ސިއްހަތުގެ ހިދުމަތް ލިބެން ނެތުމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނެ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން ފަށައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒުއެވެ. މި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނަފްސާނީ ސިއްހަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްތަކާއި ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ނެތުމުގެ އިތުރުން، ދިވެހިރާއްޖޭގެ އާބާދީއާއި އެކަށޭނެ މިންވަރަށް މި ހިދުމަތްތައް ލިބެން ނެތުމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނެ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.

މި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި، ނަފްސާނީ ބަލިތަކާއި، އެ ބަލިތަކަށް ފަރުވާ ދިނުމާއި، ފަރުވާ ހޯދުމައި، މި ކަންކަމާމެދު އާންމު ހޭލުންތެރިކަން އޮތް މިންވަރަށް ރިއާޔަތްކުރުމާއެކު، ނަފްސާނި ސިއްހަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. ދިވެހިރާއްޖޭގެ އާބާދީއާ އެކަށޭނެ މިންވަރަށް މި ހިދުމަތްތައް ލިބެން ނެތުމާއި، ސަރުކާރުން ހިންގަވާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން މިފަދަ ބަލިތަކުގެ ފަރުވާ ހޯދުމަށް ބޭނުންވާ މީހުންގެ ވެއިޓްލިސްޓަށް ބެލިޔަސް އަބަދުވެސް ބޮޑު ކިއުއެއް އޮވެ ފަރުވާއަށް އެދޭ ބަލި މީހުންނަށް އެކަށެނެ އަވަސްމިނުގައި ފަރުވާގެ ފުރުސަތު ލިބެމުން ނުދާ ކަމަށެވެ.

އަދި ސަރުކާރުގެ ސްޓްރެޓީޖިޖް އެކްޝަން ޕްލޭން 2019 - 2023 ގައި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާގެ ކަންކަން ކުރިއަރުވާ، އެފަދަ ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ތަންފީޒުކުރާނެ ކަމަށް ބަޔާންކޮށް އެކަށައަޅާފައިވާ ސިޔާސަތަށް އެކަށީގެންވާ ގޮތަށް ތަންފީޒު ކުރުމަށް ސަރުކާރުން އަހަންމިއްޔަތުކަމެއްދޭ ކަމަށް ބެލެވޭނެ ނަތީޖާ ނުފެންނަ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ ތަންތަން މަދުކަމާއި، އަމުދުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މިފަދަ އެއްވެސް ހިދުމަތެއް ލިބެން ނެތުމާއި، މި ހިދުމަތް ލިބުމުގައި މާލެއާއި އަތޮޅުތެރޭގައި ހުރި ބޮޑު ތަފާތު ކުޑަކޮށް، އަތޮޅުތެރޭގައި މި ހިދުމަތް ރަނގަޅަށް ގާއިމްކުރަންޖެހޭ ކަމަށެވެ.

އަދި މިކަމާއިބެހޭ ފަންނީ މީހުން ރާއްޖޭގައި ވެސް މަދުކަމުގައިވާ ހިނދުވެސް، އެހެން އެކިއެކި ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް މީހުން ރާއްޖެއިން ބޭރުން ހޯދާ ފަދައިން މި ހިދުމަތް ދިނުމަށް ވެސް ރާއްޖެއިން ބޭރުން މީހުން ހޯދެން އޮތް ނަމަވެސް، އެގޮތަށް އަމަލުކުރެވެމުން ނުދާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކްލިނިކްތަކަށާއި ހޮސްޕިޓަލްތަކަށް ދިއުމަށް ފަސްޖެހޭ ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް އަމިއްލަ ގޮތުން ފަރުވާ ހޯދޭނެ "ސެލްފް ކެއަރ" ނިޒާމެއް ނުވަތަ ޕްރޮގްރާމްތަކެއް ރާއްޖޭގައި ގާއިމްކުރެވިފައި ނުވާތީއާއި މިކަމުގައި ސަރުކާރުގެ ސިޔާސަތުގައި ނަފްސު އެސެސްކޮށް ބައްޔަކަށް ނުވަނީ އަމިއްލައަށް ހައްލުކުރެވޭނެ ފަދަ އެއްވެސް ކަމެއް ކުރުމުގައި ރާވާފައި ނުވާ ކަމަށެވެ.

އަދި ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު އެނގޭނެ ރަނގަޅު ފުން ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތް އިރު، ދުނިޔޭގެ ކޮންމެ 8 މީހަކުން އެކަކީ ނަފްސާނި ބަލި ތަހައްމަލުކުރަމުންދާނެ މީހެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްތާ އިން ހާމަކޮށްފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ކަންކަން މިހެން ހުރި އިރު، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ގާއިމްކުރުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އަތޮޅުތަކުގައި ވެސް މިފަދަ ހިދުމަތްތައް ފުޅާކުރުމަށް މަސައްކުރަމުންދާ ކަމަށާއި، މުފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، ގާނޫނީގޮތުން ފޯރުކޯށްދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށް މީގެ 2 އަހަރުކުރިން 10 އޮކްޓޯބަރު 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ހިނދު، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި 9 ވަނަ މާއްްދާގައި މިނިސްޓަރާއި މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދިނުމުގެ ސިޔާސަތު ކަނޑައެޅުމާއި، ސިއްހީ ހިދުމަތަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި، ސިއްހީ ހިދުމަތްތަކާ ގުޅޭ ދިރާސާކުރުން ފަދަ ކަންކަން ބަޔާނެވެފައި ވީ ހިނދު، ނަފްސާނީ ސިއްހަތާ ގުޅޭ މިފަދަ ސިޔާސަތުތައް އެކަށައަޅުއްވާފައި ނުވުމާއި، ގާނޫނުގައި ބަޔާންކޮށް މަތިކޮށްފައިވާ ފަދަ މަަސައްކަތްތައް ނަފްސާނީ ސިއްހަތާމެދު ފުރިހަމަ ކުރެވިފައި ނެތް ކަމަށެވެ.

އާންމުކޮށް ދިވެހި ރާއްޔިތުންނަށާއި، ހާއްސަކޮށް މިފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާ އެ ފަރާތްތަކުގެ އާއިލާތަކަށް މި ބަލިބަލީގެ ސަބަބުންނާއި، މި ބަލިބައްޔަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެ ފަރާތްތަކާއި، އެ ފަރާތްތަކުން ތަހައްމަލުކުރަމުންދާ ވޭނާއި ތަކުލީފުތަކަށް ލުޔެއް ނުލިބި ގިނަ ބަޔަކު އުމުރުގެ ބޮޑުބައެއް މި ތުރާލުގައި ވޭތަކުރަމުންދާޖެހިފައިވާ ކަމަށް ގަބޫލުކުރަންޖެހޭ ކަންކަމެއް ދިވެހި މުޖުތަމައުން ފާހަގަވާކަމަށެވެ.

މި ބޮޑު މައްސަލައަށް ފުރިހަމަ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، މި ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމާއި އަދިވެސް މިކަމާ ގުޅޭ އެންމެހާ ކަމެއް ހިމަނައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނެ ގޮތެއްގައި ލިބޭނެ ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރު ހުށަހަޅާކަމަށް ވަނީ ބުނެފައެވެ.

މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 7 ނޮވެމްބަރު 2022 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް